Wednesday, May 20, 2009


މާރިޔާގެ އެހެން ކޮއްކޮއަކަށް އަނެއްކާވެސް ބޮޑު މަގާމެއް

މިއަދުގެ ވަގުތެއްގައި މާރިޔާގެ އެހެން ކޮއްކޮއެއް ކަމަށްވާ މިފްޒާލް އަހުމަދަށް އެޑްވައިޒަރ އޮން އިންވެސްޓުމަންޓުގެ (ނުވަތަ އިންވެސްޓުމަންޓުތަކާބެހޭ މުސްތަޝާރުގެ) މަގާމު ރައީސް ނަޝީދު ދެއްވައިފިއެވެ. މިމަގާމަކީ ބެލެވޭ ގޮތުގައި މިނިސްޓަރުންގެ ނައިބު ފެންވަރުގެ މަގާމެކެވެ. ކުރިން ވެސް ވަނީ މިނިސްޓަރުންގެ ނައިބުގެ މަގާމާއި އެފެންވަރުގެ މަގާމެއް މާރިޔާދީދީގެ އެއްބަޑު އެއްބަފާ ދެކޮއްކޮއަކަށް ދީފައެވެ. އެތަނުން އެކަކަކީ ހައުލާ އަހުމަދު ދީދީއެވެ. މަގާމަކީ ހާރިޖީ މިނިސްޓްރީގެ ނައިބެވެ. ދެން އަނެއް ކޮއްކޮއަށް މަގާމެއް އުފެއްދީ ރައީސް އޮފީހުގައި ނައިބު މިނިސްޓަރުންގެ ފެންވަރުގައެވެ.

މިފަހަރު މިފްޒާލަށް އުފައްދާދިން މަގާމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްޓުމަންޓުގައި އަލަށް އުފެއްދި ސިޔާސީ މަގާމެކެވެ. އެ މިނިސްޓަރީގައި ވަރުވަރުގެ ޑިރެކްޓަރުންނާއި މިނިސްޓަރުގެ ދަށުން ސްޓޭޓު މިނިސްޓަރަކު (އާދިލް ސަލީމް) ހުންނަވަނިކޮށް އަނެއްކާވެސް ދައުލަތުގެ ބަޖެޓަށް ބާރުބޮޑުވާނެ ފަދަގޮތަކަށް އަލަށް ސިޔާސީ މަގާމެއް އުފެއްދީތީ ސުވާލު އުފެދެއެވެ. މިއީ ކޮންމެހެންވެސް ބޭނުންވެގެން އުފެއްދި މަގާމެއްތޯ ނޫނީ ޒައީމު މައުމޫނު ހައްދަވާހެން ކޮންމެވެސް މީހަކަށް ބޮޑު މުސާރަޔާއި އިނާޔަތްތަކެއް ދިނުމުގެ ބޭނުމުގައި އުފެއްދި މަގާމެއްތޯ އަހާލަން މިއޮތީ ޖެހިފައެވެ.

މައުމޫނުގެ ސަރުކާރު ގޯސްވެގެން އުޅުނުއިރު، ދައުލަތުގެ ބޮޑެތި މަގާމުތައް އާއިލީ މީހުންނަށް ހަދިޔާގެ ގޮތުގައި ދޭތީވެ އެކަމާ ނުރުހިގެން މާރިޔާމެން ރައީސް ނަޝީދުމެން ދުވާލު ދެއިރަށް މުޒާހަރާކޮށް އުޅުނު ހަދާންވޭތޯއެވެ؟ ހަމަޔާ އުސޫލު ގަބޫލުކުރާ އެމްޑީޕީގެ މެމްބަރުން ސަރުކާރާ މެދު ހިތްހަމަ ނުޖެހެނީ މިފަދަ ކަންތައްތަކާހުރެއެވެ. ދާދިފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ނިސްބަތްވާ އެތައް ބަޔަކު އިންތިހާބުގައި ވޯޓުނުލައި ދުރުގައި ކުޅިބަލަންތިބީ މިފަދަ ސަބަބުތަކާހުރެއެވެ. އެވަރުންވެސް ރައީސް ނަޝީދަށް ފިލާވަޅެއް ލިބުނު ހެންނެއް ހިޔެއްނުވެއެވެ.


Monday, May 4, 2009

ކޮއިމަލާ ވެބްސައިޓަށް ދިންކަމަށް ބުނާ އިންޓަވިޔޫ ޑރ. ޝިހާމު ދޮގުކުރައްވައިފި!

