Sunday, February 28, 2010

ސަރުކާރުގެ ނިންމުމަށް މަރުހަބާކިޔުން

މިހާރު އާއްމުކޮށްފައިވާ ބަގުރަލާބެހޭ ގަވާއިދު އަބުރައިގެނެސް، ރައްޔިތުން ބޭނުންވާހެން (މީހުން އުޅޭ ރަށްރަށުގައި ބަގުރަލާއި އޫރުމަސް ނުވިއްކާގޮތަށް) އެގަވާއިދު އިސްލާހުކުރަން މިސަރުކާރުން ނިންމުމުން، އެކަމަށް އަހަރެމެން މަރުހަބާކިޔަމުއެވެ. އަދި، ބަޔަކުމީހަކު ކިޔާފާނެ އެއްޗަކަށް ނުވަތަ މަލާމާތަކަށް ނުބަލައި، ރައްޔިތުންގެ ވިންދާއެއްގޮތަށް އެންމެ ފަހުވަގުތުގައި ނަމަވެސް ނިންމުން ބަދަލުކުރީތީވެ އައްސަރިބަހާއި ސާބަސްދެމެވެ.

ހަމަ މިހިދުގައި ސަރުކާރަށް އިލުތިމާސްކުރާ ހިތްއޮތީ، ކޮންމެ ކޮންމެ ކަމެއްގައި ރައްޔިތުން ރޮއި ހޭރިގަތަނުދޭށެވެ. އެއަށްވުރެ ކުރިން އެމީހުންގެ ވިސްނުމާއި ފިކުރު ހުރިގޮތް ދެނެގަނެ އެގޮތަކަށް ކަންކުރެވޭތޯބަލާށެވެ. ރައްޔިތުންގެ ވިންދު އެގޭ ސަރުކާރަކަށް ވެވޭނީ އެއިރުންނެވެ. ކޮންމެ ފަހަރަކު ރޮއިގަންނަންޖެހެންޔާމު، ރައްޔިތުންގެ ބޭނުންތަކާއި ވިންދު ސަރުކާރަށް ފަހުމު ނުވަނީއެވެ. މިބީދައިން ކަންކުރެވޭނީ، އެޑުވައިޒަރުންގޮތުގައި ތިޔަ ތިބޭ ތިމާގެ ބޮޑިވަރު ބޮޑުކުރަމުން ހިގާ މާރިދުންނާއި ޖާހިލުން އެއްފަރާތްކޮށްގެންނެވެ.

އެއްވެސް ޝައްކެއްނެތް ގޮތުގައި، މިކަމާމެދު ފާޑުކިޔާނެ ބަޔަކު ތިބޭނެއެވެ. އެއީ ބަގުރަލުގެ އިންތިޒާރުގައި ތިބިމީހުންނާއި، އެވިޔަފާރިން މަންފާލިބޭނެކަމަށް ބެލެވޭމީހުންނާއި، ރާއްޖޭގެ ސަގާފަތާއި ދީން ނެތިކޮށްލަންބޭނުންވެފައިތިބި މީހުންނެވެ. ހުރިހާ އެއްޗެއް އެގޭކަމަށް ހެދިގެން އުޅޭ ރޯނުއެދުރު ދަންނަކަލޭގެފާނު ހާމަނޫހުގައި ލިޔާ މާޅޮހު ނަސީރަށް ބުނެލަންއޮތީ ހޭދެބައިވެގެން ނޫޅޭށެވެ. ހޮލިޑޭއިންގައި ބާ (ރާބޯތަނެއް) ނެހެދިއެއްކަމަކު ރާއްޖޭގެ ޓޫރިޒަމް އިދައެއްނުޖެހޭނެއެވެ. އަދި ރާފޮދެއް ނުލިބެއޭ ކިޔާފައި ސިޓީ ހޮޓާތައް ނުހިގައެއް ނުހުންނާނެއެވެ. މީހުން އުޅޭ ރަށްރަށުގައި ރާވިއްކުން މަނާކޮށްފައި ބާއްވަންޖެހޭ ސަބަބުތަކަކީ

