Tuesday, June 16, 2009

ސަރުކާރުގެ ހަރަދު ކުޑަކުރުމަށް މިނިސްޓްރީތަކުގައި ތިބި ބޮޑެތި މުސާރަލިބޭ ސިވިލްސާވިސްގެ މުވައްޒަފުން ވަކިކުރަން ރައީސް ނަޝީދު އަންގަވައިފި

މިނިސްޓަރީތަކުގެ ޑިރެކްޓަރުންނާއި ޕާމެނަންޓު ސެކެރެޓަރީން ސަރުކާރުން ވަކިކުރަންބޭނުންވާއިރު، ބޭކާރު ސިޔާސީ މަގާމުތަކުން މީހުން ވަކިކުރާކަށް ބޭނުމެއްނުވޭ!

ލިޔުނީ: އަލީ ސަލީމް

އައިއެމްގެ ވަފުދަކުންވަނީ އިއްޔެވަނީ ދަރުބާރުގޭގެ ފަންސަވީސް މާލަމްގައި ނޫސްވެރިންނާ ބައްދަލުކޮށް ރާއްޖޭގެ އިގުތިސާދުގެ ނާޒުކު ހާލަތާމެދު ވާހަކަދައްކާފައެވެ. އެމީހުން ފާހަގަކުރި އެންމެ މުހިއްމު ނުކުތާއަކީ ސަރުކާރަށް ލިބޭ އެއްޗަކާއި ސަރުކާރުން ކުރާ ހަރަދާ ނުބައްދަލުވަމުންދާ ތަން ފެންނަކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ އިގުތިސާދު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމުގައެވެ. އަދި ވަކިން ހާއްސަކޮށް، ދުނިޔެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ހީނަރުކަމާހުރެ ރާއްޖޭގެ ޓޫރިޒަމް ދަށަށްގޮސް، މަސްވެރިކަންވެސް އެހާ ރަނގަޅުނޫން ކަމަށާއި އެހެންކަމުން މިދާ ގޮތަށް ދާންވެއްޖެޔާމު ރާއްޖެއަށް ވަރަށް ނޭދެވޭ ހިތްދަތި ގޮތްތަކެއް ކުރިމަތިވެދާނެކަމަށެވެ.

އައިއެމްގެ އެވަފުދުން ސަރުކާރަށް ހުށައެޅި ކަރުދާހަކާ ގުޅިގެން ރައީސް ނަޝީދުވަނީ މިއަދުގެ ވަގުތެއްގައި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި މިނިސްޓްރީތަކުގައި ތިބި ބޭނުމެއްނެތް ބޮޑެތި މުސާރަލިބެމުންދާ ސިވިލްސާވިސްގެ މުވައްޒަފުން ވަޒީފާތަކުން ވަކިކުރުމަށް މިނިސްޓަރުންނަށް އަންގައި އެކަން އިއުލާންކޮށްފައެވެ. ރައީސް އޮފީހުގެ ޕްރެސް ސެކެރެޓަރީ ޖުހާ ޒުހައިރު ވިދާޅުވީ ކޮންމެ މިނިސްޓްރީއެއްގައި އެތަކެއް ޑިރެކްޓަރުންނެއް ތިބޭކަމަށާއި ބައެއް މިނިސްޓްރީތަކުގައި ދެ ޕާމެނަންޓް ސެކެރެޓަރީ ތިބޭކަމަށާއި މިއީ ވަރަށް މުސާރަ ބޮޑެތި މަގާމުތަކެއް ކަމަށެވެ. މީގެ އިތުރުން މިނިސްޓްރީތަކުގެ ވެރިންގެ މުސާރައިން 20 އިން ސައްތަ ކަނޑަށް ހުށައަޅުއްވައެވެ.

