Tuesday, April 21, 2009

މޮބައިލު ފޯނުން ދިވެހި ވެބްސައިޓުތައް ބަލާނެ ގޮތް

އިންޓަނެޓަށް ވަނުމަށްޓަކައި ގިނަބަޔަކު މޮބައިލުފޯނު ބޭނުންކުރެއެވެ. އިންޓަނެޓަށް ފޯނުގެ ޒަރިއްޔާއިން ވަނުމަށްޓަކައި ބޭނުންކުރާ އެންމެ މަޝްހޫރު ބުރައުޒަރަކީ އޮޕެރާ ކުންފުނީގެ (miniopera) މިނީއޮޕެރާއެވެ. މިނީއޮޕެރާ ބޭނުންކޮށްގެން ދިވެހިން ލިޔެފައި ހުންނަ ވެބްސައިޓުތައް ބެލުމަށްޓަކައި

1. ޔޫއާރުއެސް ނުވަތަ ސައިޓުގެ އެޑްރެސްލިޔާތަނުގައި "config:" ލިޔެލުމަށްފަހު، ސުކުރީނުގެ ވާތް ފަރާތުގައިވާgo to އަށް ކުލިކުކޮށްލާށެވެ.

2. use bitmap fonts for complex އާ ދިމާލުގައިވާ no އަށް ކުލިކުކޮށްލާށެވެ. އެއަށް ފަހު އެތަން yes އަށް ބަދަލުކޮށްލާށެވެ.

3. ސަފުހާގެ އެންމެ ތިރިއަށް ގޮސް "save" އަށް ކުލިކުކޮށްލައި، ސެޓިން ފޯނުގައި ރައްކާކުރާށެވެ. މިހާރު ކުރިން ފެންނަ ގޮޅިތަކުގެ ބަދަލުގައި ތާނަ އަކުރު ފެންނާނެއެވެ. މިކަމާގުޅޭ ވީޑިޔޯ ބައްލަވާށެވެ.



..

4. މިހާރު ފޮންޓު ރީތިކޮށް ފެންނާނެއެވެ. ނަމަވެސް، އެއް ސަފުހާއިން އަނެއް ސަފުހާއަށް ދިޔުމުގެ ތެރޭގައި އަކުރުތަކުގައި މައްސަލަޖެހިދާނެއެވެ. މިސާލަކަށް، ލަފުޒުތަކުގެ ދޭތެރެ މާބޮޑަށް ދުރުވުން ނުވަތަ އަކުރުތަކާ ފިލިތައް މަސްހުނިވުމެވެ. މިހެން ވެއްޖެނަމަ، ސެޓިންސްއަށް ގޮސް ފޮންޓުގެ ސައިޒު އެހެން ކޮންމެވެސް ސައިޒަކަށް ބަދަލުކޮށްލުމުން ރަނގަޅުވެދާނެއެވެ. މިކަމާގުޅޭ ވީޑިޔޯ ބައްލަވާށެވެ.



..

ސުވާލާއި ޖަވާބު

(ހ) ތިޔަގޮތަށް ސެޓިންސް ހަދައިގެން ވެސް ހަވީރު ނޫހާއި މިއަދު ނޫހުގައި ލިޔެފައިހުންނަ ލިޔުންތަކުން ތާނައަކުރެއް ނުފެނޭ.

ޖަވާބު: އެވެބުސައިޓުތަކުގައި ބޭނުންކުރަނީ ވިންޑޯސް 98 ގެ ފޮންޓުތައް. މިގޮތަށް ހަދައިގެން ފެންނާނީ ހަމައެކަނި ވިންޑޯސް އެކްސްޕީގެ ފޮންޓުތައް ނުވަތަ ޔުނިކޯޑު ފޮންޓުތަކުން ލިޔެފައި ހުންނަ ސައިޓުތައް. އެހެންނަމަވެސް، ފޯނަށް އެފޮންޓުތައް އަޅައިގެން އޮޕެރާ ކުންފުނީގެ އޮޕެރާ މޮބައިލު ބުރައުޒަރުން ނުވަތަ އިންޓަނެޓު އެކްޕުލޯރާ މޮބައިލު ބުރައުޒަރުން އެސައިޓުތައް ރީތިކޮށް ފެނިދާނެ.

(ށ) މިނީއޮޕެރާ ޑައިންލޯޑުކުރާނީ ކިހިނެއް؟ މިއަށް ފައިސާ ދައްކަންޖެހޭތަ؟

ޖަވާބު: މިއީ އެއްވެސް އަގަކާނުލައި މިނީއޮޕެރާގެ ވެބްސައިޓުން ހިލޭ ޑައުންލޯޑުކުރެވޭ ފޯނުގައި ބޭނުންކުރާ ބަރައުޒަރެއް. މިނީއޮފެރާ ބުރައުޒަރާއި އޮޕެރާ މޮބައިލު ބުރައުޒަރަކީ ތަފާތު ދޭތި. އޮޕެރާ މޮބައިލު ބުރައުޒަރު ޖެހޭނީ ގަނެގެން ފޯނަށް އަޅަން.

(ނ) މިގޮތަށް ތާނައިން ލިޔެފައި ހުންނަ ސައިޓުތައް ކިޔުމުން ބިލުބޮޑުވާނެތަ؟

ޖަވާބު: އާނ. އިގިރޭސި އަކުރުން ލޔެފައި ހުންނަ ސައިޓެއްގައި ހުންނަ އެވަރުގެ ލިޔުންކޮޅަކަށް ވުރެން މިހެން ހުންނަ ތާނައަކުރުގެ ލިޔުންކޮޅެއް ފޯނުން ބަލާލުމަށް ކުޑަކޮށް ހަރަދުބޮޑުވާނެ. ސަބަބަކީ މިސެޓިންސް އިން ހަގީގަތުގައި ކުރާކަމަކީ ފޮންޓުތައް ތަސްވީރުތަކަކަށް ބަދަލުކޮށްލަނީ. ލިޔުން ޑައުންލޯޑުކުރުމަށްވުރެ ތަސްވީރު ޑައުންލޯޑުކުރުމަށް ގިނަ ބައިޓުސް ޑައުންލޯޑުކުރަންޖެހޭ.

Thursday, April 16, 2009

ވިލާތު މީހުންނަށް ސަލާންޖަހައިގެން 5 ވައުދު ފުއްދައިދެވިދާނެބާ؟

ނަޝީދު ވެރިކަމާ ހަވާލުވުމަށްފަހު ރާއްޖޭން ބޭރަށް ގިނަގިނައިން ދަތުރުތައް ކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާތަން ފެނެއެވެ. ބޭނުމެއްކަމެއް ބޮޑަށް ބެލެވެނީ އެވިދާޅުވާ 5 ވައުދު ފުއްދުމަށް ބޭނުންވާ ފައިސާ ނުވަތަ އިންވެސްޓުމަންޓުތައް ލިބޭނެ ގޮތެއް ފެނޭތޯ ބެލުމެވެ. ރާއްޖޭގެ ބައިތުލްމާލުގައި ފައިސާނެތް އިރުވެސް، މިދަތުރުތަކުގެ ހަރަދުބަރަދު ހަމަޖައްސަނީ ދަރަންޏަށް އެމްއެމްއޭ އިން ފައިސާ ނަގައިގެން ނުވަތަ ފައިސާ ޗާޕުކޮށްގެންނެވެ. ނަމަވެސް، ހަގީގަތަކީ މިހާތަނަށް ކުރެއްވި ދަތުރުތަކުން މާބޮޑު ކާމިޔާބެއް ލިބިފައި ނެތް ކަމަށެވެ. އަދި އެމްއެމްއީ އިން ފައިސާ ނެތުމުގެ ސަބަބުންނާއި ފައިސާ ޗާޕުކުރުމުގެ ނަތީޖާއެއްގެ ގޮތުން ނޭދެވޭ އަސަރު ރާއްޖޭގެ އިގުތިސާދަށްކުރުމެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ބަލިމަޑުމަކުގެ މައްޗަށް އިތުރު ވޭނެއް ދިވެހިރައްޔިތުން އުފުލަންޖެހުމެވެ.

