Thursday, March 12, 2009

ރާއްޖޭގެ ފުލުހުންނާއި މީޑިއާއިން ބޮޑެތި މުޖުރިމުން ފޮރުވަނީ!

އެއް ދުވަހުން އަނެއް ދުވަހަށް ރާއްޖޭގައި ހިންގާ މާރާމާރީ އަންނަނީ ގިނަވަމުންނެވެ. ކަމުގެ ނާޒުކުކަންވެސް އަންނަނީ އިތުރުވަމުންނެވެ. މިއަދު މާރާމާރީއެއްގައި މީހަކު މަރާލުމަކީ އެއްވެސް ކަމެއް ނޫނެވެ. މިފަދަ ބިރުވެރި މާރާމާރީތައް ހިންގަނީ ގިނައިން ފުރާވަރުގެ ޒުވާނުންނެވެ. ކުޑަކުއްޖަކަސް ނުވަތަ ބޮޑުމީހަކަށް ވިޔަސް މީހުން މެރުން، ރޭޕުކުރުން ފަދަ ބޮޑެތި ކުށްކުރާ މީހުންވާނީ ބޮޑެތި މުޖުރިމުންނަށެވެ. އެފަދަ ފަރާތްތަކުގެ ކިބައިން މުޖުތަމައުގެ އާއްމު ފަރުދުން ސަލާމަތްވުމަކީ އާއްމުންގެ ހައްގެކެވެ. ނަމަވެސް، ހިތާމަކީ އެހައްގުން އާއްމުން މަރުހޫމުކުރެވިފައިވާތީވެއެވެ. ކުޑަކުދިންގެ ހައްގު ރައްކާކުރުމުގެ ނަމުގައެވެ. އެންމެ ހެއްވާކަމަކީ ކުޑަކުދިންގެ ހައްގު ރައްކާތެރިކުރުމަށްޓަކައި ނަން ހާމަނުކޮށް، ޖަލުގައި ބަންދުނުކޮށް މިފަދަ ބޮޑެތި މުޖުރިމުން ގޭބަންދަށް ދޫކޮށްލާފައި ތިއްބައި އަނެއްކާވެސް އެފަދަ ނުވަތަ އެއަށްވުރެ ބޮޑެތި ކުށްތައް ކޮށްގެން ފުލުހުން އެމީހުންގެ ފަހަތުން ދުވަންޖެހޭތީވެއެވެ.

ރާއްޖޭގައި ކުޑަކުއްޖެއްކަމަށް ބަލާއުމުރު 16 އަހަރުން 18 އަހަރަށް ގާނޫނީ ގޮތުން ބަދަލުކުރުމާ ގުޅިގެން ވަކި ހާއްސަ އިންތިޔާޒުތަކެއް އެބައިމީހުންނަށް ދެވުނެވެ. އޭގެ ތެރޭގައި 18 އަހަރު ނުފުރޭ މީހުންނާއި ކުދިންނާބެހޭ ޖިނާއީ ކުށްތައް ވަންހަނާކޮށް، އެމީހުންގެ މައުލޫމާތު އާއްމު ނުކުރުން ހިމެނެއެވެ. މިއީ ދިވެހިރާއްޖެއިން ކުޑަކުއްޖެއްކަމަށް ބަލާއުމުރު 16 އަހަރުން 18 އަހަރަށް ބަދަލުކުރުމުގައި ނަމޫނާއަކަށް ބެލި ހުޅަގުގެ ގައުމުތަކުގައި ނުވަތަ އެމެރިކާގެ ގައުމުތަކުގައި ވެސް ނުކުރާކަމެވެ. އިގިރޭސިވިލާތާއި އެމެރިކާގައި ބޮޑެތި ކުށްތައް ކުރާ މުޖުރިމުންގެ މައުލޫމާތު ގެންދަނީ ނޫސްވެރިންނަށް ހާމަކުރަމުންނެވެ. އެގޮތުން، އެމެރިކާގެ މިސޫރީގައި 13 އަހަރުގެ އޮވެން ވެލްޓީ ނަމަކަށް ކިޔާ ފުރާވަރުގެ ކުއްޖަކު 64 އަހަރުގެ މީހަކު މަރާލިކަންވަނީ ނޫސްވެރިންނަށް ހާމަކޮށްފައެވެ. 1 ހަމަ އެގޮތަށް، އިގިރޭސިވިލާތުގައި 18 އަހަރުގެ ޖޭމްސް ދެމާކޯ 18 އަހަރުގެ އެހެން ޒުވާނަކު މާރާލިކަންވަނީ ނޫސްވެރިންނަށް ހާމަކުރުމުން ބީބީސީގައި ގެނެސްދީފައެވެ.2

