Friday, April 3, 2009

ރަށު ކައުންސިލަރުންނަކީ ބަޔަކުމީހުންގެ ބޮލުގައި އަޅުވާފައިވާ ތެތްގޯންޏެއް!

ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅު ރަށްރަށުގެ ރައްޔިތުން އެންމެ ނަފުރަތުކުރާ ބަޔަކަށް ވެފައިވަނީ ރަށްރަށުގެ ކަތީބުންނެވެ. ސަބަބަކީ އަމިއްލަ ފައިދާއަށްޓަކައި ކަތީބުންގެ ތެރެއިން މަދުބަޔަކު ސަރުކާރުން ބޭނުންވާ ބަޔަކު އިންތިހާބުތަކުގައި ހޮވުމަށްޓަކައި ބާރާއި ނުފޫޒުފޯރުވުމެވެ. ވަކިބަޔަކު ހޮވުމަށްޓަކައި އިންތިހާބުތަކުގައި ކަތީބުން ބާރާއި ނުފޫޒު ބޭނުންކުރަނީ ސަރުކާރުގެ ވެރިންގެ ސިޔާސީ ނުފޫޒުގެ ސަބަބުންކަމަށް ގިނަބަޔަކު އިއްތިފާގުވެއެވެ. އޭގެ ނަތީޖާއަކީ ދައުލަތުގެ އާއްމު ހިދުމަތްތެރިންނާ ބެހޭ ގާނޫނު (ނުވަތަ ސިވިލްސާވިސްގެ ގާނޫނު) ލިޔެވުނުއިރު، ކަތީބުންނަކީ ސަރުކާރުގެ ސިޔާސީ ނުފޫޒުން ބޭރުގައިވާ ބަޔެއްކަމުގައި ހެދުމެވެ. މިކަމަށް އެންމެ ގަދަޔަށް ވަކާލާތުކުރީ މިއަދުގެ ސަރުކާރުގެ ބޮޑުންނެވެ. ވެރިކަންލިބުމުން މިބައިމީހުންނަށް މިކަން ކަމުދިޔަކަމަކަށް ނުވެގެން އެހެން ނަމެއްގައި "އެހެން ކަތީބުން" ތަކެއް އެވަނީ އައްޔަންކޮށްފައެވެ.

ކަތީބުންނަކީ އަދި މިހާތަނަށް އެއިރެއްގެ ސަރުކާރަކުން އައްޔަންކުރަމުން އައި ބަޔެކެވެ. ހަމަ އެގޮތަށް މިސަރުކާރުން ވެސް ކުރީގެ ކަތީބުންގެ ބަދަލުގައި އެވަނީ "އެހެން ކަތީބުންތަކެއް" އައްޔަންކޮށް "އެހެން އަތޮޅުވެރިންތަކެއް" އައްޔަންކޮށްފައެވެ. މިފަހަރުގެ ތަފާތަކީ ނަން ބަދަލުކޮށްލުމެވެ. ރަށު ފެންވަރަށް ގެނައި ބަދަލެއްގެ ގޮތުގައެވެ. ނަމަވެސް، ހަގީގަތަކީ މިސަރުކާރުން ނަމޫނާއެއް ކަމަށް ބަލާ އިގިރޭސިވިލާތުގައި ވެސް އަތޮޅުކައުންސިލަރުން (ބަރޯ ކައުންސިލަރުން) ނުވަތަ ރަށުކައުންސިލަރުން (ސިޓީކައުންސިލަރުން) ނަކީ އިންތިހާބުކުރެވޭ މަޖިލީސްތަކެއްގައި ހިމެނޭ ބަޔެކެވެ. އެމަޖިލީހުގެ އިސްމީހަކީ ނުވަތަ ރައީސަކީ މޭޔަރެވެ. ހަމައެގޮތަށް، ދިވެހިރާއްޖޭގައި ލާމަރުކަޒީ އުސޫލުން ވެރިކަންކުރުމާ ބޭހޭ ގާނޫނުގައި ވާގޮތުން ރަށުކައުންސިލަރުންނަކީ އިންތިހާބުކުރެވޭ ބަޔަކަށް ވެގެންދާނެއެވެ. އެންމެ މީހެއްގެ ބަދަލުގައި އެއްރަށެއްގައި އެތަކެއް ކައުންސިލަރުންނެއް ތިބޭނެއެވެ. އެހެންކަމުން، މިހާރު އައްޔަން ކޮށްފައި އެތިބަމީހުންނަކީ އިންތިހާބަށް ނުފޫޒުފޯރުވަން ބައިތިއްބާފައިތިބި ބަޔެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމި، ދެން ބޭއްވޭ ރަށުފެންވަރުގެ އިންތިހާބުތަކަށް ފަހު އެމީހުންގެ ބޭނުން ކެނޑޭނެއެވެ. އެހެންކަމުން ބުނެވޭނީ މިއަދު އެމީހުންނަކީ ސަރުކާރުން އެމީހުންގެ ބޭނުން ހިފުމަށްފަހު އެއްލާލަން ތައްޔާރުކޮށްފައިތިބި ބަޔެއްކަމުގައެވެ. ތިމާމެންނަށް ރައްޔިތުން ބޭނުންވާ ކަމެއް ކޮށްދިނުމުގެ އެއްވެސް ބާރެއް އިހުތިޔާރެއް ލިބިފައި ނެތްއިރު، އަމިއްލަ މަސައްކަތްތަކުން ވީއްލި ނުވަތަ ކުރިން އުޅެމުންދިޔަ ވަޒިފާ ދޫކޮށް މިމަގާމުތަކަށް އައީ ތިމާމެންގެ މޮޔަކަމުންނެވެ. ކުރީގެ ކަތީބުންނަށް ލިބޭ މުސާރައަށް ވުރެ ރަށުކައުންސިލަރުންނަށް ލިބޭ މުސާރަވެސް ކުޑައެވެ. ޕްރޮވިންސުތަކަށް ބަހާލައި ސްޓޭޓުމިނިސްޓަރުން އައްޔަންކޮށް އޭގެ ދަށަށް އަތޮޅުކައުންސިލަރުން އައްޔަންކުރުމުގެ ނަތީޖާއަކީ ތިމާމެންގެ ކަންތައްތަކުގައި ދާންޖެހޭ މީހުން އިތުރުވުން ނޫން އެހެން ކަމެއްނޫނެވެ. އޭގެ ދަލީލަކަށް، ދާދިފަހުން އުތުރުގެ ރަށެއްގެ ރަށުކައުންސިލަރަކު މާލެ އައިސް މިނިސްޓަރުންގެ ފައިންފުޅު ފެނޭތޯ ހިނގިހިނގުން ނުފުދޭތޯއެވެ؟

0 comments:

 
Web Statistics