Tuesday, March 24, 2009

މިވަގުތު ގައުމަށް ދިމާވެފައިވާ މައްސަލަތަކާމެދު ރައީސް ފިކުރުފުޅެއް ނުކުރައްވާ!

އިއްޔެ ބަޑޮސް އައިލެންޑު ރިސޯޓެއްގައި އޮތް ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ މިވަގުތު ގައުމަށް ދިމާވެފައިހުރި މައްސަލަތައް ވަރަށް ފަސޭހައިން ހައްލުކުރެވިދާނެ ކަމަށާއި އެކަމާމެދު ހާވެގެން ނޫޅުއްވާކަމަށެވެ.1 ކަންކަން ކުރަން އުޅޭ މީހަކަށް ކޮންމެ ކަމެއްވެސް ކުރެވިދާނެއޭ ބުނެ އުޅެއުޅެއެވެ. ނަމަވެސް، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހޯދައްވައި އެމައްސަލަތައް ހައްލުކުރުމަށް ރައީސް ނަޝީދު އުޅުއްވާތޯ ނޫނީ އުޅުއްވަނީ ތިމާގެ ރައްޓެހި ރަހުމަތްތެރިންނަށް ދައުލަތުގެ ބޮޑެތި މަގާމުތައް ބަހައި، ބޯމަތިވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ވީހާވެސް ގިނަ ގޮނޑި ހޯދަވަންތޯ ތިމާ އަމިއްލައަށް ސުވާލުކޮށްލަ ބައްލަވާށެވެ.

މިހާރު ފެންނަމުންދާ މަންޒަރުން، ރައީސް ނަޝީދަށް ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ނާޒުކުކަން އެގިލައްވަނީ ކިހާ ވަރަކަށްތޯ ސުވާލުކުރެވެއެވެ. ޖަލުގައި ތިބި ކުށްވެރިން އެމީހުންގެ ހައްގުތައް ހޯދުމަށް މުޒާހަރާކޮށް ސަރުކާރަށް މަޖުބޫރުކޮށްގެން ދޫތައް ހޯދަނީއެވެ. މީހުން މަރާ، ދީނުގައި ހަރާން އެއްޗެއް ކަމުގައި ލެއްވި މަސްތުވާތަކެތި ބޭނުންކޮށް އެހެން މީހުންގެ ހައްގުތައް މުގުރާލާ، ޖަލުގައި ތިބެންޖެހޭ އަނެއްބަޔަކު މާރާމާރީ އާއި ބޮޑެތި ގަތުލުއާއްމު ރޯމާ ދުވާލު ހިންގާއިރު، އަނެއްބަޔަކު މާމަޖާ ކުޅިވަރަކަށް ހަދާގެން ކުޑަކުދިންނާބެހި، ގަދަބާރުން އެހެން މީހުންގެ އިއްފަތްތެރިކަން ފޭރެމުންދާއިރު، މިއުޅެނީ ކުރާނެ ކަމެއް ނޭގިގެންނެވެ. ތަކެތީގެ އަގު އުފުލިގެން ގޮސް އެއްބަޔަކު ބަޑަށްޖެހި، އެއް ފަހަރާ އެތައް ރަށަކުން ބޯފެން ހުސްވެ ހަދާނެގޮތެއް ނެތިގެން މީހުން ކޮޅުކޮޅު މައްޗަށް ދުވަނީއެވެ.

މިކަހަލަ ހާލެއްގައި މިގައުމު އޮތްއިރުވެސް ރައީސް ނަޝީދު ވިދާޅުވަނީ ހާސްފުޅު ނުވާކަމަށެވެ. ކީއްވެގެންތޯއެވެ؟ އެކަންތައް ހައްލުކުރުމަށް ގިނަގުނަ ކަންތައްތަކެއް ރާއްވަވާ ހިންގަވަމުން ގެންދަވާތީ ތޯއެވެ؟ އެހެންނެއް ނޫނެވެ. އެއިންކަމެއްގެ ޝިކާރައަކަށް ތިމާ ނުވަތަ ތިމާގެ އާއިލާގެ މީހަކު އަދި ނުވާތީކަމަށް ވެދާނެއެވެ. (އެފަދަ ދެރަކަމެއް މެދުވެރި ނުކުރައްވާށިއެވެ!) މާލޭގައި ދުއްވާ އެއްޗެހި ގިނަވެ، އެކުސިޑެންޓުތައް އެއް ދުވަހުން އަނެއްދުވަހަށް އިތުރުވެ، މީހުން މަރުވަމުން ދިޔަދިޔުން ހަދުމަކުރާށެވެ. ޒައީމު މައުމޫނަކަށް މާބޮޑު ކަމަށް ނުވިއެވެ. ނަމަވެސް، އަބިކަބަލުން ލޯބިފުޅުވާ ބޭބޭގެ ލޯބިފުޅުވާ ފިރިހެން ދަރިފުޅު ނިޔާވުމުން އުޅުނުގޮތް އަދި ހަދާނެއް ނުނެތެއެވެ. ގައުމުގެ އެންމެން ހެލުމެޓު ނާޅައި ސަލާމަތްވީ ހަމަކިރިޔާއެވެ.

1 މިވަގުތު ގައުމަށް ދިމާވެފައިހުރި މައްސަލަތައް ވަރަށް ފަސޭހައިން ހައްލުކުރެވިދާނެކަމަށް ރައީސް ވިދާޅުވެއްޖެ - ހަވީރު ނޫސް

0 comments:

 
Web Statistics