ނިއުމަތުﷲ އިދުރީސް، ހަވިރުނޫސް
މީހުންނަށް ތާއީދުކުރުމުގެ ވާހަކަ ދައްކާ ނަމަ އެންމެ ފުރަތަމަ ވެސް ވަންނަން ޖެހެނީ ސިޔާސީ ފިކުރުގެ ތެރެއަށެވެ. ސިޔާސީ ލީޑަރުންނާއި ސިޔާސީ ޝަހްސިއްޔަތުތަކުގެ ވާހަކަ ދައްކަން ޖެހެ އެވެ. އެ މީހުންނަށް ތާއީދުކުރާ މީހުން ކަންކުރާ ގޮތުގެ ވާހަކަ ވެސް ދައްކަން ޖެހެ އެވެ.
ސިޔާސީ ލީޑަރުން އަބަދުވެސް ވައުދު ވަނީ ގައުމަށް ހިދުމަތް ކުރުމަށެވެ. ރައްޔިތުންނަށް ފާގަތިކަން ހޯދައިދިނުމަށެވެ. އެ ވައުދު ފުއްދުމަށް އެކި ލީޑަރުން މަސައްކަތްކުރައްވާނީ އެކި ގޮތަށެވެ. އެކި ސިޔާސަތުގެ މައްޗަށެވެ. އެ ލީޑަރަކަށް އެންމެ ރަނގަޅު ކަމަށް ވިސްނިވަޑައިގަންނަވާ ސިޔާސަތެއްގެ މައްޗަށެވެ. އެ ސިޔާސަތު ކަމުނުގޮސް، ބައެއް ފަހަރު ގެއްލުން ލިބެ އެވެ. ފައިދާ ވެސް ކުރެ އެވެ. އެކި ފަހަރު އެކި މިންވަރަށެވެ.
ސިޔާސީ ލީޑަރެއްގެ މޮޅު ކަމަކީ ގެންގުޅުއްވާ ސިޔާސަތަކުން ނަތީޖާ ނެރުމެވެ. ޖުމްލަ ގޮތެއްގައި ގައުމުގެ ހުރިހާ ދިމާލަކަށް ފައިދާ ބެހިގެން ދާނެ ގޮތް ހެދުމެވެ. އެކަން ނުކުރެއްވޭ ނަމަ ބޭނުމެއް ނެތެވެ. ނަމަވެސް މައްސަލައަކަށް ވަނީ ސިޔާސަތު އޮތް ތަނުގައި އޮއްވައި، ސީދާ މީހާއަށް ތާއީދުކުރެވޭތީ އެވެ. ވަކި ޕާޓީއަކަށް ވާތީ ތާއީދުކުރާތީ އެވެ. ހަމަ އާއި އިންސާފު ކޮންމެ ގޮތަކަށް އޮތް ނަމަވެސް، ތިމާ ހިތް އެދޭ މީހާ ބުނާ ކޮންމެ ބަހެއް އަހައި، އެހެން ގޮތަކަށް ވިސްނަން ވެސް ބޭނުން ނުވުމެވެ.
ރާއްޖޭގެ ވާހަކަ ބާއްވާފައި މިސާލެއް ނަގާނީ ވަރަށް ދުރުން، އައިވަރީ ކޯސްޓުންނެވެ. ދާހިލީ ހަނގުރާމަ އަށް ފަހު ބޭއްވި ފުރަތަމަ ރިއާސީ އިންތިހާބުގައި އިދިކޮޅު ލީޑަރު ކާމިޔާބު ހޯއްދެވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި އެވެ. ނަމަވެސް ވެރިކަމުގެ ފަރާތުން ނިންމީ އިންތިހާބުގެ ނަތީޖާ ސައްހަ ނޫން ކަމަށާއި ވެރިކަން ދޫކޮށްނުލުމަށެވެ. ބޭރުން އައި އޮބްޒާވަރުން ވެސް ބުނަނީ އިންތިހާބުގެ ތެރޭގައި ކުދިކުދި މައްސަލަތަކެއް ހުރި ނަމަވެސް ނަތީޖާ ބަދަލުވާ ފަދަ ކަމެއް ހިނގާފައި ނެތް ކަމަށެވެ. އެހެންވި ވިޔަސް ރައީސްގެ ސަޕޯޓަރުން ރައީސްގެ ބަސް ގަބޫލުކޮށް، އިދިކޮޅު މީހުން ބިރު ގަންނަވަން ފެށީ އެވެ. އެންމެ ފަހުން މިހާރު އެ "ދެ ރައީސް" އެ ބޭފުޅެއްގެ ގޮތުގައި "ސަރުކާރެއް" ހިންގަން ފެށީ އެވެ. ވެރިކަމުގެ އާރާއީ ބާރަށް ބަޔަކު ކުރަމުންދާ މަސައްކަތުގައި ހަމަޔާއި އިންސާފުން އެއްކިބާވެގެން ތިބި ނަމަވެސް "ވިދާޅުވި ގޮތެއް" ގަބޫލުކޮށްގެން ތިބި ރައްޔިތުން ނިކުމެ ހަމަނުޖެހުން ހިންގަނީ އެވެ. މަރުވެގެން ދަނީ ވެރިކަމާ ހެދި އުޅޭ މީހުންނެއް ނޫނެވެ. ނިކަމެތި ރައްޔިތުންނެވެ. ވެރިންގެ ފަރާތުން ހިމާޔަތާއި ރައްކާތެރިކަމަށް އެދިގެން ތިބި އާންމުން މަރުވެގެން އެ ދަނީ ވެރިންގެ އަމިއްލަ އެދުން ނޫން އެހެން ކަމަކާ ހެދިއެއް ނޫނެވެ.
