Sunday, February 28, 2010

ސަރުކާރުގެ ނިންމުމަށް މަރުހަބާކިޔުން

މިހާރު އާއްމުކޮށްފައިވާ ބަގުރަލާބެހޭ ގަވާއިދު އަބުރައިގެނެސް، ރައްޔިތުން ބޭނުންވާހެން (މީހުން އުޅޭ ރަށްރަށުގައި ބަގުރަލާއި އޫރުމަސް ނުވިއްކާގޮތަށް) އެގަވާއިދު އިސްލާހުކުރަން މިސަރުކާރުން ނިންމުމުން، އެކަމަށް އަހަރެމެން މަރުހަބާކިޔަމުއެވެ. އަދި، ބަޔަކުމީހަކު ކިޔާފާނެ އެއްޗަކަށް ނުވަތަ މަލާމާތަކަށް ނުބަލައި، ރައްޔިތުންގެ ވިންދާއެއްގޮތަށް އެންމެ ފަހުވަގުތުގައި ނަމަވެސް ނިންމުން ބަދަލުކުރީތީވެ އައްސަރިބަހާއި ސާބަސްދެމެވެ.

ހަމަ މިހިދުގައި ސަރުކާރަށް އިލުތިމާސްކުރާ ހިތްއޮތީ، ކޮންމެ ކޮންމެ ކަމެއްގައި ރައްޔިތުން ރޮއި ހޭރިގަތަނުދޭށެވެ. އެއަށްވުރެ ކުރިން އެމީހުންގެ ވިސްނުމާއި ފިކުރު ހުރިގޮތް ދެނެގަނެ އެގޮތަކަށް ކަންކުރެވޭތޯބަލާށެވެ. ރައްޔިތުންގެ ވިންދު އެގޭ ސަރުކާރަކަށް ވެވޭނީ އެއިރުންނެވެ. ކޮންމެ ފަހަރަކު ރޮއިގަންނަންޖެހެންޔާމު، ރައްޔިތުންގެ ބޭނުންތަކާއި ވިންދު ސަރުކާރަށް ފަހުމު ނުވަނީއެވެ. މިބީދައިން ކަންކުރެވޭނީ، އެޑުވައިޒަރުންގޮތުގައި ތިޔަ ތިބޭ ތިމާގެ ބޮޑިވަރު ބޮޑުކުރަމުން ހިގާ މާރިދުންނާއި ޖާހިލުން އެއްފަރާތްކޮށްގެންނެވެ.

އެއްވެސް ޝައްކެއްނެތް ގޮތުގައި، މިކަމާމެދު ފާޑުކިޔާނެ ބަޔަކު ތިބޭނެއެވެ. އެއީ ބަގުރަލުގެ އިންތިޒާރުގައި ތިބިމީހުންނާއި، އެވިޔަފާރިން މަންފާލިބޭނެކަމަށް ބެލެވޭމީހުންނާއި، ރާއްޖޭގެ ސަގާފަތާއި ދީން ނެތިކޮށްލަންބޭނުންވެފައިތިބި މީހުންނެވެ. ހުރިހާ އެއްޗެއް އެގޭކަމަށް ހެދިގެން އުޅޭ ރޯނުއެދުރު ދަންނަކަލޭގެފާނު ހާމަނޫހުގައި ލިޔާ މާޅޮހު ނަސީރަށް ބުނެލަންއޮތީ ހޭދެބައިވެގެން ނޫޅޭށެވެ. ހޮލިޑޭއިންގައި ބާ (ރާބޯތަނެއް) ނެހެދިއެއްކަމަކު ރާއްޖޭގެ ޓޫރިޒަމް އިދައެއްނުޖެހޭނެއެވެ. އަދި ރާފޮދެއް ނުލިބެއޭ ކިޔާފައި ސިޓީ ހޮޓާތައް ނުހިގައެއް ނުހުންނާނެއެވެ. މީހުން އުޅޭ ރަށްރަށުގައި ރާވިއްކުން މަނާކޮށްފައި ބާއްވަންޖެހޭ ސަބަބުތަކަކީ

