Thursday, April 16, 2009

ވިލާތު މީހުންނަށް ސަލާންޖަހައިގެން 5 ވައުދު ފުއްދައިދެވިދާނެބާ؟

ނަޝީދު ވެރިކަމާ ހަވާލުވުމަށްފަހު ރާއްޖޭން ބޭރަށް ގިނަގިނައިން ދަތުރުތައް ކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާތަން ފެނެއެވެ. ބޭނުމެއްކަމެއް ބޮޑަށް ބެލެވެނީ އެވިދާޅުވާ 5 ވައުދު ފުއްދުމަށް ބޭނުންވާ ފައިސާ ނުވަތަ އިންވެސްޓުމަންޓުތައް ލިބޭނެ ގޮތެއް ފެނޭތޯ ބެލުމެވެ. ރާއްޖޭގެ ބައިތުލްމާލުގައި ފައިސާނެތް އިރުވެސް، މިދަތުރުތަކުގެ ހަރަދުބަރަދު ހަމަޖައްސަނީ ދަރަންޏަށް އެމްއެމްއޭ އިން ފައިސާ ނަގައިގެން ނުވަތަ ފައިސާ ޗާޕުކޮށްގެންނެވެ. ނަމަވެސް، ހަގީގަތަކީ މިހާތަނަށް ކުރެއްވި ދަތުރުތަކުން މާބޮޑު ކާމިޔާބެއް ލިބިފައި ނެތް ކަމަށެވެ. އަދި އެމްއެމްއީ އިން ފައިސާ ނެތުމުގެ ސަބަބުންނާއި ފައިސާ ޗާޕުކުރުމުގެ ނަތީޖާއެއްގެ ގޮތުން ނޭދެވޭ އަސަރު ރާއްޖޭގެ އިގުތިސާދަށްކުރުމެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ބަލިމަޑުމަކުގެ މައްޗަށް އިތުރު ވޭނެއް ދިވެހިރައްޔިތުން އުފުލަންޖެހުމެވެ.

އިޓަލީވިލާތުގެ ދަތުރުގައި އިޓަލީވިލާތުގެ ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅަކާ ބައްދަލުކުރެވިފައެއް ނުވެއެވެ. ބޮޑު ވަޒީރު ނުވަތަ ބޮޑު ވަޒީރުގެ ނައިބު ނުވަތަ މިނިސްޓަރު ފެންވަރުގެ ބޭފުޅަކާވެސް ބައްދަލުކުރަން އުޅެ އެކަމެއް ނުވިއެވެ. އެންމެ މަތީ ފެންވަރުގެ މީހަކަށް ވެސް ބައްދަލުވެވުނީ ރަށެއްގެ މޭޔަރަކާއެވެ. އެއީ ރާއްޖޭގައި ނަމަ ރަށު ބޮޑުކަތީބެވެ. ބިލިއަނުން އިންވެސްޓުމަންޓު ލިބޭނެކަމަށް ބުނިއިރު ވެސް، މިއީ ހަގީގަތަކަށް ވުރެ ބޮޑަށް ކުރެވޭ ހަމައެކަނި ފޮނި އުއްމީދެކެވެ. މިހެން މިބުނީ، އިޓަލީވިލާތު ދަތުރަށްފަހު ނަޝީދުގެ ސަރުކާރުން އިޓަލީވިލާތުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓުކުރާނެ ދާއިރާތަކާއި އޭގެ އެއްވެސް ތަފުސީލެއް ދޭން ނޭގުނީތީވެއެވެ. އަދި އެދަތުރުތަކުގައި އެއްވެސް އެގުރިމެންޓެއްގައި ސޮއި ކުރެވިފައިނުވާތީވެއެވެ. އާއެކެވެ. އެދަތުރުގައި އެމްއޯޔޫތަކެއްގައި ސޮއިކުރިއެވެ. ނަމަވެސް އެޔަކީ އަމަލީސިފަ ނެގުމަށް ގާނޫނީގޮތުން ބާރުއަޅާ އެއްބަސްވުންތަކެއް ނޫންކަން ފާހަގަކުރަމެވެ.

