Monday, March 16, 2009

ރައީސް ނަޝީދަށް،


މަނިކުފާނަށް މިސިޓީ ލިޔުމަށް އަޅުގަނޑު ގަލަން މިނެގީ ބުރަ ހިތަކައިގެންނެވެ. ތާއަބަދު އެއް ކަމެއް ތަކުރާރުވަމުންދާ ތަންފެނިފެނި ވަރުބަލިވެފައިވާ ހިތަކައިގެންނެވެ. އެކަންތައްތައް އެގެންދަނީ ގައުމު ހަލާކުރުމުންނެވެ.


އަޅުގަނޑުމެންގެ ޕާޓީ، އާދެ ލިބަރަލް ޕާޓީ، މަނިކުފާނުގެ ސަރުކާރާއި ގުޅުނީ މަނިކުފާނުގެ އެދުމުގެ މަތިން، މިގައުމުގެ ކަންތައްތައް ރަނގަޅުކޮށްދިނުމަށް ރައްޔިތުންނަށް މަނިކުފާނު ވެފައިވާ ވައުދު ހަގީގަތަކަށް ހަދައިދެވޭތޯއެވެ. ހެޔޮވެރިކަމެއް ކުރުމަށް މަގުފަހިކޮށް، އެކަމުގައި ބައިވެރިވެ، އަދި މިގައުމުގައި އަށަގަތްފައިވާ އިޖުތިމާއީ ބަލިމަޑުކަން ފުހެލުމަށެވެ. އެހެންނަމަވެސް، "އިއްތިހާދުގެ ގުޅުމު" ގެ ތެރޭގައި މަޝްވަރާކުރެވޭނެ ހަރުދަނާ އުސޫލެއް ނެތުމުގެ ސަބަބުން، މަނިކުފާނުގެ ސަރުކާރުގައި މައުނަވީ ގޮތެއްގައި ކަންތައްތައް ކުރުމަށް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ.


މިހާލަތުގައި، އަޅުގަނޑުގެ މިއަގެއްނެތް ނަސޭހަތްތައް މަނިކުފާނަށް ފޯރުކޮށްދެވޭތޯ ގިނަގުނަ މަސައްކަތް ކޮށްފީމެވެ. ހަމައެކަނި 1382 ވޯޓު ލިބިފައިވާ "ކުރީގެ" ސިޔާސީ މީހެއްގެ ހާސަރުތައް އަޑުއައްސަވާލެއްވުމަށް ގައުމުގެ ރައީސަށް ލިބިލައްވާނީ ވަރަށް ވެސް މަދު ވަގުތުކޮޅެއްކަން އަޅުގަނޑު ގަބޫލުކުރަމެވެ.


އިއްޒަތްތެރި ރައީސް. މީހަކު އެއްޗެއް އަޑުއަހާނެހައި ވަރުގެ މީހަކަށް އަޅުގަނޑު ނުވެދާނެއެވެ. ނަމަވެސް، މިގައުމުގެ ރައްޔިތުންގެ އަޑު މަނިކުފާނު އައްސަވާށެވެ. އެމީހުންނަށް ބޮޑުވެގެން އުޅޭ ކަންތައްތައް ދެނެގަތުމަށްޓަކައި އެމީހުންގެ އަޑު އައްސަވާށެވެ. އެމީހުންގެ ޖީބުތަކަށް ލެވޭ މަދު ރުފިޔާކޮޅެއް އެމީހުން ބަލައިގަތްކަމުގައި ވިޔަސް، އެމީހުން ކަންބޮޑުވާ އެހެން ބޮޑެތި ކަންތައްތަކެއް ހުރެދާނެއެވެ. ނިމިގެން ދިޔަ އިންތިހާބު ކާމިޔާބުވުމުގެ އަސްލަކީ "5 ވައުދު" ކަމަށް ހައްދަވައި މަނިކުފާނު ގާފިލުވެނުލައްވާށެވެ. އާއްމުންގެ އުތުރި އަރައިގެންދިޔަ ޖަޒުބާތުތައް ގުޅިފައިވަނީ ހުރިހާ ދިމާލަކުން އިންސާފު ނެތިދިޔުމާއެވެ.