އިޓަލީވިލާތުގެ ދަތުރުގައި އިޓަލީވިލާތުގެ ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅަކާ ބައްދަލުކުރެވިފައެއް ނުވެއެވެ. ބޮޑު ވަޒީރު ނުވަތަ ބޮޑު ވަޒީރުގެ ނައިބު ނުވަތަ މިނިސްޓަރު ފެންވަރުގެ ބޭފުޅަކާވެސް ބައްދަލުކުރަން އުޅެ އެކަމެއް ނުވިއެވެ. އެންމެ މަތީ ފެންވަރުގެ މީހަކަށް ވެސް ބައްދަލުވެވުނީ ރަށެއްގެ މޭޔަރަކާއެވެ. އެއީ ރާއްޖޭގައި ނަމަ ރަށު ބޮޑުކަތީބެވެ. ބިލިއަނުން އިންވެސްޓުމަންޓު ލިބޭނެކަމަށް ބުނިއިރު ވެސް، މިއީ ހަގީގަތަކަށް ވުރެ ބޮޑަށް ކުރެވޭ ހަމައެކަނި ފޮނި އުއްމީދެކެވެ. މިހެން މިބުނީ، އިޓަލީވިލާތު ދަތުރަށްފަހު ނަޝީދުގެ ސަރުކާރުން އިޓަލީވިލާތުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓުކުރާނެ ދާއިރާތަކާއި އޭގެ އެއްވެސް ތަފުސީލެއް ދޭން ނޭގުނީތީވެއެވެ. އަދި އެދަތުރުތަކުގައި އެއްވެސް އެގުރިމެންޓެއްގައި ސޮއި ކުރެވިފައިނުވާތީވެއެވެ. އާއެކެވެ. އެދަތުރުގައި އެމްއޯޔޫތަކެއްގައި ސޮއިކުރިއެވެ. ނަމަވެސް އެޔަކީ އަމަލީސިފަ ނެގުމަށް ގާނޫނީގޮތުން ބާރުއަޅާ އެއްބަސްވުންތަކެއް ނޫންކަން ފާހަގަކުރަމެވެ.

ދެންއޮތީ އިގިރޭސިވިލާތުގެ ދަތުރުތަކެވެ. އެންމެ ފަހުން ނަޝީދު ކުރެއްވި ދަތުރަކީ ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅަކު ކުރެއްވި ދެވަނަ ދަތުރެވެ. ކުރިން ނައިބު ރައީސް ޑރ ވަހީދުވަނީ އެމްއެމްއޭ އިން ދަރަންޏަށް ލާރިނަގައިގެން އިގިރޭސިވިލާތަށް ދަތުރެއް ކުރައްވާފައެވެ. މިއިން ކޮންމެ ދަތުރެއްގައި ވެސް "ގުޅުން ރަނގަޅުކުރުމާބެހޭ" ހުސް ހޮޅި ވާހަކަތަކެއް ދެއްކުން ނޫންކަމެއް ނުކުރެވުނެވެ. އެއްވެސް ތަނަކުން ނުވަތަ އެއްވެސް ބަޔަކު ރާއްޖޭގެ އުމުރާނީ ތަރައްގީގެ މަސްރޫއުތަކުގައި އެއްބާރުލައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ވާހަކައެއް ނީވެއެވެ. ނޫނީ ލޯނެއް ނުވަތަ އިންޓަރެސްޓު ކުޑަ ލޯނެއް ދޭނެ ވާހަކައެއްވެސް ނުބުނެއެވެ. ވީހާވެސް ވަރަކީ އަމަލީ ސިފަގެނައުމަށް އެއްވެސް ވަރަކަށް ބާރުނާޅާ އެމްއޯޔޫތަކެއްގައި ސޮއިކުރިއެވެ. އެމްއޯޔޫ ނުވަތަ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އަކީ ހަގީގަތުގައި ތިމަންމެން ތިޔަކަން ކުރުމަށް ޝައުގު އެބައޮތުމޭ ބުނުމުގެ ގޮތުން ސޮއިކުރާ ލިޔުމެކެވެ.

ދިވެހިރާއްޖޭގެ އުމުރާނީ ތަރައްގީގެ މާޒީއަށް ބަލާއިރު ވިލާތުތަކުން މާބޮޑު އެހީތެރިކަމެއް ވެފައި ނުވާކަން އެނގެއެވެ. އީޔޫއިން އެމީހުން ބޭނުންވާ ކޮންމެވެސް ކަންތައްތަކެއް ފުރިހަމަކުރުމަށް އެއްޗެއް ނުދޭ ވާހަކައެއް ނޫނެވެ. ހަގީގަތުގައި، އުމުރާނީގޮތުން ރާއްޖެ ތަރައްގީކުރުމަށް ބޭނުންވާ ފައިސާ ހޯދަންވެއްޖެޔާމު ދާންވީ ޖަޕާނަށެވެ. ނުވަތަ ނަޝީދުގެ ސަރުކާރުގެ ބޮޑުން ހަޖޫޖައްސަވާ އަރަބި ވެރިންގެ ގާތަށެވެ. މެޑެއްޔާއި ލަގަބުދޭން ހުށައަޅަންވީ އެވެރިންނަށް ނޫންހެއްޔެވެ؟

ދެން އޮތްގޮތަކީ، އެހެން ގައުމުތަކުގައި ވެސް ކަންކުރާ ފަދައިން، ވިޔަފާރިތަކުން ޓެކްސްނަގައިގެން ލިބޭ ފައިސާއިން ގައުމު ތަރައްގީކުރަންވީއެވެ. ލިބޭ އާއްމުދަނީއިން ޓެކްސް ނަގަންވީއެވެ. ދެމެހެއްޓެނިވި ގޮތެއްގައި މިކަންކުރެވޭނެ ގޮތަކީ މިއީއެވެ. ރާއްޖޭގެ ގުދުރަތީ މުއްސަދިކަމުގެ ބޭނުންކޮށްގެން ވިޔަފާރިކޮށް، މިލިއަނުން، ބިލިޔަނުން އާއްމުދަނީ ލިބޭ ވިޔަފާރިވެރިން ރާއްޖޭގެ ޓޫރިޒަމް ވިޔަފާރީގައި މަދެއް ނޫނެވެ. ރާއްޖޭންބޭރުގައި އެވެރިންގެ އަބިދަރިން އުޅޭ ފެންވަރުން މިކަން އެގޭނެއެވެ. އެންމެ ތިން ލައްކަ މީހުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދައި ނުދެވެންވީ ސަބަބެއް ނެތެމެވެ. ދިވެހި ވިޔަފާރިވެރިން ހިތުން ރުހުމުން ތިޔަވިދާޅުވާ ތަރައްގީގެ މަސްރޫއުތައް ވިޔަފާރި އުސޫލުން ރައްޔިތުންނަށް ހެޔޮއެދިގެން ކުރަން ބޭނުންނަމަ، އެވެރިން މިއަދު ތިބީހީ ޓޫރިޒަމްގެ ގާނޫނު ބުނާގޮތަށް ރިސޯޓުތަކުގެ ހިއްސާ ދިވެހިރައްޔިތުންނަށް ވިއްކައިގެން ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްގެންނެވެ. ނަމަވެސް، އެކަން އެގޮތަށް ވީތޯއެވެ؟ ހަގީގަތް ގަބޫލުކުރައްވާށެވެ!

އޭއް ނަޝީދެވެ. ލިބުނު ވަގުތުގެ ބޭނުން ހެޔޮގޮތުގައި ކުރައްވާށެވެ. ވައުދު ފުއްދައިދިން ވެރިއަކަށް ވެލައްވާށެވެ. މަޖިލީހުގެ އަގުލަބިއްޔަތު ލިބޭކަށް ނެތެވެ. އަދި ދެން އިތުރު ދައުރަކަށް ހޮވޭކަށް ވެސް ނެތެވެ.

Sunday, April 12, 2009

ޢިއްޒަތްތެރި ރައީސެވެ! ބަސްމަގަށް ސަމާލުކަން ދެއްވާށެވެ.