ދާދިފަހުން ކޮއިމަލާ ވެބްސައިޓުގައި ވަނީ އެސައިޓުގެ ފަރާތުން އެމް.އެމް.އޭ (ރާއްޖޭގެ މަރުކަޒީ ބޭންކު) ގެ އިސްލާމީ އިގްތިސާދީ އެޑްވައިޒަރު ޑރ ޝިހާމު އިންޓަވިޔުއެއް (ބަސްދީގަތުމެއް) ދިންކަމަށް ބުނެ ވަރަށް ދިގު އިންޓަވިޔުއެއް ޖަހާފައެވެ. ނަމަވެސް، މިއަދުގެ ވަގުތެއްގައި އެކަމާ ބެހޭ ގޮތުން މިއަދު ނޫހުގެ ރިޕޯޓަރަކު ކުރި ސުވާލަކަށް ޑރ. ޝިހާމު ވިދާޅުވަނީ އެފަދަ އިންޓަވިޔުއެއް އެވެބުސައިޓަށް ދެއްވާފައި ނުވާނެކަމަށެވެ. ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި ވިދާޅުވިކަމަށް ވަނީ އެބޭފުޅާއަށް ނިސްބަތްކޮށް ދޭދޭ މީހުންގެ މެދުގައި ފިތުނަ އުފެދޭ ޒާތުގެ ވާހަކަ ނުފެތުރުމަށާއި އެކަމަށް ފަހުން ރައްދު ދެއްވާނެކަމަށެވެ. މިހެން އެވިދާޅުވީ އެއިންޓަވިޔުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދުއާ ދާމެދު މީހުންގެ މެދުގައި ރުޅިވެރިކަމާ ނަފުރަތު އުފެއްދުމަށް ލިޔެފައިވާތީވެއެވެ.

މިކަން ވެފައިވާ ގޮތެއް ހޯދުމަށް ބެލިބެލުމުގައި އަހަރެމެންނަށް އެނގުނީ (ހ) ކޮންމެވެސް ވަރެއްގެ ހަގީގީތެއް އެބަސްދީގަތުމުގައި ހުރިޔަސް އެފަދަ އިންޓަވިޔުއެއް ޑރ ޝިހާމު ކޮއިމަލާއަށް ނުވަތަ އެހެންވެސް ސައިޓަކަށް މިފާއިތުވީ ދެމަހެއްހައި ދުވަހު ދެއްވާފައިނުވާކަމާއި (ށ) ވަރަށް ބޮޑަށް ވާހަކަ ވިއްސައި ނުވަތަ އަމިއްލައަށް ވާހަކަ ހަދައިގެން ލިޔުނުމީހެއްގެ މަގުސަދު ހާސިލުކުރުމަށް މަސައްކަތްކޮށްފައިވާކަމާއި، (ނ) އަމިއްލައަށް ހަދަހަދައިގެން ކުރިންވެސް އެފަދަ އިންޓަވިޔުތައް އެކި މަޝްހޫރު މީހުންގެ ނަމުގައި އެސައިޓުގައި ލިޔެފައިވާކަމާއި، (ރ) އެސައިޓަކީ ޔާމީން އަބްދުއްގައްޔޫމާއި އޭނާގެ ޕާޓީ ޕީ.އޭގެ މަސްލަހަތަށް ލިޔާބަޔަކުކަމަށްވެފައި ބުރުމާ ގާސިމު ދެކެ އަންނަ ރުޅީގައި ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ގާސިމަށް އަދާލަތުން ބައިއަތު ހިފުމުން އޭގެ ހަސަދަ އަދާލަތުގެ ބޮޑުންނަށް ބާލަން ބޭނުންވާކަމާއި (ބ) އަންނިގެ ސަރުކާރުގެ ތާއީދު ރައްޔިތުންގެ މެދުގައި ގެއްލެމުން ދިޔުމާއި އަދާލަތުން އަންނިގެ އަތުގައި ހިފައިގެން ތިބުމުގެ ސަބަބުން ދީނީ އިލުމުވެރިންނަށްވެސް އެނަފުރަތުން ބަޔެއް އަޅަމުންދާތީވެ ކޮއިމަލާ ސައިޓުގެ ކިޔުންތެރިން އިތުރުކޮށްލުމަށް ޖެހި ކެހިވެރި މަޅިއެއްކަމެވެ.