އިއްޒަތްތެރި ރައީސް. މިގައުމުގެ ހުރިހާ މައްސަލަތަކެއްގެ އަސްލަކީ މިގައުމުގައި ގާނޫނުގެ ވެރިކަމެއް ނެތުންކަން މަނިކުފާނަށް އެގިލައްވާތޯއެވެ؟ އަބްދުލް ގައްޔޫމް [އެބަހީ: މައުމޫން އަބްދުލް ގައްޔޫމް. ގައްޔޫމަކީ މާތްﷲގެ ނަންފުޅަކަށްވާތީވެ، އަސްލު ލިޔުމުގައި ނެތް "އަބްދުލް" މިލަފުޒު ކުރިޔަށް ގެނައީއެވެ] ސިފަވެފައިވަނީ ގާނޫނުގެ ވެރިކަމެއްގެ ހަތުރެއްގެ ގޮތުގައިކަން މަނިކުފާނަށް އެގިލައްވާތޯއެވެ؟ އެކަންވެގެން ދިޔައީ އޭގެ ސަބަބުން މަނިކުފާނެކޭ އެއްފަދައިން އެހެން މީހުން ވެސް ނަފުރަތުކުރުވި ކަމަކަށް ނޫންތޯއެވެ؟ އެމީހުންގެ ޖީބުތަކަށް ލާން މަދު ރުފިޔާކޮޅެއް ލިބުމުން މި ހާސްކަންބޮޑު ހާލަތުން މިންޖުވެވިދާނެކަމަށް މަނިކުފާނު ހަގީގަތުގައިވެސް ގަބޫލުކުރައްވަނީތޯއެވެ؟ އެހެން ކަމަށްވާނަމަ، އާއޮޑިއެއްގެ އަލަތު ދަތުރު ފެށުމަށްޓަކައި ނަގަލި އޮޑިޔަށް ނެގުމުގެ ކުރިން ވެސް މަނިކުފާނު ތިޔަ ގެންދަވަނީ އެއޮޑީގައި ބާ ހައްދަވަމުންނެވެ. އަބްދުލް ގައްޔޫމް ގެ ވެރިކަމުގެ 10 ވަނަ އަހަރުން ފެށިގެން ކުރެއްވި ކަމަކީ ހަމަ ތިޔައީއެވެ.


ގާނޫނުގެ ވެރިކަމަކީ އެއްވެސް އެއްޗެއް ނޫންކަމުގައި ކުރީގެ ސަރުކާރުން ދެކުމުގެ ނަތީޖާއަކީ އިޖުތިމާއީ ފޭރާން އެކީއެކަށް ކަމީނާވެގެން ދިޔުމެވެ. މީގެ ސަބަބުން އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ މުސީބާތްތަކުގެ ތަފުސީލަށް ދިޔުމުގެ މާބޮޑު ބޭނުމެއް އޮތްކަމަކަށް އަޅުގަނޑު ނުދެކެވެ. ހަމައެއް ލަމައެއް ނެތުމާއި، ގާނޫނާއި ގަވާއިދުތަކަށް އެއްވެސް މިންވަރަކަށް ކަމޭނުހިތުމާއި، އިންސާފު ހޯދުމުގެ ނިޒާމާމެދު މީހުންގެ އިތުބާރުގެއްލި ތިމާމެންގެ އަމިއްލަ އަތް މައްޗަށް ގާނޫނު ގެނެސް ރުޅިވެރި ބައިގަނޑު ހަދައިގެން އިންސާފުހޯދުމަށް ނުކުތުމާއި، ކުޑަކުދިންނާ ބެހޭ މީހުންނާއި މީހުންގެ އިއްފަތް ފޭރޭމީހުންނާއި މުޖުރިމުން ފޯދި ގިނަވަމުން ދިޔުމާއި، ކުށްކުރާ ޒުވާނުންގެ އަދަދު މަތިވަމުންދާ ދިޔުމުން އަންގައިދެނީ ކަންތައްތައް ވަރަށް ބޮޑަށް ފައްދުފަހަނަ އަޅައިފިކަމެވެ.


