Wednesday, December 29, 2010

ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރަން ޑރ މުނަންވަރު ހުށައަޅައިފި


ތިން ހާހެއްހާ މީހުންގެ ސޮޔާއެކު ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރުމަށް ކުރީގެ ބަންޑާރަ ނައިބު ޑރ މުނަންވަރު އިލެކްސަން ކޮމިސަނަށް ހުށައަޅައިފިއެވެ. ޕާޓީގެ ނަމަކަށް ހުށައަޅާފައިވަނީ "މާލްޑިވްސް ރިފޯމް މޫވްމަންޓު" އެވެ. އެބަހީ، ރާއްޖޭގެ ކަންތައްތައް އިސްލާހުކުރާ ޕާޓީއެވެ. ނަމަކީ ވަރަށް އެހެން ކަހަލަ ނަމެއްކަމުން، ޑރ. މުންވަރުގެ މާޒީއަށް ބަލާލައި އެފަދަ ބަދަލެއް ނެގެވިދާނެ ފަދަ ފަންވަރެއް ހުރި މީހެއްތޯ ބަލާލުމަކީ އެންމެ ރަނގަޅުކަމެކެވެ.

އާދެ، ޑރ. މުނަންވަރަކީ ކަޑުތަކާބެހޭ ގާނޫނުން ޕީއެޗްޑީ ނަންގަވާފައިވާ އައްޑޫ މީދޫ ގަދަރުވެރި އާއިލާއަކަސް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ ލިޔުއްވި ފޮތް ދުނިޔޭގެ ނިސްބަތުން މަސްހޫރު ފޮތަކަށްވިއެވެ. ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ތައުލީމީ ގާބިލު މީހުން ވަޒީރުކަމަށް ގެނައުމަށް ކުރި މަސައްކަތުގައި އައްޑޫ އިން ފުރުސަތު ލިބުނު އެންމެ ފުރަތަމަ ބޭފުޅާއެވެ. ނަމަވެސް، މުނަންވަރު ބެލެވިފައިވަނީ މައުމޫނުގެ ވެރިކަމުގައި ތިމާގެ ނާގާބިލުކަމާ ހުރެ ބަންޑާރަ ނައިބުގެ މަގާމުން ވަކިކުރެވުނު މީހެއްގެ ގޮތުގައެވެ. ކަރަޕްސަންގެ ތުހުމަތުތައް ކުރެވިފައިވެއެވެ. އައްޑޫ ވިލިގިލި ރިސޯޓަކަށް ނުވެއޮތީ މުނަންވަރާއި އޭރުގެ މިނިސްޓަރު ޒަކީމެން ކަޓުނަގަން ހަދައިގެންކަމަށް ވެއެވެ. އެރަށް ރިސޯޓަކަށް ހަދަން ހަވާލުކޮށްފައި އޮތް ކުންފުނީގެ ހިއްސާދާރުންނަކީ މުނައްވަރާއި، ޒަކީގެ އިތުރުން ދިވެހި ސަރުކާރެވެ.

މީލާދީ ސަނަތުން 1993 އިން 2003 އަށް ބަންޑާރާ ނައިބުކަމުގެ މަގާމުގައި ހުރެގެން މިގައުމު އިސްލާހުކުރަން ކުރެވުނު މަސައްކަތެއް ފެންނާކަށް ނެތެވެ. ބަންޑާރަ ނައިބުގެ އޮފީހުން ބަލަންހުރި މައްސަލަތައް ފުނިޖެހި، ތަން ބޮއްސުންލިއެވެ. ބަންޑާރަ ނައިބު އޮފީހުން ކުރާކަމެއް އާއްމުންނަށް ނޭގޭތަނުގައި، އިންޓަނެޓު ސައިޓެއްހާ ހިސާބުވެސް ހަދާލެވިފައެއްނެތެވެ. ގައުމުގެ ގާނޫނީ އޮނިގަނޑު އިސްލާހުކުރުމަށް އޮންޓަރު ހުރި ގާނޫނެއްހާ ހިސާބުވެސް ހަދާލައި، މަޖިލީހަށް ހުށައެޅިފައެއް ނެތެވެ. ރައީސަކަށް ހުންނަ މީހާގެ އަތަށް ހުރިހާ ބާރުތަކެއް ލިބޭގޮތަށް ހެދިފައިވާ ގާނޫނު އަސާސީ އުފަންވީ މުނައްވަރުގެ ބަންޑާރަނައިބު ކަމުގައި މިލާދީން 1997 ގައެވެ.

