Sunday, June 28, 2009

އުއްތަމަ ފަޑިޔާރު ނުވަތަ ޖުޑިސަލް ކޮމިޝަނު ޒިންމާ އުފުލުމަށް ފަސްޖެހެނީބާ؟

ދިވެހިރާއްޖޭގައި ވެރިންނަށް މޮޅުގޮތަށް، ގިނަ ދުވަހު ވެރިކަމުގައި ހުރެވޭގޮތަށް، ބޭނުންހާ ފައިދާއެއް އެންމެ ބޮޑަށް ނެގޭގޮތަށް، ކުރެވެމުން އައި މަސްހުނި ނިޒާމު ނިމި، އާ ގާނޫނު އަސާސީއެއްގެ ދަށުން 3 ބާރު ވަކިކުރެވިފައިވާ ރައްޔިތުންނަށް ފައިދާހުރި، ހެޔޮވެރިކަމެއް ކުރުމަށް ބާރުއަޅާ ރިޔާސީ ނިޒާމެއްގެ ދަށުން ވެރިކަން މިވަނީ ފެށިފައެވެ. މިގައުމުގައި ހަމަހަމަކާއި އިންސާފު ގާއިމުކޮށް، ގާނޫނީ ވެރިކަމެއް ގާއިމުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަން ޖެހިފައި މިވަނީ ޖުޑިޝަރީ (ކޯޓުތައް ހިމެނޭ އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާ) އަށެވެ. ނަމަވެސް، ފެންނަ މަންޒަރުތަކުންނާއި އިވޭ އަޑުތަކުން ޖުޑިޝަރީގެ ހާލަތާމެދު ހިތާމަކުރެވެއެވެ.

އިސްލާހުކުރަންޖެހޭ ކަންތައްތައް:

1. ކޯޓުތަކުގައި މައްސަލަތައް ފުނިޖެހި ލަސްވަމުންދާ މައްސަލައާމެދު އާއްމުންނާއި ދައުލަތުގެ އަނެއް ދެބާރުން ކަންބޮޑުވާކަން ހާމަކުރުމުން އެފަދަ ކަންތައްތައް ރަނގަޅުކުރުމުގެ ބަދަލުގައި އެފަދަ ޝަކުވާކުރާ ފަރާތްތަކާމެދު ބާރުގެ ބޭނުންކުރަން ގާޒީން ބޭނުންވުން. މިކަމުން ދައްކުވައިދެނީ އެފަދަ ގާޒީން މިހާރު އަމަލުކުރެވެމުންދާ ރިޔާސީ ނިޒާމަށް ބީރައްޓެހިކަމާއި، ސަނަދެއް އޮތަސް މަގާމަށް ނާގާބިލުކަމާއި، މަގާމަށް ތަސައްރަފުނުފުދޭކަމެވެ. ޖުޑިޝަރީއާމެދު ރައްޔިތުންގެ ގެއްލިފައިވާ އިތުބާރާއި ޔަގީންކަން ހޯދޭނީ އެފަދަ ފަރާތްތައް ގާޒީންގެ މަގާމުން ވަކިކޮށްގެންނެވެ. އައްޑޫ ރިސޯޓު މައްސަލައަކީ ކޯޓުގައި ގިނަދުވަސްވެފައިވާ މައްސަލައެއްކަން މިރާއްޖޭގެ އެތައް ބަޔަކަށް އެގޭއިރުވެސް އަދި އެކަމަކީ އެތަކެއް ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަމަކަށްވީއިރު، ރައްޔިތުންގެ ފަރާތުން ނުވަތަ ދައުލަތުގެ އަނެއް ދެބާރުންކުރެ ބާރަކުން އެކަމާމެދު ކަންބޮޑުވާކަން ހާމަކުރުމަކީ މަދަނީ ކޯޓުގެ އިސް ގާޒީ ނުވަތަ އެތަނެއްގައި އެމައްސަލަ ބަލަންހުރި ގާޒީއަކު އަމިއްލައަށް އިސްތިފާދޭންޖެހޭވަރުގެ ކަމެކެވެ. ޒިންމާ ނެގުމަކީ ނުވަތަ ކަމުގެ ރީތިގޮތަކީ މިއީއެވެ. ރިޔާސީ ނިޒާމުގެ ސިފައަކީވެސް މިއެވެ.

