Sunday, November 16, 2008

ރިސޯޓު ކުއްޔަށް ހިފައިގެން ގުޅޭ ދިވެހިންނަށް ރިސޯޓުތައް ވިއްކާލަނީބާ؟

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ މެދުތެރެއިން ފެނިގެން ދިޔައީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަން ދަމަހައްޓަން ތިބި ދިވެހި ވިޔަފާރިވެރިން ކުއްލިގޮތަކަށް އިސްލާހީ ބައިވެރިންނާ އަތުގުޅާލިތަނެވެ. ވިޔަފާރިވެރިންނަކީ ހުރިހާ ކަމެއްގައިވެސް ވިޔަފާރީގެ ނަފާ އިސްކުރާ ބަޔެއްކަމުގައި ބުނެއުޅެއެވެ. އެހެންކަމުން މިކަމުގައި ވެސް ކޮންމެވެސް ސަބަބުތަކެއް ވާނެކަމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ބެލެވެންފެށިއެވެ. އިސާހިތަކު، ވެރިކަން ބަދަލުވުމާ އެކު އެކީހެން އައު ސަރުކާރުގެ ވިޔަފާރި ސިޔާސަތުވެގެންދާނީ ވިޔަފާރިވެރިން ރުހޭ، ވިޔަފާރި ކުރިއެރުވުމަށް ފުރުސަތު ދޭ ސިޔާސަތެއްކަމުގައި ހާމަކުރެވުނެވެ. އަމުދުން މިކަމުގައި އަދި ގޯހެއް ނެއްތާއެވެ.

ނަމަވެސް، ދެން އިވިގެން ދިޔައީ ދިވެހި ވިޔަފާރިވެރިންނަށް ބިން އަމިއްލަ ކުރެވޭނެ ސިޔާސަތަކަށް އައު ސަރުކާރުން ތާއީދުކުރާ ވާހަކައެވެ. އަހަރެންގެ ބޯ ރިހޭ ގޮތް ވެއްޖެއެވެ. ގޯހެއް ނޫޅޭ ބަވައޭ ސުވާލުކުރެވެން ފަށައިފިއެވެ. ވާނީވެސް އެހެންތާއެވެ. މާލޭގައި ހުރި ވިޔަފާރި ކުރާ ގިނަ ބިންތަކަކީ އަމިއްލަ ބިންތަކެވެ. ދެން ހުރީ ވިޔަފާރީގެ ބޭނުމުގައި ކުށްޔަށް ހިފާފައިހުރި ދިވެހިދައުލަތުގެ ބިންތަކެވެ. އޭގެ ތެރޭގައި ގިނައީ ރިސޯޓު ހިންގާ ބިންތައް ނުވަތަ ފަޅުރަށްރަށެވެ. އަދި މިރަށްތަކުގެ ކުލީގެ މުއްދަތު އިތުރުކުރެވޭތޯ އެކިގޮތްގޮތުން މިވެރިން ނުފޫޒާއި ބާރުފޯރުވޭތޯ ދާއަބަދު މަސައްކަތްކުރޭމެއެވެ. ނިމިގެން ދިޔަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ބަހުސްތަކުން މިކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ.

މިއީ ހަގީގަތުގައި ވަރަށް ބިރުހުރި، ހިތްދަތި އިހުސާސްތަކެއް ވެރިކުރުވާކަމެކެވެ. ސަބަބަކީ މައުމޫނުގެ ސަރުކާރުން ރިސޯޓުތައް ހަވާލުކޮށްފައި ވަނީ އެއްވެސް ހާލެއްގައި އިންސާފުވެރި މަގަކުންނޫނެވެ. ސިޔާސީ ބޭނުންތަކެއް ފުރިހަމަކުރުމަށްޓަކައި ވެރިކަމާ ގާތް ފަރާތްތަކަށް އިސްކަންދީ، ފަސާދައާއި އޮޅުވާލުމުގެ ތެރެއިންނެވެ. އޭގެ ހެއްކަކަށް ވިލިވަރު ބިޔާދޫ މައްސަލަ ފުދޭނެއެވެ. އަދި މަދުބަޔެއްގެ އަތުގައި މިހުރިހާ ރިސޯޓުތައް އޮތުމަކީވެސް މީގެ ހެއްކެކެވެ. ހަމައެއާއެކު އެއް ވަރަކަށް އެނދުހުރި ރިސޯޓުތަކުގައި އެކިތަންތަނަށް އެކިވަރަށް ކުލިދައްކަންޖެހުމާއި ބަޔެއް ރިސޯޓުތަކުން ވަރަށް ކުޑަކުޑަ ކުއްޔެއް ސަރުކާރަށް ދައްކަމުން އަންނަކަމީ މީގެ ސާފު އަނެއް ހެއްކެވެ.

ނޯޓު: ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީޙުގެ ދައުރުގައި ބަޖެޓަށް ލާރިހޯދުމުގެ ނިޔަތުގައި ރިސޯޓުތަކުގެ މުއްދަތު އިތުރުކުރެވޭތޯ ކުރީގެ ފިނޭސް މިނިސްޓަރު ބުރުމާ ގާސިމު މަސައްކަތްކުރައްވާފައިވެއެވެ. ބަޔެއް ރިސޯޓުތަކުން ވަރަށް ކުޑައަގު ގައި ސަރުކާރަށް ކުލިދައްކަމުން އަންނަކަމުގައި ރައްޔިތުންގެ ރިސޯޓު ހިންގާ ކުންފުނި (އެމް.ޓީ.ޑީ.ސީ) ގެ މެނޭޖިން ޑިރެކްޓަރު ޕްރިންޓް މީޑިޔާއަށް ދެއްވި ބަސްތީގަތުމެއްގައި ވިދާޅުވެފައިވެއެވެ.

0 comments:

 
Web Statistics