Monday, December 27, 2010

އަހަރެމެން ބޭނުންވި އަނެއް ރާއްޖެއަކީ މިއީތޯއެވެ؟

ޚުދްމުޚްތާރު ވެރިކަމެއްގެ ވާހަކަ އަހަރެމެން ދެއްކީމެއެވެ. ޚިޔާނާތްތެރިކަން އަތްނުފޯރާ ފަށަށް މައްޗަށް ދިޔަވާހަވެސް އަޑުހަރުކޮށް ގޮވީމެވެ. ރައްޔަތުންގެ މުދަލުން ވަކިބަޔަކު ނުޙައްޤުން ނަގަމުންދިޔަ ފައިދާތަށް ހުއްޓުވާ "ރައްޔަތުންގެ ވެރިކަން ރައްޔަތުންނަށް" ގެނައުމަށް، މަގުމައްޗަށާއި، ފާރުފާރުމައްޗަށާއި މޭޒުމައްޗަށްވެސް އެރީމެވެ. ވަކި ޕާޓީއެއްގެ، ވަކި ކުލައެއްގެ ވަކިބަޔަކަށް ވެރިކަމުގެ ފަރާތުން ކުރެވެމުންދިޔަ ތަފާތުކުރުންތައް ނިމުމަކަށްގެނެސް ސިއްކަޖެހުމަށް "ފާހަގަ" ވެސް ޖެހީމެވެ. އަނެއް ދިވެހިރާއްޖެއަށް ދިއުމަށްޓަކައި ބޮކުސާތައް ބާރަށް ބަނދެ، ފަސްބައިން ދަރުބަނދެ ދަތުރަށްފަށައިފީމުއެވެ. ނަމަވެސް އަހަރެމެންނަށް މިދެވެނީ ކޮންތާކަށްބާވައެވެ.....!


އުދަރެހުން ރަން ރީނދޫކުލައިގެ ދަޅަތައް ފާޅުވަމުން އަނެއްދިވެހިރާއްޖެއަށް ފުރަތަމަ ދުވަހަށް އިރުއެރީ "ރަން ދައުރެއް"ގެ ހުވަފެން އަހަރެމެންނަށް ދައްކަމުންނެވެ. ރިޔާސީ ކޮމިޝަނަކުން ޚިޔާނާތްތެރިން ބޮޑުރޯނުން ބަނދެ ފަނޑިޔާރުގެތަކާއި ހަމައަށް ގެންގޮސް، ރައްޔަތުންގެ އެތައްބިލިޔަން ރުފިޔާއެއް ހޯދައިދޭނޭކަމުގެ އުންމީދެވެ. ތިންބާރު ވަކިވެ، ތިންބައިމީހުންވެސް ރައްޔަތުންގެ ޙައްޤުގައި އަޑުއުފުލާނޭކަމުގެ ވަޢްދުތަކެވެ. ދީނީކަންތައްތައް ދީނީ ޢިލްމުވެރިންނަށް ދިނުމާއި، ފަސްބައިގައި ލައްޖެހިފައި ނުވާ ސާފުސީދާ މީހުންނަށް ދައުލަތުގެ އިސް މަޤާމްތައް ދިނުމުގެ ވަޢްދެވެ. ނަމަވެސް.. ވަޢްދުތަކާއި ވަޢްދުވީ އަނގަތަކަށް ވީ ކިހިނެއްބާވައެވެ...