(އެޑިޓަރުންގެ ނޯޓު: މިލިޔުމަކީ ކުރީގެ އިންފޮމޭޝަން މިނިސްޓަރު (ކުއްޓި) ނަޝީދު އޭނާގެ ކެމްޕޭނު ސައިޓުގައި ޖަހާފައިވާ ލިޔުމެކެވެ. މިތަނުގައި އެލިޔުން ނަކަލުކުރުމަށް ގަސްދުކުރީ އެވާހަކަތަކަކީ އަހަރެމެންވެސް ރައީސް ނަޝީދަށް ދަންނަވަންވެފައި އޮތް ވާހަކަތަކަކަށް ވެފައި، އަދި އެއް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ބަޔަކަށްވާތީވެ ރައީސް ނަޝީދަށް ހަދާންކޮށްދިނުމަކީ އަހަރެމެންގެ މައްޗަށް މާއައުލާކަންބޮޑު ކަމަކަށްވާތީވެއެވެ. އަދި މިހިނދު ދިވެހިދައުލަތުގެ ރައީސުލްޖުމްހޫރިއްޔާއަކީ މިދިވެހިދައުލަތުގެ ހައިބަތުކަމާއި އެހައިބަތު ނަގާނުލުމަށް އަދަބުވެރިކަމާއެކު ވަސިއްޔަތްކުރަމެވެ.)

ޢިއްޒަތްތެރި ރައީސެވެ. ރައްޔިތުންގެ މަޖިލީހަށްޓަކައި އެމް.ޑީ.ޕީން ކުރައްވާ ކެމްޕޭން ފެށްޓެވުމުގެ އިފްތިތާޙީ ޖަލްސާގައި، މިދިޔަ ހޮނިހިރުދުވަހުގެ ރޭ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ބޭނުންކުރެއްވި ބައެއް ބަސްބަހާއި ބައެއް ޢިބާރާތް އަޅުގަނޑު އަޑުއެހީ، ހިތްދަތިކަމާއި ހިތްނުތަނަވަސްކަމާއެކުގައެވެ. ދިވެހި މި ޤައުމަށް އުފަން ދިވެހި ދަރިއެއްގެ ހައިސިއްޔަތުން، ނުހަނު ހިތާމަކުރަމުންނެވެ.

މިގޮތަށް، މި ލިޔުން، ޤައުމެއްގެ ރައީސަށް މުޚާޠަބުކުރުމަކީ، އަޅުގަނޑަށް ވަރަށް ދަތިކަމެކެވެ. އަދި އެ ރައީސަކީ، އަޅުގަނޑުވެސް ގާތުންދަންނަ ރަޙްމަތްތެރިއަކަށް ވާކަމީ، މި ލިޔުން ލިޔުމަށް، އިތުރު ހިތްދަތިކަން ލިބުނު ކަމެކެވެ.

މިފަދަ ލިޔުންތައް ލިޔުމަށް އަޅުގަނޑަށް ލިބުނު ގިނަ ފުރުޞަތުތަކެއްގައި، ދިވެހި ޤައުމުގެ ރައްޔިތުންނާ މުޚާޠަބުކުރައްވާއިރު، މަނިކުފާނު މިއަދު ހުންނެވި މަތިވެރި މަގާމުގެ ހައިބަތާއި ޤަދަރާ އެއްފަދައިން، އޯގާތެރިކަމާއި، މަޑުމައިތިރިކަމާއި، އަދަބުވެރިކަމާއި، ރިވެތި ސުލޫކާއި ރިވެތި ބަސްމަގު އިޚްތިޔާރުކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަޅުގަނޑު ވާނީ، ލިޔުންތަކެއް ލިޔެފައެވެ. ބާކީބައި ވިދާޅުވުމަށް

Tuesday, April 7, 2009

ކުށްވެރިންނަށް ވޯޓުލެވުމަކީ މިނިވަނުންނަށް ކުރެވޭ މަލާމާތެއް

ލިޔުނީ އިބްރާހީމް ނައީމް

ޖަލުގެ ބޭނުމަކީ ކުށްވެރިންނަށް އަދަބެއް ދިނުމެވެ. އެއަދަބަކީ މިނިވަނަށް ލިބިފައިވާ އަސާސީ ހައްގުތަކުގެ ތެރެއިން ބަޔެއް އެމީހުންގެ ކިބައިން މަރުހޫމު ކުރުމެވެ. ނުވަތަ ވަގުތީގޮތުން ހިފެހެއްޓުމެވެ. ޖަލުން މިނިވަންވެ އެމީހަކަށް ދެވިފައިވާ މުއްދަތެއް ހަމަވަންދެކަށެވެ. އެކަން ޖަލަށް ލެވޭ މީހުން ގަބޫލުކުރަން ޖެހޭނެއެވެ. މިނިވަނެކޭ އެއް ފަދައިން ހުރިހާ އަސާސީ ހައްގުތަކެއް ލިބި، އާދައިގެ މީހަކަށްވުރެ އަރާމާއި އުފަލުގައި އުޅެވޭ ތަނަކަށް ޖަލުވާނަމަ ޖަލަށް މީހުން ލުމުގެ އެއްވެސް މާނައެއް ނެތެވެ. މިމޭރުމުން، ޕޯލް ސެލޫސީ، އެމެރިކާގެ މަޗަސުސެޓްގެ ކުރީގެ ގަވަނަރު ވިދާޅުވަނީ "އެމީހުން (ޖަލުގައި ތިބޭ ކުށްވެރިން) ޖަލުގައި މުއްދަތު ހަމަކުރަމުން ދާއިރު ވޯޓުލެވިގެން ނުވާނެއެވެ. އެއީ އެކަމާ ބަޔަކު ބަހުސެއް ކުރުމުގެ ބޭނުމެއް އޮތްކަމެއް ނޫނެވެ. ޖަލަކީ އަދަބެއް ލިބުމަށް ދާތަނެކެވެ. ޖަލުގައި ހުންނަ ހުރުމުގައި ވޯޓުލުމުގެ ހައްގު ވަގުތީގޮތުން ހިފެހެއްޓުމަކީ އެއަދަބުގެ ބައެކެވެ."

ކަންމިހެން އޮތްއިރު، ދިވެހިރާއްޖޭގައި ދޭތެރެ ދޭތެރެއިން ޖަލުގައި ރޯކޮށް، މާރާމާރީ ހިންގައި، މަސްތުވާތަކެތި ފާޅުގައި ބޭނުންކޮށް، އެއްޖިންސުން ގުޅުން ހިންގައި، ޖަލު ބަހައްޓަން ތިބިމީހުންނަށް ޖަލު ނުބެލެހެއްޓިގެން އުޅޭއިރު އަހަރެމެން މިއުޅެނީ އެމެރިކާގަޔާއި ހުޅަގުގެ އެހެން ގައުމުތަކުގައި ވެސް އަދިވެސް ބަހުސްކުރެވެމުންދާ މައްސަލައެއް ކަމަށްވާ 'ޖަލުގެ ކުށްވެރިންނަށް ވޯޓުލެވެންޖެހޭތޯ ނުވަތަ ނޫންތޯ' އަށް ގޮތެއް ނިންމާފައެވެ. އަހަރެމެންގެ މޮޔަކަން ނިކަންދެކެބަލާށެވެ. އިންސާނީ ހައްގުގެ ނަމުގައި މިނިވަނުންނަށް ވުރެ ގިނަ ހައްގުތަކެއް ޖަލުގެ ކުށްވެރިންނަށް މިއަދު މިވަނީ ދެވިފައެވެ. އެވެރިން ޖަލުގެ ތެރޭގައި މިނިވަންކަމާއެކު އެކީ އެކިކަހަލަ މަޖާނަގައި، ޓީވީ ބަލައި، ކޮމްޕިޔުޓަރު ކުޅެ، މޫދުން މަސްހިފައި ކައިބޮއިހަދާ، ރައްޓެހި ތިމާގެ މީހުންނާ މޮބައިލު ފޯނުން ވާހަކަދައްކާލައި ހުސްވަގުތުތައް ފުރަމުން، މާފުށީ ރަށުގެ ގިނަ އާއިލާތަކަށް ވެސް ނުލިބޭ ފެންވަރުގެ ނާސްތާ ކާލައިގެން، މިނަރަލް ފެންބޮއިގެން އެއިން ފެންވަރައިގެން އުޅުމަކީ އަދަބަކަށް ވުރެން އިއްޒަތްތެރިންނަށް ދެވޭ ފެންވަރުގެ މެހެމާންދާރީއެކޭ އަހަރެމެން ބުނުން މާރަނގަޅުވާނެއެވެ.

