Saturday, December 25, 2010

އެމް.ޑީ.ޕީ އެވަނީ ރަހީނު ކުރެވިފައެވެ.

އެމް.ޑީ.ޕީއަކީ ދިވެހިރައްޔިތުންގެ ޑިމޮކުރަޓިކު ޕާޓީއެވެ. 30 އަހަރަށް ދިގުލައިގެން ދިޔަ މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނެސް، ރާއްޖޭއަށް ޑިމޮކުރަސީ ގެނައުމަށް އުފެއްދުނު ފުރަތަމަ ސިޔާސީ ޕާޓީއެވެ. އެހެންކަމުން އެމް.ޑީ.ޕީ ބެލެވިފައިވަނީ އިސްލާހީ މަސައްކަތުގެ ޒަމްރެއްކަމުގައެވެ. ބުރޭންޑުކަމުގައެވެ. ނަމަވެސް، މިބުރޭންޑު މިއަދު މިއަންނަނީ އަވަސް ސުޕީޑެއްގައި ފަޑުވެ، މީހުން ނަފުރަތު ކުރާ އެއްޗަކަށް ވަމުންނެވެ. ސަބަބަކީ، އެމް.ޑީ.ޕީ އެވަނީ ހައިޖެކު ކުރެވިފައެވެ. ޑިމޮކުރަސީގެ އުސޫލުތައް ނައްތާލާފައެވެ.

އާއެކެވެ. އެމް.ޑީ.ޕީ އެވަނީ ރަގަޅަށްވެސް ބަޔަކު މީހުން އެމީހުންގެ ބޭނުމަށް ޓަކައި ރަހީނުކޮށްފައެވެ. އަމިއްލަ މަންފާތަކަކާއި މަސްލަހަތުތަކެއް ހިމާޔަތްކުރުމަށެވެ. ޑިމޮކުރަސީގެ އުސޫލުތައް ނައްތާލައި، ޕާޓީގެ އަސާސީ ގަވާއިދާއި އަމަލުކުރަމުން އައި އުސޫލުތަކާ ހިލާފަށެވެ. ބޭނުމަކީ ތިމާމެންގެ އަމިއްލަ މަސްލަހަތު ރައްކާތެރިކޮށްދޭ ވަސީލަތެއްގެ ގޮތުގައި ޕާޓީ ބޭއްވުމެވެ. މިކަން ވަރަށް ހާމަކަން ބޮޑު ގޮތަކަށް ފެންނަން އެބައޮތެވެ.

ޕާޓީގައި ވަގުތީ ރައީސެއް ހުންނަތާ އަހަރުތަކެއް ފާއިތުވެގެން ދަނީއެވެ. ޕާޓީގެ ތެރޭގެ އިންތިހާބުތައް ނުބާއްވާ ދިގު ދަންމަނީއެވެ. ޕާޓީގެ ގުނަވަންތަކުގެ ބާރު ކަޑުވާލުމުގެ ގޮތުންނެވެ. ކެނެރީގޭ ނަޝީދާއި މާރިޔާ ދީދީ އާއި އޮންނަ ގުޅުމަކީ އަޑި ނޭގޭ ގުޅުމެކެވެ. ޗެއާޕާސަންކަމަށް ދެން ފަހަރަކުން ކުރިމަތި ނުލާނެކަމަށް ބުނުމާއެކު ޕާޓީގެ މުހިއްމު މަގާމުތަކުގެ އިންތިހާބު ފަސްކުރެވިއްޖެއެވެ. ބޭނުމަކީ ޗެއާޕާސަންކަމުގައި މާރިޔާ ބަހެއްޓުމެވެ. މާރިޔާއަކީ ނަޝީދު މާ ރުހޭ މީހެކޯލައެވެ.