1. އަހަރެމެންގެ (ކުރިޔާއި މިހާރުގެ) ސަރުކާރުތަކަށް އެއުޅެނީ އެއްވެސް ގަވާއިދެއް ހަމަ މަގުން ނުހިންގިގެންނެވެ. ގަވާއިދު ހެދެނީ ކަންތައްތައް ހަމަމަގުން ގެންގޮސް، ގޯހުންވާ ކަންތައްތައް ރަގަޅުކުރަންކަމަށްވާއިރު، ނަތީޖާނެރެވޭ ކިތައް ގަވާއިދު މިރާއްޖޭގައި އެބައޮތްހެއްޔެވެ؟ ކަންއޮތީ އެހެންކަމަށްވާއިރު، ވަކިން މިގަވާއިދު ރަގަޅަށް ހިންގިދާނެހެއްޔެވެ؟

2. މިހާރު އެގަވާއިދުގައި 100 ކޮޓަރިއޭ އޮތެއްކަމަކު، އެއަދަދު 20 ކޮޓަރިއަށް ބަދަލުކޮށް ސުޓޭޓު މިނިސްޓަރު އާދިލް ސަލީމުގެ މާބުލު ހޮޓަލުގައި ބާ ނަހަދާ ހުރެދާނެހެއްޔެވެ؟ އެއިރުން، އެކަމަށް ދައްކާނެ ހުއްޖަތް މާގިނަވާނެއެވެ. އެއިރުން ހޮލިޑޭއިން ހަމައެކަނި ރާ ވިއްކޭތީވެ، ވިޔަފާރީގައި ހަމަހަމަ ފުރުސަތު ދިނުމުގެ ގޮތުން އެހެން ތަންތަނަށްވެސް އެފުރުސަތު ދޭންޖެހިދާނެއެވެ.

3. މީހުން އުޅޭ ރަށްރަށުގައި ރާނުވިއްކާ ޓޫރިޒަމް ވިޔަފާރީގައި 40 އަހަރު ހޭދަކޮށްފީމެވެ. ބޯންބޭނުން މީހަކު ރިސޯޓުގައި ބޮއިގެން، މޫދުގައި އޮވެދާނެ ނޫންހެއްޔެވެ؟ އަހަރެމެންގެ ޅަދަރިންނާއި އަބިން އެވެރިން ރަލުގެ މަސްތުގައި ތިބެގެން އުޅޭ މޮޔަ ވައްތަރު ބަލާކަށް ނުޖެހޭނެތާއެވެ. އަދި ބިރަކުން އުޅޭކަށް ނުމެޖެހޭނެތާއެވެ. އަދި ނުވީތާކަށް، ބޮގެން މާލޭގެ މަގުތަކަށް ހޮޑުލައި، ކާލިކެޑި ނުވަތަ އެއްކޮޅުން އެއްޗެތި ދުއްވާ މަގުތަކުން ދެކޮޅަކަށް ނުމެދުއްވާނެތާއެވެ. ޔަގީނުންވެސް ބުނަންޖެހޭނީ، އެގޮތަށް އެގަވާއިދު އިސްލާހުކޮށްފިނަމަ އަހަރެމެންގެ ތެރޭގައި އުޅޭ ރާނުބޯ ބިދޭސީންވެސް ރާބޯންފަށާނެއެވެ. އަދި އެއަދަދު އިތުރުވެ، ބޯމިންވަރު ގިނަވެގެންދާނެއެވެ. އެއިރުން މިހާރަށްވުރެ ހާލަތު ގޯސްވާނެއެވެ.

ގިނަބަޔަކީ ކަންތައްތައް ގޯހުންދާތީ ހަމައެކަނި ފާޑުކިޔައި، ރަނގަޅަށް ކަމެއްވާ ފަހަރެއްގައި ނަމަ ތިބޭނީ ހަމަ ހިމޭނުންނެވެ. ނަމަވެސް، އެއަކީ އަހަރެމެން ގަބޫލުކުރާ ފަލުސަފާއެއްނޫނެވެ.

