Friday, September 3, 2010

މުހައްމަދު މުޖުތަބާގެ ވައްކަމާގުޅިގެން އާއްމެއްގެ ޝުއޫރު



"މުހައްމަދު މުޖުތަބާ އާއި ބެހޭ އާޓިކަލް ކިޔާލުމުން އެގެނީ ކޮންއެއްޗެއްތޯއެވެ؟ މިކަމުގައި ލަދުގަންނަންޖެހެނީ ކޮންބައެއްތޯއެވެ؟ މިއީ ދިވެހިން މިއަދު ކޮށްލަންޖެހޭ ސުވާލުތަކެކެވެ. މިއީ ގާނޫނު ހަދާމީހުންނާއި ގާނޫނު ތަންފީޒުކުރާ މީހުންނާއި ފުލުހުންނާއި މައާފުދޭމީހުންނާއި ސަރުކާރުގެ ޒިންމާދާރު ކަމާބެހޭ ފަރާތްތަކުން ވިސްނައި މިހާރުން މިހާރަށް ސަމާލުކަންދީ ބަލަންޖެހޭ ކަމެކެވެ. ރައްޔިތުންނަށް މިފަދަ ހަބަރެއް ގެނެސްދޭއިރު، މިފަދަ ކަމެއް ދިމާވާ ސަބަބާއި ހައްލުކުރާނެގޮތާއި ދޭތެރޭ ވިސްނައި މިފަދަކަމަކުން އާއްމުންނަށް އާއްމުންނަށް ލިބޭ ގެއްލުންތަކާއި އާއްމުން ކުރިމަތިލާ ބިރުވެރިކަން އިހުސާސްވެ މާޔޫސްވުން ނޫންކަމެއް ނުވެއެވެ.

ފުރަތަމަ ކަމަކީ މިއޮއް ކުޑަކުޑަ ރާއްޖޭގައި މުހައްމަދު މުޖުތަބާ ފިލައިގެން އެތަކެއް އަހަރުވާންދެން އާއްމުންގެ ތެރޭގައި އުޅެވޭނެ މަގުތަނަވަސް ވެފައި މިފަދަ ޒަމާނެއްގައި އޮތުމެވެ.
ދެވަނަ ކަމަކީ އޭނާ ރާއްޖޭގެ ރަށެއްގައި ފިލައިގެން އާއްމުންގެ މީހެއްގެ ގޮތުގައި ދިރިއުޅުނުއިރުވެސް ކަމާބެހޭ މިޒަމާނުގެ އިންޓެލިޖަންސްއަށް ނޭގިއޮތުމެވެ. ތިންވަނަ ކަމަކީ، މިފަދަ ބޮޑުވަގުންތައް ދޫވެގެން އުޅޭކަން އާއްމުންނަށް އެގޭނެ ނެޓުވޯކެއް ގާއިމުވެފައި ނެތްކަމެކެވެ. މިހުރިހާކަމެއް ކުރުމަށާއި އާއްމު މިނިވަން ރައްޔިތުން ހިމާޔަތްކޮށްދިނުމަށް ތަފާތު މިނިސްޓުރީތަކެއް އުފައްދައި ގާނޫނު އަސާސީއިން ރައީސުލްޖުމުހުރީއްޔާއަށް ލާޒިމުކުރެވިފައިވާކަންވެސް އެއީ ދިވެހިން ދަންނަ ވާހަކައެކެވެ. ގާނޫނީ ވާޖިބު އަދާކުރުމަށް މުއައްސަސާތައް ގާއިމުކޮށް އެމީހުންނަށް ހަތިޔާރު ހަވާލުކޮށްފައިވާއިރުވެސް ފުލުހުން ގޮވާލަނީ އާއްމުން ހޭލުންތެރިވުމަށެވެ. އަދި ދުވާލުގައި ވައްކަންކޮށްއުޅޭ މީހުންނަށް އާއްމުން ސަމާލުވުމަށެވެ. މާނައަކީ ޖަންގަލީގައި މިނިކާވަގު އުޅޭނެއޭ ދުވާލުވެސް އަދި ރޭގަނޑުވެސް އެސޮރުމެން ތިބޭނީ ދޫކޮށްލާފައޭ އެހެންކަމުން ހަތިޔާރު ނެތަސް އެސޮރުމެންނަށް ބަލައިގެން ޖަންގަލީގައި އުޅޭށެވެ. މިއީ 6 އަހަރުގެ ކުއްޖަކަށްވެސް ބުނެދެވޭނެ ވާހަކައެކެވެ. އާއްމުގޮތެއްގައި ޖަންގަލީއެއްގައި ގާނޫނެއް ނުއޮންނާނެއެވެ. ރަނގަޅު ވާހަކައެކެވެ. އެންމެ ބާރުގަދަ އެންމެ ވަގު މިނިކާވަގު އައިސް މީހަކު ކާލިޔަސް ދެންކުރާނެ އެއްވެސް ކަމެއް ނޯންނާނެއެވެ. އަދި ދެން ތިބޭ ކުދިކުދި ބާރެއްނެތް ޖަނަވަރާއި ދޫނި ސޫފާސޫފިތައް ކާލިޔަސް ދެން ކުރާނެ ކަމެއް ބެލޭނެ ގޮތެއް ނޮއޮންނާނެއެވެ. ފެންނާނީ ކާލާފައި އޮންނަތަން ނުވަތަ ގެއްލޭތަނެވެ. ނަމަވެސް ބޭރުގައުމުތަކުގައި މިފަދަ ކަންކަމުންވެސް އެގައުމުތަކުގެ ރައްޔިތުންނަށް ބަދަލުހޯދައިދެވެއެވެ. އަދި ރައްޔިތުން ރައްކާކޮށްދެއެވެ. އެއީވެސް ގާނޫނުތަކާއި ގަވާއިދުތަކުންނެވެ. ޒިންމާނަގާނެ ބަޔަކު ތިބެއެވެ. އެއީ މިކާވަގު ބަލަހައްޓާމީހުން ތިބޭނެއެވެ. ޖަންގަލިވެސް ބަލަހައްޓާމީހުން ތިބޭނެއެވެ. ގަވާއިދު އޮންނާނީ ހަދާފައެވެ. އަދި މިނިކާވަގު ނުބެލެހެއްޓިގެންގޮސް ރައްޔިތަކަށް ކަމެއްވެއްޖެޔާމު އެމިނިކާވަގު ބަލަހައްޓާމީހާއަށް ހުކުމްއާދެއެވެ. ޖޫރިމަނާކުރެއެވެ. އަދި ބައެއް ފަހަރު ހޯމު މިނިސްޓަރު އިސްތިއުފާވެސް ދެއްވައެވެ. ރައްޔިތުންގެ ކިބައިން މައާފަށް އެދޭތަންވެސް ފެނެއެވެ.

