Sunday, June 7, 2009

ސަރުކާރު ހިންގުމުގެ ބާރުތައް ހަނިކުރުމަކީ ގޯހެއް؛ ނަމަވެސް، ސްޓޭޓް މިނިސްޓަރުން އައްޔަންކުރުން ހުއްޓުވަންޖެހިއްޖެ!

ސަރުކާރު ހިންގުމުގެ ބާރުތައް ހަނިކުރުމަކީ ގޯހެއް؛ ނަމަވެސް، ސްޓޭޓް މިނިސްޓަރުން އައްޔަންކުރުން ހުއްޓުވަންޖެހިއްޖެ!

ދާދި ފަހުން ގައުމީ ޕާޓީގެ މެމްބަރު ރިޔާޒު ރަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލަކީ ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުންގެ ނައިބާއި އެޑުވައިޒަރުން ފަދަ ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމަށް ގޮވާލާ ބިލެކެވެ. މިބިލުގެ ބޭނުމަކީ ބޭކާރު ގޮތުގައި ސްޓޭޓު މިނިސްޓަރުން އައްޔަންކުރުން ހުއްޓުވުމާއި މަގާމަށް ނޭކަށޭނަ މީހުން (އެމީހުންގެ އޮތް ކުށުގެ ރެކޯޑެއްގެ ސަބަބުން ނުވަތަ އެފަދަ އެހެން ކަމެއްގެ ސަބަބުން) އެމަގާމުތަކަށް އައްޔަންކުރުން ހުއްޓުވުމެވެ. މިފަދަ ބިލެއް އޮތްނަމަ ދިވެހި ދައުލަތަށް ހިޔާނާތްތެރިވެ މަރަށް ހުކުމްކުރެވިފައިވާ އަބްދުއްﷲ ޝާހިދަށް ސްޓޭޓު މިނިސްޓަރުކަން ދިނުމާއި ވަރުވަރުގެ ދައުލަތުން ބޮޑު މުސާރަދޭގޮތަށް އައްޔަންކުރެވޭ އެޑުވައިޒަރުންނާއި އެންވޯއިން އައްޔަންކުރުމަށް ހުއްޓުމެއް ގެނެވި، ރައްޔިތުންގެ ދިރިއުޅުން ތަނަވަސްކުރުމަށް ހުރި ފައިސާކޮޅު ރައްކާކުރެވުނީހެވެ.

ނަމަވެސް، ރިޔާސީ ނިޒާމެއްގައި ބާރުތައް ވަކިކުރެވިފައިވާ އިރު، ސަރުކާރު ހިންގުމަށް ސިޔާސީ ގޮތުން ރައީސް އައްޔަންކުރަންޖެހޭ މަގާމުތަކަށް މީހުން އައްޔަންކުރުމުގެ އިހުތިޔާރު ހަނިކުރުމަކީ އެންމެ ރަނގަޅުގޮތެއްނޫނެވެ. ސަބަބަކީ، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އުފެދޭ ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ސަރުކާރުން އައްޔަންކުރަންޖެހޭ މަގާމުތަކަށް މީހުން އައްޔަންނުކުރެވި، އާހިރު ނަތީޖާއެއްގެ ގޮތުން ސަރުކާރުގެ ހިންގުން މަޑުޖެހިގެން ދިޔުން ގާތެވެ. މިސާލަކަށް، ހުސްނު ސުއޫދު ބަންޑާރަ ނައިބުގެ މަގާމަށް އައްޔަންކުރިޔަ ނުދޭންވެގެން ޑީއާރުޕީ އަދި ޕީއޭއިން އެކުރި މަސައްކަތަކީ ގާނޫނު އަސާސީގައި އެބުނާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމުގެ ނިޔަތާ ފުށުއަރާކަމެކެވެ. ސިޔާސީ އަދާވާތްތެރިކަން ނޫން އެހެން ކަމެއްނޫނެވެ. ސަބަބަކީ، އެބައިމީހުންނަށް ހުސްނު ސުއޫދު އެމަގާމަށް ނުހޮވަންވީ ރަނގަޅު ސަބަބެއް ދެއްކިފައިނުވާތީވެއެވެ.

