Friday, June 5, 2009

ރިޔާސީ ކޮމިޝަން: ޒައީމް މައުމޫނުގެ އަނެއް ގޭމު؟!

ހެޔޮވެރިކަމެއްކޮށް، ގާނޫނު އަސާސީއާ އެއްގޮތަށް ގާނޫނުގެ ވެރިކަމެއް ކުރަންކަމަށް ތަކުރާރުކޮށް ބުނަމުން އައިސް، ކޮންމެ ފަހަރަކުވެސް ކަންތައް މިކުރެވެނީ ޒައީމު މައުމޫނު ދައްކަވައިދެއްވި ނަމޫނާއާ އެއްގޮތަށް ނޫންތޯއެވެ؟ ގައުމުގައި ހިގައިދިޔަ ބޮޑެތި މައްސަލަތަކާ ގުޅިގެން ޒައީމް މައުމޫނުވަނީ އޭނާއަށް އިތުބާރުކުރެވޭ ބަޔަކުލައިގެން އެތަކެއް ރިޔާސީ ކޮމިޝަނެއް ހަދާފައެވެ. އެފަދަ ކޮމިޝަންތައް ވެގެން ގޮސްފައިވަނީ ޒައީމް މާކުރިންސުރެ ކުރައްސަވާފައި އޮތް ގޮތްތަކެއް ނުވަތަ ނިންމަވާފައިވާ ގޮތްތަކަކަށް އިތުރުބާރެއް ދިނުމުގެ ގޮތުން އެހެން ބަޔަކު މީހުން ލައްވާކުރުމާ ބޭކާރު މަސައްކަތަކަށެވެ. މިހާރު އަނެއްކާވެސް ފެނިގެން މިދަނީ އެފަދަ އެހެން ރިޔާސީ ކޮމިޝަނެކެވެ. އެތަނަށް އައްޔަންކޮށްފައި ތިބި މީހުންނަކީ (މިސާލަކަށް އައްޑުވަސް ހަސީނުއާއި އަދާލަތު ޕާޓީގެ ސެއިހު ރަޝީދު) އަކީ ޒައީމު މައުމޫނާމެދު ޒާތީގޮތުންނާއި އެހެނިހެން ގޮތްގޮތުން ޖަދަލުކޮށް މަލާމާތްކޮށްފައިވާ ބަޔަކަށްވީ އިރު އެމީހުންގެ މިނިވަންކަމާމެދު ސުވާލުއުފެދެއެވެ. ދެން އެމީހުން ލިޔާ ރިޕޯޓެއް ބަޔަކު ގަބޫލުކުރާނެތޯއެވެ؟

ތެދެކެވެ. ޒައީމެއްކަމަކު ނުވަތަ އެހެން މީހެއްކަމަކު ދައުލަތުގެ ހަޒާނާއަށް ހިޔާނާތްތެރިވެ، އެތަކެއް މުދަލަކާ ފައިސާއެއް ފޮރުވައިގެން އުޅެންޏާމުވާނީ އެތަކެއްޗެއް ހޯދައި އޭގެ ހައްގުވެރިންނަށް ހަވާލުކުރާށެވެ. އެއީ މިއަދު ރައީސް ނަޝީދުގެ ބޮލުގައި އެޅިފައިވާ ވާޖިބެކެވެ. އެކަން ނުކޮށެއް ނުވާނެއެވެ. މިގައުމު ތަރައްގީކޮށް އާރާސްތުކުރުމަށް އެފައިސާތަކާއި މުދާތައް ބޭނުމެވެ. ނަމަވެސް، ގޯހަކީ އެކަން ކުރަން އުޅޭ ގޮތެވެ. ގާނޫނު އަސާސީގެ ދަށުން އުފައްދާފައި ހުރި މިނިވަން އެތަކެއް މުއައްސަސާތަކެއް ހުއްޓާމެ، އެމުއްސަސާތަކުގެ ގާނޫނީ ބާރާ ފުށުއަރާގޮތަށް އަމިއްލައަމިއްލައަށް ބާރުތަކެއް ހޯދައިގެން ތިމާ އިތުބާރުކުރާ ދެތިން މީހަކުލައިގެން ކުރިން ޒައީމު މައުމޫނުވެސް ޖައްސާ ކަހަލަ ގޭމުޖައްސާތީވެއެވެ. ބަލަ، ތިޔަ ރިޔާސީ ކޮމިޝަނެއް ހަދައިގެން ތިޔައުޅެނީ މިނިވަން މުއައްސަސާތަކުން އެއްބާރުލުން ނުދޭތީހެއްޔެވެ؟ ނޫނީ އެވެރިން އެކަން ނުކުރަން ތިބީމާ ހެއްޔެވެ.

މިކަން ކުރާނެ ރަނގަޅުގޮތެއް ބުނެދެން ހެއްޔެވެ؟ ނިކަން ތިޔަ ރިޔާސީ ކޮމިޝަނުން ކުރީގެ ރައީސާ އޭނާގެ ބައިވެރިން ކުރިކަމަށް ބުނާ ކޮރަޕްސަންގެ މައްސަލަތައް ދައުލަތުގެ އެކި މިނިސްޓްރީތަކުންނާއި ޑިޕާޓްމަންޓުތަކުން އެއްބާރުލުން ހޯދައި ލިސްޓުކޮށްބަލާށެވެ. ރިޔާސީ ކޮމިސަނުގެ މަގުސަދަކީ 2 ކަމެއްކަމުގައި ހަދާށެވެ. 1. ބައިތުލްމާލުން މަދުވާ ފައިސާ ހޯދުން. 2. ކުރީގެ ވެރިންނާމެދު ކުރެވޭ ތުހުމަތުތަކުން އެމީހުން މިންޖުކޮށް، އެމީހުންނަށް ހައްގުވާ ރީތިނަން އެމީހުންނަށް ލިބިދިނުން. ތަހުގީގުކޮށް، މީހުން ބަންދުކޮށް ހަދާނެކަމެއްނެތެވެ. އެކަމާޖެހުމުން އެންޓިކަރަޕްސަން ކޮމިޝަނާ ހަވާލުކުރާށެވެ. ނޫނީ ބައްޑާރަ ނައިބު މެދުވެރިކޮށް ދައުލަތުގެ ހަޒާނާއިން މަދުވާކަމަށް ފެންނަ ބައި ހޯދުމަށް އެންޓިކަރަޕްސަން ކޮމިޝަނާ ހަވާލުކުރާށެވެ. އަދި އޮޑިޓު ރިޕޯޓުތަކުގައި ހުރި މައްސަލަތައް ތަހުގީގުކުރުމަށް އެކަމާ ބެހޭ މުއައްސަސާތަކަށް ބާރުއަޅާށެވެ. ކޮމިޝަނުގެ ދުވެލި ބާރުކޮށްދިނުމުގެ ގޮތުން އެތަނަށް ބޭނުންވާ އެހީތެރިކަމާ އެއްބާރުލުން ސަރުކާރުން ފޯރުކޮށްދޭށެވެ.

0 comments:

 
Web Statistics