Tuesday, March 3, 2009

ނަޝީދުގެ ސަރުކާރު ޒިންމާދާރުކުރުވަންޖެހިފައި

މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވީ ލައްކަގިނަ ވައުދުތަކެއް ރައްޔިތުންގެ ކުރިމަތީގައިވެފައެވެ. އޭގެ ތެރޭގައި ތަކެތީގެ އަގުތިރިކޮށްދޭނެކަމަށާއި، މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކޮށްދޭނެކަމަށާއި، ކަންމަތީ ފިހާރަތަކުގެ ދަރަނި ކަނޑައިލަދޭނެކަމަށާއި، ސަރުކާރުގެ ހަރަދު ކުޑަކޮށް ބާކީކުރެވޭ އެއްޗަކުން ގައުމުގެ ދަރަނި ކުޑަކޮށްދީ ރައްޔިތުން ފުއްދުންތެރިކޮށްދޭނެކަމަށާއި، ކުޑަ ހަރަދަކުން ބޯހިޔާވަހިކަން ހޯދޭނެ މަގުކޮށައިދޭނެކަމަށާއި، ހެޔޮވެރިކަމެއް ރާއްޖޭގައި ގާއިމުކޮށްދޭނެކަމަށާއި، ހެޔޮއަގުގައި ބޭސްފަރުވާގެ ހިދުމަތް ހޯދައިދޭނެކަމަށާއި، މިގޮތަށް ގޮސް ދުލުގެ ކުރިން ކިޔޭނެހައި ހުރިހާ ރަނގަޅުކަމެއް ވެރިކަން ލިބިއްޖެނަމަ ކޮށްދޭނެކަމަށް ގޮވާހެދިއެވެ. ނަމަވެސް، މިހާރު އޭގެ ތެރެއިން ބަޔެއް ކަންތައްތައް ހަދާންނެތި އަނެއްބައި ކަންތައްތައް ފަލްސަފާއަކަށް އެކަނިވެ ނިމިއްޖެއެވެ.

ކުޑަކުއްޖެއްގާތު މިވަނި އެއްޗެއް ގަނެދޭނަމޭ ބުނެ ނުގަނެދީފިޔާމު އެވެސް ވާނީ ދޮގަކަށޭ ބުނެއުޅެއެވެ. ނަމަވެސް، ވެރިކަމަށް ކެމްޕޭނުކުރި ދުވަސްވަރު "ތިމަން ވެރިކަމެއް ބޭނުމެއްނޫނޭ.. ބޭނުންވަނީ ވެރިކަން ބަދަލުކުރާށޭ.. ވެރިކަން ލިބުނަސް ދައުރުގެ މެދުތެރެއިން ރިޔާސީ އިންތިހާބެއް ބާއްވާނަމޭ.. މިއީ މިނިވަން އިންތިހާބެއް ނޫނޭ.." ގޮވާއުޅުނު ހަދާނެއް މިހާރުނެތެވެ. އެވީ ފަލްސަފާ އަކަށެވެ. ފަލްސަފާވެރިންނަށް ވެސް ނޭގޭ ޒާތުގެ ފަލްސަފާއަކަށެވެ. ފަލްސަފާއަކީ އަނެއްކާ ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލުމަށް ކިޔާ އެހެން ނަމެއްބާވައެވެ؟ ރައީސް ނަޝީދުގެ "ބޮޑު ފަލްސަފާ" ބާއްވާފައި ދެންހުރި ވައުދުތަކަށް ބަލާލާއިރު މިފާއިތުވެދިޔަ 3 މަސްދުވަހުގެ ތެރޭގައި އެއިން ވައުދެއް ފުއްދޭތޯ މަސައްކަތްކުރާތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި ތިމާގެ އަމަލުތައް ހުރީ އެވައުދުތަކާ ދިމާއިދިކޮޅަށެވެ.

މިހާރު ސަރުކާރު މިސްރާބު ހުރިގޮތުން ދާން އަޒުމު ކަނޑައަޅައިގެން ތިބި "އަނެއްރާއްޖެ" ފެންނާނެ ކަމާމެދު ޝައްކުވެފައިތިބި ހިނދު، ކަންތައްތައް ހެޔޮމަގަށް އެޅުވެން އޮތީ އަނެއްކާވެސް ސަރުކާރު ޒިންމާދާރުކުރުވަން ރައްޔިތުން ތެދުވެގެންނެވެ. ރައީސް ނަޝީދު ވެފައިވާ ވައުދުތަކުގެ މަތިން ހަދާންކޮށްދީ، ސަރުކާރުން ކުރާ ބޭކާރު ހަރަދުތަކާއި ތާކުންތާކު ނުޖެހޭ ކަންތައްތަކުގެ ވާހަކަތަކާމެދު ވަޒީރުންނާ ސުވާލުކޮށް ސަރުކާރު ޖަވާބުދާރީކުރުވައިގެންނެވެ. އެމްއެމްއޭ އިން ދަރަންޏަށް ލާރި ނަގައިގެން ކަމާނުބެހޭ އެތައްބަޔަކު ގޮވައިގެން، ދިވެހިން ދަރަނިވެރިކޮށްފައި، ދުނިޔެވަށާ ބުރުޖަހާއިރު ކަންތައްތައް ރަނގަޅުކުރަން އިތުރު ވަގުތުބޭނުމޭ ބުނުމަކީ ރައްޔިތުން ވާވެއްދުމެވެ. 3 މަހުން ފަށައިނުގަނެވުނު ބަދަލެއް 5 އަހަރުން ވެސް ގެނެވިދާނެބާވައެވެ؟ އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވާއިރު ވިސްނަންވީ ސަރުކާރު ޒިންމާދާރުކުރެވޭނެ ފަދަ ބަޔަކު އިންތިހާބުކުރުމަށެވެ.

0 comments:

 
Web Statistics