އޭއް އިލެކްސަން ކޮމިސަނުގެ މެމްބަރުންނޭވެ. ކުށްވެރިންނަށް އެމީހުންގެ ޖަލުގެ މުއްދަތު ފުރަމުން ދާ ދިޔުމުގައި ވޯޓުލެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި އެބައޮތް ހެއްޔެވެ؟ ނުވަތަ އެހެން ބުނެ ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށްފައި އެބައޮތްހެއްޔެވެ؟ ނިކަން ދައްކަބަލާށެވެ؟ ގާނޫނަކުން ލިބިދީފައި ނުވާ ބާރެއްގެ ބޭނުންކޮށް، ގާނޫނާ ހިލާފު ކަންތައްތައް ކުރަން ނޫޅޭށެވެ. ޖަލުގެ ކުށްވެރިންނަށް ވޯޓުލާން ފުރުސަތު ދިނުމުގެ ކުރިން އެކަމާގުޅޭ ގާނޫނެއް މަޖިލީހުން ފާސްކުރުވާށެވެ. މީހުން މަރައި، އެތަކެއް ބަޔެއްގެ ހައްގު ފޭރިގަނެ، އުމުރަށް ޖަލަށް ލެވިފައިތިބި ބަޔަކު ގައުމުގެ މުސްތަގުބަލާމެދު ވިސްނައި، އަންނަން އޮތް ޖީލުތަކަށް ނުވަތަ މިނިވަނުންނަށް ލާބަހުރި ގޮތަކަށް ޒިންމާދާރުކަމާއެކީ ވޯޓުލާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ ބަލަ ހަމަހޭގައި ތިބެ، ބުއްދި ފިލާދިޔައީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ، ޖަލުގެ ކުށްވެރިންނަށް ވޯޓުލާން ދިނުމަށްވުރެ ގުރައިދޫގައި ތިބިމީހުންނަށާއި މިގައުމުގެ ކުޑަބޮޑު އެންމެންނަށް ވޯޓުލުމުގެ ހައްގުދިނުން މާއައުލާކަންބޮޑެވެ.

Monday, April 6, 2009

ހަބަރު ދިރާސާ އަދި ރައީސް ނަޝީދަށް ކުރާ އާދޭސް

1. އަނެއްކާވެސް ބޮޑު ފައުޖެއް ގޮވައިގެން ރައީސް ނަޝީދު އިގިރޭސިވިލާތަށް

މަދުވެގެން 1 ލައްކަ ޑޮލަރު (ނުވަތަ 1 މިލިއަން ދިވެހި ރުފިޔާ) ހަރަދުވާނެކަމަށް ބުނެ ބޮޑު ފައުޖަކައިގެން ރައީސް ނަޝީދުގެ ދެކަބަލުން އިގިރޭސިވިލާތަށް ވަޑައިގެންފިއެވެ. އެފައުޖު ގޮވައިގެން އިޓަލީވިލާތަށް ވަޑައިގަތީ މިދިޔަ ފެބްރުއަރީ މަހުގެ މެދުތެރޭގައެވެ. ވެރިކަމަށް 100 ދުވަސް ވީދުވަހު ހުންނެވީ އިޓަލީވިލާތުގައެވެ. އެތަނުން ބިލަނުން ފައިސާ ލިބޭނެކަމަށް ވިދާޅުވިއިރު، އިޓަލީވިލާތުގެ ސަރުކާރުގެ އިސް ބޭފަޅާ ބައްދަލުކުރެވިފައެއް ނުވެއެވެ. ބޮޑުވަޒީރެއް ނުވަތަ ބޮޑުވަޒީރުގެ ނައިބުގެ ނޫނީ އެފެންވަރުގެ މީހެއްގެ ފައިންފުޅެއްވެސް ނުފެނުނެވެ. ބައްދަލުވީ ރަށެއްގެ މޭޔަރަކާއެވެ. ރާއްޖޭގައި ނަމަ އެއީ ރަށެއްގެ ބޮޑު ކަތީބެކެވެ. މިފަހަރު ކިހާވަރަކުން ދާނެބާވައެވެ؟ ބަލަ، ރައީސް ނަޝީދެވެ. ރާއްޖޭގެ ހަޒާނާއިން ދަރަންޏަށް ލާރިނަގައިގެން ނުވަތަ ފައިސާ ޗާޕުކޮށްގެން ދިޔުމުގެ ބަދަލުގައި ތީތިކޮޅުންވެސް ކޮންމެވެސް ކަމެއް ކުރެވޭތޯ ބަލަމާބަހީއެވެ. ދުނިޔޭގެ އިގުތިސާދު ހީނަރުވެފައި އޮއްވައި އަދި އެވެރިން ލާރި ފޮއްޗެއްނެތިގެން އުޅޭއިރު، ކަލޯމެންނަށް ދޭނީ ވަކި ކޮންއެއްޗެއްހެއްޔެވެ؟ އަނެއްކާ ތިޔަދާ ދަތުރުތަކުގައި ތިޔަދަނީ ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނަށް ވީއިރު އަދި އެކަމުގެ ހުރިހާ ފައިދާއެއް އޮތީ އެވެރިންނަށްކަމަށްވާއިރު ތިޔަ ދަތުރުތަކުގެ ހަރަދު އެވެރިންގެ އަތުން ނަގާނަމަ މާ އިންސާފުވެރިވާނެ ނޫންހެއްޔެވެ؟

2. ކުރީގެ ބަންޑަރަނައިބު ހަސަން ސައީދު ދެއްވި ލަފާތަކަކީ ގާނޫނީ ގޮތުން އެއްވެސް އޮއްޓަރެއް ހުރި އެއްޗެއް ނޫންކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ

ވަތަންއެދޭ ގުޅުމުގެ ސިޔާސަތުތަކާ ދެކޮޅަށް އަދި ވައުދުވެ ވަޑައިގެންނެވި ހެޔޮވެރިކަމުގެ ވިސްނުމުން ބޭރުވެވަޑައިގެން ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ކަންތައްތަކަށް ހަސަނު ފާޑުކިޔުމުން ހަސަން ދެއްވި ލަފާތަކަކީ ގާނޫނީގޮތުން އެއްވެސް ބުރަދަނެއް ހުރި އެއްވެސް ނޫންކަމަށާއި ސިޔާސީ ބޭނުމެއްގައި ކުރެއްވި ކަންތައްތަކެއް ކަމަށް ރައީސް ނަޝީދު ދާދި ފަހުން ވިދާޅުވެއްޖެއެވެ. އަދި ތިމަންގެ ބަންޑާރަ ނައިބަކާއި ރައީސް އޮފީހުގައި ގާނޫނީ ޑިޕާޓުމަންޓެއް އޮންނަކަމަށް ވިދާޅުވެއްޖެއެވެ. ބަލަ، ރައީސް ނަޝީދެވެ. ދިޔާނާ ސައީދު ދެއްވާ ގާނޫނީ ލަފާއަށް މަނިކުފާނަށް އެބަ އަމަލުކުރެއްވޭތޯއެވެ. ދެންއޮތީ ރައީސް އޮފީހުގެ ގާނޫނީ ބައިގެ ބޮޑަކަށްހުރި ޑރ މުނައްވަރުގެ ވިޔަފާރީގެ ބައިވެރިޔާ ހިސާން ހުސެންގެ ގާނޫނީ ލަފާފުޅެވެ. ބަލަ އެކަމަނާ ނުދޭ ގާނޫނީ ލަފާތަކެއް ދިންކަމަށްވެގެން މަނިކުފާނުގެ އަގަފުޅު ޖުހާ ޒުހައިރު ނޫސްވެރިންނަށް ކިޔައިނުދޭހެއްޔެވެ؟ އަހަރެމެން ވަކި ހަސަނު މާރަގަޅު މީހަކަށް ހަދަނީ އެއްނޫނެވެ. ނަމަވެސް، ހަސަނެއް އަހައްމަދެއް ނަޝީދެއް ކަމަކު ހެޔޮބަހެއް ބުނެފިޔަ ހެޔޮބަހެއްވާނީ ހެޔޮބަހަކަށެވެ. ކޮންމެހެން އެއީ ގާނޫނީ ބުރަދަނެއް ހުރި އެއްޗެއްތޯ ނެތް އެއްޗެއްތޯ ބެލުމުގެ ބޭނުމެއްނެތެވެ. ތިމަން އެކުލަވާލާނީ ކުޑަ ސަރުކާރެކޭ ބުނެ ވެރިކަމަށް އިސްވެ 3 މަސް ނުވަނީސް 400 އަށްވުރެ ގިނަ ސިޔާސީ މަގާމުލައިގެން އުޅުނީމާ އެވީ ބޮޑު ސަރުކާރަކަށެވެ. ވަތަންއެދޭ ގޮތަށް އެންމެން އެކުވެރިވެގެން މިގައުމަށް ހެޔޮބަދަލެއް ނެގެސްދޭނަމޭ ކިޔާފައި މާބޮޑަށް އެމްޑީޕީވެފައި ދެންތިބި މީހުންގެ މަތިން ހަދާންނެތިކޮށް ހަމައެކަނި އެމްޑީޕީ މީހުންގެ ކަންތައްތަކާމެދު އުޅުމުން އެވީ ކޮންއެއްޗަކަށްތޯއެވެ؟ ބަލަ ތިޔައީ އެމްޑީޕީގެ ކޮން ހައިސިއްޔަތެއް އޮތް މީހެއްތޯ ބުނެދި ބަލާށެވެ. މިހާރު ތިޔައީ އެމްޑީޕީގެ ރައީސެއްވެސް ނޫނެވެ. ޗެއާޕާސަނެއްވެސް ނޫނެވެ. ހަމަ އަހަރެމެން ކަހަލަ ދެރަވަރުގެ މެމްބަރެކެވެ. ހަގީގަތް އޮޅުވާނުލައްވާށެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ އިންތިހާދުން ނެރުނު މުހައްމަދު ނަޝީދުވަނީ އެބުރުގައި ނާކާމިޔާބުވެފައެވެ. ކާމިޔާބު ވެފައިވަނީ ވަތަންއެދޭ ގުޅުމުގެ ކެޑިޑޭޓެވެ.