ވެލާނާގެއިން ކަރުދާންތަކެއް ނެގި މައްސަލާގައި ކެނެރީގޭ ނަޝީދަކީ ވަގެކޭ ކިޔައިގެން ކޯޓަށް މައްސަލަ ހުށައެޅީ މިމާރިޔާއެވެ. ބީބީސީ އަށް އަރައިގެން ދިވެހިރާއްޖެ ޑިމޮކުރަސީއަކަށް ފައްކަލެއް ނޫނޭ އެތިވަރު ކިޔައީވެސް ހަމަ އެމާރިޔާއެވެ. ދެން އެމާރިޔާ ނަޝީދަށް މާކަމުދާ މީހަކަށް ވީގޮތަކީ އަރަތެކެވެ. ތިމާގެ ކިބައިގައި ހިންގުންތެރިކަމެއް ހުރިޔަކީ ނޫނެވެ. އެމްޑީޕީގެ އެތެރޭގެ ޑިމޮކުރަސީ ހަރުދަނާކޮށް ޕާޓީގެ ހިންގުން ހަރުދަނާކުރަން ކުރެވުނު ކަމެއް ނެތެވެ. މަރިޔާގެ މޭސްތިރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީވަނީ ނާކާމިޔާބާ ކުރިމަތިލާފައެވެ.

މިއަދު ސަރުކާރުގެ ސިޔާސަތަކީ އިސްލާމުދީނުގެ ނޫރު ފޮހެލުމެވެ. އެމްޑީޕީގެ އަސާސީ ގަވާއިދުގައި އިސްލާމުދީން ހިމާޔަތްކުރާނެ ވާހަކަ ބުނެފައި ވަނިކޮށެވެ. މިކަމުގެ މޭސްތިރިންނަކީ ރައީސް އޮފީހުގައި ތިބި ލާދީނީ ބައިގަޑެވެ. މީގެ ގިނަމީހުންނަކީ ވަރަށް ފަހުން ޕާޓީއަށް ވަން މީހުންނެވެ. އެމްޑީޕީ އުފެއްދި އަސްލު މަގުސަދުކަމަށްވާ ގައުމު އިސްލާހުކުރުމުގެ މަސައްކަތްކުރާ ތަނެއް ނުފެނެއެވެ. ޑިމޮކުރަސީ ގައުމުގައި ހަރުދަނާކުރުމަށް ކުރިކަމެއްނެތެވެ. އަބަދުވެސް ކޮންމެވެސް އަމިއްލަ ކަންތައް ގަޑެކެވެ. ޕާޓީގެ ހިޔަލުގައެވެ. ޕާޓީގެ މެމްބަރުންނަށް ކަމުގެ ހަގީގީ މަގުސަދުތައް އޮޅުވާލާގެންނެވެ.

ބަޔަކަށް އޮޅިފައި އޮތަސް ހަގީގަތުގައި ޕާޓީގެ ބާނީއަކީ ގޯގޯލަތީފެވެ. ޕާޓީ އުފެދިގެން އައީ އޭނާގެ ހިކުމަތްތެރި ބުރަ މަސައްކަތުންނެވެ. އަންނި ނުވަތަ ކެނެރީގޭ ނަޝީދަކީ އޭނަ ކުރި ބުރަ މަސައްކަތުގެ މޫނެވެ. މާ ގަޓުސް ހުރި މީހަކަށް ވެގެން މީހުންގެ ކުރިމައްޗަށް ނުކުމެގެން އުޅެން ހަދައިގެން މީހުންނަށް އޭނާ ފާހަގަކުރެވުނީއެވެ. ހަގީގަތުގައި އަންނިއަކީ ޑިމޮކުރަސީގެ ވިސްނުމުގެ މީހެއް ނޫނެވެ. ތިމާއަށް ފެންނަގޮތަކީ އެންމެ ރަނގަޅުގޮތް ކަމަށް އަބަދުވެސް ދެކޭ މީހެކެވެ. އެމް.ޑީ.ޕީގެ ޅަފަތުގައި ލީޑަޝިޕްގެ މައްސަލަތައް ދިމާވީ މަސްވަރާގެ އުސޫލު އަންނި ބޭނުންނުވާތީވެއެވެ.

0 comments:

 
Web Statistics