Monday, June 8, 2009

މަހުލޫފު ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެން އުޅޭ މައްސަލައަކީ ޒާތީ މައްސަލައެއް!

މަހުލޫފު ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެން އުޅޭ މައްސަލައަކީ ޒާތީ މައްސަލައެއް!

މިއަދުގެ ވަގުތެއްގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށައަޅައިގެން އުޅޭ މައްސަލައަކީ ޒާތީ މައްސަލައެއްގެ ގޮތުގައި ބަލާނެ ޖާގަ ވަރަށް ބޮޑެވެ. ސަބަބަކީ

(ހ) ޑީއާރުޕީ އާއި ޕީއޭގެ ރޭވުމަކުން ހުސްނު ސުއޫދު ބަންޑާރަ ނައިބުކަމަށް އައްޔަންކުރިޔަ ނުދޭން ކުޅަ ކެހިވެރި މަސައްކަތް އެމީހުން ހީކުރި ގޮތާ ހިލާފަށް ފަނުފުލުން ދިޔުމާއި އެފަދަ ދެވަނަ ފުރުސަތަކަށް ބޭނުންވެފައި ތިބުން

(ށ) ކޯޓުތަކުގައި މައްސަލަތައް ކުރިއަށް ނުގޮސް މަޑުޖެހިފައި ހުންނަ ވާހަކައަކީ ރާއްޖޭގެ އެންމެން ދައްކާ ބާވާހަކައަކަށްވެފައި އޮއްވައިމެ، އެވާހަކަ ބަންޑާރަ ނައިބު ބުނެލައިގެން މާ މުހިއްމު ބޮޑު މައްސަލައަކަށް އިދިކޮޅު ޕާޓީގެ މެމްބަރަކަށް ވުން. ހާއްސަކޮށް، ރައްޔިތުންނާ ގުޅޭ މުހިއްމު އެތަކެއް މުހިއްމު ކަންތައްތަކާއި މައްސަލަތަކަކަށް ހައްލު ހޯދަން މަސައްކަތްކުރަންޖެހިފައި އޮއްވާމެ މިކަހަލަ ތާކުންތާކު ނުޖެހޭ އެންމެ މީހެއްގެ މައްސަލައެއް ނަގައިގެން އުޅުން.

(ނ) ރިޔާސީ ނިޒާމެއްގައި ސަރުކާރާއި ކޯޓުތަކަކީ ވަކިވެފައިވާ 2 ބާރުކަމަށްވެފައި، ކޯޓުތަކުން މައްސަލަ ކުރިއަށް ނުގެންގޮސް މަޑުޖައްސާކަމަށްވެއްޖެޔާމު އެކަމާ ވާހަކަދައްކާ ފިޔަވަޅު އެޅުމަކީ (ޗެކްސް އެންޑް ބެލެންސްގެ ވިސްނުމުގައި) ދެން ތިބި ދެބާރު ކަމަށްވާ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއްކަމަށްވެފައި، ކޯޓުތަކުގައި ހުރި މައްސަލަތައް އަވަސްކުރުމަށް ކޯޓުތަކަށް ސަރުކާރުގެ ފަރާތުން ބަންޑާރަނައިބު ބާރުއެޅުމަކީ ސަރުކާރުގެ ދުސްތޫރީ ޒިންމާއަކަށްވުން.

(ރ) ރައީސް އޮފީހުގެ މުވައްޒަފަކާ ގުޅޭ ބަދުއަހުލާގީ މައްސަލައެއް ކޯޓުން ނުބަލާ ދިގު ދަންމަމުން ގެންދާތާ މަސްތަކެއްވެފައިވާކަން ޕްރޮސިޔުޓަ ޖެނެރަލު ވިދާޅުވީއިރު އެއީ ކޯޓުގެ ކަރާމާތް ނަގާލި ވާހަކައަކަށް ނުވެފައި އެފަދަ އެހެން މައްސަލައެއް، ހާއްސަކޮށް އެތަކެއް އައްޑޫ ރައްޔިތުންގެ މަސްލަހަތު ހިމެނޭކަމެއްގައި ކޯޓުތަކުން އެގޮތަށް އަމަލުކުރަމުންދާތީ އެކަމާ އެއްޗެކޭ ބުނުމަކީ މާބޮޑުކަމަކަށް ހަދައިގެން އުޅުން.

ބަލަ، މަހުލޫފެވެ، ކޯޓުތަކުގައި މައްސަލަތައް ފުނިޖެހި އެތައް ބަޔެއްގެ ހައްގުގެއްލިވާއިރުވެސް، އަނގައިން ނުބުނެ ތިބެންވީހެއްޔެވެ؟ ކޯޓެއްކަމަކު، ބަންޑާރަ ނައިބެއްކަމަކު، ނޫނީ އުއްތަމަ ފަޑިޔާރެއްކަމަކު، އެބަޔަކާ ހަވާލުވެފައިވާ މަސްއޫލިއްޔަތު ރަނގަޅަށް ނުއުފުއްލާކަމަށް ވެއްޖެޔާމު އެކަމާމެދު ފާޑުކިޔަންވާނެއެވެ. ކަންކަން ރަނގަޅުކުރެވޭނީ ފާޑުކިޔައިގެންނެވެ. ކަންކަމާމެދު ފާޑު ނުކިޔޭނެނަމަ ޑިމޮކުރަސީއެއްގެ ބޭނުމަކީ ކޮބައިތޯ ބުނެދީބަލާށެވެ؟ އެކަން ނޭގެންޏާމު، ގޮނޑި ބަހައްޓާފައި ގެއަށް ވަޑައިގަންނަވާށެވެ. ކޮންމެހެން މަޖިލީހުގެ ތެރޭގައި އަނެއްކާ ވެސް ޑުރާމާ ކުޅެން ފަށާނެކަމެއްނެތެވެ. މިދިޔަ މަޖިލީހުގެ ދައުރުންވީ ވަރުން ފުދިއްޖެއެވެ. ދެން އިތުރަށް ރައްޔިތުންގެ ލާރިން އިސްރާފުކޮށް ބަޔެއްގެ ވަގުތު ނަގާލާނެ ކަމެއް ނެތެވެ. ރަނގަޅު ކަމެއް ކުރަންޏާމު މިހާތަނަށް ކޯޓުތަކުގައި ކުއްލި މައްސަލައިގެ ގޮތުގައި ހުށައެޅިފައި އޮތީ ކިތައް މައްސަލަތޯ އާއި އެމައްސަލަތައް ނުނިމި ކިހާ ދުވަހެއް ވެއްޖެތޯ ސްޕުރީމު ކޯޓަށް ނުވަތަ ވަކިވަކި ކޯޓުތަކަށް ލިޔެގެން ހޯދަބަލާށެވެ.

0 comments:

 
Web Statistics