Friday, June 5, 2009

އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައިގެން ރައްޔިތުން ގަބޫލުނުކުރި ފަރާތްތަކަށް ދައުލަތުގެ ބޮޑެތި މަގާމުތައް؟!

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައިގެން ނާކާމިޔާބުވި ފަރާތްތަކަށް އިންތިހާބުގެ ފަހުން ދައުލަތުގެ ބޮޑެތި މަގާމުތަކެއް ކުރީގެ ރައީސް މައުމޫނު ދެއްވުމާގުޅިގެން އެންމެ ބޮޑަށް މަލާމާތުކުރި މީހަކީ މިހާރުގެ ރައީސް ނަޝީދާއި އޭނާގެ ބައިވެރިންނެވެ. އިންތިހާބުން ފެއިލިވި މީހުންނަކީ ރައްޔިތުން ބޭނުންނެތިގެން އެއްލާލި ބަޔެއްކަމާއި އެފަދަ މީހުންނަށް ދައުލަތުގެ ބޮޑެތި މަގާމުތައް ދިނުމަކީ ރައްޔިތުންނަށް ކުރެވޭ މަލާމާތެއްކަމާއި ފުރައްސާރައެއްކަމަށް އެދުވަހު އެމީހުން ބުނެތެވެ. މާލޭގެ ގޮނޑިއަށް އަބްދުއްﷲ ކަމާލުއްދީން ކުރިމަތިލައިގެން ނާކާމިޔާބުވުމާގުޅިގެން ޖެހިގެންއައި ދުވަހު ދައުލަތުގެ މިނިސްޓަރުކަން ދިނުމާއި ތިމާ އުފަން ރަށް ހިމެނޭ އަތޮޅަށް ކުރިމަތިލައިގެން ރައްޔިތުން ގަބޫލުނުކުރި ސީނާ ޒާހިރު ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ވައްދައި، ސަރުކާރުގެ ނުފޫޒުން އޭނާ މަޖިލީހުގެ ރައީސަކަށް ހެދި ވާހަކަ ތަކުރާރުކޮށް އެކި ސްޓޭޖުތަކުގައި ދައްކާއުޅުނެވެ. މިއަދު އެވާހަކަތައް ހަދާން އެބަހުރިތޯއެވެ؟

މިއަދުގެ ވަގުތެއްގައި ރައީސް ނަޝީދު އެވަނީ ކުޅުދުއްފުށީ އުތުރު ދާއިރާއަށް ކުރިމަތިލައްވާ ނާކާމިޔާބުވެ ވަޑައިގެންނެވި މ. އުނިމާގޭ އަޙްމަދު އާދިލަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމްއެފެއަރޒްގެ މަޤާމުކަން ދެއްވާފައެވެ. އަލިފުށި ދާއިރާއަށް ކުރިމަތިލައްވާ ނާކާމިޔާބުވެ ވަޑައިގެންނެވި މ. ޖަވާހިރުވާދީ މުޙައްމަދު ރަޝީދު ޙުސައިން ިގޭ ) އަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް މަޤާމުކަން ދެއްވާފައެވެ. އަދި މައްޗަންގޯޅީ އިތުރު ދާއިރާއަށް ކުރިމަތިލައިގެން ނާކާމިޔާބުވި އަހުމަދު ހަލީމް (ދޮންބިލެތް) އެވަނީ އެމްޑީޕީގެ މީޑިޔާ ކޯޑިނޭޓަރުކަމުގެ މަގާމަށް އެއްވެސް އިއުލާންކުރުމަކާ ނުލައި އައްޔަންކޮށްފައެވެ. ބޭނުމަކީ ކޮބާތޯއެވެ؟ ޒައީމު ކަންކުރާ ގޮތްތަކަށް މަލާމާތްކޮށްފައި، ޒައީމުގެ ފިޔަވަޅު މަތިން ފިޔަވަޅެއް އެޅުން ނޫންކަމެއް އެބަކުރެވޭތޯއެވެ؟ ތަކުރާރުކޮށް ވިދާޅުވަމުން އަންނަ ހެޔޮވެރިކަމާއި ޑިމޮކުރަސީގެ ރިވެތި މިސާލުތައް މިހާރު ކޮބައިތޯއެވެ؟

އަދިވެސް އަހަރެމެން މިތިބީ އެގޮތުގައެވެ. އަދި ގަބޫލުކުރަނީ ވެސް އެގޮތަށެވެ. ރައްޔިތުން ބަލައިނުގަތް ބަޔަކު ރައްޔިތުންގެ ވެރިންނަށް އިސްކުރުމަކީ ރައްޔިތުންނަށް ކުރެވޭ މަލާމާތެއް ނުވަތަ ނުފައްސާރައެކެވެ. ދައުލަތުން އެހެން ކޮންމެވެސް މަގާމެއް ދިނުމުގައި މައްސަލައެއް ނެތެވެ. މައްސަލައަކީ ޒައީމު މައުމޫނުގެ ފިޔަވަޅުމަތީ ފިޔަވަޅު ބަހައްޓަމުން ދައުލަތުގެ ބައިތުލްމާލުން އިސްރާފުކުރާތީވެއެވެ. ރައްޔިތުންގެ ވޯޓުން ރައްޔިތުންގެ ވެރިންނަށް ތިބުމަށް ބޭނުންނޫން ކަމަށް ބުނި ބަޔަކު އަނެއްކާވެސް ގެނެސް ރައްޔިތުންގެ މައްޗަށް އަމުރުކުރާ ބަޔަކު ކަމަށް އިސްކުރީތީވެއެވެ.


0 comments:

 
Web Statistics