މިހިނދުގައި އަހަރެމެން އަދާލަތަށް ގޮވާލަނީ ތާކުންތާކު ނުޖެހޭ ކޮސް ލިޔުންތައް ލިޔެފައި އެމީހުންގެ ވެބުސައިޓުގައި ނުޖެހުމަށާއި، އެފަދައިން ކަންތައް ކުރުމަކީ ދީނަށް ނަފުރަތުކުރާ މީހުންނަށް ލިބޭ އިތުރު ހިތްވަރެއްކަމާއި، އަންނިގެ ސަރުކާރުގެ ހިންގުން ދޯހަޅިވެ ފާޑުކިޔުން އިތުރުވަމުންދާއިރު ދީނީ އިލުމުވެރިންގެ އަގުވައްޓާލުމަށް އިސްލާމްދީންދެކެ ނަފުރަތުކުރާ ބަޔަކު މަސައްކަތް ފަށާފައިވާއިރު އެފުރުސަތު އެގިތިބެ އެވެރިންނަށް ނުދިނުމަށެވެ. ހަމައެއާ އެކު ޝަހީމަށް ބުނެލަންއޮތީ ނަމުގެ ކުރިޔަށްލައިގެން ތިޔަ އުޅޭ "ފަޟީލަތުއް އުސްތާޒުލް ޝައިހު" ފަދަ ތިމާގެ ހައިބަތު އެހެން މީހުންގެ ކުރިމަތީގައި މަތިވެރިވާފަދަ ނަންނަމުން ދުރުހެލިވުމަށާއި ކުރީގެ ދިރިއުޅުމުގެ މަތިން ހަދާންކޮށް އަމަލުތައް ސީދާކުރުމަށެވެ. ރައްޔިތުންނަށް އޭގެ ފައިދާ ކުރާކަމަށްވަންޏާމު އައްނިގެ ސަރުކާރުގެ މިނިސްޓްރީއެއް ބެލެހެއްޓުމުގައި ގޯހެއްނެތެވެ. ނަމަވެސް، ފިގުހު އެކަޑެމީ ވީހާ އަވަހަކަށް ގާނޫނަކުން މިނިވަންކޮށް މިނިސްޓްރީއިން ބޭރުކޮށް ހަރުދަނާ ގަވާއިދެއްގެ މަތިން ހިންގޭތޯ ބަލާށެވެ.

ގުޅޭ ލިޔުން:

ކޮއިމަލާ ސައިޓަށް ޑރ. ޝިހާމު ދެއްވިކަމަށް ބުނާ އިންޓަވިޔު

މިއަދު ނޫހުގައި ކޮއިމަލާގެ އިންޓަވިޔު ދޮގުކުރިކަމަށް ބުނާ ހަބަރު

Saturday, May 2, 2009

ދ. މީދޫ ދާއިރާއަށް ސަންޓުރެވަލް ޝިޔާމު؟!


ރައްޔިތުންގެ މަޖިލީހުގައި އެންމެ ފަރުވާކުޑަ މެމްބަރަކީ ދ. މެމްބަރު (ސަންޓުރެވަލް) އަހުމަދު ޝިޔާމު

މިހާރު މުއްދަތު ހަމަވަން ކައިރިވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހާޒިރީ ދައްކާގޮތުން މަޖިލީހުގެ މަސައްކަތަށް އެންމެ ފަރުވާކުޑަ މެމްބަރަކީ ދ. އަތޮޅުގެ މެމްބަރު (ސަންޓުރެވަލް) އަހުމަދު ޝިޔާމެވެ. އެންމެ 28 ޖަލްސާއަށް ހާޒިރުވެ، ހާޒރިއިން %32 ހޯދައި މެމްބަރުންގެ ހާޒރީއިން ފަހަތުން އެއް ވަނަ ހޯދާފައިވެއެވެ. ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި 86 ޖަލްސާ ބޭއްވުނުއިރު، އޭގެތެރެއިން 58 ޖަލްސާ ހިގަމުން ދިޔައިރު ޝިޔާމު އުޅުނީ ރައްޔިތުންގެ މަޖިލީހުން ދޫކޮށްފައިވާ ރަތް ޕާސްޕޯޓުގައި އަމިއްލަ ވިޔަފާރި ދަތުރުތަކުގައި ނޫނީ އަބިދަރިންނާ އެކު މަޖާކޮށްލުމަށް ރާއްޖޭއިން ބޭރުގައެވެ. (ތަފުސީލު ބައްލަވާލެއްވުމަށް މިލިންކަށް ކުލިކުކޮށްލަވާށެވެ.) އަނެއްކާވެސް މީނާ (އަހުމަދު ޝިޔާމު މުހައްމަދު، ގ. ސަންސެޓް، މާލެ) މިވަނީ އަމިއްލަ މެމްބަރެއްގެ ގޮތުގައި ދ. އަތޮޅުގެ މީދޫ ދާއިރާއަށް ކުރިމަތިލާފައެވެ.

