ކުރީގެ ރައީސް އަމިއްލަ ނޫސްބަޔާނެއްގައި ދައުލަތުގެ ނިޝާން ބޭނުން ކޮށްފި
ކުރީގެ ރައީސް މައުމޫނު ރިޔާސީ ގަނޑުވަރުން ނުކުމެވަޑައިގަންނަވަމުން އެތަނުގައި ހުރި ހިފާގެންގުޅޭ އެއްޗެތިތަކެއް ގެންދިޔަކަމުގައި ބަޔަކުމީހުން މާލެތެރޭގައި ފަތުރަމުން ދިޔަ އަޑުތަކަކަށް ރައްދުދިނުމުގެ ގޮތުން މައުމޫނުވަނީ ނޫސްބަޔާނެއް ނެރެފައެވެ. އެނޫސްބަޔާން ނެރެފައިވަނީ އެމަނިކުފާނު ހުންނަވާ ގެކޮޅުކަމުގައިވާ ޅިޔަނު އިލިޔާހުގެ ގެކަމުގައިވާ އަލިވާގޭގެ ނަންޖަހައި، ދިވެހިދައުލަތުގެ ނިޝާން ޖަހައިގެންނެވެ.
އެނޫސްބަޔާން ނެރުނު ތަނެއްގެ ގޮތުގައި އޮތީ ކުރީގެ ރައީސްގެ ސެކެރެޓޭރިއެޓް ނުވަތަ އޮފީހެވެ. ދައުލަތުގެ ނިޝާންބޭނުންކުރެވެނީ ދައުލަތުގެ މުއައްސަސާތަކަށް ނިސްބަތްކޮށް ކަމަށްވާއިރު، މިއީ ކޮންއިރަކު އުފެދުނު ދައުލަތުގެ މުއައްސަސާއެއްތޯ ސުވާލު އުފެދެއެވެ. އަނެއްކާ ކުރީގެ ވަޒީރުން އެބޭފުޅުންގެ އޮފީސް ހައްދަވައި ދައުލަތުގެ ނިޝާން ބޭނުން ނުކުރައްވާނެބާވައެވެ؟ މިކަންވެގެން އުޅޭގޮތެއް ދިވެހިސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭނެއެވެ. ނޫންނަމަ، ވަޅޯމަސް މާރުކޭޓުގައިވެސް ދައުލަތުގެ ނިޝާން ޖަހައިގެން ބަޔަކުމީހުން ބިލުހަދަން ފަށައިދާނެއެވެ.
މިކަމުގައި އޮތް (ބެސްޓު ޕްރެކްޓިސް) އެންމެ ހެޔޮގޮތަކަށްވާނީ ކުރީގެ ރައީސް ނެރުއްވާ ނޫސްބަޔާންތައް އެމަނިކުފާނުގެ ޕާޓީ ޑީއާރުޕީގެ ނަމުގައި ނުވަތަ އަމިއްލަ ނަންފުޅުގައި ކުރީގެ ރައީސް ޖައްސަވައި ނެރުއްވުމެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކުރީގެ ރައީސްގެ އޮފީހެއް ހެއްދެވުމުގެ ހުއްދަ ދިނުމުގެ ކުރިން ދައުލަތުގެ ނިޝާން ބޭނުންނުކުރުމެވެ. ސަބަބަކީ އެމެރިކާ ނުވަތަ އެހެން ރިޔާސީވެރިކަން ހިނގާ ގައުމުތަކުގައި ވެސް މިފަދަ ގޮތަކަށް އަމަލުކުރާކަމެއް އެގިފައެއްނެތެވެ. ހަމަ މިބީދައިން ވެރިކަމަށް އިންތިހާބުކުރެވޭ މީހަކުވެސް ރަސްމީގޮތުން މަގާމާހަވާލުވުމުގެ ކުރިން ދައުލަތުގެ ނިޝާން ބޭނުންކުރުމަކީ ރަނގަޅުކަމެއްނޫނެވެ.
1 comments:
this is very true. i read somewhere that still president-elect obama does not have access to the white office network. instead he is provided a private link for his jobs until he takes the oath
Post a Comment