ގޯތިގެދޮރުގެ މައްސަލައަށް ހައްލެއް ހޯދައިނުދެވި އޮއްވައި....
ދާދި އިހަކަށް ދުވަހު ވަރަށް އާދަޔާ ހިލާފު ބިލެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައެވެ. ބޭނުމަކީ ރައީސް ނަޝީދަށް ލިބޭ ފެންވަރާ އެއްވަރުގެ އިނާޔަތްތަކަކާއި އިމްތިޔާޒުތަކެއް ކުރީގެ ރައީސް މައުމޫނަށް ހޯދައިދިނުމެވެ. ބިލު ހުށައެޅުއްވީ މައުމޫނުގެ ސަރުކާރުގައި މަތީ މަގާމުތަކެއް ފުރުއްވުމުގެ އިތުރުން ރައީސް މައުމޫނު ވަރަށް އިތުބާރުކުރައްވާ ފަރާތެއްކަމުގައި ބެލެވޭ މީމު މެމްބަރު އަނީސާ އަހުމަދެވެ. މިބިލަކީ އިސްލާހުކުރެވުނު ގާނޫނު އަސާސީގެ ދަށުން އެކުލަވާލުން ލާޒިމު ގާނޫނަކަށްވާއިރު، އާދަޔާ ހިލާފުކަމެއް މިކަމުގައި ހިމެނެނީ ރައީސްކަން ކުރައްވާފައިވާ ދެބޭފުޅުއް ދުނިޔޭގައި ތިއްބަވަނިކޮށް ވަކިމީހަކަށް ވިސްނައިގެން މިބިލު އެކުލަވާލެވިފައިވާތީވެއެވެ.
މިފަދައިން އޮތް ބިލެއްގައި ބުނާ އިނާޔަތްތަކަކާއި އިމްތިޔާޒުތައް ކުރީގެ ރައީސަށް އެރުވުމަށް މިހާރުގެ ރައީސް ނިންމެވި ނިންމެވުން ވެގެން ދިޔައީ ވަރަށް ބޮޑަށް ސިހުން ގެނުވިކަމަކަށެވެ. ކުރީގެ ރައީސުންނަށް ލިބެންޖެހޭ އިނާޔަތްތަކަކާއި އިމްތިޔާޒުތައް ބަޔާންކުރާ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން އެކުލަވާލެވެންދެން ވަގުތީ ގޮތުން ނިންމެވި ނިންމެވުމަށް ވުމީ ވަރަށް ގާތްކަމެކެވެ. މިއީ މިހާލަތުގައި ކަންކުރެވޭނެ އެންމެ މުނާސަބަތު ގޮތްވެސް މެއެވެ. ނަމަވެސް ހިތާމަޔަކީ އެގޮތަށް ރައީސް ނަޝީދު ނިންމެވިކަމަށް ވިދާޅުވެ ރައީސް އޮފީހުން އިއުލާނެއް ނެރުއްވިއިރު އޭގެ ތަފުސީލު އާއްމުންނަށް ހާމަކުރައްވާފައި ނެތީތީވެއެވެ.
ރައީސް ނަޝީދުގެ ނިންމެވުމާ ގުޅިގެން އެންމެ ގިނަ ބަޔަކު ސުވާލުކުރަމުން ގެންދާކަމަކީ ކުރީގެ ރައީސް މައުމޫނު ދިރިއުޅުއްވުމަށް މުލިއާގެ ދެއްވާނެތޯ ނުވަތަ ނޫންތޯއެވެ. ބިމުގެ ދަތިކަން ތަހައްމަލުކުރަމުންދާ ވެރިރަށް މާލޭގައި ގިނަ އާއިލާތަކެއް ވަރަށް ނިކަމެތި ހާލުގައި އުޅެމުންދާއިރު އެމީހުންގެ ހާދިމުންނަށް އިސްކޮށްފައިވާ ފަރާތްތައް ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާއަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަޑިޔާރަށާއި ކުރީގެ ރައީސުންނަށް ދައުލަތުން ހައިބަތު ބޮޑެތި ގެދޮރުތައް ދޭނަމަ އެކަން ވެގެންދާނީ ގިނަ ބަޔަކު ބަލައިނުގަންނަ ކަމަކަށެވެ. ހާއްސަކޮށް ގޯތިގެދޮރުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ވައުދުވެ އެވައުދު ފުރިހަމަ ނުވެ އޮއްވާމެ މިފަދަ ކަމެއް ކުރުމުންނެވެ.
1 comments:
a very good point raised. i like your short and simple style of writing.
Post a Comment