ނަމަވެސް، އެދުވަސްތަކުގައި ފޮރުވިގެން އިސްލާހަށް މަސައްކަތްކުރި މީހުންނާމެދު ދައުވާކޮށް އެމީހުން ހިފާ ހައްޔަރުކުރުމަށް މަސައްކަތް ކޮށްފައިވެއެވެ. އޭގެ ތެރެއިންވެސް މަސްހޫރު ވާހަކައަކީ އިންޓަނެޓުގައި ސަރުކާރަށް ފާޑުކިޔާ ބަހަމުން ދިޔަ ސަންދާނު ނޫހެވެ. މިހާރުގެ ރައީސް ކެނެރީގޭ ނަސީދު މައުމޫނުގެ ދައުރުގައި ސިޔާސަތަށް ފާޑުކިޔާތީވެ ވެލާނާގެއިން ނެގި ކަރުދާސްތަކެއްގެ މައްސަލައިގައި މީލާދީން 2001 ގައި ވައްކަމުގެ ދައުވާކޮށްފައިއެވެ. އެދައުވާ މާރިޔާ ދީދީ ތައްޔާރުކުރީ މުވަންވަރުގެ ބަންޑާރަނައިބުކަމުގައި އޭނަގެ އިރުސާދުގެ ދަށުންނެވެ.

އަބަދުވެސް މުނައްވަރު މަސައްކަތްކުރަމުން އައިސްފައިވަނީ ތިމާއަށް ލިބޭ ބައި ބޮޑުކޮށް އައްޑޫ ރައްޔިތުން ގުބޯ ހެއްދުމަށެވެ. އެގޮތުން އައްޑޫ މެމްބަރުކަން އެތަކެއް އަހަރަކު އަދާކޮށް، މައުމޫނު ރުހޭގޮތްގޮތަށް މަޖިލީހުގައި ވޯޓުލައި، ވަކާލާތުކޮށްފައިވެއެވެ. އޭގެ ތެރެއިންވެސް ފާހަގަކުރެވޭ ހާދިސާއަކީ ސިޔާސީ ޕާޓީ ރާއްޖޭގައި އުފެއްދުމާ ދެކޮޅަށް މަޖިލީހުގައި ކުރި ވަކާލާތެވެ. މައުމޫނުގެ ރައީސްކަމުގައި ވަޒީރުކަމުން އެއްލާލުމުން އިސްލާހަށް މަސައްކަތްކުރާ މީހަކަށްވެގެން، އެމްޑީޕީގެ ތެރެއިން ރާއްޖޭގެ ރައީސްކަމަށް އާދެވޭތޯ ބެއްޔެވެ. އައްޑޫ މީހުންގެ މަދަދުން، ޕާޓީގެ ރައީސްކަމަށް އައި ނަމަވެސް، ޕާޓީގެ ރިޔާސީ ޓިކެޓު ނުލިބުމުން ޕާޓީއިން ވަކިވެ އެހެން ސިޔާސީ ޕާޓީއެއް ހެދޭތޯ ބެއްޔެވެ. ފަހުން ބުރުމާ ގާސިމުގެ ރަނިންމޭޓަކަށް (އެބަހީ ނައިބު ރައީސް) ވެވޭތޯ އެޕާޓީއަށް ވެސް ވަނެވެ.

މިހާރު އެހުރީ، މިސަރުކާރުގެ ސިޔާސަތު ދޯދިޔާވެ މީހުންގެ ނުރުހުން އަމާޒުވާން ފެށުމުން ގައުމު އިސްލާހުކުރާން ނުކުމެއެވެ. މުނައްވަރަށް އައްޑޫ ރައްޔިތުން އިތުރަށް ގުބޯ ހެއްދޭނެތޯއެވެ؟ އެކަން އަންނަން އޮތް ދުވަސްތަކުން އެގޭނެއެވެ.

އިތުރު މައުލޫމާތު:

* މުނަންވަރުގެ ތައާރުފު

* މުނަންވަރުގެ ފަތިފުށް

* ރިޔާސީ ޓިކެޓު ނުލިބުމުން ބޮޑާހޭކުން

0 comments:

 
Web Statistics