3. ނ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ ފަރުހަތު އަލީ އިލެކްސަން ކޮމިސަނުން ނަން އަބުރާ ގެނައުމާއެކު ސްޓޭޓު މިނިސްޓަރުކަމަށް

މިއަދުގެ ވަގުތެއްގައި ނ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ ފަރުހަތު އަލީ އަށް މިނިސްޓަރ އޮފް ސްޓޭޓު ފޯ ހޯމްއެފެއާޒުގެ ނައިބުކަމަށް އައްޔަންކުރައްވައިފިއެވެ. މިކަމެއް މިހިގީ އދ އަތޮޅުގެ މަހިބަދޫގެ ދާއިރާއަށް ކުރިމަތިލައްވާ ފަހުވަގުތު ނަން އަބުރާ ގެންދެވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އަނެއްކާ، ދައުލަތުގެ މަގާމެއް ދީފައި ރައީސް ނަޝީދު މީނާ ގަނެލީބާވައެވެ؟ މީނާގެ މަޒީއަށް ޖެހިލާއިރު، އޭނާވަނީ ނ. އަތޮޅުގެ އަތޮޅުވެރިކަމުގައި އެރަށުގެ ރަށްރަށުގެ ރަށު އޮފީސްތަކަށް ބިލުހަދައި ރައްޓެހިންނަށް އެންމެ އަގުބޮޑު ފަހުގެ ފޯނުފަދަ ތަކެތި ގަނެދީފައިކަމަށް ފަޅާއަރާފައެވެ. އަދި މީނާވަނީ ޔާމީނަށް ސިޔާސީ ޕާޓީއެއް ހަދައިދިނުމަށް އެހީތެރިވެދީ ޕާޓީ ހިންގައިދީފައެވެ. މިއީ ކުރީގެ ވެރިކަމުގައި ފޮނިބޮއިފައި ރަހަ ގެއްލުމުން އިނަރ މޯލްޑިވްސް ފިރާގެކޭ އެއްފަދައިން ކޮޅު ބަދަލުކޮށްލި މީހުން ތެރެއިން އެކަކެވެ. ބަލަ މިއީ މައޫމޫނުގެ ވެރިކަން ދެމެހެއްޓޭތޯ ޖާނާއި މާލުން ގުރުބާންވީ މީހުންނެވެ. ބަލަ ނަޝީދެވެ. މައުމޫނަށް ވެސް ސަރުކާރުގެ ބޮޑުންނަށް ލާން ފެނުނީ މިކަހަލަ މީހުންނެވެ. މިހާރު މަނިކުފާނުވެސް ތޯއެވެ؟ ލަދުން ބޯ ހަލާކުވާވަރު ވެއްޖެއެވެ. މަނިކުފާނު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރެވުނީތީ ލަދުގަންނަން ޖެހިއްޖެއެވެ.

4. ކުށްވެރިން ރުއްސައި، އަންނަ އިންތިހާބުގެ ބޭނުމުގައި ފުލުހުންގެ ތެރޭގައި ގާނޫނާ ހިލާފަށް ކަންތައްތަކެއް ކުރާކަމުގެ ތުހުމަތު ރައީސް ނަޝީދު އަޅުއްވައިފި

ތަހުގީގަށް ޖަލުގައި ބަންދުކޮށްފައި ތިބޭމީހުންނަށް އަނިޔާކުރާ ކަމުގެ ޝަކުވާތަކާއި ފުލުހުންގެ އިދާރާގެ ތެރޭގައި ގާނޫނާ ހިލާފު އަމަލުތަކެއް ހިންގަމުންދާކަމަށް ބުނާ ޝަކުވާތައް ބެލުމަށް ރައީސް ނަޝީދު ރިޔާސީ ކޮމިޝަނެއް އެކުލަވާލެއްވިއިރު، އެފަދަ ޝަކުވާތަކެއް ގާނޫނު އަސާސީއިން އުފެއްދި ޕޮލިސް އިންޓަގިރިޓީ ކޮމިޝަނަށް ވެސް އަދި ފުލުހުންގެ އިދާރަށް ވެސް ލިބިފައިވާ ކަމަށް ނުވެއެވެ. މިފަދަ ބޮޑު ތުހުމަތެއް ކުރާއިރު އެކަމުގެ ތަފުސީލު އާއްމުންނަށާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އެގުމަކީ ވަރަށް މުހިއްމުކަމެކެވެ. އެވަރު ނޭގޭ މީހުން ތަންމަތި ހިފައިގެން ގެއަށް ދިޔުމަށް އަދަބުވެރިކާއެކު އިލްތިމާސްކުރަމެވެ. މިކޮމިސަނުގައި ހިމެނެނީ 3 މިނިސްޓަރުންނާއި ރައީސް އޮފީހުގައި މަސައްކަތްކުރާ 2 ގާނޫނީވަކީލެކެވެ. މީގެ ތެރޭގައި ހިމެނޭ ހިސާން ހުސެން އަކީ ރައީސް އޮފީހުގެ ގާނޫނީ ބައިގެ ވެރިޔާއެވެ. މީނާއަކީ އުތުރު ޕްރޮވިންސެއްގެ ސްޓޭޓް މިނިސްޓަރެއްކަމަށްވާ ހަމައެކަނި ކައިވެންޏަށްޓަކައި ބަފައިބެ ރުއްސާލުމަށްޓަކައި އިސްލާމުވި އެމެރިކާގެ ފަރަންޖީއަކާ އިދެގެން މިއޮތްހައި ދުވަހު އެމެރިކާގައި އުޅުނު ތިލްމީޒާގެ ކޮއްކޮއެވެ. ބަލަ ރައީސް ނަޝީދެވެ. ތިޔައީ ކޮން ސަކަރާތެއް ހެއްޔެވެ. ފުލުހުންގެ ތެރޭގައި ކަމެއް ގޯސްކޮށް އުޅެންޏާމު އެކަން ބަލާނެ ކޮމިޝަނެއް ގާނޫނު އަސާސީގައި ބުނެފައި ނެތީހެއްޔެވެ؟ އެވެރިން އެކަން ކުރިޔަ ދޭށެވެ. ބަޔަކު މީހުންނަށް އެލަވަންސެއް ދެންޏާމު މަނިކުފާނަށް ލިބިލައްވާ 1 ލައްކަ ރުފިޔާގެ މުސާރައިން ހަމަ ޖައްސައިލަދޭށެވެ. ޑްރާމެއް ކުޅުއްވަންޏާމު ޔޫސޭ ގާތު ބުނެލަނިކޮށް އެކަން ކޮއްލަދީފާނެވެ.