ދެންއޮތީ އިގިރޭސިވިލާތުގެ ދަތުރުތަކެވެ. އެންމެ ފަހުން ނަޝީދު ކުރެއްވި ދަތުރަކީ ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅަކު ކުރެއްވި ދެވަނަ ދަތުރެވެ. ކުރިން ނައިބު ރައީސް ޑރ ވަހީދުވަނީ އެމްއެމްއޭ އިން ދަރަންޏަށް ލާރިނަގައިގެން އިގިރޭސިވިލާތަށް ދަތުރެއް ކުރައްވާފައެވެ. މިއިން ކޮންމެ ދަތުރެއްގައި ވެސް "ގުޅުން ރަނގަޅުކުރުމާބެހޭ" ހުސް ހޮޅި ވާހަކަތަކެއް ދެއްކުން ނޫންކަމެއް ނުކުރެވުނެވެ. އެއްވެސް ތަނަކުން ނުވަތަ އެއްވެސް ބަޔަކު ރާއްޖޭގެ އުމުރާނީ ތަރައްގީގެ މަސްރޫއުތަކުގައި އެއްބާރުލައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ވާހަކައެއް ނީވެއެވެ. ނޫނީ ލޯނެއް ނުވަތަ އިންޓަރެސްޓު ކުޑަ ލޯނެއް ދޭނެ ވާހަކައެއްވެސް ނުބުނެއެވެ. ވީހާވެސް ވަރަކީ އަމަލީ ސިފަގެނައުމަށް އެއްވެސް ވަރަކަށް ބާރުނާޅާ އެމްއޯޔޫތަކެއްގައި ސޮއިކުރިއެވެ. އެމްއޯޔޫ ނުވަތަ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އަކީ ހަގީގަތުގައި ތިމަންމެން ތިޔަކަން ކުރުމަށް ޝައުގު އެބައޮތުމޭ ބުނުމުގެ ގޮތުން ސޮއިކުރާ ލިޔުމެކެވެ.

ދިވެހިރާއްޖޭގެ އުމުރާނީ ތަރައްގީގެ މާޒީއަށް ބަލާއިރު ވިލާތުތަކުން މާބޮޑު އެހީތެރިކަމެއް ވެފައި ނުވާކަން އެނގެއެވެ. އީޔޫއިން އެމީހުން ބޭނުންވާ ކޮންމެވެސް ކަންތައްތަކެއް ފުރިހަމަކުރުމަށް އެއްޗެއް ނުދޭ ވާހަކައެއް ނޫނެވެ. ހަގީގަތުގައި، އުމުރާނީގޮތުން ރާއްޖެ ތަރައްގީކުރުމަށް ބޭނުންވާ ފައިސާ ހޯދަންވެއްޖެޔާމު ދާންވީ ޖަޕާނަށެވެ. ނުވަތަ ނަޝީދުގެ ސަރުކާރުގެ ބޮޑުން ހަޖޫޖައްސަވާ އަރަބި ވެރިންގެ ގާތަށެވެ. މެޑެއްޔާއި ލަގަބުދޭން ހުށައަޅަންވީ އެވެރިންނަށް ނޫންހެއްޔެވެ؟

ދެން އޮތްގޮތަކީ، އެހެން ގައުމުތަކުގައި ވެސް ކަންކުރާ ފަދައިން، ވިޔަފާރިތަކުން ޓެކްސްނަގައިގެން ލިބޭ ފައިސާއިން ގައުމު ތަރައްގީކުރަންވީއެވެ. ލިބޭ އާއްމުދަނީއިން ޓެކްސް ނަގަންވީއެވެ. ދެމެހެއްޓެނިވި ގޮތެއްގައި މިކަންކުރެވޭނެ ގޮތަކީ މިއީއެވެ. ރާއްޖޭގެ ގުދުރަތީ މުއްސަދިކަމުގެ ބޭނުންކޮށްގެން ވިޔަފާރިކޮށް، މިލިއަނުން، ބިލިޔަނުން އާއްމުދަނީ ލިބޭ ވިޔަފާރިވެރިން ރާއްޖޭގެ ޓޫރިޒަމް ވިޔަފާރީގައި މަދެއް ނޫނެވެ. ރާއްޖޭންބޭރުގައި އެވެރިންގެ އަބިދަރިން އުޅޭ ފެންވަރުން މިކަން އެގޭނެއެވެ. އެންމެ ތިން ލައްކަ މީހުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދައި ނުދެވެންވީ ސަބަބެއް ނެތެމެވެ. ދިވެހި ވިޔަފާރިވެރިން ހިތުން ރުހުމުން ތިޔަވިދާޅުވާ ތަރައްގީގެ މަސްރޫއުތައް ވިޔަފާރި އުސޫލުން ރައްޔިތުންނަށް ހެޔޮއެދިގެން ކުރަން ބޭނުންނަމަ، އެވެރިން މިއަދު ތިބީހީ ޓޫރިޒަމްގެ ގާނޫނު ބުނާގޮތަށް ރިސޯޓުތަކުގެ ހިއްސާ ދިވެހިރައްޔިތުންނަށް ވިއްކައިގެން ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްގެންނެވެ. ނަމަވެސް، އެކަން އެގޮތަށް ވީތޯއެވެ؟ ހަގީގަތް ގަބޫލުކުރައްވާށެވެ!

އޭއް ނަޝީދެވެ. ލިބުނު ވަގުތުގެ ބޭނުން ހެޔޮގޮތުގައި ކުރައްވާށެވެ. ވައުދު ފުއްދައިދިން ވެރިއަކަށް ވެލައްވާށެވެ. މަޖިލީހުގެ އަގުލަބިއްޔަތު ލިބޭކަށް ނެތެވެ. އަދި ދެން އިތުރު ދައުރަކަށް ހޮވޭކަށް ވެސް ނެތެވެ.

 
Web Statistics