Wednesday, March 11, 2009

އެންވޯއީ ޓު މަސްމާރުކޭޓު އެންޑް ލޯކަލް މާރުކޭޓުކަމަށް މިސް ނާސިރާ!

މިއަދުގެ ވަގުތެއްގައި ޑީއޯ ކުޑަ ސައްޕޭ އެންވޯއީ ޓު ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމަށް ރައީސް ނަޝީދު އައްޔަންކުރައްވައިފިއެވެ. އަދި ސައްޕޭއަށް މި މަޤާމު ދެއްވުމަށްފަހު، 10 އަހަރު ދުވަހުގެ ތެރޭގައި، މި ރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ ފުރަތަމަ ކާބަން ނިޔުޓްރަލް ޤައުމަކަށް ހެދުމަށްޓަކައި ސައެންސާއި ޓެކްނޯލޮޖީގެ ރޮނގުން އެކިއެކި ބާވަތުގެ މަޢްލޫމާތު ހޯއްދަވައި، ތަޙުލީލުތައް ކުރައްވައި އަދި މިކަމާ ގުޅިގެން ބައިނަލްއަޤްވާމީ ފަރާތްތަކާ މުޢާމަލާތްތައް ހިންގަވައި، މި އަމާޒު ޙަޤީޤަތަކަށް ހައްދަވައިދެއްވުމަށް ކަމަށް ރައީސް ނަޝީދު އެދިވަޑައިގަތެވެ.1

މި ހަބަރު އަޑު އިވުމާއެކު އަހަރެންގެ ހިޔާލުތައް ހިޔާލީ ދުނިޔެއަކަށް މިސްރާބު ޖަހައިފިއެވެ. ދެން، ކުރިމަތީގައި ހުރި ޓީވީ ހުޅުވާލުމާއެކު ފެނިގެން ދިޔައީ މިސް ނާސިރާ (ކުޑަކުދިންގެ ބަހުރުވައިން މޮޔަ ނާސިރާ) ފެންވަރައި، ނަލަހެދިލައިގެން ރީތިގޮތަކަށް ބޯހަދާލައި، ދެތިން ކުލަ ބޮލުގައި ޖައްސާލައިގެން ދިގުހެދުމެއްގައި ހުއްޓައެވެ. އެހާ ނަލަކޮށް ހުރުމުން ފުރަތަމަ ފަހަރު ނޭގުނީވީވެ އާގަނެފައި ބަލަހައްޓައިގެން ހުރެވުނީއެވެ. ވަރަށް ޝައުގުވެރިކަމާއެކު އަޑުއަހަން ހުރީމެވެ.

"މިއަދުގެ ވަގުތެއްގައި މިސް ނާސިރާ އެންވޯއީ ޓު މަސްމާރުކޭޓު އެންޑް ލޯކަލް މާރުކޭޓުކަމަށް ރައީސް ނަޝީދު އައްޔަންކުރައްވައިފިއެވެ. މަގާމުގެ ފަތްކޮޅު ހަވާލުކުރުން އޮތީ ރައީސުލްޖުމްހުރިއްޔާގެ ސެކެރެޓަރީގެ ކޮޓަރިކޮޅުގައެވެ. (ހަރަދުކުޑަ ކުރުމުގެ ގޮތުން، ކުރީގެ ރައީސް ބޭނުންކުރެއްވި ކޮޓަރިކޮޅު މަކުނުވާދަމާ ހިރަފުސްކުރުމަށް ދޫކުރައްވައި، ރައީސުލްޖުމްހުރިއްޔާގެ ސެކެރެޓަރީގެ ކޮޓަރިކޮޅު ރައީސް ނަޝީދު ބޭނުންކުރައްވަމުންދާކަން ބީބީސީގެ ރިޕޯޓަކުން ފެނިފައިވެއެވެ.2) މިމުހިއްމު ރަސްމީޔާތުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި މިރޮގުން ރާއްޖޭގައި ހުންނެވި އެންމެ ތަޖްރިބާބޮޑު ބޭކަބަލަކީ (އަލިފާން ނިއްވާލުމުގެ ދާއިރާއިން އަބްދުއްﷲ ޝާހިދުމެންވަރު ނުވިޔަސް) މިސް ނާސިރާ ކަމަށާއި މަސްމާރުކޭޓު އަޅާނެ ރަނގަޅުތަނަކާމެދު އިތުރު ތަހުލީލުތައް ކުރުމަށާއި ލޯކަލް މާރުކޭޓަށް ގެންނަ ސާމާނު ގިނަކުރުމަށްޓަކައި އިތުރު ދިރާސާތައް ކުރުމަށް އެދިވަޑައިގަތެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން މިކަން ކޮށްދެއްވުމަށް އެދިވަޑައިގަތެވެ." އަހަރެންނަށް ހުވަފެނުން ހޭލެވި، ހޭވެރިކަންވީ ގޭތެރެއިން އެހެން މީހަކު "ވާ ވާ ސައްޕޭއޭ.. ދެން ބޮޑު މުސާރަ ނަގާލަ ނަގާލަ ހުރީމާވީތާދޯއޭ" ގޮވާލި އަޑަށެވެ.

1. ޑީއޯ ސައްޕޭއަށް އެންވޯއީ ފޮރ ސައެންސް އެންޑް ޓެކްނޯލޮޖީގެ މަޤާމު ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

2. ރާއްޖެއިން [މިހާރުގެ ރައީސް، ކުރީގެ] ރައީސްގެ އަގުބޮޑު ދިރިއުޅުމަށް އަލްވަދާކިޔަނީ

0 comments:

 
Web Statistics