އަނެއް ދިވެހިރާއްޖޭގައި ޑިމޮކްރެސީގެ ބަލާވެރިކަމުން އައި "ސިޔާސީ ހަޑިމުޑުދާރު ގޭމުގެ" ހަޤީޤީ ކުލަވަރު މިހިރަގެން ފެންނަނީއެވެ. ރައްޔަތުންގެ އުންމީދުތަކާއި ގުޅުނު ރިޔާސީކޮމިޝަނަކީ ސަރުކާރާއި "ތޮޅޭ" ސިޔާސީ ދުޝްމިނުންގެ "ގިލިގިލި" ކޮށްޓާ ކޮމިޝަނަކަށް ވެއްޖެއެވެ. ކޮމިޝަންގެ ހަޤީޤީ މަޤްޞަދަކީ ރައްޔަތުންގެ ޙައްޤުތައް ހޯދައިދިނުމެއް ނޫނެވެ. ސަރުކާރުން ޖަހާހައި ބެރަކަށް ނުނަށާ ސިޔާސީ މީހުންނަށް ބިރުދައްކާ "ބަސްއެހުވުމެވެ." 30 އަހަރުގެ ޣަނީމާކައިގެންތިބި އިދިކޮޅު ޚިޔާލުގެ މީހުންނަށް ރީނދޫވުމަށް މަޖުބޫރުކުރުވުމެވެ. ބުނާކަހަލައެވެ. "އެހެންޏާ އޮތީ އަހަރެމެން ކާނެވަރަކަށް ކާން ދޫކޮށްފައި މިގައުމު ދޫކޮށް ދިއުމެވެ. ނުވަތަ އަހަރެމެންނާއި އެކުގައި އަލުން ކެއުމަށްޓަކައި ރީނދޫ ފެނުން ފެންވެރުމެވެ. ކަރަޕްޝަނެއް ރައްޔިތުންނެއް އެއީ އެހެން ވާހަކައެކެވެ."

ސަހަރޯއެވެ. އަނެއް ދިވެހިރާއްޖޭގެ އާ ސަރުކާރުގެ އަތްފޯރާ ވެރިކަމުގައި ވަގުންނާއި، ޚިޔާނާތްތެރިންނާއި، މަކަރުވެރިންނާއި، އަނިޔާވެރިންނާއި، ބަޣާވާތްތެރިންނާއި، ދޮގުވެރިންނަށްވެސް "ފުއްސެވުން" އަތްފޯރާފަށަށް އަތުވެއްޖެއެވެ. އިންޑިޔާގެ ހިންދޫން ޤަބޫލުކުރާ ގޮތުގައި ޖަމްނާ ކޯރަށް އެރުމުން އެމީހަކު ކޮށްފައިވާ ހުރިހާ ފާފައެއް ދޮވެވިގެންދާ ގޮތަށެވެ. އަދި ދުނިޔޭގެ ނަޞާރާއިން ފައްޅީގެ ފާދިރީ ކައިރިއަށް ޒިޔާރާތްކޮށްލުމުން ހުރިހާ ކުށެއް ފުހެލަދީ މުޅިން ސާފުކޮށްލަދޭ ފަދައިންނެވެ. ރީނދޫ ނަސްލުގެ މީހުންގެ ޚިޔާނާތާއި މަކަރަކީ އަމުދުން ގުނޭއެއްޗެއްނޫނެވެ. ޤައުމުގައި އުފެދުނު އެންމެ ބޮޑަތި ޚިޔާނާތްތެރިންނާއި ވަގުންވެސް ރީނދޫ ވެރިކަމުގައި ރީނދޫ ފެނުން ފެންވަރާލުމުން ހުރިހާކަމެއް ފުހެވުނީއެވެ. ބަޣާވާތްކުރި ޚާއިނުންނާއި، މިލިޔަން މިލިޔަނުން ޑޮލަރު "ހިއްޕެވި" ބޭފުޅުންނާއި، ރައްޔަތުންނަށް އަނިޔާކޮށް ލޭއޮހޮރުވި އަނިޔާވެރިނަށްވެސް އޮތީ ދެންވާ ސަލާމަތް ނުވާނޭހެން ހީވުމުން ހަމަ ރީނދޫފެނުން ގައި ދޮވެލުމެވެ. ހުރިހާކަމެއް ފުހެވުނީއެވެ.