2. ކުޑަކުދިންނާ ބެހިގެން ކޯޓުތަކަށް ހުށައެޅޭ މައްސަލަތަކުގެ ތެރޭގައި އާދައިގެ މީހަކަށް އެއްވެސް ޝައްކަކާނުލައި ޝާބިތުކުރެވޭފަދަ މައްސަލަތައްވެސް ގާނޫނުގައި ނުވަތަ ގާނޫނު އުގޫބާތުގައި ހެކި ހުށައަޅަންބުނެފައި އޮތްގޮތަކުން ނުވަތަ އޭގެ މާއްދާއެއް މާނަކުރުމުގެ ތެރޭގައި އެފަދަ މައްސަލަތައް ކޯޓަށް ސާބިތުނުކުރެވޭކަމަށް ނިންމައި، ބޮޑެތި މުޖިރިމުން އަނެއްކާވެސް މުޖުތަމައަށް ދޫވެގެން ދިޔުން. ކުޑަކުއްޖަކާ ބެހިގެން ކޯޓަށް ސާބިތުނުކުރެވުނު މީހަކު އަނެއްކާވެސް ކުޑަކުއްޖަކާ ބެހިގެން ފުލުހުން ބަންދުކުރަންޖެހުމުން، މިފަދަ ކަންތައްތަކާމެދު ފުލުހުންގެ އިދާރާއިން ދާދިފަހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހަމައެފަދައިން، ހުކުމް އިއްވުމުގައި ކުޑަކުދިންނާބެހޭ އެކުދިންގެ ބަލަދުވެރިން (ބައްފައިން ނުވަތަ ބޮޑުބޭބެމެންފަދަ އެކުދިން އިތުބާރުކުރާ މީސްމީހުން) ނާއި ބީރައްޓެހިންނާ އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުން. ހަގީގަތަކީ، އެފަދަ ކުއްޖަކު އިތުބާރުކުރާ ގާތްތިމާގެ މީހެއްގެ ފަރާތުން އެކުއްޖަކަށް ލިބޭ ގެއްލުމަކީ އެތައްގޮތަކުން ބަލާނަމަ، ޒަހަމްތައް ފުންވެފައި އޭގެ އަސަރު ދެމިގެންދާނެކަމެކެވެ. އެހެންކަމުން އެފަދަ މީހަކަށް ދެވޭ އަދަބު އެފަދަ ކުށެއްކުރާ އެހެންމީހަކަށް ދެވޭ އަދަބަކަށްބުރެ ބޮޑުވާންޖެހޭނެއެވެ.