އިއްޒަތްތެރި ރައީސް. މައްސަލަތަކާއި އެމައްސަލަތައް ހުރި ހިސާބުން އެގެނީ ހާލަތުގެ ނާޒުކުކަމެވެ. އަދި ނާޒުކު ހާލަތުން އެންމެ ފަހުން އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އެޅުމަށް ގޮވާލެވެއެވެ. ސަރުކާރުގެ ވެރިންނަށް އެކަނި އެކަންތައްތަކެއް ނުކުރެވޭނެއެވެ. މިބިރުވެރިކަމުން ސަލާމަތްވުމަށް މުޅިގައުމު ރުކުލަވާލަން ޖެހެއެވެ. އަމުނު ގާއިމުކުރުމަށް ފުލުހުން މަސައްކަތްކުރުމުން ރުޅިވެރި ބައިގަޑުން ރައްދުދޭގޮތް މަނިކުފާނަށް ފެނިވަޑައިގަންނަވާ ނޫންތޯއެވެ. ފުލުހުން ވިޔަސް، ވަޒިރުންގެ މަޖިލީސް ވިޔަސް، ނުވަތަ މަޖިލީހުގެ މެމްބަރުން ވިޔަސް، އެމީހުންގެ ކަންތައްތަކަށް ހުރަސް އަޅާމީހުންނާ އެމީހުން ކުރިމަތިލާނެއެވެ. ހުރިހާ ސިޔާސީ ބަޔެއް ހިމެނޭގޮތުން އެއްބައިވެފައިވާ ރައްޔިތަކަށް މެނުވީ މިނުބައިކަމަކުން ސަލާމަތެއް ނުވެވޭނެއެވެ.


އަޅުގަނޑު މިސިޓީގައި ބުނަން ބޭނުންވާ ނުކުތާއަށް މިއާދެވުނީއެވެ. މިކަމަށްޓަކައި މިގައުމު އެއްބައިވަންތަ ކުރެވޭނީ ހަމައެކަނި މަނިކުފާނަށެވެ. އެއީ މަނިކުފާނުގެ ދުސްތޫރީ ވާޖިބެކެވެ. މީސްތަކުންގެ މެދުގައި އެއްބައިވަންތަކަން އަށަގެންނެވުމަކީ މަނިކުފާނުގެ ދުސްތޫރީ ވާޖީބެއް އަދި މަސްއޫލިއްޔަތެއްކަން ގާނޫނު އަސާސީ ކަޅާއި ހުދުން ބުނެދެއެވެ. ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ބާކީކޮށް، ހަމައެކަނި ވަކި ޕާޓީއެއްގެ މެމްބަރުންތަކެއް ބަލައިގަތުމަކުން އެކަމެއް ނުކުރެވޭނެއެވެ. އެހެން ހެއްދެވެމުން އުފެދޭނީ އިތުރު ބައިބައިވުން ތަކެކެވެ.


އިއްޒަތްތެރި ރައީސް. މަނިކުފާނަކީ އެންމެންގެ ވޯޓުން ހޮވާފައިހުރި މިގައުމުގެ ރައީސެވެ. ތިޔައީ މަޖިލީހުގެ އަގުލަބިއްޔަތު ބޮޑު ޕާޓީއިން އައްޔަންކުރި ބޮޑުވަޒީރެއް ނޫނެވެ. އިއްޒަތްތެރި ރައީސް. ބޮޑުވަޒީރެއް ހުރުމަކަށް ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އަދި ތަނެއް ނުދެއެވެ. ހަދުމަނެތިލައްވަފާނެތީވެ، އަޅުގަނޑު ހަދާންކޮށްލަދިނީއެވެ.


ގައުމީވަންތަކަމުގައި އިހުލާސްތެރިކަމާއެކު

އިބްރާހީމް އިސްމާއީލް

މާލޭގެ މެމްބަރު

އެޑިޓޯރިއަލް ބޯޑު: މަތީގައި އެވާ ސިޓީއަކީ މާލޭގެ މެމްބަރު އިބްރާހީމް އިސްމާއީލް އޭނާގެ އަމިއްލަ ބުލޮގުގައި ލިޔުއްވި އިގިރޭސި ސިޓީއެއްގެ ތަރުޖަމާއެކެވެ. ދިވެހިބަހަށް އެސިޓީ ގެނައުމަށް އަހަރެމެން ގަސްދުކުރީ ދިވެހިރާއްޖޭގެ ރަސްމީ ބަހަކީ އަދި މާދަރީ ބަހަކީ ދިވެހި ބަސްކަމަށް ވާތީވެއެވެ.

1 comments:

Anonymous said...

Anni akee handhaanugai varah bodu massalaeh hunna mee heh kan saabithu kohdheyn kithamme bodu kaateh ves kaan mihiree thayyarah!!!

 
Web Statistics