ފެންކުންފުންޏެއް އަޅިކެނޑިއެއް މިއަދުނޫހެއް ކިޔާނެކަމެއްނެތެވެ. ކޫއްޑޫއެއް ވަގުނޫޓެއް ލޮލީއެއް މިހާރަކު ނެތެވެ. ޖަނާޒާ ކުޑޭއަކަސް މުސްޓޮފަރ އަކަސް މައްސަލައެއްނެތެވެ. ބޭންކް އޮފް މޯލްޑިވްސްއެއް ފަގީރުކަން ނައްތާލާ ޕާޓީއެއް ރަތްވޭވެއް އެއީ މިހާރު ކިޔާ ނަންނަމެއްނޫނެވެ. މުނިސިޕަލްޓީގެ ކޮޅުވެއްޓިއެއް، ކ. އަތޮޅުގެ (އިއްޒަތްތެރި) މެމްބަރެއް ވާކަމެއް ނެތެވެ. ނޮވެމްބަރު ތިނެއް، ލުތުފީއެއް، ސަގަރުނާސިރެއް ޢަބްދުޝާހިދެއް ތަފާތެއް ނެތެވެ. ދުނިޔޭގައި ހުރިނަމަ އަނދިރި އަނދިރިންނާއި، ވިޔަޒޯރާއި، ނުވަވަނަ ޙަސަން ރަސްގެފާނުވެސް މިހާރު ރީނދޫފެނުން ފުއްސެވިގެން މި ދިވެހި ބިންމަތީގައި ނަޞާރާދީނާއި މޯކުޅި ފެތުރުމަށްޓަކައި މިނިވަންކަމާއިއެކު އުޅޭނެއެވެ. އާނ! ފަހެ ޑީއޯއާއި ހީލަތުމެން ރީނދޫ ކުލައިގެ ހިޔަލުގައި އެކުރަނީ ދެވަނަ މަސައްކަތެއްނޫނެވެ.

ދެންފަހެ، ދެންތިބި ޤައުމީފެންވަރުގެ ބޮޑަތި ބޮޑަތި ޚިޔާނާތްތެރިންނާއި، އަތޮޅު ކައުންސިލަރުންނާއި ރަށުކައުންސިލަރުންގެ ޚިޔާނާތްތަކާއި، ޕްރަވަޓައިޒޭޝަނާއި ޔުޓިލިޓީ ކުންފުނިތަކުގެ ޚިޔާނާތް މިލިސްޓްގައި ހިމަނައިފިނަމަ ރީނދޫ ފެނުން ފޮހެވިފައިވާ މީހުންގެ ޢަދަދު ކޮޅުންނުލާނެއެވެ. އަހަރެމެން ރައްޔަތު މީހުންނަށްވެސް އޮތީ އެހެންޏާ ރީނދޫ ފެނުން ފުއްސެވުމެވެ. ނުވަތަ ސިވިލްސާވިސްގެ ވަޒީފާއާއި،ޔުޓިލިޓީއާއި، ރައްޔިތުކަމުގެ ޙައްޤާއި، ޤައުމިއްޔަތުންވެސް ފެއްސިގެން ދިއުމެވެ. ޑިމޮކްރަސީގެ އަނެއް ދިވެހިރާއްޖޭގައި މިއަދު އޮތީ އެމީހަކާއި އެމީހަކު ވަޅިއާއި ކަޓަރާއި މަރުތޭލަހިފައިގެން މަގުމައްޗަށް ނުކުތުމެވެ. "ފީ ސަބީލިއްލާހި" އައުމުން އޮންނާނީ އެމީހަކާއި އެމީހެކެވެ. މިދިޔަ ތިރީސްއަހަރެކޭ މިހާރެކޭ، މިތާކު ނެތްކަމެއް ނެތެވެ. ނުބައިކަމެއް ވިއްޔާ ވީ އިތުރެވެ. ސޯމާލިޔާގައި ކަނޑުފޭރެނީއެވެ. މާލޭމަގުމަތީގައި މަގުފޭރެނީއެވެ. އަންހެންވެރިންވެސް ރޮށިދަމާ ފިލާގަނޑު އައްޑަނައަކަށް، ދޭފަތް ކަނޑިއަކަށް ހަދައިގެންނޫނީ މަގުމައްޗަށް ނިކުމެވޭކަށް ނެތެވެ. ނުވިތާކަށް އަންހެނުންވެސް މިހާރު މީހުންމަރަނީއެވެ. ރޭވެފައި އަލިވިލޭ ކޮންމެ ދުވަހަކަށް ދެސޮރަކު ތިންސޮރަކު ބަކަރި ކަތިލާހެން ކަތިލާލަނީއެވެ. އެކަމަކު މިއީ އިސްލާމީ ގައުމެކޯލައެވެ.