Friday, February 26, 2010

އަދާލަތު ޕާޓީ ސަރުކާރުން ވަކިވާކަށް އަދި ނުޖެހޭ

ނޫ ހުންޖެހިފައި ތިބި މީހުން، މައުމޫނު ވެރިކަމުން ބޭލިކަމުގެ ރުޅީގައި އަދާލަތަށް ނަފުރަތުކުރެއެވެ. ސަރުކާރުން އިސްތިއުފާދިނުމަށްފަހު، ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމަށް ގޮވާލައެވެ. އިސްތިއުފާދިނަސް އެވެރިން ތިޔަބައިމީހުންގެ ފަހަތަކުން ނާންނާނެއެވެ. ރީދޫ ހުންޖެހިފައި ތިބި މީހުންކުރެ ދީނެއް މިއްލަތެއް ގަބޫލުނުކުރާ މީހުން އަދާލަތުދެކެ ނަފުރަތުކުރަނީ އިސްލާމުދީން ކުރިއަރުވައި، ދީނީ ހޭލުންތެރިކަން ދިވެހިންގެ މެދުގައި އުފައްދާތީވެއެވެ. އެބައިމީހުންވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް އިސްލާމިކް މިނިސްޓުރީ އުވާލައި އެވެރިންގެ ދީން (އެތީޒަމް) ކުރިއެރުވުމަށް ހުރި މަގުތައް ތަނަވަސްކުރުމެވެ. މިދެބައިމީހުންނަކީ އެއްވެސް ގޮތަކަށް އަދާލަތަށް ހެޔޮއެދޭނޭ ބަޔެއްނޫނެވެ. އޭއަދާލަތާއެވެ. ކަނުލައި އަޑުއަހާށެވެ. ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމެއްކަމަކު ވެރިކަން ކުރަނީ ރައްޔިތުން ވޯޓުދީގެން ހޮވި ކޮލިސަންގެ ސަރުކާރަކުންނެވެ. އޭގެ ތެރޭގައި ތިބައިމީހުންވެސް ވެއެވެ. އެހެންކަމުން، ސަރުކާރުގެ އެހެން ބައިވެރިން ކުރާ ނޭދެވޭކަންތައްތަކަށް ފާޑުކިޔޭނެއެވެ. ކިޔަންވެސް ޖެހޭނެއެވެ. އެކަމާ ނުރުހެންޔާމު، ވެރިމީހާ އިސްތިއުފާދީ، އެވެރިޔާ އިތުރަށް ބަހައްޓަން ފެނޭތޯ ރައްޔިތުންގެ ވޯޓަކަށް ދިޔުމަށް ފުރުސަތުދޭށެވެ. ޑިމޮކުރަސީގެ އުސޫލަކީ އެއީއެވެ.

މިހިދަށް އިސްތިއުފާ ނުދޭށޭ ބުނަންޖެހެނީ ދީނެއް މިއްލަތެއް ގަބޫލުނުކުރާ މީހުންގެ މަގުސަދު ހާސިލުވިޔަ ނުދިނުމަށެވެ. އަދި ސަރުކާރަށް ބޮޑަށް ޕުރެސަރުކުރެވޭނީ ތިޔަގޮތުގައި އޮވެގެންނެވެ. ރައީސް ނަޝީދު މަގާމުން ވަކިނުކުރަނިސް އަމިއްލައަށް އިސްތިއުފާނުދޭތިއެވެ. ބަގުރަލަށް ހުއްދަދީފިތަ، ސަރުކާރުގެ ތެރެއިން ފިޔަވަޅުއަޅާށެވެ. ރައީސް ނަޝީދު ތިޔަވެރިން މަގާމުން ވަކިކޮށްފިނަމަ، އެޕާޓީގައި ތިބި ދީނަށް ލޯބިކުރާމީހުން ތިޔަބައިމީހުންނާމެދު ހަމްދަރުދީވާނެއެވެ. އަދި ނަޝީދުގެ ސަރުކާރާ ދެކޮޅުވެ، ސަރުކާރު ވައްޓާލަން މަސައްކަތް ފަށާނެއެވެ. އެމްޑީޕީގެ އެތެރެއިން، ދާއިރާތަކުގެ ނަމުގަޔާއި ގޮފިތަކުގެ ނަމުގައި ނޫސްބަޔާންތައް ނެރެންފަށާނެއެވެ. އެކަމުގެ ކޮޅުމަތި މިހާރުވެސް އަހަރެމެންނަށް އެބަ ފެނެއެވެ. އެމްޑީޕީއަށް މަރުދަންދޭ ބަޔެއްމީހުން މިހާރުވެސް ނަޝީދާ ދެކޮޅަށް ލިޔަންފަށައިފިއެވެ. މިމައްސަލައާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށައެޅުމާމެދު ވާހަކަ އެބަދެކެވެއެވެ.