ހުޅަގުގެ ބަޔެއް ގައުމުތަކުގައި ފުރާ އުމުރުގެ ބޮޑެތި މުޖުރިމުންނާ ބެހޭ މައުލޫމާތު ހާމަކުރަނީ ޝަރީއަތަށް މައްސަލަ ސާބިތުވުމަށްފަހުއެވެ. އެހެން ނަމަވެސް، އެއަދަބަކަށް ދޭންޖެހޭ އެންމެ ހަރުކަށި އަދަބު ދޭކަން ހާމަވެއެވެ. އަދި ބަޔެއް ގައުމުތަކުގައި ގާނޫނީ ގޮތުން ބޮޑު މީހެއްކަމުގައި ބަލާ އުމުރާ ޖެހެންދެން އެފަދަ ކުއްޖަކު މުޖުތަމައުގެ އެހެން މީހުންނާ ވަކިން ބަލަހައްޓައެވެ. ރާއްޖޭގައި މިފަދަ އެއްވެސް ކަމެއް ނެތްތަނުގައި ރާއްޖޭގެ ޖަލުތައް މިއަދު ވެފައިވަނީ ރޯސްކުރި ކުކުޅު ކާލައިގެން، ޓީވީ ބަލާލަން އޮވެވޭފަދަ ޗުއްޓީ ކޭމްފުތަކަކާއެވެ. ފުރާއުރުމުގެ ތަކުރާރުކޮށް ބޮޑެތި ކުށްކުރާ ކުދިން ތިބެނީ މުޖުތަމައަށް ދޫކޮށްލާފައެވެ. އެހެންކަމުން، ބޮޑު މީހެއްކަމަށް ބަލާ އުމުރަށް ގެނެވުނު ބަދަލުން ހާސިލުވީ ކޮންކަމެއްތޯ މިއަދު ވިސްނާލަންޖެހެއެވެ. ރާއްޖޭގައި އެންމެ ގިނަ ކުދިން ތައުލީމީ މަރުހަލާ ނިންމާ އުމުރަކީ އަދިވެސް 16 އަހަރުކަމުގައި ވެފައި އެހާ ހިސާބުން މަސައްކަތުގެ ދާއިރާއަށް ނުކުމެއެވެ. އެހެންކަމުން ގިނަ ރަށްރަށުގައި ބޮޑުމީހެއްކަމުގައި ބަލަނީ އަދި ވެސް އެއުމުރެވެ. އުމުރު މަތިކުރުމުގެ ސަބަބުން ޖިނާއީ ކުށްތައް ހުއްޓުވުމަށް ފުލުހުންނަށް ދަތިތަކާ ކުރިމަތިލާންޖެހުމުން ދިވެހި މުޖުތަމައު މިއަދު މިވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.

ދުނިޔޭގައި ބޮޑު މީހެއްކަމުގައި ބަލަނީ ކޮން އުމުރެއްގައި

1. މީހަކު މަރާލިކަމަށް ތުހުމަތުކުރެވޭ ފުރާ އުމުރުގެ ކުއްޖެއްގެ ޝަރީއަތް ހިންގުމަށްޓަކައި ޖޫރީ އެކުލަވާލައިފި

2. ވަޅިން ހަމަލާދީ މީހަކު މަރާލައިގެން ފުރާއުމުރުގެ ކުއްޖަކު ޖަލަށްލައިފި

0 comments:

 
Web Statistics