Sunday, April 5, 2009

މުޖުތަމައަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވޭނީ ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެންކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ދާދިފަހުން އެމްޑީޕީ ކެޑިޑޭޓެއްގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރު މުޖުތަމައަށް ދިމާވެފައިވާ މައްސަލަތަށް ހައްލުކުރެވޭނެ ގޮތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި އެކަންތައް ހައްލުކުރެވޭނީ މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެންކަމަށެވެ.(1) ރައީސް ނަޝީދުގެ އަމަލުފުޅަށާއި ބަސްފުޅަށް ބަލާއިރު އަހަރެމެންނަށް 2 ކަމެއް ފާހަގަކުރެވެއެވެ.

(ހ) ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވޯޓުލީ އެމްޑީޕީއަށް ނިސްބަތްނުވާ %29.34 މީހުންގެ މަތިން ހަދާންނެތިއްޖެކަން

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދަށް ލިބިލެއްވީ %24.91 ވޯޓެވެ. ދެވަނަ ބުރުގައި ލިބިލެއްވީ %54.25 ވޯޓެވެ. މިއަދަދުތަކުން އެގޭގޮތުގައި އެމްޑީޕީ އިއްތިހާދުގެ ކެޑިޑޭޓު މުހައްމަދު ނަޝީދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް ހޮވާފައި އެވަނީ އެމްޑީޕީއަށް ނިސްބަތްނުވާ % 29.34 މީހުންގެ ވޯޓުލިބިގެންނެވެ. ނަމަވެސް، ހިތާމައަކީ މިއަދު ރައީސް ނަޝީދުގެ އަމަލުތައް ހުރިގޮތުން އެމީހުންގެ މަތީން ރައީސް ނަޝީދު ހަދުމަނެތިކުރައްވައިފިކަމެވެ. ބަރުލަމާނީ ނިޒާމަކުން ހޮވާފައި ހުންނެވި ބޮޑުވަޒީރެއްކަމުގައި ހިތައިގެން ސިޔާސީ މަގާމުތައް ދިނުމުގައި އަބަދުވެސް ރައީސް ނަޝީދު ބައްލަވަނީ އެމްޑީޕީގެ މެމްބަރުންނަށެވެ. ކެމްޕޭނު ކޮށްދެއްވަނީވެސް އެމްޑީޕީގެ މެމްބަރުންނަށެވެ. އެއްކަލަ އަގުލަބިއްޔަތު ބޮޑު % 29.34 މީހުން ކޮބައިތޯއެވެ؟ ޖަނަވާރުންވެސް އޭއްޗަށް ކާންދިން މީހާ ދަންނާނެއޭ ބުނެއެވެ. ނަމަވެސް، ރައީސް ނަޝީދު އެމަނިކުފާނު އެމަގާމަށް ހަގީގަތުގައި ހޮވައިދިން މީހުންގެ މަތިން މިއަދު ހަދާންވޭތޯއެވެ؟

(ށ) ރައްޔިތުންނަށް އޮޅުވާލައިގެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ހޯދަށް ބޭނުންވާކަން

މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކުރެވޭނީ މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެންކަމަށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވާއިރު، އަހަރެމެން ރައީސް ނަޝީދު އަރިހުން އަހާލަން ބޭނުމީ ތިޔަބުނާ މައްސަލަތައް ހައްލުކުރުމަށް މިއަދާ ހަމައަށް ތައްޔާރުކުރައްވާ ހުށައަޅައިގެން މަޖިލީހުން ފާސްނުވެ އޮތީ ކިތައް ބިލުތޯއެވެ؟ (ހަގީގަތަކީ ރިސޯޓު ވިޔަފާރިވެރިން ހިތްރުއްސުމަށް ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ހުށައެޅި ބިލު ނޫން ބިލެއް އަދި ހުށައެއް ނާޅައެވެ. ދެން ހުރި ހުރިހާ ބިލަކީ ކުރީގެ ރައީސް މައުމޫނުގެ ދައުރުގައި އެކުލަވާލައިފައިހުރި ބިލުތަކެކެވެ.) އަދި އިތުރަށް އަހާލަން ބޭނުމީ ނަމޫނާއެއް ކަމުގައި ބަލަމުން އަންނަ އެމެރިކާގެ ރިޔާސީ ނިޒާމުގައި ސަރުކާރުން މަޖިލީހަށް ބިލުހުށައަޅައިގެން ހައްލުކޮށްފައިވަނީ ކޮންކޮން މުޖުތަމައުގެ މައްސަލަތަކެއްތޯއެވެ؟ ދޮގު ހައްދައި، ރައްޔިތުންނަށް އޮޅުވައި ނުލައްވާށެވެ. ސަރުކާރުގެ ހަރަދުކުޑަކޮށް، ހިންގުން ހަރުދަނާކޮށްގެން ތިޔަ ވިދާޅުވާ ހުރިހާ މައްސަލަތަކެއްހެން ހައްލުކުރެވިދާނެއެވެ. މަޖިލީހުގެ އަގުލަބިއްޔަތާ ނުލައި މުޖުތަމައުގެ މައްސަލަތައް ހައްލުކުރެވިދާނެ ގޮތްތަކާމެދު އެހެން ލިޔުމެއްގައި ގެނެސްދޭނަމެވެ.

Friday, April 3, 2009

ރަށު ކައުންސިލަރުންނަކީ ބަޔަކުމީހުންގެ ބޮލުގައި އަޅުވާފައިވާ ތެތްގޯންޏެއް!

ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅު ރަށްރަށުގެ ރައްޔިތުން އެންމެ ނަފުރަތުކުރާ ބަޔަކަށް ވެފައިވަނީ ރަށްރަށުގެ ކަތީބުންނެވެ. ސަބަބަކީ އަމިއްލަ ފައިދާއަށްޓަކައި ކަތީބުންގެ ތެރެއިން މަދުބަޔަކު ސަރުކާރުން ބޭނުންވާ ބަޔަކު އިންތިހާބުތަކުގައި ހޮވުމަށްޓަކައި ބާރާއި ނުފޫޒުފޯރުވުމެވެ. ވަކިބަޔަކު ހޮވުމަށްޓަކައި އިންތިހާބުތަކުގައި ކަތީބުން ބާރާއި ނުފޫޒު ބޭނުންކުރަނީ ސަރުކާރުގެ ވެރިންގެ ސިޔާސީ ނުފޫޒުގެ ސަބަބުންކަމަށް ގިނަބަޔަކު އިއްތިފާގުވެއެވެ. އޭގެ ނަތީޖާއަކީ ދައުލަތުގެ އާއްމު ހިދުމަތްތެރިންނާ ބެހޭ ގާނޫނު (ނުވަތަ ސިވިލްސާވިސްގެ ގާނޫނު) ލިޔެވުނުއިރު، ކަތީބުންނަކީ ސަރުކާރުގެ ސިޔާސީ ނުފޫޒުން ބޭރުގައިވާ ބަޔެއްކަމުގައި ހެދުމެވެ. މިކަމަށް އެންމެ ގަދަޔަށް ވަކާލާތުކުރީ މިއަދުގެ ސަރުކާރުގެ ބޮޑުންނެވެ. ވެރިކަންލިބުމުން މިބައިމީހުންނަށް މިކަން ކަމުދިޔަކަމަކަށް ނުވެގެން އެހެން ނަމެއްގައި "އެހެން ކަތީބުން" ތަކެއް އެވަނީ އައްޔަންކޮށްފައެވެ.

