Friday, December 31, 2010

މައުމޫނުގެ ތާއީދު އިތުރުވަނީ ކީއްވެ؟

މައުމޫނުގެ 30 އަހަރުގެ ވެރިކަން ބަދަލުކޮށްލީ ފޮނި ހުވަފެންތަކެއް ދުށުމުގެ އުންމީދުގައެވެ. އެހެން ދުވަސްތަކެއް ދުށުމަށެވެ. އެހާރަށްވުރެ ފާގަތި، އަދުލުވެރި، ތިޔާގި، ހަމަހަމަ، ކޮރަޕްސަނުން މިންޖުވެފައިވާ، ކުށްތައް މަދުކުރެވިފައިވާ އަމާން ރާއްޖެއެއްގެ އުއްމީދުގައެވެ. އަންނަން އޮތް ޖީލުތަކުގެ ހައްގުގައެވެ. ނަމަވެސް، ރައްޔިތުމީހާއަށް މިއަދު ފެންނަނީ ...

*************

ގައުމުގެ އިގުތިސާދު:

ކޮރަޕްސަނަކީ އިގުތިސާދުގެ ކަތުރުފަނިކަމަށް ބުނެވޭއިރު، ކޮރަޕްސަން ނައްތާލުމަށް މިސަރުކާރުން މަސައްކަތެއް ކުރާ ތަނެއް ނުފެނެއެވެ. އަބަދުވެސް ފެންނަނީ ތިމާމެންގެ ބޮޑި ބޮޑުކުރާން އުޅޭ މަންޒަރެވެ. (ކޮރަޕްސަން އިތުރުވެއްޖެކަމަށް ޓްރާންސްޕޭރަންސީ އިންޓަނޭޝަލުން އެންމެ ފަހުން ޝާއިރުކުރި ރިޕޯޓު ބުނެއެވެ.)

ތަކެތީގެ އަގުތައް ބޮޑުވެއްޖެއެވެ. ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދައެއް ނުދެވުނެވެ. ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ދާން އުދަގޫވެއްޖެއެވެ. ހައްޖަށް ނުގޮސް މަޑުކޮށްލާން ޖެހިއްޖެއެވެ. ކަންމަތީ ފިހާރައިގެ ދަރަނިތައް ކަނޑައެއް ނުދެވުނެވެ. ތަންތަނުގެ ކުލި އަދިވެސް އަންނަނީ އުފުލެމުންނެވެ. ހިލޭ ބޭސްކުރެވެން ފެށުނުއިރު ޑަކުޓަރުންނެއް ނެތެވެ. ބޭސްކޮޅު ހުސްވެއްޖެއެވެ.

ގައުމުގެ ހަޒާނާއިން ނެގިކަމަށް ބުނި ފައިސާ ހޯދައެއް ނުދެވުނެވެ. ގައުމަށް އިތުރު އާއްމުދަނީ ލިބޭނެ ދޮރެއް ހުޅުވައެއް ނުދެވުނެވެ. މަސްވެރިކަން ތަރައްގީއެއް ނުކޮށްދެވުނެވެ. ކުރިން ފައިސާ ޗާޕުކުރިއިރު، މިހާރު ނަގަނީ ބޮޑެތި ލޯނުތަކެވެ. (މިސަރުކާރުން ގަންނަ ޓީ-ބިލަކީ ބޭރުން ލިބޭ ލޯނަށްވުރެ ބޮޑު އެއްޗެއް ރައްޔިތުމީހާ ބެންކުތަކަށް ދައްކަންޖެހޭ "ފަލަ" ލޯނެކެވެ.) ހިލޭ އެހީ އާއި ބޭރުން ލިބޭ ވަރުވަރުގެ އެހީތައް މަދުވެއްޖެއެވެ. ދެއްކެނީ ހުސް ހޮޅި ވާހަކައެވެ. ބޭރަށް ކުރާ ދަތުރުތަކުން ވެރިމީހާއަށް ލިބޭ މެޑެއްޔެއްގެ އިތުރުން ގައުމަށް ލިބޭ އެއްޗެއް ނުފެނެއެވެ. ކުރު މުއްދަތުގެ އާއްމުދަނީގެ ބޭނުމުގައި ވިއްކަންލާ ތަން ފެންނަނީ ގައުމުގެ ހަރު މުދަލެވެ.