ނަމަވެސް ރާއްޖޭގެ ރައްޔިތުން ބަލަހައްޓަން ތިބޭ އެކިވަރުވަރުގެ ސިޔާސީ ލީޑަރުންނާއި މިނިސްޓަރުންނާއި މީސްމީހުން ދައުލަތުގެ މުސާރަލިބިގެން ރައްޔިތުންދޭ މަގާމެއްގައި ހުރެ މަންފާލިބި އެމީހުންގެ އާއިލާގެ ދިރިއުޅުން ކުރިއަށް ގެންދާއިރުވެސް އެމީހުންނަށް ދިވެހިން ރައްކާތެރިކޮށެއް ނުދެވެއެވެ. އަދި ޖަވާބުދާރީކޮށެއްވެސް ނެދެވެއެވެ. ނުކޮށްދެވޭތާގައި އެމީހުންގެ ވެރިޔާ ރައީސުލްޖުމުހޫރިއްޔާ ދުވަހަކުވެސް މީހަކު ވަކިކޮށްފައި ނުވޭ ދިވެހިންނަށް އަޅާނުލައިގެން ގާނޫނަށް އަމަލުނުކޮށްގެން އަދި ދައުލަތުން ޒިންމާނަގަންޖެހޭ މީހަކު ޒިންމާ ނުގެނުމުގެ ސަބަބުން ދިވެއްސަކަށް ލިބޭ ގެއްލުމެއްގެ ބަދަލެއް ހޯދައެއް ނުދެއެވެ. އެހެންކަމުން 12 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިހުރި މއ އާފަލުގޭ މުހައްމަދު މުޖުތަބާ ކޮށްފައިވާ ހުރިހާ ވައްކަމަކުން ދިވެހިންނަށް ލިބުނުގެއްލުމާއި އާއްމުން އެތަކެއް ދުވަހު އުޅުނު ބިރުވެރިކަމުގެ ޒިންމާ ފުލުހުން ނުވަތަ ކަމާބެހޭ ފަރާތަކުން ނަގަންޖެހެއެވެ. އަދި ޗީފް އޮފް ސްޓާފް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުއަށް ގޮވާލަން ބޭނުންވަނީ މިހާރުން މިހާރަށް ދޫވެފައިތިބި ކުށްވެރިން ހައްޔަރުކުރުމަށެވެ. އަދި އެމީހުންނަށް މާފުދެއްވުމުގައި ހަމަޖެހިފައިވާ ގަވާއިދަށް ބައްލަވައި އެމަގުން ނޫނީ އެއްވެސް މީހަކަށް މާފު ނުދެއްވުމަށެވެ. އަދި މިފަދަ ބަޔަކު ދޫވެފައި ތިބިއްޔާމު އެފަދަ ބަޔެއްގެ ވޯންޓަޑް ލިސްޓެއް ހަދައި ރާއްޖޭގެ ހުރިހާ ދޯނިފަހަރަކަށާއި އޮފީސްތަކަކަށާއި އަދި ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށެވެ. މީގެ އިތުރުން އޮޑިދޯނިފަހަރުން އެއްރަށުން އަނެއްރަށަށް ދަތުރުކުރާމީހުންގެ ލިސްޓެއް ބެލެހެއްޓުމަށް އަމުރުކޮށް ކުށްވެރިން މޮނީޓާކުރެވޭނެ ނިޒާމެއް ގާއިމުކޮށް އެމީހުން އާއްމުންނާ އެއްކައިރި ހިސާބަކަށް ގެންދިޔުމަށެވެ. އަދި މިފަދަ ކަންކަމުން ރައްޔިތުން ކުރިމަތިލާ ވޭންތަކާއި ނުރައްކާތެރިކަންބަލައި ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށެވެ."