ކަތީބުންނަކީ އަދި މިހާތަނަށް އެއިރެއްގެ ސަރުކާރަކުން އައްޔަންކުރަމުން އައި ބަޔެކެވެ. ހަމަ އެގޮތަށް މިސަރުކާރުން ވެސް ކުރީގެ ކަތީބުންގެ ބަދަލުގައި އެވަނީ "އެހެން ކަތީބުންތަކެއް" އައްޔަންކޮށް "އެހެން އަތޮޅުވެރިންތަކެއް" އައްޔަންކޮށްފައެވެ. މިފަހަރުގެ ތަފާތަކީ ނަން ބަދަލުކޮށްލުމެވެ. ރަށު ފެންވަރަށް ގެނައި ބަދަލެއްގެ ގޮތުގައެވެ. ނަމަވެސް، ހަގީގަތަކީ މިސަރުކާރުން ނަމޫނާއެއް ކަމަށް ބަލާ އިގިރޭސިވިލާތުގައި ވެސް އަތޮޅުކައުންސިލަރުން (ބަރޯ ކައުންސިލަރުން) ނުވަތަ ރަށުކައުންސިލަރުން (ސިޓީކައުންސިލަރުން) ނަކީ އިންތިހާބުކުރެވޭ މަޖިލީސްތަކެއްގައި ހިމެނޭ ބަޔެކެވެ. އެމަޖިލީހުގެ އިސްމީހަކީ ނުވަތަ ރައީސަކީ މޭޔަރެވެ. ހަމައެގޮތަށް، ދިވެހިރާއްޖޭގައި ލާމަރުކަޒީ އުސޫލުން ވެރިކަންކުރުމާ ބޭހޭ ގާނޫނުގައި ވާގޮތުން ރަށުކައުންސިލަރުންނަކީ އިންތިހާބުކުރެވޭ ބަޔަކަށް ވެގެންދާނެއެވެ. އެންމެ މީހެއްގެ ބަދަލުގައި އެއްރަށެއްގައި އެތަކެއް ކައުންސިލަރުންނެއް ތިބޭނެއެވެ. އެހެންކަމުން، މިހާރު އައްޔަން ކޮށްފައި އެތިބަމީހުންނަކީ އިންތިހާބަށް ނުފޫޒުފޯރުވަން ބައިތިއްބާފައިތިބި ބަޔެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމި، ދެން ބޭއްވޭ ރަށުފެންވަރުގެ އިންތިހާބުތަކަށް ފަހު އެމީހުންގެ ބޭނުން ކެނޑޭނެއެވެ. އެހެންކަމުން ބުނެވޭނީ މިއަދު އެމީހުންނަކީ ސަރުކާރުން އެމީހުންގެ ބޭނުން ހިފުމަށްފަހު އެއްލާލަން ތައްޔާރުކޮށްފައިތިބި ބަޔެއްކަމުގައެވެ. ތިމާމެންނަށް ރައްޔިތުން ބޭނުންވާ ކަމެއް ކޮށްދިނުމުގެ އެއްވެސް ބާރެއް އިހުތިޔާރެއް ލިބިފައި ނެތްއިރު، އަމިއްލަ މަސައްކަތްތަކުން ވީއްލި ނުވަތަ ކުރިން އުޅެމުންދިޔަ ވަޒިފާ ދޫކޮށް މިމަގާމުތަކަށް އައީ ތިމާމެންގެ މޮޔަކަމުންނެވެ. ކުރީގެ ކަތީބުންނަށް ލިބޭ މުސާރައަށް ވުރެ ރަށުކައުންސިލަރުންނަށް ލިބޭ މުސާރަވެސް ކުޑައެވެ. ޕްރޮވިންސުތަކަށް ބަހާލައި ސްޓޭޓުމިނިސްޓަރުން އައްޔަންކޮށް އޭގެ ދަށަށް އަތޮޅުކައުންސިލަރުން އައްޔަންކުރުމުގެ ނަތީޖާއަކީ ތިމާމެންގެ ކަންތައްތަކުގައި ދާންޖެހޭ މީހުން އިތުރުވުން ނޫން އެހެން ކަމެއްނޫނެވެ. އޭގެ ދަލީލަކަށް، ދާދިފަހުން އުތުރުގެ ރަށެއްގެ ރަށުކައުންސިލަރަކު މާލެ އައިސް މިނިސްޓަރުންގެ ފައިންފުޅު ފެނޭތޯ ހިނގިހިނގުން ނުފުދޭތޯއެވެ؟

ރިޔާސީ ނިޒާމެއްގައި ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ބޭނުންވޭ ހެއްޔެވެ؟

ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީހުގެ އެންމެ ބޮޑު އަދި މުހިއްމު ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުމާއި ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކެއްގެ އަލީގައި (ފާސްކުރާ ގާނޫނު ނުވަތަ ގަރާރުގެ ބޭނުންކޮށްގެން) ސަރުކާރު ނުއަތުބުރު ޖެހިޔަނުދީ ހިފެހެއްޓުމެވެ. މިސާލަކަށް، މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓު ސަރުކާރުން ބޭނުންކުރަނީ އެފާސްކޮށްފައިވާ ގޮތަށްތޯ ބަލައި އެކަމާ ފިޔަވަޅުއެޅުމާއި، މަގާމުގައި ހުރެގެން ނާޖާއިޒު ފައިދާ ނަގައި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންހިފާ ސަރުކާރުގެ ވަޒީރުންނާ ސުވާލުކޮށް، ބޭނުންވެއްޖެ ހިނދެއްގައި އިތުބާރުނެތްކަމުގެ ވޯޓެއްގައި މަގާމުން ދުރުކުރުމާއި، ރައްޔިތުންގެ މަސްލަހަތު ރައްކާކޮށްދީ ރައްޔިތުންގެ ކަންތައްތައް ހެޔޮމަގުން ގެންދިޔުމަށް ބޭނުންވާ ގާނޫނުތައް ފާސްކޮށް އެގާނޫނުތަކާ އެއްގޮތަށް އަމަލުކުރުމަށް ސަރުކާރަށް އެންގުމެވެ.

މިފަދައިން ކަން އޮތްއިރު، ސަރުކާރުގެ ވަޒީރުންނާއި ސަރުކާރު ހިންގާޕާޓީގެ ބޮޑުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކޮށް ސަރުކާރުގެ ސިޔާސަތުތައް ދިފާއުކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ހުރަސް އެޅުމަކީ ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީހުގެ ހަގީގީ މަސްއޫލިއްޔަތު ހުރަސްއެޅުމެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލުމެވެ. ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ އަގުލަބިއްޔަތު ބޭނުންވާނީ ހަމައެކަނި ބަރުލަމާނީ ނިޒާމެއްގައި އެސަރުކާރެއްގެ ދެމިއޮތުން މަޖިލީހެއްގެ އަގުލަބިއްޔަތާ ގުޅިފައި އޮންނާތީވެއެވެ. ބަރުލަމާނީ ނިޒާމުގައި މަޖިލީހުގައި އަގުލަބިއްޔަތު ގެއްލޭ ކޮންމެ ފަހަރަކު ސަރުކާރު ވެއްޓޭ ފަދައިން ރިޔާސީ ނިޒާމެއްގައި ސަރުކާރެއް ނުވެއްޓޭނެއެވެ. އަދި ކިއެއްތަ، ސަރުކާރު ހިންގުމަކަށް ދަތިކަމެއްވެސް ނާންނާނެއެވެ. ގާނޫނު އަސާސީ އަށާއި ގާނޫނުތަކާ އެއްގޮތަށް ވެރިކަންކުރުމުގެ ހުރިހާ ބާރެއް އެއިރެއްގެ ސަރުކާރަކަށް ރިޔާސީ ނިޒާމުގައި ލިބިދެއެވެ.

