Sunday, June 14, 2009

މޫދަށް އެރިއުޅުނު 14 އަހަރުގެ ކުއްޖަކު މަރުވެއްޖެ؛ މަސައްކަތްކުރާ ތަންތަނުގެ ސަލާމަތާ ރައްކާތެރިކަމާބެހޭ ކަންކަމުގައި ސަރުކާރަށް ހަރުދަނާގޮތެއްގައި މަސައްކަތްކުރެވޭބާ؟

ލިޔުނީ އަލީ ސަލީމް

މިއަދުގެ ވަގުތެއްގައި ސ މީދޫގައި މޫދަށް އެރިއުޅުނުގެ ކުއްޖަކު ގެބިގެން މަރުވެއްޖެއެވެ. އެކަމެއް ހިނގީ ސ. މީދޫ އާއި ކުރިން އެއްފަސްކޮށް އޮތް އިސްމެހެލާހެރެ ވަކިކުރުމަށް ކަނޑާފައިވާ ކޯރާ ދިމާ މޫދަށް އެރިއުޅެނިކޮށެވެ. އޭނާ މޫދަށް އެރި އޮތް ހިސާބާ ދިމާލުން ގުންޑޮޅިން ބައެއް އޭނާގެ ގައި މައްޗަށް ވެއްޓި، އޭގެން ސަލާމަތްނުވެވި، ގެބިގެންނެވެ. މިއީ މިފަދަ އެންމެ ހާދިސާއެއް ނޫނެވެ. މަސްމާރުކޭޓުގައި ހުރި ވަޅަކަށް އެރިގެން ބަޔަކު މީހުން މަރުވީވެސް މިފަދަ ހާދިސާއެކެވެ. އެކޯރު ކޮނުނު ބަޔަކު ގުންޑޮޅި ނުވެއްޓޭނެ ގޮތަކަށް ހަދާފައި ހުރި ނަމަ ނުވަތަ އެސަހަރައްދަށް މޫދަށް އެރިއުޅުމަކީ މަނާކަމެއްކަން އެނގޭނެގޮތަށް ނުވަތަ އެދިމާލަށް މޫދަށް ނޭރެވޭނެގޮތަށް ފެންސެއް ޖަހާފައި ހުރިނަމަ އެ ކުއްޖާ މިއަދު ދުނިޔޭގައި ހުރީހެވެ. ގާނޫނީ ގޮތުން ބަލާއިރު އެމަސައްކަތްކުރި ބަޔަކާމެދު ކުރަންޖެހޭ ވަރަށް ސަލާމަތީކަންތައްތައް ކޮށްފައިނުވުމުން) ނެގުލިޖެންސްއާ ގުޅިގެން ދައުވާކުރެވޭނެއެވެ.

ހަމައެގޮތަށް، ކޮންކުރިޓުން ހަދައިން ބަންދުކޮށްފައިހުންނަ ވަޅުފަދަ ތަންތަނަށް ފައިބާއިރު ސަމާލުވާންޖެހޭ ކަންތައްތަކުގެ މައުލޫމާތު އެމަސައްކަތްކުރި ބަޔަކަށް ލިބިފައިހުރިނަމަ މަސްމާރުކޭޓު ސަރަހައްދުގައި ހިނގި ހާދިސާ މެދުވެރި ނުވީހެއެވެ. ކޮންކުރީޓު ވަޅުފަދަ ތަންތަނަށް ފައިބައިގެން މީހުން ރާއްޖޭގައި މަރުވަނީ އަލަކަށް ނޫނެވެ. ނަމަވެސް، އަދިވެސް އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލު އެގެނީ ދެތިން މީހަކަށެވެ. އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލުތަކާބެހޭ މައުލޫމާތު ސަރުކާރުގެ މުއައްސަސާއިން އާއްމުންނަށް ބުނެދީ ހޭލުންތެރިކުރެވުނު ހެއްޔެވެ؟ އަހަރެމެން އަނެއްކާވެސް ތިބެންވީ އެފަދަ އަނެއް ހާދިސާ ދިމާވެދާނެކަމަށް ބަލައި ކަރުނައޮހި ރޯންތައްޔާރަށްތޯއެވެ؟ އެހާދިސާއިން އިބުރަތްލިބިގަނެ، ދެވަނަ ފަހަރަކަށް އެފަދަ ކަމެއް މެދުވެރިނުވާނެ ގޮތަކަށް އަމަލުކުރާނެ ގޮތް ދެންތިބި ބަޔަކަށް ބުނެދިނުމެއް ނެތީ ހެއްޔެވެ؟

މަސައްކަތްކުރާ ތަންތަނުގައި ސަލާމަތާ ރައްކާތެރިކަމާބެހޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އެމަސައްކަތްތައް ކުރާ ބަޔަކަށް އެހާ މުހިއްމު ކަމަކަށްނުވެއެވެ. ސަބަބަކީ ދިވެހިރާއްޖޭގައި އޮކިޔުޕޭޝަނަލް ހެލްތް އެންޑް ސޭޕްޓީ (މަސައްކަތްކުރާތަނުގެ ސަލާމަތާ ރައްކާތެރިކަމާ) ބެހޭ ގާނޫނެއް ނުވަތަ ގަވާއިދެއް ނެތުމެވެ. އަދި އެފަދަ ކަންކަމާމެދު ސަރުކާރުން ވަމުންދާ އިހުމާލެވެ. މަސައްކަތްކުރާ ތަންތަނުގައި ސަލާމަތީގޮތުން ކުރަންޖެހޭ ކަންތައްތަކާ އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ގާނޫނެއް މަޖިލީހުން ފާސްކުރެވިފައި ނުވާތަނުގައި އެފަދަ ކަންތައްތަކާމެދު އާއްމުން ހޭލުންތެރިކުރުވައި އުސޫލުތަކާއި މިންގަޑުތައް އެކުލަވާލައި އެކަންތައް ތަންފީޒުކުރާނެ ސަރުކާރުގެ މުއައްސަސާއެއްވެސް ނެތެވެ. އުޅެން ބޭނުންވަނީ ދޮންމީހުން އުޅޭގޮތަށެވެ. ނަމަވެސް، އެމީހުން ކުރާ ރަނގަޅުކަންތައްތަކެއް ބަލައިގަންނާކަށް ބޭނުމެއްނޫނެވެ!

0 comments:

 
Web Statistics