Wednesday, March 4, 2009

ގާނޫނެއްނެތި ލާމަރުކަޒީ އުސޫލުން ގައުމު ހިންގަން އުޅުމަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފުކަމެއް!

މަރުކަޒީ އުސޫލުން ވެރިކަން ކުރުން ފޭލިވެއްޖެކަން ކުރީގެ ވެރިކަމުގެ 30 އަހަރަށް ބަލާލުމުން ފުދެއެވެ. އަދި ރާއްޖޭގެ ރަށްތައް ތަރައްގީކޮށް، އަސާސީ ހިދުމަތްތައް ފޯރުކޮށްދެވޭނީ ލާމަރުކަޒީ އުސޫލުން ގައުމު ހިންގައިގެން ކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ސަބަބަކީ ލާމަރުކަޒީ އުސޫލުން ގައުމު ހިންގަން ފެށުމުން ރަށްރަށުގައި އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވި، ވިޔަފާރިތައް އިތުރުވެ، އާއްމު ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެއެވެ. ނަމަވެސް، އޭގެ ކުރިން ފުރިހަމަ ކުރަންޖެހޭ ދެކަމެއް އެބައޮތެވެ. އެއީ ދޭދޭ ދެރަށުގެ ދެމެދުގައި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުވުމާއި އާބާދީ އެއްފަސްކުރުމުގެ މައްޗަށް ސަރުކާރުގެ ސިޔާސަތުތައް ފުރޮޅާލައި އެކަމަށް ބާރުއެޅުމެވެ. ފަލްސަފާއަކަށް ވުރެން ބޮޑަށް އަމަލީގޮތުންނެވެ. މިހެން ބުނާއިރުވެސް މިފަދަ ކަމެއް ހަގީގަތަކަށް ހަދަންބަލާއިރު ގިނަގުނަ ގޮންޖެހުންތަކެއް ހުރިކަން ގަބޫލުކުރަންޖެހެއެވެ. އޭގެ ތެރޭގައި ފައިސާގެ ތާށިކަމާއި މީހުންގެ ވިސްނުމާއި ކަމުގެ ތަޖުރިބާނެތުން ހިމެނެއެވެ.

ކަމަކީ ކިތަންމެ ރަނގަޅުކަމެއްކަމުގައި ވިޔަސް ކޮންމެ ކަމެއްވެސް ކުރަންވާނީ އެކަމަކަށް ރަނގަޅަށް ތައްޔާރުވެވި ހަރުދަނާ އުސޫލުތަކެއްގެ މަތިންނެވެ. ގާނޫނަކަށް ބޭނުންވާ ސަބަބަކީ މިއެވެ. އެހެން ނޫނީ ވެރިން ބަދަލުވާ ކޮންމެ ފަހަރަކު ނުވަތަ ވެރިންނަށް ފެންނަ ކޮންމެ ފަހަރަކު ވަކިގޮތަކަށް ކަންތައްތައް ބަދަލުކުރަން އުޅުމަކީ ގައުމުގެ ބަޖެޓަށް ބާރުބޮޑުވެ، އެތަކެއް ބޭކާރު ހަރަދެއް ކުރެވޭނެ ކަމެކެވެ. ވެރިމީހާ ބަދަލުވުމާއެކު ނުވަތަ އައު ދައުރަކަށް އިންތިހާބުވާ ކޮންމެ ފަހަރަކު އައު ސިޔާސީ މަގާމުތައް އުފައްދައި، އައު މުއައްސަސާތައް އުފައްދަންޖެހުމަކީ މީގެ ހެއްކެކެވެ. ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމުކަމުގައިވާ ރިޔާސީ ނިޒާމު ހިންގާ އެމެރިކާއަށް ބަލާލާއިރު ސިޔާސީ މަގާމުތަކާއި މުއައްސަސާތައް އެއީ މަޖިލީހުން ފާސްކުރެވި ކަނޑައެޅިފައި ހުންނަ ކަންތައްތަކެވެ. ވެރިކަން ބަދަލުވުމާއެކު އަންނާނެ ހަމައެކަނި ބަދަލަކީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ބަދަލުވުމެވެ. މިއީ ރައްޔިތުންގެ މަޖިލީހުން ވިސްނާލުން ރަނގަޅުކަމެކެވެ.

0 comments:

 
Web Statistics