1. އަހަރެމެންގެ (ކުރިޔާއި މިހާރުގެ) ސަރުކާރުތަކަށް އެއުޅެނީ އެއްވެސް ގަވާއިދެއް ހަމަ މަގުން ނުހިންގިގެންނެވެ. ގަވާއިދު ހެދެނީ ކަންތައްތައް ހަމަމަގުން ގެންގޮސް، ގޯހުންވާ ކަންތައްތައް ރަގަޅުކުރަންކަމަށްވާއިރު، ނަތީޖާނެރެވޭ ކިތައް ގަވާއިދު މިރާއްޖޭގައި އެބައޮތްހެއްޔެވެ؟ ކަންއޮތީ އެހެންކަމަށްވާއިރު، ވަކިން މިގަވާއިދު ރަގަޅަށް ހިންގިދާނެހެއްޔެވެ؟

2. މިހާރު އެގަވާއިދުގައި 100 ކޮޓަރިއޭ އޮތެއްކަމަކު، އެއަދަދު 20 ކޮޓަރިއަށް ބަދަލުކޮށް ސުޓޭޓު މިނިސްޓަރު އާދިލް ސަލީމުގެ މާބުލު ހޮޓަލުގައި ބާ ނަހަދާ ހުރެދާނެހެއްޔެވެ؟ އެއިރުން، އެކަމަށް ދައްކާނެ ހުއްޖަތް މާގިނަވާނެއެވެ. އެއިރުން ހޮލިޑޭއިން ހަމައެކަނި ރާ ވިއްކޭތީވެ، ވިޔަފާރީގައި ހަމަހަމަ ފުރުސަތު ދިނުމުގެ ގޮތުން އެހެން ތަންތަނަށްވެސް އެފުރުސަތު ދޭންޖެހިދާނެއެވެ.

3. މީހުން އުޅޭ ރަށްރަށުގައި ރާނުވިއްކާ ޓޫރިޒަމް ވިޔަފާރީގައި 40 އަހަރު ހޭދަކޮށްފީމެވެ. ބޯންބޭނުން މީހަކު ރިސޯޓުގައި ބޮއިގެން، މޫދުގައި އޮވެދާނެ ނޫންހެއްޔެވެ؟ އަހަރެމެންގެ ޅަދަރިންނާއި އަބިން އެވެރިން ރަލުގެ މަސްތުގައި ތިބެގެން އުޅޭ މޮޔަ ވައްތަރު ބަލާކަށް ނުޖެހޭނެތާއެވެ. އަދި ބިރަކުން އުޅޭކަށް ނުމެޖެހޭނެތާއެވެ. އަދި ނުވީތާކަށް، ބޮގެން މާލޭގެ މަގުތަކަށް ހޮޑުލައި، ކާލިކެޑި ނުވަތަ އެއްކޮޅުން އެއްޗެތި ދުއްވާ މަގުތަކުން ދެކޮޅަކަށް ނުމެދުއްވާނެތާއެވެ. ޔަގީނުންވެސް ބުނަންޖެހޭނީ، އެގޮތަށް އެގަވާއިދު އިސްލާހުކޮށްފިނަމަ އަހަރެމެންގެ ތެރޭގައި އުޅޭ ރާނުބޯ ބިދޭސީންވެސް ރާބޯންފަށާނެއެވެ. އަދި އެއަދަދު އިތުރުވެ، ބޯމިންވަރު ގިނަވެގެންދާނެއެވެ. އެއިރުން މިހާރަށްވުރެ ހާލަތު ގޯސްވާނެއެވެ.

ގިނަބަޔަކީ ކަންތައްތައް ގޯހުންދާތީ ހަމައެކަނި ފާޑުކިޔައި، ރަނގަޅަށް ކަމެއްވާ ފަހަރެއްގައި ނަމަ ތިބޭނީ ހަމަ ހިމޭނުންނެވެ. ނަމަވެސް، އެއަކީ އަހަރެމެން ގަބޫލުކުރާ ފަލުސަފާއެއްނޫނެވެ.

0 comments:

 
Web Statistics