ސަރުކާރުގެ ހިންގުން:

ސިޔާސީ މަގާމުތައް އިތުރުވެއްޖެއެވެ. ކަންކަން ކުރެވޭ ނަތީޖާ ނެރެވޭފަދަ މީހުންނެއް ނުފެނެއެވެ. ނުކަތާވަރަކަށް ސްޓޭޓު މިނިސްޓަރުންނާއި އެޑުވައިޒަރުން އިތުރުކޮށް ގައުމުގެ ހަޒާނާ ހުސްވެއްޖެކަން އިހުސާސް ވާން ފަށައިފިއެވެ. މަރިޔާ ދީދީމެންގޭ އެންމެނަށް ބޮޑެތި ވަޒީފާތައް ދީ، ރައްޔިތުން ބޭނުން ނެތިގެން ގެއްލާލާ މީހުންގެ ބަދަލު އަރައިގެން އުޅޭތަން ފެނެއެވެ. ކުރީގެ ސަރުކާރުގެ ހިންގުމެކޭ ވަކި ތަފާތެއް ނުފެނެއެވެ. ހަލުވިއެއް، ދުވެއްޔެއް ބާރެއް ނޫނެވެ. ގައުމުގެ ކަންތައްތައް ރަނގަޅުކުރަން ކުރިން ދެއްކި ވާހަކަތައް ހުއްޓައި، އެކަންތައްތައް ރަނގަޅުކުރުމަށް ބިލުތައް ހަދައި މަޖިލީހަށް ހުށައަޅާ ތަނެއް ނުފެއެވެ. މީހުން ބިނާކޮށް، ސަރުކާރުގެ ގިޔަރު ބާރުކުރެވެތޯ ކުރާ ކަމެއް ނުފެނެއެވެ. (ކުރެވޭ ކަމަކީ އިންޖީނުގެ ބުރުތައް ރުޅިއެރުވުމެވެ.) ގަވާއިދުތައް އިސްލާހުކޮށް، ހަރުދަނާ ސިޔާސަތުތަކެއް ހަދަމުން ގެންދާތަނެއް ނުފެނެއެވެ. އިވެނީ ހުސް ވާހަކަތަކެކެވެ. ގައުމު ހިންގަން ތިބިތަން ފެންނަނީ ކުރިންވެސް ތިބި ކަހަލަ މަރުމޯލުންނާއި (އަސްލަމް ޝާކިރުމެން ކަހަލަ) ރޯނު އެދުރުންނެވެ.

ތައުލީމު:

ތައުލީމުގެ ނިޒާމު ރަގަޅުކުރުމުގެ ބަދަލުގައި ފެންނަނީ ތައުލީމުގެ ނިޒާމުގެ ތެރެއިން ދިވެހިން މަރު ދަންޖެހޭ އިސްލާމުދީން ބޭރުކުރަން ގަދައަޅާ ކުރާ މަސައްކަތެވެ. އިސްކޫލުތަކަށް ޓީޗަރުން ހަމައެއް ނުކޮށްދެވުނެވެ. ތަކެތި ހަމައެއް ނުކޮށްދެވުނެވެ. މުގައްރަރުތައް އިސްލާހުކޮށް، ޒަމާނީ ތައުލީމާ ދިމާލަށް ގައުމުގެ މިސްރާބު އަބުރައެއް ނުލެވުނެވެ. މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި އުޅެނީ މައްސަލަތައް އުފަން ކުރެވޭނެ ކަންތައްތައް ކުރާށެވެ. ވެއްޓެމުންދާ އަމީނިއްޔާގެ އިމާރާތަށް ޕުރައިމެރީ ގުރޭޑުގެ ކުޑަކުދިން ވެއްދުމާއި ދެޖިންސުގެ ކުދިން އެއްކުރުމެވެ. ކުދިން ޝައުގުވެރި ނުވާ، ޒަމާނާ ނުގުޅޭ މުގައްރަރުތައް އިސްލާހުކުރުމުގެ ބަދަލުގައި މާއްދާތަކާއި (ސީއެޗް އެސްސީގެ އިސްލާމާއި ދިވެހި ފަދަ) މުގައްރަރުތައް އުވާލާށެވެ.

އަދުލު އިންސާފު:

މަސްތުވާ ތަކެތިން މިޖީލު ސަލާމަތްކުރެވޭތޯ ކުރާ މަސައްކަތެއް ނުފެނެއެވެ. އެބުނާ ޑުރަގުގެ 6 ބޮޑުންނެއް ހިފާ ހައްޔަރެއް ނުކުރެވުނެވެ. ގުރޫޕު މާރާމާރީ ހުއްޓުވައި، މާލޭ އަމާންތަނަކަށް ހަދައެއް ނުދެވުނެވެ. ފުލުހުންގެ ގާނޫނު ފާސްވެ، ސަރުކާރުގެ ހުރިހާ ބާރުތަކެއް ލިބިފައިވާ އިރުވެސް، މިގައުމުން ކުށް މަދެއް ނުކޮށްދެވުނެވެ. ކުށްވެރިންނާމެދު އިއްވާ ނިޔާތަކެއް ތަންފީޒެއް ނުކޮށްދެވެއެވެ. މަޖިލީހުގެ އަގުލަބިއްޔަތު ނެތޭ ބުނާއިރު، ދެބައިމީހުން އެއްބަސް ކިޔާގެން އެކުވެރިކަމާއެކު އަވަސް އަވަހަށް ނިންމާލާ ކަންތައްތައް އެބަ ފެނެއެވެ. އަދުލު އިންސާފު ހަރުދަނާކުރަން ބަންޑާރަނައިބު އުޅޭ ތަނެއް ނުފެނެއެވެ. ރައްޔިތުން ބޭނުންވާ ކަންތައްތަކަކީ ކޮބައިކަމެއް އެގޭހެއްނެއް ހިޔެއް ނުވެއެވެ.

