Sunday, April 5, 2009

މުޖުތަމައަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވޭނީ ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެންކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ދާދިފަހުން އެމްޑީޕީ ކެޑިޑޭޓެއްގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރު މުޖުތަމައަށް ދިމާވެފައިވާ މައްސަލަތަށް ހައްލުކުރެވޭނެ ގޮތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި އެކަންތައް ހައްލުކުރެވޭނީ މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެންކަމަށެވެ.(1) ރައީސް ނަޝީދުގެ އަމަލުފުޅަށާއި ބަސްފުޅަށް ބަލާއިރު އަހަރެމެންނަށް 2 ކަމެއް ފާހަގަކުރެވެއެވެ.

(ހ) ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވޯޓުލީ އެމްޑީޕީއަށް ނިސްބަތްނުވާ %29.34 މީހުންގެ މަތިން ހަދާންނެތިއްޖެކަން

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދަށް ލިބިލެއްވީ %24.91 ވޯޓެވެ. ދެވަނަ ބުރުގައި ލިބިލެއްވީ %54.25 ވޯޓެވެ. މިއަދަދުތަކުން އެގޭގޮތުގައި އެމްޑީޕީ އިއްތިހާދުގެ ކެޑިޑޭޓު މުހައްމަދު ނަޝީދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް ހޮވާފައި އެވަނީ އެމްޑީޕީއަށް ނިސްބަތްނުވާ % 29.34 މީހުންގެ ވޯޓުލިބިގެންނެވެ. ނަމަވެސް، ހިތާމައަކީ މިއަދު ރައީސް ނަޝީދުގެ އަމަލުތައް ހުރިގޮތުން އެމީހުންގެ މަތީން ރައީސް ނަޝީދު ހަދުމަނެތިކުރައްވައިފިކަމެވެ. ބަރުލަމާނީ ނިޒާމަކުން ހޮވާފައި ހުންނެވި ބޮޑުވަޒީރެއްކަމުގައި ހިތައިގެން ސިޔާސީ މަގާމުތައް ދިނުމުގައި އަބަދުވެސް ރައީސް ނަޝީދު ބައްލަވަނީ އެމްޑީޕީގެ މެމްބަރުންނަށެވެ. ކެމްޕޭނު ކޮށްދެއްވަނީވެސް އެމްޑީޕީގެ މެމްބަރުންނަށެވެ. އެއްކަލަ އަގުލަބިއްޔަތު ބޮޑު % 29.34 މީހުން ކޮބައިތޯއެވެ؟ ޖަނަވާރުންވެސް އޭއްޗަށް ކާންދިން މީހާ ދަންނާނެއޭ ބުނެއެވެ. ނަމަވެސް، ރައީސް ނަޝީދު އެމަނިކުފާނު އެމަގާމަށް ހަގީގަތުގައި ހޮވައިދިން މީހުންގެ މަތިން މިއަދު ހަދާންވޭތޯއެވެ؟

(ށ) ރައްޔިތުންނަށް އޮޅުވާލައިގެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ހޯދަށް ބޭނުންވާކަން

މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކުރެވޭނީ މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެންކަމަށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވާއިރު، އަހަރެމެން ރައީސް ނަޝީދު އަރިހުން އަހާލަން ބޭނުމީ ތިޔަބުނާ މައްސަލަތައް ހައްލުކުރުމަށް މިއަދާ ހަމައަށް ތައްޔާރުކުރައްވާ ހުށައަޅައިގެން މަޖިލީހުން ފާސްނުވެ އޮތީ ކިތައް ބިލުތޯއެވެ؟ (ހަގީގަތަކީ ރިސޯޓު ވިޔަފާރިވެރިން ހިތްރުއްސުމަށް ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ހުށައެޅި ބިލު ނޫން ބިލެއް އަދި ހުށައެއް ނާޅައެވެ. ދެން ހުރި ހުރިހާ ބިލަކީ ކުރީގެ ރައީސް މައުމޫނުގެ ދައުރުގައި އެކުލަވާލައިފައިހުރި ބިލުތަކެކެވެ.) އަދި އިތުރަށް އަހާލަން ބޭނުމީ ނަމޫނާއެއް ކަމުގައި ބަލަމުން އަންނަ އެމެރިކާގެ ރިޔާސީ ނިޒާމުގައި ސަރުކާރުން މަޖިލީހަށް ބިލުހުށައަޅައިގެން ހައްލުކޮށްފައިވަނީ ކޮންކޮން މުޖުތަމައުގެ މައްސަލަތަކެއްތޯއެވެ؟ ދޮގު ހައްދައި، ރައްޔިތުންނަށް އޮޅުވައި ނުލައްވާށެވެ. ސަރުކާރުގެ ހަރަދުކުޑަކޮށް، ހިންގުން ހަރުދަނާކޮށްގެން ތިޔަ ވިދާޅުވާ ހުރިހާ މައްސަލަތަކެއްހެން ހައްލުކުރެވިދާނެއެވެ. މަޖިލީހުގެ އަގުލަބިއްޔަތާ ނުލައި މުޖުތަމައުގެ މައްސަލަތައް ހައްލުކުރެވިދާނެ ގޮތްތަކާމެދު އެހެން ލިޔުމެއްގައި ގެނެސްދޭނަމެވެ.

0 comments:

 
Web Statistics