Wednesday, May 20, 2009


މާރިޔާގެ އެހެން ކޮއްކޮއަކަށް އަނެއްކާވެސް ބޮޑު މަގާމެއް

މިއަދުގެ ވަގުތެއްގައި މާރިޔާގެ އެހެން ކޮއްކޮއެއް ކަމަށްވާ މިފްޒާލް އަހުމަދަށް އެޑްވައިޒަރ އޮން އިންވެސްޓުމަންޓުގެ (ނުވަތަ އިންވެސްޓުމަންޓުތަކާބެހޭ މުސްތަޝާރުގެ) މަގާމު ރައީސް ނަޝީދު ދެއްވައިފިއެވެ. މިމަގާމަކީ ބެލެވޭ ގޮތުގައި މިނިސްޓަރުންގެ ނައިބު ފެންވަރުގެ މަގާމެކެވެ. ކުރިން ވެސް ވަނީ މިނިސްޓަރުންގެ ނައިބުގެ މަގާމާއި އެފެންވަރުގެ މަގާމެއް މާރިޔާދީދީގެ އެއްބަޑު އެއްބަފާ ދެކޮއްކޮއަކަށް ދީފައެވެ. އެތަނުން އެކަކަކީ ހައުލާ އަހުމަދު ދީދީއެވެ. މަގާމަކީ ހާރިޖީ މިނިސްޓްރީގެ ނައިބެވެ. ދެން އަނެއް ކޮއްކޮއަށް މަގާމެއް އުފެއްދީ ރައީސް އޮފީހުގައި ނައިބު މިނިސްޓަރުންގެ ފެންވަރުގައެވެ.

މިފަހަރު މިފްޒާލަށް އުފައްދާދިން މަގާމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްޓުމަންޓުގައި އަލަށް އުފެއްދި ސިޔާސީ މަގާމެކެވެ. އެ މިނިސްޓަރީގައި ވަރުވަރުގެ ޑިރެކްޓަރުންނާއި މިނިސްޓަރުގެ ދަށުން ސްޓޭޓު މިނިސްޓަރަކު (އާދިލް ސަލީމް) ހުންނަވަނިކޮށް އަނެއްކާވެސް ދައުލަތުގެ ބަޖެޓަށް ބާރުބޮޑުވާނެ ފަދަގޮތަކަށް އަލަށް ސިޔާސީ މަގާމެއް އުފެއްދީތީ ސުވާލު އުފެދެއެވެ. މިއީ ކޮންމެހެންވެސް ބޭނުންވެގެން އުފެއްދި މަގާމެއްތޯ ނޫނީ ޒައީމު މައުމޫނު ހައްދަވާހެން ކޮންމެވެސް މީހަކަށް ބޮޑު މުސާރަޔާއި އިނާޔަތްތަކެއް ދިނުމުގެ ބޭނުމުގައި އުފެއްދި މަގާމެއްތޯ އަހާލަން މިއޮތީ ޖެހިފައެވެ.

މައުމޫނުގެ ސަރުކާރު ގޯސްވެގެން އުޅުނުއިރު، ދައުލަތުގެ ބޮޑެތި މަގާމުތައް އާއިލީ މީހުންނަށް ހަދިޔާގެ ގޮތުގައި ދޭތީވެ އެކަމާ ނުރުހިގެން މާރިޔާމެން ރައީސް ނަޝީދުމެން ދުވާލު ދެއިރަށް މުޒާހަރާކޮށް އުޅުނު ހަދާންވޭތޯއެވެ؟ ހަމަޔާ އުސޫލު ގަބޫލުކުރާ އެމްޑީޕީގެ މެމްބަރުން ސަރުކާރާ މެދު ހިތްހަމަ ނުޖެހެނީ މިފަދަ ކަންތައްތަކާހުރެއެވެ. ދާދިފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ނިސްބަތްވާ އެތައް ބަޔަކު އިންތިހާބުގައި ވޯޓުނުލައި ދުރުގައި ކުޅިބަލަންތިބީ މިފަދަ ސަބަބުތަކާހުރެއެވެ. އެވަރުންވެސް ރައީސް ނަޝީދަށް ފިލާވަޅެއް ލިބުނު ހެންނެއް ހިޔެއްނުވެއެވެ.


0 comments:

 
Web Statistics