ސިވިލް ސާވިސްއާއި ސަރުކާރާ ދެމެދު ހިޔާލު ތަފާތުވެފައިވާ އިރެއްގައި ހަމައެކަނި ސިވިލް ސާވިސްގެ މުވައްޒަފުން ވަކިކުރުމަށް ސަރުކާރުން ގޮވާލައި އިއުލާންކުރުމުން ވަރަށް ބޮޑަށް ސުވާލު އުފެދެއެވެ. ސަބަބަކީ (ހ) މިހާރު އެކި މިނިސްޓްރީތަކުގައި ސިވިލްސާވިސްގެ ބޮޑެތި މަގާމުތަކުގައި ތިބީ ކުރީ ސަރުކާރުން މަތިމައްޗަށް ޕްރޮމޯސަންދީގެން ބޮޑުކޮށްފައި ތިބި މީހުންނަށްވެފައި އެމީހުންގެ އެއްބާރުލުން ނަޝީދުގެ ސަރުކާރަށް ނުލިބޭކަމަށް ތުހުމަތުކުރަމުން ދާއިރެއްގައި އެމީހުން ސަރުކާރުގެ އިދާރީ ހިންގުމުގެ ބައިން އެއް ފަރާތްކުރުމަށް ޖެހި މަޅިއެއްކަމުގައި ބެލެވުން. (ށ) ރައީސް ނަޝީދުގެ ސަރުކާރުން ބޭކާރު ގޮތެއްގައި އެތަކެއް ސްޓޭޓު މިނިސްޓަރުންނަކާއި އެޑުވައިޒަރުންނަކާއި އެންވޯއީންތަކެއް އައްޔަންކޮށް، ކުރީގެ ރައީސް މައުމޫނު ސިޔާސީ މަގާމުތަކަށް އައްޔަން ނުކުރާހާ ގިނައިން ރައީސް ނަޝީދުގެ ވެރިކަމުގެ 3 މަހުގައި ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކޮށްފައިވާއިރު، ސިޔާސީގޮތުން އައްޔަންކުރައްވާފައިވާ ބޭކާރު މީހުން ސަރުކާރުން ވަކިކުރަން ރައީސް ނަޝީދު ދެކޮޅު ހައްދަވަމުން ގެންދިޔުން.

އަހަރެމެން ރައީސް ނަޝީދަށް ދަންނަވަންއޮތީ ތައައްސުބުން އެއްފަރާތްވެ ހުންނަވައި، ތިޔައީ މުޅި ގައުމުގެ އަގުލަބިއްޔަތުން ހޮވާފައި ހުންނެވި ރައީސްކަން ހަދުމަކުރައްވަމުން، މިގައުމުގެ ބޮޑުކުދި އެންމެނާ މެދު ހަމަހަމަ ކަމާ އިންސާފުން ކަންކުރައްވާށެވެ. ސަރުކާރުގައި ތިބި ބޭކާރު ހުރިހާ ވެރިން ވަކިކުރައްވާށެވެ. ސިވިލްސާވިސް އެއް ނުވަތަ ސިޔާސީ މީހެއް ނުވަތަ ތިމާ ނިސްބަތްވާ ޕާޓީގެ މެމްބަރެއް ތަފާތުކުރެއްވުމެއްނެތިއެވެ. ތިޔަ އައްޔަންކުރަމުން ގެންދަވާ މީހުން އައްޔަންކުރުން ހުއްޓާލަން އައިއެމްއެފްއިން ނުބުނަނީހެއްޔެވެ؟ ހަގީގަތަށް ބަލާއިރު ސިވިލްސާވިސްގައި ތިބި މީހުންގެ މުސާރައަށްވުރެ ސިޔާސީގޮތުން ތިޔަ އައްޔަންކުރައްވާފައި ތިބޭ މީހުންގެ މުސާރަ ބޮޑުވެފައި، ގައުމުގެ ބަޖެޓަށް ކުރާ ވޭންބޮޑެވެ. މިއަދު އެފިޔަވަޅު އަޅަންޖެހިއްޖެއެވެ. މަޖުބޫރުވެއްޖެއެވެ. ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރެވޭނީ އޭރުންނެވެ. ނޫނީ ރައްޔިތުންގެ ހައިހޫނުކަމުގައި މަނިކުފާނު ދައްކަވައިދެއްވި ނަމޫނާއާ އެއްގޮތަށް އެންމެތަކުން މުޒާހަރާއަށް ނުކުމެ ކުރީގެ ރައީސް އަމީނަށް ހެދިހެން މަނިކުފާނާމެދު ހަދައިދާނެކަމާމެދު އަހަރެމެން ބިރުގަނެއެވެ.

0 comments:

 
Web Statistics