މިލިޔުމުގެ ބޭނުމަކީ މިހާރުން މިހާރަށް ފެންނަންހުރި މުހިއްމު ދެތިން ކަމެއް ފާހަގަކޮށްފައި، މިފަދަ އެތަކެއް މައްސަލައެއް ހުރިކަން ޖުޑިޝަލް ކޮމިޝަނުން ދެނެގަނެ އެކަންކަމާމެދު ހައްލުހޯދުމަށް ގޮވާލުމެވެ. ސަބަބަކީ އެފަދަ މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި ފާޑުކިޔާ ފަރާތަކާމެދު ނިޔާކަޑައެޅުމަކީ ތަހުޒީބީ ގޮތެއްވެސް ނޫނެވެ. އަދި އެބުނާ ކޯޓުތަކުގެ ގެއްލިފައިވާ ކަރާމާތް އަބުރާ ލިބޭނެގޮތެއްވެސް ނޫން ކަމަށް ފެންނާތީވެއެވެ. އޭގެ ބަދަލުގައި އެފަދަ ކަންތައްތަކުން އާއްމުންނަށް ކޯޓުތަކުގެ ގާޒީން ސިފަވެގެން ދަނީ މަގާމަށް ނާގާބިލު ހާލުގައި ބާރާއި ނުފޫޒުން ބޮޑެތި މަގާމުތަކެއް ލިބިފައިތިބި، މަގާމަށް ތަސައްރަފުނުފުދޭ ބަޔެއްގެ ގޮތުގައެވެ. ނިމިގެން ދިޔަ ވެރިކަމުގައި ފެނިފައިވެސް ހުރީ އެފަދަ ކަންތައްތަކެކެވެ. ގާޒީންގެ މަގާމާއި ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާއިރު ވަރަށް އަޖާއިބުކުރަނިވި ކަންތައްތައް ފެންނަން އެބަހުއްޓެވެ. މިސާލަކަށް، ތިމާއާ އެއްކޮށް ކިޔަވައިގެން އައި ކުދިން ދަށުކޯޓުތަކުގައި މަސައްކަތްކުރަން ފެށިއިރު، ޑިގްރީ ފެންވަރުގެ ފާހެއް ހޯދައިގެން ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގެ އެންމެހައިބަތު ބޮޑު އެއްކޯޓުކަމުގައިވާ ހައިކޯޓުގެ އިސްގާޒީންގެ ގޮނޑީގައި އިށީންނަވައިފިއެވެ.

3 comments:

Anonymous said...

އިސްލާހުކުރަންޖެހޭ ފުރަތަމަ ތަނަކީ ހައިކޯޓު. ދެފަހަރު އެއްމައްސަލައެއްގައި އިއްވާ ނިޔާ ދިމާލެއްނުވޭ. މިސާލަކަށް ވެލިވަރު ބިޔާދޫ މައްސަލާގައި ހައިކޯޓުންބުނީ ޖާބިރުގެ ބިޑު އިވެލުވޭޓުކޮށްފައި އޮތީ ރަނގަޅަކަށްނޫނޭ.އެހެންވެ، އޭނާއަށް ދައުލަތުން ބަދަލުދޭށޭ. އަހަރެންގެ ހިތުގައި އުފެދޭ ސުވާލަކީ އެރަށަށް ބިޑުކުރި އެހެންމީހުންގެ ހައްގުކޮބައިތޯއޭ. އިވެލުވޭސަން މަރުހަލާ ޜަގަލުނޫނިއްޔާ އެހެން ހުރިހާ ބިޑުތަކެއްގެ އިވެލުވޭސަން ވަކިން ރަނގަޅުވާނެހެއްޔޭ؟ އަނެއްކާ ހަމަ އެރަށާ ގުޅިގެން ފާރޫގުކިޔާމީހަކު ހައިކޯޓަށް މައްސަލަހުށައެޅީމާ ނިޔާއިއްވިކަމަށްވަނީ އިވެލުވޭސަން ރަނގަޅޭ.

Anonymous said...

ޑިގްރީއެއް ނަގައިގެން ދެތިން އަހަރުތެރެގައި ހައިކޯޓުގެ އިސްގާޒީކަން ލިބުނީ ކާކަށްތަ؟

Anonymous said...

އިއްޔެވެސް ނޫހުން ކިޔިން ވައްކަންކޮށްގެން ކޯޓަށް ހާޒިރުކުރިމީހާއަށް ވައްކަންކޮށްގެން އިއްވި ނިޔާއަށްވުރެ ބޮޑު ނިޔާއެއް އިއްވި ގާޒީއާ ދިމާއަށް އެއްޗެހި ގޮވައިގެން. މިދެން އެހެން ގައުމުތަކުގައިވެސް ކަންތައްވަގޮތްތަ؟ މިހާރުދެން މިޖެހުނީ ބޮޑުކަމެއް. ގާޒީމެން އުޅޭނެގޮތަކަށް އުޅެންވީ. އެއްޗެކޭ ބުނެއްޖެޔާމު އެމީހަކަށް ޖަލުގެ ހުކުމް.

 
Web Statistics