ކަލޭނޭ ހޭއަރާށެވެ. ޖާސިމެއް ޓާމީނެއް މާޒިނެއް ކިޔާޏެކަމެއް ނެތެވެ. ދުނިޔޭގައި ހެއްދެވި ހުރިހާ ދަޢްވާއެއް، ފެހިޖެހި ޤާނޫންއަސާސީގެ ދަށުންކޮށް، ހިލިހިލާޖަހާ އަތްފައި ބުރިކޮށް ޞަލީބަށް އެރުވުމަށް ޙުކުމްކުރިއަކަސް ފަރުވާލެއް ނެތެވެ. އެފެނުން ފެންވަރާލަނިކޮށް މިހާރުވެސް ހުރިހާ ދަޢްވާއެއް ބަންޑާރަ ފޮށީގެ ބަތާނައަށް ލައި ފޮރުވަދޭނެއެވެ. ބައިސްކަލްގައި އުޅުނު އައްޑޫ "އިއްޒަތްތެރި މެންބަރު" ޕްރައިވެޓް ޖެޓް ގަތީކީ ކޮރަޕްޓްވެގެންނެއް ނޫނެވެ. ރަސްގެފާނުގެ ރީނދޫ ފެންފޮދުގެ ބަރަކާތުންނެވެ. ޝެލިއުޓް ނުނަގަން ވަޒީފާދޫކޮށްލި ތިލަދުއްމަތީ "ޢިއްޒަތްތެރިޔާ"ވެސް "ޖީބަށް ބަރުކޮށްލުމަށް" ރީނދޫފެނުން ފެންވަރައިފިއެވެ. މަވެސް މިދަނީ އަތުވިގޮތަކުން ތަނެއް ފަޅައި، ރިޝްވަތު ދީ، ބަކަރި ކަތިލައި މަސް ވިއްކައިގެންވެސް ދޮޅަހަކަށް މިލިޔަން ޑޮލަރު ހޯދާލައިގެން ރީނދޫ ފެންގަނޑަށް އެރިލަންވެގެންނެވެ. ކަލޭމެންވެސް ނުފެއްސި ދިރިތިބެލަން ބޭނުމިއްޔާ އަހަރެންފަހަތުން އަންނާށެވެ. ރީނދޫ ރަސްގެފާނު އެހުންނެވީ ފުއްސަވަން ތައްޔާރަށެވެ. ދެންއޮތް ދުނިޔެއަކީ އެރަސްގެފާނު ގަބޫލުކުރާ ދުވަހެއްނޫނެވެ. މާދަމާ އަދި އަހަރެންވެސް ކައުންސެލަރުކަމަށް ކުރިމަތިލާން ޖެހެއެވެ. ރައްކާވެ ތިބިއްޔާ ދަތުރެކެވެ.


ނޯޓް: މިލިޔުން އެވަނީ އެގޭ އަސްލު ނުގެއްލޭގޮތަށް ކުރުކުރެވިފައެވެ. އަސްލު ލިޔުން ކިޔުއްވުމަށް މިލިންކަށް ވަޑައިގަންނަވާށެވެ. މިއީ ލަންދޫއިންފޯއިން ނަގާފައިވާ ލިޔުމެއްކަމަށް ބުނެވެއެވެ.

0 comments:

 
Web Statistics