ހަގީގަތަކީ މިއީ ކަމަށްވީއިރު، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް ބޭނުންވާނެކަމަށް ރައީސް ނަޝީދު އެވިދާޅުވަނީ އެމަނިކުފާނަށް ރިޔާސީ ނިޒާމު އެގިވަޑައި ނުގަންނަވާތީވެއެވެ. (ރައީސް ނަޝީދުގެ ގިނަ އަމަލުތައް މިހާތަނަށް ހުރީ ބަރުލަމާނީ ނިޒާމުން ހޮވާފައިހުރި ބޮޑުވަޒީރެކޭ އެއް ބީދައިންނެވެ.) ނޫނީ ރައްޔިތުންނަށް އޮޅުވާލައްވައި، ހުދުމުހުތާރުވެރިކަމެއް މިދިވެހި ފަސްގަނޑުގައި އަނެއްކާވެސް ގާއިމުކުރުމަށެވެ. މިހެން ބުނަންޖެހުނީ، މިހާރު އޮތް މަޖިލީހަކީވެސް ސަރުކާރުގެ އަގުލަބިއްޔަތު އޮތް މަޖިލީހަކަށް ނުވާއިރު، ރައީސް ނަޝީދު ރައްޔިތުންނަށް ވެފައިވާ ވައުދެއް ފުއްދުމަށް ހުރަސްއެޅޭ އެއްވެސް ކަމެއް މިހާތަނަށް އެމަޖިލީހުން ކޮށްފައެއްނުވެއެވެ. އެއާ ހިލާފަށް، ރައީސް ނަޝީދު ރައްޔިތުންނަށް ވެފައިވާ ވައުދު ނުފުއްދިގެން އުޅެނީ ސަރުކާރުގެ ބޭކާރު ހަރަދު ބޮޑުކަމުންނާއި (މިސާލަކަށް އެމްއެމްއޭއިން ދަރަންޏަށް ލާރިނަގައިގެން ކުރާ ބޭކާރު ބޭރުދަތުރުތަކާއި އަމިއްލަ ޕާޓީގެ ކެމްޕޭން ދަތުރުތަކާއި ބޭކާރު އެތަކެއް ސިޔާސީ މަގާމުތައް ގިނަވުމެވެ.)، ހަރުދަނާ ސިޔާސަތުތަކެއް ސަރުކާރުގެ ކިބާގައި ނެތްތަނުގައި އެއިން ކަމެއްކުރަން އެއްވެސް މީހަކު ނޫޅޭތީވެއެވެ.

Thursday, April 2, 2009

މޯލްޑިވްސް ޖޯނަލިސްޓު އެސޯސިއޭޝަނަށް މަރުހަބާ!

މީޑިޔާ އެސޯސިއޭސަން އުފެއްދި މަގުސަދު ހާސިލުނުވާތީވެ، 1 އެޕްރިލް 2009 ގައި ހޯމް މިނިސްޓުރީގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ނަމުގައި އައު ޖަމުއްޔާއެއް ރަޖިސްޓަރީކޮށްފިއެވެ. އެޖަމުއްޔާގެ މުއައްސިސުންނަކީ (ފައުންޑަރުންނަކީ) ދާދި ފަހުން މީޑިޔާ އެސޯސިއޭސަންގެ ޒައާމަތާ ހިތްހަމަނުޖެހިގެން ވަކިވި ހަވީރު ނޫހުގެ އެގްރެކެޓިވް އެޑިޓަރ ހިރިގާ އަޙްމަދު ޒާހިރާއި، އައްޑުވަސް، މިއަދު، ހާމަނޫސް ގައި މަސައްކަތްކުރުމަށްފަހު އަދި މިހާރު ދިޓީވީގެ އެޑިޓަރު މިދުހަތު އާދަމާއި ހަފުތާ މަޖައްލާގެ އެޑިޓަރ ޢަލީ ޝަމްޢާނެވެ. މިމުނާސަބަތުގައި އެޖަމުއްޔާއަށް މަރުހަބާ ކިޔަމެވެ. އަދި ދިވެހިނޫސްވެރިންކަން ދިރުވައި، ތަހުޒީބީ މިންގަނޑުތަކުގައި މަތީން ދިމުގުރާތީވެރިކަމެއްގައި ނޫސްވެރިން އުފުލަންޖެހޭ ޒިންމާ އޭގެ އެންމެ އެދެވޭގޮތުގައި ބޭނުންހިފުމަށް މަސައްކަތްކުރާނެކަމަށް އުއްމީދުކުރަމެވެ.

ހަމައެއާކު އަހަރެމެން ހިތާމަކުރާ ކަމެއްވެސް ފާހަގަކޮށްލާނަމެވެ. އެއީ އަހަރެމެންގެ ނަޒަރުގައި އަދި ދުނިޔޭގެ ތަހުޒީބީ އެހެން މުޖުތަމައުތަކުން ފެންނަ މިސާލުތަކަށް ބަލާއިރު، ހިޔާލުތަފާތުވާ ކޮންމެ ފަހަރަކު ޖަމުއްޔާއެއް ނުވަތަ ސިޔާސީޕާޓީއެއް ހެދުމަކީ ތަހުޒީބީ ވިސްނުމެއް ނޫނެވެ. ޖަމުއްޔާއެއް ނުވަތަ ޕާޓީއެއް ހެދުމުގެ ބޭނުމަކީ އެއް ރޫހެއްގައި އެއް މަގުސަދެއް ހާސިލުކުރުމަށް އެތައްބަޔަކު އެކުވެގެން މަސައްކަތްކުރުމަށް މަގުފަހިކުރުމެވެ. ނަމަވެސް، ކުޑަކުޑަ މުޖުތަމައެއްގައި އެއް މަގުސަދެއްގައި އެތަކެއް ޖަމުއްޔާއެއް ނުވަތަ ޕާޓީތަކެއް ހެދުމުގެ ނަތީޖާއަކަށްވާނީ އެމަގުސަދު ހާސިލުކުރުމަށް މަސައްކަތްކުރަން ތިބިމީހުން ބައިބައިވެ، ބެހިގެންދިޔުމެވެ. އެންމެފަހުން، އަމަލީގޮތުން މަސައްކަތްކުރާނެ މީހުންގެ ދަތިކަމާހުރެ އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަތަ ޖަމުއްޔާއަކަށް އެދެވޭގޮތުގައި މަސައްކަތް ނުކުރެވުމެވެ.

އަހަރެމެންގެ ވިސްނުން ބައްޓަންކުރަންވީ އެދެވޭގޮތުގައި ނުހިންގާ ޕާޓީ ނުވަތަ ޖަމުއްޔާތަކުގެ ޒައާމަތު ބަދަލުކުރުމަށެވެ. އިންތިހާބުގެ މަގުންނެވެ. މީޑިއާ އެސޯސިއޭޝަނަށް ބަލާއިރު އެވަނީ ކިޔަވައިގެންތިބި ނަމަވެސް ތަހުޒީބީ ވިސްނުމެއް ނުގެންގުޅޭ ބަޔެއްގެ ޝިކާރައަކަށް ޖަމުއްޔާވެފައެވެ. ތަހުޒީބީ ވިސްނުމެއް ނެތޭ ބުނަންޖެހުނީ މީޑިއާ އެސޯސިއޭޝަނުގެ ރައީސް އަދި ރައީސް ނަޝީދާ އާއިލީގޮތުން ގުޅިފައިވާ ތޮއްޔިބު މުހައްމަދަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ މަގާމު ލިބުނު ވަގުތަކީ މީޑިއާ އެސޯސިއޭޝަނުގެ ރައީސްކަމުން އަމިއްލައަށް އިސްތިއުފާދޭންޖެހޭ ވަގުތުކަން ނޭގުނީތީވެއެވެ. އަދި ހަމައެފަދައިން މީޑިއާ އެސޯސިއޭޝަނުގެ ނައިބު ރައީސް އިބްރާހީމް ހަލީލަށް ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ހިންގާ ބްރޮޑްކާސްޓިންގ ކޯޕަރޭޝަން ކުންފުނީގެ އެމްޑީގެ މަގާމު ލިބުނު ވަގުތަކީ މީޑިއާ އެސޯސިއޭޝަނުގެ ނައިބު ރައީސްކަމުން އިސްތިއުފާދޭންޖެހޭ ވަގުތުކަން ނޭގުނީތީވެއެވެ. އެއަށްވުރެން ބޮޑަށް، ޖަމުއްޔާގެ ޒައާމަތާ ހަވާލުވެގެންތިބިއިރު އާއްމު އިންތިހާބު ބާއްވަންޖެހޭ ތާރީހު ފަހަނައަޅައިދިޔައިރުވެސް އެކަމުގެ ޒިންމާ ނަގައި، މަގާމުތަކުން އިސްތިއުފާދޭން ނުކެރުނީތީވެއެވެ.

 
Web Statistics