މި ކަންތައްގަނޑަށް ބަލާއިރު ރައްޔިތުންނަށް އަނިޔާ ލިބެމުން ދިއުމުގެ އެންމެ ބޮޑު ސަބަބަކީ މީހާއަށް ތާއީދުކުރުމެވެ. ރައީސް ކޮންމެ ގޮތަކަށް ކަންތައް ކުރެއްވި ނަމަވެސް އެއީ އެންމެ މޮޅު އަދި އިންސާފުވެރި ގޮތް ކަމަށް ގަބޫލުކޮށްގެން އެކަމުގެ ދިފާއުގައި ބަޔަކު މަގުމައްޗަށް ނިކުތުމެވެ. ހަމައިން ބޭރުގައި ކަންކުރާ ސިޔާސީ ލީޑަރުންގެ ފަހަތުގައި ނުތިބެ، އަމިއްލަ ސިކުނޑިން ވިސްނައިގެން ހިނގަމުންދާ ނަމަ އަމާންކަން ގެއްލި ލޭ އޮހޮރުވަންތަކާ ހިސާބަށް ދިއުމުގެ ނުރައްކާ އެތައް ގުނައަކަށް ކުޑަވެގެން ދާނެ ކަމާ މެދު އެއްވެސް ސުވާލެއް ނެތެވެ. މިއަދު ހުރިހާ ވެސް މައްސަލަ އަކީ ވަކި މީހަކު ބުނީތީ އެ ބުނި ގޮތެއް އެއީ އެންމެ މޮޅު ގޮތް ކަމުގައި ބަލައިގަނެގެން ތިބުމެވެ.
އެ މީހަކަށް ގަބޫލުކުރެވޭ އެންމެ ރަނގަޅު ސިޔާސަތެއް ގެންގުޅޭ ފަރާތަކަށް ތާއީދު ކުރުމަކީ ކުށެއް ނޫނެވެ. މައްސަލައެއް ވެސް ނޫނެވެ. އެކަމަކު ކިތަންމެ ރަނގަޅު ސިޔާސަތެއް ގެންގުޅޭ މީހާ ވެސް ގޯސް ގޮތަކަށް ކަންތައް ކޮށްފާނެ އެވެ. މައްސަލައަކަށް ވެގެން މި އުޅެނީ އެ ހަގީގަތް ގަބޫލުކުރަން ބޭނުން ނުވާތީ އެވެ. ނުވަތަ ހަގީގަތް ގަބޫލުކުރެވުނު ކަމުގައި ވިޔަސް ގޮތް ދޫކުރަން ބޭނުން ނުވާތީ އެވެ.
މީހުންނަށް ގޮތް ހުސްވުމުގެ ބަދަލުގައި، ކޮންމެ މީހަކަށް ވިޔަސް އެ މީހަކު ކުރާ ރަނގަޅު ކަމެއް ބަލައިގަނެ ގޯސް ކަންކަމަށް ދެކޮޅު ހެދުން މާ ބުއްދިވެރި އެވެ. ބަލަންވީ މޫނަކަށް ނޫނެވެ. ކުރާ ކަންކަމަށެވެ.
0 comments:
Post a Comment