Saturday, May 2, 2009

ދ. މީދޫ ދާއިރާއަށް ސަންޓުރެވަލް ޝިޔާމު؟!


ރައްޔިތުންގެ މަޖިލީހުގައި އެންމެ ފަރުވާކުޑަ މެމްބަރަކީ ދ. މެމްބަރު (ސަންޓުރެވަލް) އަހުމަދު ޝިޔާމު

މިހާރު މުއްދަތު ހަމަވަން ކައިރިވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހާޒިރީ ދައްކާގޮތުން މަޖިލީހުގެ މަސައްކަތަށް އެންމެ ފަރުވާކުޑަ މެމްބަރަކީ ދ. އަތޮޅުގެ މެމްބަރު (ސަންޓުރެވަލް) އަހުމަދު ޝިޔާމެވެ. އެންމެ 28 ޖަލްސާއަށް ހާޒިރުވެ، ހާޒރިއިން %32 ހޯދައި މެމްބަރުންގެ ހާޒރީއިން ފަހަތުން އެއް ވަނަ ހޯދާފައިވެއެވެ. ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި 86 ޖަލްސާ ބޭއްވުނުއިރު، އޭގެތެރެއިން 58 ޖަލްސާ ހިގަމުން ދިޔައިރު ޝިޔާމު އުޅުނީ ރައްޔިތުންގެ މަޖިލީހުން ދޫކޮށްފައިވާ ރަތް ޕާސްޕޯޓުގައި އަމިއްލަ ވިޔަފާރި ދަތުރުތަކުގައި ނޫނީ އަބިދަރިންނާ އެކު މަޖާކޮށްލުމަށް ރާއްޖޭއިން ބޭރުގައެވެ. (ތަފުސީލު ބައްލަވާލެއްވުމަށް މިލިންކަށް ކުލިކުކޮށްލަވާށެވެ.) އަނެއްކާވެސް މީނާ (އަހުމަދު ޝިޔާމު މުހައްމަދު، ގ. ސަންސެޓް، މާލެ) މިވަނީ އަމިއްލަ މެމްބަރެއްގެ ގޮތުގައި ދ. އަތޮޅުގެ މީދޫ ދާއިރާއަށް ކުރިމަތިލާފައެވެ.

މީނާއަކީ ދެރިސޯޓެއްގެ ވެރިޔަކަށްވީއިރުވެސް، އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަމުގައި ވޯޓުދީގެން ނުވާނެކަމަށް ހުދާއި ކަޅުން ލިޔެފައި އޮއްވާމެ، ތިމާގެ އަމިއްލަ ރިސޯޓުތަކުގެ މުއްދަތު އިތުރުކުރުމަށްޓަކައި (ރައްޔިތުންގެ މަސްލަތު ހަދާން ނައްތާލައި) މަދުފަހަރު ނޫނީ މަޖިލީހުގެ ޖަލުސާއަށް ނާންނަ މިކަލޭގެ ވަނީ ވޯޓުދީފައެވެ. މީގެ އިތުރުން، ސުނާމީގެ ދުވަސްވަރު ޑީއާރުޕީގެ ނައިބު ޒައީމަކަށްވެހުރެ ރާއްޖޭގެ އިގުތިސާދު އަލުން އާރާސްތުކުރުމަށް ބޭރުގެ ފަރާތްތަކުން ދިން ލޯނު އެހީތަކުގެ ބޮޑު ބަޔެއްވަނީ ތިމާގެ އަމިއްލަ ރިސޯޓުތައް މަރާމާތުކުރުމަށް މަގާމާއި ބާރާއި ނުފޫޒުގެ ބޭނުންކޮށް މައުމޫނުގެ ސަރުކާރު މެދުވެރިކޮށް ހޯދާފައެވެ. ދ. އަތޮޅު މީހުންނަށް ލާރީގެ ދަޅަ ދައްކައިގެން މިފަދަ ޖާހިލު ވިޔަފާރިވެރިން ކުރާ ކަމަކީ މިއީއެވެ.