ސަރުކާރުގައި ތިބެގެން ސަރުކާރު ތެރެއިން ފިޔަވަޅު އަޅާނީ ކިހިނެއް؟

1. ފިގުހު ކޮމެޓީއަށް އެމައްސަލަ ހުށައަޅައި އާއްމުވެގެންވާ ފަތުވާއެއް ނެރުން

2. އެގަވާއިދު ގާނޫނު އަސާސީގެ 10 ވަނަ މާއްދާއާއި ހިލާފުވާތީވެ ބާތިލުކޮށްދިނުމަށް ސުޕުރީމު ކޯޓަށް ހުށައެޅުން

3. ރައީސް ނަޝީދު ސޫލާސިރާޖީ ބެއްލެވިކަމަށް ބުނާ މައްސަލަ ތަގުގީގުކުރުމަށް މިނިސްޓުރީގެ ނަމުގައި ފުލުހުންނަށް ހުށައެޅުން

4. ރިޔާސީ ކޮމިސަން މެދުވެރިކޮށް ހޮލިޑޭއިންގެ މަސްލަހަތަށްޓަކައި އެތަކެއް ރައްޔިތުންގެ އާދޭހާ ދެކޮޅަށް ގަވާއިދެއް ހަދަންޖެހުނު ސަބަބު ބަލާނެކަން އިއުލާންކުރުން

5. ހޮލިޑޭއިންގެ މަސްލަހަތަށްޓަކައި އެތަކެއް ރައްޔިތުންގެ އާދޭހާ ދެކޮޅަށް ޓުރޭޑުން ގަވާއިދެއް ހެދި މައްސަލަ ތަހުގީގުކުރުމަށް އެންޓިކަރަޕްޝަނަށް މިނިސްޓުރީގެ ނަމުގައި ހުށައަޅައި އެކަން އިއުލާނުކުރުން.

މަތީގައި ބުނެފައިވާ ކަމެއް ކޮށްގެން މަގާމުން ވަކިކޮށްފިއްޔާމު ރައީސް ނަޝީދުގެ އަގު އާއްމުންގެ ކުރިމަތީގައި ވަރަށް ބޮޑަށް ވެއްޓޭނެކަން ހަދާންކުރާށެވެ.

މާރިޔާއަށްޓަކައި ގުރުބާންވާން އަންނި ހުރީ ތައްޔާރުގައި - ތަސްމީނު ބަސްމަދުވެފައި!


މާލޭގައި ހުރި ސިޓީހޮޓާތައް

ކޮޓަރީގެ އަދަދު

ކެންޑިސް ހޮޓެލް

17

ސެންޓުރަލް ހޮޓެލް

41

ހޮލިޑޭއިން

117

ހޮޓެލް ފެރެސްކޯ

38

ކާމް ހޮޓެލް

12

މޫކައި ހޮޓެލް

51

މޫކައި ސުއިޓު

52

ނަލަހިޔާ ހޮޓެލް

42

ރިލެކްސް އިން

41

ސުކައި ހޮޓެލް

15

ނަސަންދުރަ ޕެލަސް ހޮޓެލް

31

މާބުލް ހޮޓެލް

20

ބާނި ހޮޓެލް

17

މިޖެހިގެން އުޅެނީ ވަރުގަދަ ކަމަކާއެވެ. އެމްޑީޕީގެ އާއްމު މެމްބަރުން ހިތްހަމަނުޖެހި، ނުރުހުން ފާޅުކުރަނީއެވެ. ތަފާތު ޕުލެޓުފޯމުތަކުގައި ހަޅޭއްލަވަނީއެވެ. ޕާޓީގެ މަސްލަހަތު ގެއްލިދަނީއެވެ. ސަރުކާރުގެ ކޯލިސަންގެ ބައިވެރިން ރުޅިމޫނު ހަދައި، ސަރުކާރު ވައްޓާލުމަށް ތައްޔާރުވަނީއެވެ. އިންޒާރުތައް ދެނީއެވެ. ސަރުކާރުގެ ބޭރުންނާއި އެތެރެއިން ޕުރެސަރުކުރަނީއެވެ. ނަމަވެސް، ބަގުރާގެ ގަވާއިދު ބާތިލުކޮށް ރައްޔިތުންގެ ކިބައިން މާފަށް އެދޭކަށް ރައީސް ނަޝީދު ބޭނުމެއް ނުވެއެވެ. ޕާޓީގެ އެއްބައިވަންތަކަން ގެއްލި، މެމްބަރުންކޮޅު ގެއްލި، ޕާޓީ ހީނަރުވިޔަސް އެންމެ ރަގަޅެވެ. ސަރުކާރު ވެއްޓި، ތައްމަތި ހިފައިގެން ގެޔަށްދާންޖެހުނަސް އެންމެ ރަގަޅެވެ. މާރިޔާ (ހޮލިޑޭއިން) ގުރުބާންކުރެވޭކަށް ނެތެވެ. މިއަދު ރައީސް ނަސީދު ދިން ތަގުރީރުން މާނަކުރެވެނީ މިހެން އެކަންޏެވެ. ޕާޓީގެ މަސްލަހަތަށްވުރެ، މާރިޔާ މުހިއްމުވީ ކީއްވެބާވައެވެ؟