ދެން، އުފެދޭނެ ސުވާލަކީ ރައީސްގެ ބާރުތައް ހަނިނުކޮށް ރައީސަށް ލިބިދޭ ގާނޫނީ ބާރު ނަހަމަގޮތުގައި ބޭނުންކުރުން (މިސާލަކަށް ބޭކާރު ސިޔާސީ މަގާމުތައް އުފައްދައި، ކަމަށް ނޭކަށޭނަ މީހުން އައްޔަންކުރުން) ހުއްޓުވާނީ ކިހިނެއްހެއްޔެވެ؟ މިކަން ކުރެވޭނެކަމަށް ފެންނަ ގޮތަކީ މިހާރު ރިޔާޒު ރަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެން އުޅޭ ބިލު ކޮމެޓީއަކަށް ފޮނުވައިގެން ބޮޑެތި އިސްލާހުތަކެއް ގެނެސް، ސަރުކާރުގެ ސިޔާސީ އޮނިގަނޑާބެހޭ ބިލެއް އެކުލަވާލުމެވެ. ހުންނާނެ މިނިސްޓްރީތަކުގެ އަދަދާއި، ކޮންމެ މިނިސްޓްރީއެއްގައި ތިބޭނެ ސިޔާސީ މަގާމުތަކުގެ އޮނިގަނޑެއް އެކުލަވާލުމެވެ. މިސާލަކަށް، ކޮންމެ މިނިސްޓްރީއެއްގައި އެންމެ މިނިސްޓަރަކާއި އެންމެ ނައިބަކާއި އެންމެ ޕޮލިޓިކަލް އެޑްވައިޒަރެއް ހުންނަގޮތަށް ހެދިދާނެއެވެ. ސްޓޭޓު މިނިސްޓަރުން ހަމަ އެކަނި ތިއްބަވާނީ ޕްރޮވިންސްތަކުގައި ކަމަށް ލިޔެވިދާނެއެވެ. ނުވަތަ އެމީހުންގެ ނަމަކަށް ގަވަނަރު ކިޔިދާނެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ސިޔާސީ މަގާމުތަކުގެ އޮނިގަނޑަށް މަގާމެއް އިތުރުކުރެވޭނީ އެގާނޫނު އިސްލާހުކޮށްގެން ކަމަށް ލިޔެވިދާނެއެވެ.

ސަރުކާރުގެ ސިޔާސީ އޮނިގަނޑެއް އޮތުން މުހިއްމުވަނީ

1. ދިވެހި ދައުލަތުގެ މިނިސްޓްރީތައް ދެމިގެންދާ މުއައްސަސާތަކަކަށް ހެދުން: މިހާރު މިވާގޮތަކީ ކޮންމެ ރިޔާސީ ދައުރަކަށް އަލަށް މިނިސްޓްރީއެއް އުފައްދަނީ ނޫނީ ނަން ބަދަލުކޮށްލަނީއެވެ. ކޮންމެ 5 އަހަރަކުން މިނިސްޓަރީގެ ނަން ބަދަލު ވަންޏާމު އިދާރީ ދުވެލި މަޑުވެ، ރެކޯޑު ބެލެހެއްޓުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭނެއެވެ.

2. މީހުންނަށް ބަލައިގެން މިނިސްޓްރީތައް އުފެއްދުން ހުއްޓުވި، ދައުލަތުގެ ރިސޯސަސްތައް އެދެވޭ ގޮތުގައި ބޭނުންކުރެވުމުގެ ފުރުސަތު ފަހިވުން: މިހާރު މިވާގޮތަކީ ކޮންމެވެސް މީހަކު މިނިސްޓަރަކަށް ހަދަންވެގެން މިނިސްޓްރީއެއް އުފައްދަނީއެވެ. ހަގީގަތުގައި އެފަދަ މިނިސްޓްރީއަކީ އެހެން މިނިސްޓްރީއެއްގެ ޑިޕާޓުމަންޓެއްގެ ގޮތުގައި ހިންގިދާނެފަދަ ތަނެކެވެ.

3. ސިޔާސީ މަގާމުތަކަށް ދައުލަތުގެ ހަޒާނާއިން ކުރެވޭ ހަރަދުތަކަކީ ހިފެހެއްޓިފައިވާ އެއްޗެއްކަމުގައި ހެދުން: ރިޔާސީ ނިޒާމު ހިންގާ އެމެރިކާއިން ފެންނަނީ ވެރިކަން ބަދަލުވުމާއެކު ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ބަދަލުވާތަނެކެވެ. ރާއްޖޭގައި ވާގޮތަށް މިނިސްޓްރީތައް އިތުރުވެ، އެތަކެއް އާ ސިޔާސީ މަގާމުތަކެއް އުފެދިގެންދާތަނެއް ނުފެނެއެވެ.

0 comments:

 
Web Statistics