މަތީގައި އެވާ ލިޔުންކޮޅަކީ އާއްމުންގެ މީހަކު ހަވީރު ނޫހުގައި ޖަހާފައިވާ އިބާރާތްކޮޅެކެވެ. އަހަރެމެންގެ ހިތަށްއަރާ ދިވެހިންނަށް ޖެހިފައިވާ ބޮޑެތި މުސީބާތްތައް ހައްލުކުރުމަށް މިއަދުގެ ސަރުކާރުން ކިހާ ސަމާލުކަމެއް ދޭބާވައެވެ؟ ކުރީގެ ސަރުކާރުތަކުން ޒިންމާ ނުނަގާ ވާހަކަދައްކާއިރު މިއަދުގެ ސަރުކާރުން ވަކިން އެކަންކަމުގެ ޒިންމާނަގާބާވައެވެ؟ އަހަރެން އާވެރިޔަކު އާސަރުކާރެއް ގެނެސްގެން މިއަދު ބަދަލުވެފައިވަނީ ކޮންކަމެއްތޯއެވެ؟ ރައީސް ނަޝީދާއި އޭނާގެ އައުވާނުން ބޮޑު މުސާރަނަގައިގެން ރައްޔިތުންނަށް ބޭނުންވާ ރައްކާތެރިކަން ހޯދައިދެވޭބާވައެވެ؟ ފުލުހުން އެކިވަރުވަރުގެ ކުށްވެރިން އަތުލާގަންނާއިރު އެމީހުންނާމެދު ދައުވާކުރުން ލަސްވެ ނުވަތަ ކުރާ ދައުވާގައި އޮއްޓަރު ނުހުރުމުގެ ސަބަބުން އެތަކެއް ބަޔަކު ދޫވެގެންދާއިރުވެސް ޕީޖީ އަހުމަދު މުއިއްޒުމެން މަގާމުގައި މުސާރަ ނަގާލަނަގާލަ ތިބެނީ ކީއްވެބާވައެވެ؟ މައްސަލަ ކޯޓަށް ސާބިތުނުވީއޭ ނުވަތަ އެކަމާބެހޭ ގާނޫނެއް ނެތޭ ފަޑިޔާރުން ބުނާއިރު އެފަދަ ގާނޫނުތައް ނަހަދައި މަޖިލީހުގެ މެމްބަރުން މުސާރަ ނަގާލަނަގާލަ ތިބުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ އިސްލާމީ ޝަރީއާއަކީ ގާނޫނު އަސާސީގެ މަސްދަރުކަމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު ގާނޫނެއްނެތޭ ބުނެ ފަޑިޔާރުން ބޮޑެތި ކުށްވެރިން އާއްމުންގެ ތެރެއަށް ދޫކޮށްލަނީ ތިމާގެ މޮޅުކަން ދެއްކުމަށް ހެއްޔެވެ؟ ކުށްވެރިން ޖަލުގައި ނުބޭއްތިބިގެން އުޅެނީ ކީއްވެގެންކަން ހޯމު މިނިސްޓަރު ޝިހާބަށް ނުބުނެދެވެނީ ކީއްވެގެންހެއްޔެވެ؟ ޝިހާބުއަށް ތިމާގެ މަސްއޫލިއްޔަތު ނުއުފުލެއްޔާމު އިސްތިއުފާދެއްވައި ރައްޔިތުންގެ ކިބައިން މައާފަށް އެދޭކަށް ނުވޭހެއްޔެވެ؟ ޝިހާބަކީ އަމިއްލައަށް އިސްތިއުފާދޭން ކެރޭވަރުގެ މީހަކަށްނުވާއިރު، އޭނާ މަގާމުން ވަކިކޮށް އެކަން ކުރެވޭނެ މީހަކާ އެމަގާމު ހަވާލުކުރަން ރައީސް ނަޝީދު ބޭނުންފުޅު ނުވަނީ ކީއްވެބާވައެވެ؟

މިހަބަރާގުޅޭ އިތުރު ތަފުސީލު ހަވީރު ނޫހުން



 
Web Statistics