*****************

ސަރުކާރުގެ ބޮޑުން ގަބޫލު ނުކުރުން އެއީ އެހެން ކަމެކެވެ. އެހެންގޮތަކަށް ސަރުކާރުގެ ވެރިން މިކަމުގައި ދުށުމަކުން ރައްޔިތުމީހާގެ ވިސްނުމެއް، ފެންނަ ކަންތައްތަކެއް އޮޅުވައެއް ނުލެވޭނެއެވެ. ވިސްނައިދޭން އުޅޭ މީހާގެ ވިސްނުން ބަދަލު ނުކުރާ ހިނދެއްގައެވެ. މިސާލަކަށް، އަރަބިއްޔާގެ މައްސަލައަކީ ދީނީ މައްސަލައެއް ނޫނޭ ކިތައްމެ ވަރަކަށް ރައީސް ނަޝީދު ބުނެދެން އުޅުނަސް ރައްޔިތުމީހާ އެވާހަކައެއް ނާހާނެއެވެ. އެކަން ގަބޫލުކުރާނީ ދީނެއް މިއްލަތެއް ގަބޫލު ނުކުރާ ދެތިން މީހެކެވެ. މިހާތަނަށް ކަން ވެފައި އޮތީ އެހެންނެވެ. ރައްޔިތުމީހާ އިތުރަށް ރުޅިއަރުވަން ބޭނުމިއްޔާ އެފަދަ ކޮސް ގޮވަމުން ގެންދާށެވެ. އޭރުން ފައިން އެ އެރޭނީ ކެނެރީގޭ ނަޝީދު ބުނާހެން ތިމާގެ އަމިއްލަ އެއްޗަށެވެ. ބޭލޭނީ ތިމާގެ ސޯޓެވެ.

ދެއިރު ދެދަޅައަށް މިވާހަކަތައް ރައްޔިތުމީހާ ނުދެއްކިޔަސް ރައްޔިތުމީހާއަށް ފެންނަނީ ކުރިން ބުނި މަންޒަރެވެ. މިސަރުކާރުގެ ތާއީދު ގެއްލި، މައުމޫނުގެ ތާއީދު އިތުރުވަނީ ކުރެވޭ މާޔޫސްކަމުގެ ބޮޑުކަމުންނެވެ. މިސަރުކާރު ގެންނަން މަސައްކަތްކުރި މީހުން ވެސް މިސަރުކާރާ ދުރަށް ދާތީވެއެވެ. ނަފުރަތު ކުރަން ފެށުމުންނެވެ. ރައީސް ނަޝީދު މައުމޫނު ދެކެ ބިރު ގަންނަނީވެސް މިކަން ކޮންމެވެސް ވަރަކަށް ގަބޫލުކުރެވޭތީވެއެވެ. ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނޭ ބުނާ ފަދައިން، ރައްޔިތުން އެދޭގޮތަށް ވެރިކަން ކުރާ، ރައްޔިތުން ރުހޭ ވެރިޔަކު ބިރުގަނެ ޖެހިލުންވާން ޖެހޭ ސަބަބެއް ނެތެވެ. ހާއްސަކޮށް އެބުނާ ނާގާބިލު، ކޮރަޕްޓުވެފައިހުރި، ގައުމުގެ ހަޒާނާ ކާލައިގެން ހުރި ކުރީގެ ރައީސް ދެކެއެވެ.

ނޯޓު: މިހާރު ތިޔަ ދަނީ އަތްބައިގެ ގަޑުތައް ހުސްވަމުންނެވެ. ބޮޑު މުސާރަ ލިބޭ އެޑުވައިޒަރެއް ނޫނަސް އިހުލާސްތެރި ލަފައެއް ދީފާނަމެވެ. opposeanni@gmail.com އަށް އީމޭލުކޮށްލާށެވެ. މިލިޔުން އެހެން ސައިޓެއްގައި ޖެހުމަކަށް އަޅުގަނޑު އިއުތިރާޒެއް ނުކުރަމެވެ.

0 comments:

 
Web Statistics