Friday, April 3, 2009

ރިޔާސީ ނިޒާމެއްގައި ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ބޭނުންވޭ ހެއްޔެވެ؟

ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީހުގެ އެންމެ ބޮޑު އަދި މުހިއްމު ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުމާއި ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކެއްގެ އަލީގައި (ފާސްކުރާ ގާނޫނު ނުވަތަ ގަރާރުގެ ބޭނުންކޮށްގެން) ސަރުކާރު ނުއަތުބުރު ޖެހިޔަނުދީ ހިފެހެއްޓުމެވެ. މިސާލަކަށް، މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓު ސަރުކާރުން ބޭނުންކުރަނީ އެފާސްކޮށްފައިވާ ގޮތަށްތޯ ބަލައި އެކަމާ ފިޔަވަޅުއެޅުމާއި، މަގާމުގައި ހުރެގެން ނާޖާއިޒު ފައިދާ ނަގައި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންހިފާ ސަރުކާރުގެ ވަޒީރުންނާ ސުވާލުކޮށް، ބޭނުންވެއްޖެ ހިނދެއްގައި އިތުބާރުނެތްކަމުގެ ވޯޓެއްގައި މަގާމުން ދުރުކުރުމާއި، ރައްޔިތުންގެ މަސްލަހަތު ރައްކާކޮށްދީ ރައްޔިތުންގެ ކަންތައްތައް ހެޔޮމަގުން ގެންދިޔުމަށް ބޭނުންވާ ގާނޫނުތައް ފާސްކޮށް އެގާނޫނުތަކާ އެއްގޮތަށް އަމަލުކުރުމަށް ސަރުކާރަށް އެންގުމެވެ.

މިފަދައިން ކަން އޮތްއިރު، ސަރުކާރުގެ ވަޒީރުންނާއި ސަރުކާރު ހިންގާޕާޓީގެ ބޮޑުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކޮށް ސަރުކާރުގެ ސިޔާސަތުތައް ދިފާއުކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ހުރަސް އެޅުމަކީ ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީހުގެ ހަގީގީ މަސްއޫލިއްޔަތު ހުރަސްއެޅުމެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލުމެވެ. ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ އަގުލަބިއްޔަތު ބޭނުންވާނީ ހަމައެކަނި ބަރުލަމާނީ ނިޒާމެއްގައި އެސަރުކާރެއްގެ ދެމިއޮތުން މަޖިލީހެއްގެ އަގުލަބިއްޔަތާ ގުޅިފައި އޮންނާތީވެއެވެ. ބަރުލަމާނީ ނިޒާމުގައި މަޖިލީހުގައި އަގުލަބިއްޔަތު ގެއްލޭ ކޮންމެ ފަހަރަކު ސަރުކާރު ވެއްޓޭ ފަދައިން ރިޔާސީ ނިޒާމެއްގައި ސަރުކާރެއް ނުވެއްޓޭނެއެވެ. އަދި ކިއެއްތަ، ސަރުކާރު ހިންގުމަކަށް ދަތިކަމެއްވެސް ނާންނާނެއެވެ. ގާނޫނު އަސާސީ އަށާއި ގާނޫނުތަކާ އެއްގޮތަށް ވެރިކަންކުރުމުގެ ހުރިހާ ބާރެއް އެއިރެއްގެ ސަރުކާރަކަށް ރިޔާސީ ނިޒާމުގައި ލިބިދެއެވެ.

ހަގީގަތަކީ މިއީ ކަމަށްވީއިރު، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް ބޭނުންވާނެކަމަށް ރައީސް ނަޝީދު އެވިދާޅުވަނީ އެމަނިކުފާނަށް ރިޔާސީ ނިޒާމު އެގިވަޑައި ނުގަންނަވާތީވެއެވެ. (ރައީސް ނަޝީދުގެ ގިނަ އަމަލުތައް މިހާތަނަށް ހުރީ ބަރުލަމާނީ ނިޒާމުން ހޮވާފައިހުރި ބޮޑުވަޒީރެކޭ އެއް ބީދައިންނެވެ.) ނޫނީ ރައްޔިތުންނަށް އޮޅުވާލައްވައި، ހުދުމުހުތާރުވެރިކަމެއް މިދިވެހި ފަސްގަނޑުގައި އަނެއްކާވެސް ގާއިމުކުރުމަށެވެ. މިހެން ބުނަންޖެހުނީ، މިހާރު އޮތް މަޖިލީހަކީވެސް ސަރުކާރުގެ އަގުލަބިއްޔަތު އޮތް މަޖިލީހަކަށް ނުވާއިރު، ރައީސް ނަޝީދު ރައްޔިތުންނަށް ވެފައިވާ ވައުދެއް ފުއްދުމަށް ހުރަސްއެޅޭ އެއްވެސް ކަމެއް މިހާތަނަށް އެމަޖިލީހުން ކޮށްފައެއްނުވެއެވެ. އެއާ ހިލާފަށް، ރައީސް ނަޝީދު ރައްޔިތުންނަށް ވެފައިވާ ވައުދު ނުފުއްދިގެން އުޅެނީ ސަރުކާރުގެ ބޭކާރު ހަރަދު ބޮޑުކަމުންނާއި (މިސާލަކަށް އެމްއެމްއޭއިން ދަރަންޏަށް ލާރިނަގައިގެން ކުރާ ބޭކާރު ބޭރުދަތުރުތަކާއި އަމިއްލަ ޕާޓީގެ ކެމްޕޭން ދަތުރުތަކާއި ބޭކާރު އެތަކެއް ސިޔާސީ މަގާމުތައް ގިނަވުމެވެ.)، ހަރުދަނާ ސިޔާސަތުތަކެއް ސަރުކާރުގެ ކިބާގައި ނެތްތަނުގައި އެއިން ކަމެއްކުރަން އެއްވެސް މީހަކު ނޫޅޭތީވެއެވެ.

0 comments:

 
Web Statistics