Wednesday, April 13, 2011

ރިސޯޓުވެރިންނަށް ފައިދާ ހުރި އެހެން ވިޔަފާރިއެއް ފެނިއްޖެ!

ދާދިފަހުން ރައީސް ނަށީދު އެވަނީ ޑޮލަރުގެ އަގަށް ބަދަލު ގެންނަވާފައެވެ. މިކަމުގެ ސަބަބުން އެންމެ އުފާކުރާ ބަޔަކީ ރިސޯޓުވެރިންނެވެ. މިހާރު އެވެރިން ހަދާގޮތަކީ ޓޫރިސްޓުން އަތުން ޑޮލަރު މާރުކުރަނީ (އެންމެ ދަށް އަދަދު) 10.48 ރުފިޔާގެ ރޭޓުގައެވެ. ދެން ލިބޭ ޑޮލަރު ކޮޅު މާލެ ގެނެސް އާއްމުންނަށް ވިއްކަނީ (ބޮޑުއަގުގައި) 15.42 ރުފިޔާގެ ރޭޓުގައެވެ. މިގޮތުން 40% ގެ ފައިދާއެއް ޑޮލަރުގެ ވިޔަފާރިން ހޯދައެވެ. އަދިވެސް ރާއްޖޭގެ ބޭންކުތަކުން ޑޮލަރު ގަންނާކަށް ނުލިބެއެވެ. އައު ފިނޭސް މިނިސްޓަރު ލަފާކުރައްވާހެން ޑޮލަރު ތިޔާގިވާކަށް ނޫޅެއެވެ. އެންމެ ރަގަޅު ރޭޓެއް ހުށައަޅާ ސިލޯނު ބޭންކުންނާއި ހަބީބު ބޭންކުން އާއްމުކޮށް ޑޮލަރެއް ނުވިއްކައެވެ. ޑޮލަރު ލިބޭ މީހުން ޑޮލަރު ވިއްކާކަށް ބޭންކަކަށް އަންނާނެ ވިސްނުމެއް ނުގެންގުޅެއެވެ. އެއަށްވުރެ ކަޅު ބާޒާރުގެ ގުޅުންތައް މާރަގަޅެވެ. ކިޔު ހަދާކަށް ނުޖެހެއެވެ. ބުނި އަދަދަކަށް ބުނިތާކަށް ގެންގޮސްދެއެވެ.
ތިން މަސް ފަހުން ވާނީ ކިހިނެއް؟
އައު ފިނޭސް މިނިސްޓަރު ވިދާޅުވަނީ 3 މަސް ފަހުން ކަންތައްތައް ހަމައަކަށް އެޅޭނެކަމަށެވެ. ނަމަވެސް، ރާއްޖޭގެ އިގުތިސާދު މަސައްކަތްކުރާ ގޮތުން އެހެން ވާނެ ކަމަށް ނުބެލެވެއެވެ. ފުރަތަމަ ސަބަބަކީ ރާއްޖޭގެ އިގުސާދު މަސައްކަތްކުރާ ގޮތް އެހެން ގައުމުތަކާ ތަފާތުވުމެވެ. ޓެކުސް ފޮތާއި ތަފާތީއެވެ. ސަޕުލައި އަދި ޑިމާންޑު ކާވަށް އަސަރު ފޯރުވޭނެ އެހެން އިގުތިސާދުތަކުގައި ނެތް ފަސް ހަތަރު ކަމެއްވެސް ހިމެނެނީއެވެ. ފުރީ މާކެޓު ޕޮލިސީ މަސައްކަތްކުރާ ގައުމަކަށް ނުވަނީއެވެ. ދެވަނަ ސަބަބަކީ ރާއްޖެއަށް ވަންނަހާ ޑޮލަރެއް ރިސޯޓުވިޔަފާރިވެރިން ކޮންޓުރޯލު ކުރާތީވެއެވެ. އެހެންކަމުން، ރިސޯޓުތަކަށް ލިބޭ ޑޮލަރު ރެގިޔުލޭޓު ނުކުރެވޭހާ ހިނދަކު، ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އުފުލޭނެކަމަށް ބެލެވެއެވެ.
ސަރުކާރުން އުންމީދުކުރަނީ އެވެރިން (ރިސޯޓުވެރިންނާއި، ސަފާރީވެރިންނާއި، މަސްބޭރުކުރާ މީހުން) އަމިއްލަ ރުހުމުގައި އައިސް ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރާނެކަމަށެވެ. ރޭޓު ބޮޑުކުރީވެސް އެނިޔަތުގައެވެ. އެމީހުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ރޭޓުން ބޭންކުތަކަށް ވިއްކޭނެ މަގު ތަނަވަސްކުރުމެވެ. ނަމަވެސް، ވަރަށް ހިތާމަޔާއެކު ބުނެލަން އޮތީ އެވެރިންނަކީ މާ އަމިއްލަ އެދުން ބޮޑު ބަޔެކެވެ. މާޒީ އެކަމަށް ހެކިދެއެވެ. މިމައްސަލަ ހައްލުކުރަން ބޭނުންނަމަ ޖެހޭނީ ރިސޯޓުތަކުން ކުރާ ޑޮލަރުގެ މުއާމަލާތްތައް ރެގިޔުލޭޓުކުރާށެވެ. އެހެން ނޫނީ ރައްޔިތު މީހާ ބަޑަށް ޖެހި، ރައީސް ނަށީދު ކަތިލަން ރައްޔިތުން މީހާ އުޅެފާނެއެވެ. އަމީނަށް ވީގޮތަށް ކަންނޭގެއެވެ.


1 comments:

Anonymous said...

ހެޔޮ ނުވާނެ މިހެން އުޅޭކަށް. ލާރި ބޭނުމަސް މިއީ ދެން ބޮޑުވަރެއް. މިގައުމުގެ ހަލާކަކީ މިވިޔަފާރިވެރިން

 
Web Statistics