ބަގުރާގެ ގަވާއިދަކީ ހޮލިޑޭއިންއަށްޓަކައި ހަދައިދީފައިވާ އެއްޗެއްކަން ނޭގޭ މީހަކު މިހާރު މިމާލެއަކު ނޫޅޭނެއެވެ. އެގަވާއިދުގައި އެބުނާ 100 އަށްވުރެ ގިނަ ކޮޓަރި މާލޭގައި ހުރި ހަމައެކަނި ހޮޓަލަކީ އެތަނެވެ. އެތަނުގައި ޖުމުލަ 117 ކޮޓަރި އެބަހުއްޓެވެ. ދެން އެންމެ ގާތުންވާދަކުރާ ސިޓީ ހޮޓާތަކުގައިވެސް ހުރީ 52 އަދި 53 ކޮޓަރިއެވެ.

އެގަވާއިދުގައި 117 ކޮޓަރިއޭ ޖެހިނަމަ، ތަންކޮޅެއް އޮޅުން ކުޑަވީސްކަންނޭގެއެވެ. ފަހަރުގައި 100 ކޮޓަރިއޭ ލިޔުމުން، މޫކައި ހޮޓަލާއި ސުއިޓު އެއްކޮށްލައިގެން އެއް ހޮޓަލެއްގެ ގޮތުގައި ބަލައި އެތަނަށްވެސް ބަގުރާ ގެންގުޅުމުގެ ހުއްދަލިބިދާނެ ކަންނޭގެއެވެ. ނޫނީ، މިފަހަރު ކޮޓަރީގެ އަދަދު ބޮޑުކޮށް އޮތަސް، ސިއްރުސިއްރުން އެހެން މީހުންނަށް ނޭގޭގޮތަށް ގަވާއިދު އިސްލާހުކޮށްލައި، ކޮޓަރީގެ އަދަދު މަދުކޮށްލާނީ ކަންނޭގެއެވެ. 20 ކޮޓަރިޔަށް ހަދާލަނިކޮށް ސުޓޭޓު މިނިސްޓަރު އާދިލަށްވެސް ކޮޓަރީގައި އޮވެގެން އެއްވެސް ދައްޗަކާ ނުލައި އެކަންވެދާނެތާއެވެ.

އަންނި މިތަރުކޭހެއް ކުޅޭއިރު، ބުރުމާ ގާސިމާއި ޑރ ހަސަނާއި ތަސްނީމާއި ޔާމީނާއި ސިޔާސީ ޕާޓީތައް (އަދާލަތު ފިޔަވައި) ތިބީ ނިދިތާއްޔާޖެހިފައިބާވައެވެ؟ ނޫސްބަޔާނެއް ނުވަތަ ނޫސް ކޮންފަރެންސެއް ނުވަތަ މަޖިލީހަށް ކުއްލި ގަރާރެއް ލާނެ މީހަކުވެސް ނެތީހެއްޔެވެ؟ މިވެރިންވެސް މާލެއިން އެތިފޮދެއް ބޯލެވޭނެކަމުގެ އިންތިޒާރުގައި ތިބީ ބާވައެވެ؟

