Thursday, April 2, 2009

މޯލްޑިވްސް ޖޯނަލިސްޓު އެސޯސިއޭޝަނަށް މަރުހަބާ!

މީޑިޔާ އެސޯސިއޭސަން އުފެއްދި މަގުސަދު ހާސިލުނުވާތީވެ، 1 އެޕްރިލް 2009 ގައި ހޯމް މިނިސްޓުރީގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ނަމުގައި އައު ޖަމުއްޔާއެއް ރަޖިސްޓަރީކޮށްފިއެވެ. އެޖަމުއްޔާގެ މުއައްސިސުންނަކީ (ފައުންޑަރުންނަކީ) ދާދި ފަހުން މީޑިޔާ އެސޯސިއޭސަންގެ ޒައާމަތާ ހިތްހަމަނުޖެހިގެން ވަކިވި ހަވީރު ނޫހުގެ އެގްރެކެޓިވް އެޑިޓަރ ހިރިގާ އަޙްމަދު ޒާހިރާއި، އައްޑުވަސް، މިއަދު، ހާމަނޫސް ގައި މަސައްކަތްކުރުމަށްފަހު އަދި މިހާރު ދިޓީވީގެ އެޑިޓަރު މިދުހަތު އާދަމާއި ހަފުތާ މަޖައްލާގެ އެޑިޓަރ ޢަލީ ޝަމްޢާނެވެ. މިމުނާސަބަތުގައި އެޖަމުއްޔާއަށް މަރުހަބާ ކިޔަމެވެ. އަދި ދިވެހިނޫސްވެރިންކަން ދިރުވައި، ތަހުޒީބީ މިންގަނޑުތަކުގައި މަތީން ދިމުގުރާތީވެރިކަމެއްގައި ނޫސްވެރިން އުފުލަންޖެހޭ ޒިންމާ އޭގެ އެންމެ އެދެވޭގޮތުގައި ބޭނުންހިފުމަށް މަސައްކަތްކުރާނެކަމަށް އުއްމީދުކުރަމެވެ.

ހަމައެއާކު އަހަރެމެން ހިތާމަކުރާ ކަމެއްވެސް ފާހަގަކޮށްލާނަމެވެ. އެއީ އަހަރެމެންގެ ނަޒަރުގައި އަދި ދުނިޔޭގެ ތަހުޒީބީ އެހެން މުޖުތަމައުތަކުން ފެންނަ މިސާލުތަކަށް ބަލާއިރު، ހިޔާލުތަފާތުވާ ކޮންމެ ފަހަރަކު ޖަމުއްޔާއެއް ނުވަތަ ސިޔާސީޕާޓީއެއް ހެދުމަކީ ތަހުޒީބީ ވިސްނުމެއް ނޫނެވެ. ޖަމުއްޔާއެއް ނުވަތަ ޕާޓީއެއް ހެދުމުގެ ބޭނުމަކީ އެއް ރޫހެއްގައި އެއް މަގުސަދެއް ހާސިލުކުރުމަށް އެތައްބަޔަކު އެކުވެގެން މަސައްކަތްކުރުމަށް މަގުފަހިކުރުމެވެ. ނަމަވެސް، ކުޑަކުޑަ މުޖުތަމައެއްގައި އެއް މަގުސަދެއްގައި އެތަކެއް ޖަމުއްޔާއެއް ނުވަތަ ޕާޓީތަކެއް ހެދުމުގެ ނަތީޖާއަކަށްވާނީ އެމަގުސަދު ހާސިލުކުރުމަށް މަސައްކަތްކުރަން ތިބިމީހުން ބައިބައިވެ، ބެހިގެންދިޔުމެވެ. އެންމެފަހުން، އަމަލީގޮތުން މަސައްކަތްކުރާނެ މީހުންގެ ދަތިކަމާހުރެ އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަތަ ޖަމުއްޔާއަކަށް އެދެވޭގޮތުގައި މަސައްކަތް ނުކުރެވުމެވެ.

އަހަރެމެންގެ ވިސްނުން ބައްޓަންކުރަންވީ އެދެވޭގޮތުގައި ނުހިންގާ ޕާޓީ ނުވަތަ ޖަމުއްޔާތަކުގެ ޒައާމަތު ބަދަލުކުރުމަށެވެ. އިންތިހާބުގެ މަގުންނެވެ. މީޑިއާ އެސޯސިއޭޝަނަށް ބަލާއިރު އެވަނީ ކިޔަވައިގެންތިބި ނަމަވެސް ތަހުޒީބީ ވިސްނުމެއް ނުގެންގުޅޭ ބަޔެއްގެ ޝިކާރައަކަށް ޖަމުއްޔާވެފައެވެ. ތަހުޒީބީ ވިސްނުމެއް ނެތޭ ބުނަންޖެހުނީ މީޑިއާ އެސޯސިއޭޝަނުގެ ރައީސް އަދި ރައީސް ނަޝީދާ އާއިލީގޮތުން ގުޅިފައިވާ ތޮއްޔިބު މުހައްމަދަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ މަގާމު ލިބުނު ވަގުތަކީ މީޑިއާ އެސޯސިއޭޝަނުގެ ރައީސްކަމުން އަމިއްލައަށް އިސްތިއުފާދޭންޖެހޭ ވަގުތުކަން ނޭގުނީތީވެއެވެ. އަދި ހަމައެފަދައިން މީޑިއާ އެސޯސިއޭޝަނުގެ ނައިބު ރައީސް އިބްރާހީމް ހަލީލަށް ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ހިންގާ ބްރޮޑްކާސްޓިންގ ކޯޕަރޭޝަން ކުންފުނީގެ އެމްޑީގެ މަގާމު ލިބުނު ވަގުތަކީ މީޑިއާ އެސޯސިއޭޝަނުގެ ނައިބު ރައީސްކަމުން އިސްތިއުފާދޭންޖެހޭ ވަގުތުކަން ނޭގުނީތީވެއެވެ. އެއަށްވުރެން ބޮޑަށް، ޖަމުއްޔާގެ ޒައާމަތާ ހަވާލުވެގެންތިބިއިރު އާއްމު އިންތިހާބު ބާއްވަންޖެހޭ ތާރީހު ފަހަނައަޅައިދިޔައިރުވެސް އެކަމުގެ ޒިންމާ ނަގައި، މަގާމުތަކުން އިސްތިއުފާދޭން ނުކެރުނީތީވެއެވެ.

0 comments:

 
Web Statistics