Friday, February 26, 2010

އަދާލަތު ޕާޓީ ސަރުކާރުން ވަކިވާކަށް އަދި ނުޖެހޭ

ނޫ ހުންޖެހިފައި ތިބި މީހުން، މައުމޫނު ވެރިކަމުން ބޭލިކަމުގެ ރުޅީގައި އަދާލަތަށް ނަފުރަތުކުރެއެވެ. ސަރުކާރުން އިސްތިއުފާދިނުމަށްފަހު، ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމަށް ގޮވާލައެވެ. އިސްތިއުފާދިނަސް އެވެރިން ތިޔަބައިމީހުންގެ ފަހަތަކުން ނާންނާނެއެވެ. ރީދޫ ހުންޖެހިފައި ތިބި މީހުންކުރެ ދީނެއް މިއްލަތެއް ގަބޫލުނުކުރާ މީހުން އަދާލަތުދެކެ ނަފުރަތުކުރަނީ އިސްލާމުދީން ކުރިއަރުވައި، ދީނީ ހޭލުންތެރިކަން ދިވެހިންގެ މެދުގައި އުފައްދާތީވެއެވެ. އެބައިމީހުންވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް އިސްލާމިކް މިނިސްޓުރީ އުވާލައި އެވެރިންގެ ދީން (އެތީޒަމް) ކުރިއެރުވުމަށް ހުރި މަގުތައް ތަނަވަސްކުރުމެވެ. މިދެބައިމީހުންނަކީ އެއްވެސް ގޮތަކަށް އަދާލަތަށް ހެޔޮއެދޭނޭ ބަޔެއްނޫނެވެ. އޭއަދާލަތާއެވެ. ކަނުލައި އަޑުއަހާށެވެ. ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމެއްކަމަކު ވެރިކަން ކުރަނީ ރައްޔިތުން ވޯޓުދީގެން ހޮވި ކޮލިސަންގެ ސަރުކާރަކުންނެވެ. އޭގެ ތެރޭގައި ތިބައިމީހުންވެސް ވެއެވެ. އެހެންކަމުން، ސަރުކާރުގެ އެހެން ބައިވެރިން ކުރާ ނޭދެވޭކަންތައްތަކަށް ފާޑުކިޔޭނެއެވެ. ކިޔަންވެސް ޖެހޭނެއެވެ. އެކަމާ ނުރުހެންޔާމު، ވެރިމީހާ އިސްތިއުފާދީ، އެވެރިޔާ އިތުރަށް ބަހައްޓަން ފެނޭތޯ ރައްޔިތުންގެ ވޯޓަކަށް ދިޔުމަށް ފުރުސަތުދޭށެވެ. ޑިމޮކުރަސީގެ އުސޫލަކީ އެއީއެވެ.

މިހިދަށް އިސްތިއުފާ ނުދޭށޭ ބުނަންޖެހެނީ ދީނެއް މިއްލަތެއް ގަބޫލުނުކުރާ މީހުންގެ މަގުސަދު ހާސިލުވިޔަ ނުދިނުމަށެވެ. އަދި ސަރުކާރަށް ބޮޑަށް ޕުރެސަރުކުރެވޭނީ ތިޔަގޮތުގައި އޮވެގެންނެވެ. ރައީސް ނަޝީދު މަގާމުން ވަކިނުކުރަނިސް އަމިއްލައަށް އިސްތިއުފާނުދޭތިއެވެ. ބަގުރަލަށް ހުއްދަދީފިތަ، ސަރުކާރުގެ ތެރެއިން ފިޔަވަޅުއަޅާށެވެ. ރައީސް ނަޝީދު ތިޔަވެރިން މަގާމުން ވަކިކޮށްފިނަމަ، އެޕާޓީގައި ތިބި ދީނަށް ލޯބިކުރާމީހުން ތިޔަބައިމީހުންނާމެދު ހަމްދަރުދީވާނެއެވެ. އަދި ނަޝީދުގެ ސަރުކާރާ ދެކޮޅުވެ، ސަރުކާރު ވައްޓާލަން މަސައްކަތް ފަށާނެއެވެ. އެމްޑީޕީގެ އެތެރެއިން، ދާއިރާތަކުގެ ނަމުގަޔާއި ގޮފިތަކުގެ ނަމުގައި ނޫސްބަޔާންތައް ނެރެންފަށާނެއެވެ. އެކަމުގެ ކޮޅުމަތި މިހާރުވެސް އަހަރެމެންނަށް އެބަ ފެނެއެވެ. އެމްޑީޕީއަށް މަރުދަންދޭ ބަޔެއްމީހުން މިހާރުވެސް ނަޝީދާ ދެކޮޅަށް ލިޔަންފަށައިފިއެވެ. މިމައްސަލައާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށައެޅުމާމެދު ވާހަކަ އެބަދެކެވެއެވެ.

ސަރުކާރުގައި ތިބެގެން ސަރުކާރު ތެރެއިން ފިޔަވަޅު އަޅާނީ ކިހިނެއް؟

1. ފިގުހު ކޮމެޓީއަށް އެމައްސަލަ ހުށައަޅައި އާއްމުވެގެންވާ ފަތުވާއެއް ނެރުން

2. އެގަވާއިދު ގާނޫނު އަސާސީގެ 10 ވަނަ މާއްދާއާއި ހިލާފުވާތީވެ ބާތިލުކޮށްދިނުމަށް ސުޕުރީމު ކޯޓަށް ހުށައެޅުން

3. ރައީސް ނަޝީދު ސޫލާސިރާޖީ ބެއްލެވިކަމަށް ބުނާ މައްސަލަ ތަގުގީގުކުރުމަށް މިނިސްޓުރީގެ ނަމުގައި ފުލުހުންނަށް ހުށައެޅުން

4. ރިޔާސީ ކޮމިސަން މެދުވެރިކޮށް ހޮލިޑޭއިންގެ މަސްލަހަތަށްޓަކައި އެތަކެއް ރައްޔިތުންގެ އާދޭހާ ދެކޮޅަށް ގަވާއިދެއް ހަދަންޖެހުނު ސަބަބު ބަލާނެކަން އިއުލާންކުރުން

5. ހޮލިޑޭއިންގެ މަސްލަހަތަށްޓަކައި އެތަކެއް ރައްޔިތުންގެ އާދޭހާ ދެކޮޅަށް ޓުރޭޑުން ގަވާއިދެއް ހެދި މައްސަލަ ތަހުގީގުކުރުމަށް އެންޓިކަރަޕްޝަނަށް މިނިސްޓުރީގެ ނަމުގައި ހުށައަޅައި އެކަން އިއުލާނުކުރުން.

މަތީގައި ބުނެފައިވާ ކަމެއް ކޮށްގެން މަގާމުން ވަކިކޮށްފިއްޔާމު ރައީސް ނަޝީދުގެ އަގު އާއްމުންގެ ކުރިމަތީގައި ވަރަށް ބޮޑަށް ވެއްޓޭނެކަން ހަދާންކުރާށެވެ.

0 comments:

 
Web Statistics