Wednesday, November 19, 2008

ބޮޑެތި މަގާމުތަކުގައި ތިބި މީހުންނަށް ބޮޑުމުސާރަ އާއި އިނާޔަތްތައް؛ ދަށް މަގާމުތަކުގައި ތިބި މީހުން ބަޑަށް!

އަހަރެންވާ މިއިންނަނީ އަޖައިބުވެ، ބުނާނެ އެއްޗެއް ނެގުނުތާގައި ދެން ހަދާނެ ގޮތެއްވެސް ނޭގިފައެވެ. ރާއްޖޭގެ މާލީ ހާލަތުދަށަށް ދާ ވާހަކައާއި ބެޖެޓުގައި ފައިސާ ނެތް ވާހަކަ އާއި ބޭރުގެ މާލީއިދާރާތަކުން ދަރަންޏަށް ފައިސާ ހޯދައިގެން ގައުމުގެ އިގްތިސާދު ރަނގަޅުކުރާ ވާހަކަ ސަރުކާރުން ދައްކާތީއިވެއެވެ. ނަމަވެސް ފެންނަ މަންޒަރުތަކުންނާއި އިވޭ ވާހަކަތަކުން މާނަކުރެވެނީ އެހެންގޮތަކަށެވެ. އަހަރެމެން ރައްޔިތުންނަށް އޮޅުވާލައިގެން އަހަރެމެން ނިކަމެތިންގެ މުސާރަ ބޮޑުކުރަންޖެހިދާނެތީ ދައްކާ ބަހަނާއެއް ނޫންބާވައޭ ހިތާހިތާ ސުވާލުކުރެވެއެވެ. އެހެންޏާފަހެ، މިއަދު މިއިވުނީ ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 150،000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާއަށް ބޮޑުކޮށް އޭގެ ދެބައިކުޅައެއްބައި ނައިބު ރައީސަށާއި ކުރީގެ ރައީސަށް ދޭވާހަކަވިއްޔާއެވެ.

ރައްޔިތުންގެ މަޖިލީހުންގެ މާލިއްޔާތު ކޮމެޓީއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ފަސްދޮޅަސް ހާހުން މައްޗަށް ޖައްސައި، އެއާއި ވިދިގެން މުސްތަގިއްލު މުއައްސަސާތަކުގެ މުސާރަތައް އެފަދަ ބޮޑެތި އަދަދުތަކަށް ވަނީ ހިއްލާލާފައެވެ. މަޖިލީހުންގެ މާލިއްޔާތު ކޮމެޓީއިން ގެންގުޅޭ މިންގަނޑަކީ ކޮބާ ބާވައޭ ހިތަށް އަރައެވެ. އެމިނާ މިންގަނޑަކުން ދައުލަތުގެ އެހެން މުސާރަތައްވެސް (ސިވިލް މަގާމުތަކުގެ މުސާރަތަކާއި އަމިއްލަ ކުންފުނިތަކުގެ މުސާރަތައް) ހިއްލާލުމަށް އެއިއްޒަތްތެރި މެމްބަރުން ބާރު ނާޅަނީ ކީއްވެބާއެވެ؟ ނުވަތަ އެފަދަ ކަމެއް ކުރުމަށް ފަސްޖެހެނީ ކީއްވެބާވައެވެ؟ މުސާރަތައް ބޮޑުކުރުމަށް ތިޔަ ހުށައަޅާގޮތަށް ހުށައަޅައިގެން ސިވިލް މުވައްޒަފުންގެ މުސާރަތައް މަތިކުރެވިދާނެ ނޫންހެއްޔެވެ. ދެން މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން އަމިއްލަ ކުންފުނިތަކުގެ މުސާރަވެސް މަތިކުރެވިދާނެ ނޫންހެއްޔެވެ؟

މިހެން ނުބުނެ މިހާރު ތިބެވޭކަށް ނެތެވެ. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ތިބެގެން ރައްޔިތުން އުޅޭ ހާލަތެއް، ގައުމު އޮތް ހާލަތެއް ގިނަ މެމްބަރުންނަށް އެނގޭހެންނެއް ހިޔެއް ނުވެއެވެ. އެގޭނަމަކާ ރައްޔިތުންގެ ތެރެއިން ގިނަބަޔަކަށް ލިބޭ މުސާރައިން ޖެކޮޅުނުޖެހިގެން ތަންތަނަށް ދަރާވިކިފައިތިބިއިރު ތިމަތިމާމެންގެ މުސާރަތައް އަމިއްލައަށް ހުށައަޅާ ފާސްކޮށް ފަސްދޮޅަސް ހާހުން މައްޗަށް ޖައްސައެއް ނުލާނެއެވެ. މުސާރަތައް ބޮޑުވެގެން އެކަމުގެ ޝަކުވާ ރައްޔިތުން ކުރާތީވެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރުމަށް މެމްބަރަކު ހުށައެޅި ހުށައެޅުމެއް ބޮލާލައިޖަހައި، މަޖިލީހުގެ ތަޅަމުން ބޭރެއް ނުކުރީހެވެ. ނޫނީ އެވެރިންގެ މުސާރަތައް ބޮޑުކުރުމުގެ ކުރިން ރައްޔިތުންގެ އާމުދަނީ އިތުރުކޮށް ގައުމުގެ ހާލަތު ރަނގަޅުކުރެވޭނެ ގޮތްތަކާމެދު އެންމެ ކުޑަވެގެން މަޝްވަރާކޮށް ގޮތްތަކެއް ކަނޑައެޅީސް ކަންނޭނގެއެވެ.

2 comments:

Anonymous said...

ތިޔޭ އަހަރެމެން މިބުނާ ވާހަކައަކީ؟ އަންނި އެމުސާރަ ގެޔަށް ގޮސްފިއްޔާމު އަހަރެން ދެނެއް އަންނިއަކަށް ވޯޓެއް ނުލާނަން

Anonymous said...

did you know anni said mrf 150,000 is too much for the president? look at this http://www.miadhu.com.mv/div/news.php?id=14729

 
Web Statistics