މީނާއަކީ ދެރިސޯޓެއްގެ ވެރިޔަކަށްވީއިރުވެސް، އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަމުގައި ވޯޓުދީގެން ނުވާނެކަމަށް ހުދާއި ކަޅުން ލިޔެފައި އޮއްވާމެ، ތިމާގެ އަމިއްލަ ރިސޯޓުތަކުގެ މުއްދަތު އިތުރުކުރުމަށްޓަކައި (ރައްޔިތުންގެ މަސްލަތު ހަދާން ނައްތާލައި) މަދުފަހަރު ނޫނީ މަޖިލީހުގެ ޖަލުސާއަށް ނާންނަ މިކަލޭގެ ވަނީ ވޯޓުދީފައެވެ. މީގެ އިތުރުން، ސުނާމީގެ ދުވަސްވަރު ޑީއާރުޕީގެ ނައިބު ޒައީމަކަށްވެހުރެ ރާއްޖޭގެ އިގުތިސާދު އަލުން އާރާސްތުކުރުމަށް ބޭރުގެ ފަރާތްތަކުން ދިން ލޯނު އެހީތަކުގެ ބޮޑު ބަޔެއްވަނީ ތިމާގެ އަމިއްލަ ރިސޯޓުތައް މަރާމާތުކުރުމަށް މަގާމާއި ބާރާއި ނުފޫޒުގެ ބޭނުންކޮށް މައުމޫނުގެ ސަރުކާރު މެދުވެރިކޮށް ހޯދާފައެވެ. ދ. އަތޮޅު މީހުންނަށް ލާރީގެ ދަޅަ ދައްކައިގެން މިފަދަ ޖާހިލު ވިޔަފާރިވެރިން ކުރާ ކަމަކީ މިއީއެވެ.

ކުރީގެ ރައީސް މައުމޫނުގެ ކޮއްކޮ ޔާމީނުގެ އެހީތެރިކަމުން މުއްސަދިވީ މީހުންގެ ތެރޭގައި ހިމެނޭ ނ. ކުޑަފަރީ އަށް އުފަން ޝިޔާމުވަނީ ޔާމީނާއެކު އެންމެ ކުރީކޮޅުގައި ޑީއާރުޕީއަށް ވަދެފައެވެ. އެއަށްފަހު، ޔާމީނުގެ އާރާއިބާރު ކެޑުމުން ޖާބިރެކޭ އެއްފަދައިން ޔާމީނާ ދުރަށްޖެހި، އެންމެފަހުން މައުމޫނުގެ ވެރިކަން ވެއްޓުމުން އެވަނީ ބާރާއި ނުފޫޒުގެ ބޭނުމުގައި ފައިސާ އޮއްސަމުން ދިޔަ ޑީއާރުޕީއިންވެސް ވަކިވެފައެވެ. އެމްޑީޕީއަށް މާދަމާ ނުވަންނާނެކަމެއްވެސް ނޭގެއެވެ. މީނާ ފައިސާ ހަރަދުކޮށްގެން ހިންގާ ސަން ރޭޑިޔޯއާއި އިރުއޮބުޒޯވަރަކީ ހަމައެކަނި ސިޔާސީ ޖާހާ މަގާމަށްޓަކައި ކުރާ ކަންތައްތަކެކެވެ. މިފަދަ ސިޔާސީ ހިޔަޅުންގެ ކިބައިން ދާލު އަތޮޅުގެ ރައްޔިތުން ސަލާމަތްވެ ތިބުމަށް ވަސިއްޔަތްކުރަމެވެ. އަހަރެމެން މިފަހަރު ރައްޔިތުންގެ މަޖިލީހަށް ހޮވަންވީ ސަންޓްރެވަލު ޝިޔާމުމެން ކަހަލަ ރާބޮއި މަސްތުވެ، ދޮން އަންހެންކުދިންނާއެކު ގައިގޯޅިކޮށް އުޅެފައިވާ ފޮޓޯތަކެއް އިންޓަނެޓަށް ލީކުވެފާވާ ގޮތެއްނެތް މީހުންނެއް ނޫނެވެ.

ރައްޔިތުންގެ ކަންތައްތައް ހެޔޮމަގަށް އަޅުވައި، ހެޔޮވެރިކަމެއް މިދިވެހި ފަސްގަނޑުގައި ގާއިމުކުރެވޭނީ ފައިސާ އޮތީތީވެ ވޯޓުގަނެވޭނެކަމަށް ގަބޫލުކުރާ ސަންޓްރެވަލް ޝިޔާމުމެން، ޖާބިރުމެން، ގައްދޫ ޒާހިރުމެން، ތަސްނީމުމެން، ޖަންގިޔާ ނާޒިމުމެން، އޭޑީކޭ ނާޝިދުމެން، ހަމްޒާމެން އަދި އެނޫނަސް އެފަދަ ފާސިގު ވިޔަފާރިވެރިންގެ ކިބައިން ރައްޔިތުންގެ މަޖިލީސް ސަލާމަތްކުރެވިގެންނެވެ. މިމީހުންގެ ހަމައެކަނި ބޭނުމަކީ ރަތްޕާސްޕޯޓާއި، މެމްބަރުކަމުގެ ހައިބަތާއި ތިމާގެ އަމިއްލަ ވިޔަފާރިކުރިއެރުމަށްޓަކައި ސިޔާސީ ބާރާއި ނުފޫޒެވެ.


 
Web Statistics