ކުރީގެ ރައީސް މައުމޫނުގެ ކޮއްކޮ ޔާމީނުގެ އެހީތެރިކަމުން މުއްސަދިވީ މީހުންގެ ތެރޭގައި ހިމެނޭ ނ. ކުޑަފަރީ އަށް އުފަން ޝިޔާމުވަނީ ޔާމީނާއެކު އެންމެ ކުރީކޮޅުގައި ޑީއާރުޕީއަށް ވަދެފައެވެ. އެއަށްފަހު، ޔާމީނުގެ އާރާއިބާރު ކެޑުމުން ޖާބިރެކޭ އެއްފަދައިން ޔާމީނާ ދުރަށްޖެހި، އެންމެފަހުން މައުމޫނުގެ ވެރިކަން ވެއްޓުމުން އެވަނީ ބާރާއި ނުފޫޒުގެ ބޭނުމުގައި ފައިސާ އޮއްސަމުން ދިޔަ ޑީއާރުޕީއިންވެސް ވަކިވެފައެވެ. އެމްޑީޕީއަށް މާދަމާ ނުވަންނާނެކަމެއްވެސް ނޭގެއެވެ. މީނާ ފައިސާ ހަރަދުކޮށްގެން ހިންގާ ސަން ރޭޑިޔޯއާއި އިރުއޮބުޒޯވަރަކީ ހަމައެކަނި ސިޔާސީ ޖާހާ މަގާމަށްޓަކައި ކުރާ ކަންތައްތަކެކެވެ. މިފަދަ ސިޔާސީ ހިޔަޅުންގެ ކިބައިން ދާލު އަތޮޅުގެ ރައްޔިތުން ސަލާމަތްވެ ތިބުމަށް ވަސިއްޔަތްކުރަމެވެ. އަހަރެމެން މިފަހަރު ރައްޔިތުންގެ މަޖިލީހަށް ހޮވަންވީ ސަންޓްރެވަލު ޝިޔާމުމެން ކަހަލަ ރާބޮއި މަސްތުވެ، ދޮން އަންހެންކުދިންނާއެކު ގައިގޯޅިކޮށް އުޅެފައިވާ ފޮޓޯތަކެއް އިންޓަނެޓަށް ލީކުވެފާވާ ގޮތެއްނެތް މީހުންނެއް ނޫނެވެ.

ރައްޔިތުންގެ ކަންތައްތައް ހެޔޮމަގަށް އަޅުވައި، ހެޔޮވެރިކަމެއް މިދިވެހި ފަސްގަނޑުގައި ގާއިމުކުރެވޭނީ ފައިސާ އޮތީތީވެ ވޯޓުގަނެވޭނެކަމަށް ގަބޫލުކުރާ ސަންޓްރެވަލް ޝިޔާމުމެން، ޖާބިރުމެން، ގައްދޫ ޒާހިރުމެން، ތަސްނީމުމެން، ޖަންގިޔާ ނާޒިމުމެން، އޭޑީކޭ ނާޝިދުމެން، ހަމްޒާމެން އަދި އެނޫނަސް އެފަދަ ފާސިގު ވިޔަފާރިވެރިންގެ ކިބައިން ރައްޔިތުންގެ މަޖިލީސް ސަލާމަތްކުރެވިގެންނެވެ. މިމީހުންގެ ހަމައެކަނި ބޭނުމަކީ ރަތްޕާސްޕޯޓާއި، މެމްބަރުކަމުގެ ހައިބަތާއި ތިމާގެ އަމިއްލަ ވިޔަފާރިކުރިއެރުމަށްޓަކައި ސިޔާސީ ބާރާއި ނުފޫޒެވެ.


3 comments:

Anonymous said...

the link in the article does not work! where is it?

Anonymous said...

he is the same guy who tried to bribe mdp mp thorig. i also heard he stole exam papers and was kicked out of school.

Anonymous said...

is this the link? i searched on the google and found this.
http://theekaaku.blogspot.com/2009/04/majlis-statistics_7705.html

thakuru

 
Web Statistics