މިގަވާއިދަކީ ކުރިން މާލޭގައި އުޅޭ ބިދޭސީންނަށް ވަކިވަކިން ދީފައިވާ ހުއްދައިގެ ބަދަލުގައި އެމީހުންނަށް ދޭ އެއްޗެކޯލައެވެ. އެއިރުން، މާލެ ތެރޭގައި ބަގުރާ ގެންގުޅޭލެއް މަދުވާނެކަމަށް ސުޓޭޓު މިނިސްޓަރު އާދިލް ބުންޏޯލައެވެ. އެވަރަކުން އެބަގުރަލެއް އެވެރިން ބޯންދޭން އާދިލުމެން ބޭނުންވަނީ ކޮންސަބަބަކާހުރެހެއްޔެވެ؟ ހޮލިޑޭއިން މެދުވެރިކޮށް އެވެރިންނަށް އަގުބޮޑުކޮށް އެބައިވަރު ވިއްކައިގެން މާރިޔާގެ ސަޓޯގެ ޖީބު ބޮޑުކޮށްދިނުން ހެއްޔެވެ؟ ނޫނީ، އެވެރިން އެއެއް ބޮއިގެން، މާލޭގެ މަގުތަކުގައި ކާލިކެޑޭތަން ބަލަންބޭނުންވާތީ ހެއްޔެވެ؟ ނޫނޭވާ؛ އެހާ ސިއްހަތަށް ފައިދާހުރި، މީރު ބުއިމަކުން ބަޔަކު މީހުން މަހުރޫމު ކުރަން ހެޔޮވާނެ ހެއްޔެވެ؟ ބަލަ، މިނިސްޓަރު ރަޝީދުއާއެވެ. ބަގުރާ ހުއްދަކޮށްގެން އުޅޭ ގައުމުތަކުގެ ވެރިން އެއުޅެނީ އޭގެ ބަލާވެރިކަމުން މިންޖުވާނެގޮތެއް ނޭގިގެންކަން އެގޭހެއްޔެވެ؟ އެއްފަހަރު ބުނާނެ ބޮއިގެން ހުރެ ކާރެއް ނުދުއްވޭނެއޭ. އަނެއް ފަހަރު ބުނާނެ ބޯ އުމުރު މަތި ކުރާނީއޭ. އަނެއް ފަހަރު ބުނާނެ މާބަޑު އަންހެނުންނާއި ޒުވާން ފުރައިގެ ކުދިންނާއި މުސްކުޅިން އެނުބޯށޯ.

Wednesday, February 24, 2010

ސަރުކާރުން އެމްޑީޕީގެ މެނިފެސްޓޯ އާ ހިލާފުވެއްޖެ!

ރިޔާސީ އިންތިހާބުގައި އެމްޑީޕީއިން ގެންގުޅުނު މެނިފެސްޓޯގައި ބުނަނީ "މަސްތުވާތަކެއްޗަށް ހުޅުވިފައިހުރި ހުރިހާ ދޮރުތަކެއް ބަންދުކުރާނަން" ކަމަށެވެ. ނަމަވެސް، ސަރުކާރުން އިއްޔެގެ ވަގުތެއްގައި ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައި ބަގުރާ ވިއްކުން ހުއްދަކުރާ ގަވާއިދު އާއްމުކުރުމުން މަސްތުވާތަކެއްޗަށް އިތުރު ދޮރުތަކެއް ހުޅުވިގެން ދިޔައީއެވެ. އެއީ އެތަނުގެ މާކެޓިން މެނޭޖަރުކަންކުރާ ދިވެއްސަކު ބުނިހެން "މިހާރު އަހަރެންނަށްވެސް މާލޭގައި ތިބެގެން ރާފޮދެއް ބޯލެވިދާނެދޯއޭ.."(1) މިއީ ހަމަ ގައިމުވެސް، ގައުމަށް އިސްލާހުގެނައުމަށް ހެޔޮނިޔަތުގައި އެމްޑީޕީގެ ފަހަތުން ނުކުތް އެތަކެއް ދިވެހިންނެއް މާޔޫސްކުރުވާނޭކަމެކެވެ. އަދި މިސަރުކާރަށް އެމްޑީޕީގެ އެތެރެއިންނާއި ބޭރުން ނުރުހުމާއި ނަފުރަތު ގެނުވާނެކަމެއް ކަމާމެދު ޝައްކެއްނުކުރަމެވެ.

ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައި ބަގުރާ ވިއްކުން ހުއްދަކުރާ ގަވާއިދު އާއްމުކުރުމުގެ ބޭނުމަކީ ކޮބާ؟

އެގަވާއިދުގައި ބުނަނީ 100 ކޮޓަރި ހުންނަ ހޮޓާކަމުން އެގަވާއިދުގެ ދަށުން ބަގުރާ ވިއްކޭނޭ ހަމައެކަނި ހޮޓަލަކީ އެމްޑީޕީ ސަރުކާރުގެ ބޮޑުން ނިސްބަތްވާ ހޮލިޑޭ އިން އެކަންޏެވެ. އެހެންކަމުން، ބުނެވޭނީ މިއީ ހަމައެކަނި ހޮލިޑޭއިންގެ ހައްގުގައި ސަރުކާރުން ހަދައިދިން ގަވާއިދެކެވެ. ފޮރުވިފައިވާ އަނެއް ސަބަބަކީ، މިކަމަށް ރައްޔިތުން ތެޅިގަންނާނެ ގޮތް ބަލާފައި، ފައްޅިއެޅުމާއި، ދީނީ މިނިވަންކަމާއި، އެއްޖިންސުން ގުޅުން ހިންގުމާއި މިބާވަތުގެ ކަންތައްތައް ޑިމޮކުރަސީ އާއި މިނިވަންކަމުގެ ނަމުގައި މަޑުމަޑުން އާއްމުކުރުމެވެ. ހޮލިޑޭ އިން ހަދާފައިވާ ގެޔަކީ އިގިރޭސިވިލާތަށް ކަޑައަޅާފައިވާ ދަބަރު އިސްތަށީގެވެރި ފަރަހަނާޒު ފައިސަލް ގެ ގެއެވެ. ހިއްސާއެއް ނެތްކަމެއްވެސް ނޭގެއެވެ. ހިއްސާ ހަމަ ގައިމުވެސް އޮތީ މާރިޔާމެން އާއިލާއަށެވެ.

މިކަމާގުޅިގެން ރައީސްއޮފީހާއި ކަމާބެހޭ މިނިސްޓަރީއިން ދެވާހަކައެއް ދައްކަނީ ކީއްވެ؟

ހަގީގަތުގައި ދެތަނުން ވެސް ދައްކަނީ އެއްވާހަކައެކެވެ. ބޭނުންވަނީ ހޮލިޑޭއިން އިން ބަގުރާ ވިއްކޭނެ ގޮތް ހަދާށެވެ. މަސައްކަތްކުރަނީ ރައްޔިތުން މާބޮޑަށް ރުޅިނާރުވައި މިކަން އަވަހަށް ކޮށްލެވޭތޯއެވެ. ރާގު ބަދަލުކޮށްލަނީ ރައްޔިތުން ތެދުވެ ހަޅޭއްފަޅޭއް ޖަހަންފެށުމުންނެވެ. ގެޒެޓޭ، ގަވާއިދު އިސްލާހުކުރަނީއޭ ކިޔާ ދައްކާ ވާހަކައަކީ ހުސްބަހަނާތަކެކެވެ. އާދިލް ސަލީމު ސުޓޭޓު މިނިސްޓަރުކަމުގައި ހުރިހާ ހިދަކު ތިޔަ ގަވާއިދު އާއްމުނުކޮށެއް ދުލެއް ނުކުރާނެއެވެ. އޭނާއަކީ ރަލުގެ މައްސަލާގައި ބަސްޓުވެފައި ހުރި މީހެއްކަން މާލޭ ރައްޔިތުން މިހާރު ދަންނާނެތެވެ. ތިޔަކަމުން މިންޖުވާނި މިނިސްޓަރު ރަޝީދާއި އާދިލު ތިޔަތަނުން ބޭރުކޮށްގެންނެވެ.

އެމްޑީޕީގެ ސަރުކާރުގެ ވެއްޓުން އަވަސްވަނީބާއެވެ؟ ސިވިލްސާވިސް މުވައްޒަފުންގެ މުސާރައިގެ މައްސަލަ، ކަރަންޓު ބިލު، ބޭކާރު ސިޔާސީ މަގާމުތަކާއި ސަރުކާރުގެ ހޭދަކުރާނެ ފައިސާ ނެތުމުގެ މައްސަލަ ... ދެން މިހާރު ބަގުރާ... މާދަމާ ފައްޅި އެޅުން...

 
Web Statistics