Thursday, April 28, 2011

ކަޅު ބާޒާރުގައި ޑޮލަރު 18 ރުފިޔާއަށް އުފުލިއްޖެ

ބޭންކުތަކަށް ލިބޭ ޑޮލަރު މަދުވުމުން ޑޮލަރު ވިއްކުން ބޭންކުތަކުން ކޮންޓުރޯލުކުރަން ފެށިއެވެ. އޭގެ ނަތީޖާއަކީ ދިވެހިން ޑޮލަރަށް ޖެހެން ފެށުމެވެ. އެއްދުވަހުން އަނެއްދުވަހަށް ޑޮލަރުގެ ދާށިކަން އައީ ބޮޑުވަމުންނެވެ. ޑޮލަރުގެ ދަތިކަން ފިލުވުމަށް ދީލަތި ސަރުކާރުން ކެޑިނޭޅި އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިކަމަކީ އިންޑިޔާއިން ޑޮލަރު ކޮޅެއް ހޯދުމެވެ. ތިން މަސް ތެރޭ ޑޮލަރުގެ ތާށި ފިލުވާލާނެކަމަށް ރައީސް ނަސީދު ވިދާޅުވަމުން ގެންދެވިއެވެ. ނަތީޖާއަކީ، ބޭންކުތަކުން ޑޮލަރު ހުސްވެ ޑޮލަރުގެ ކަޅުބާޒާރު ވައިގަ ހިފީއެވެ. ދެވަނަ ކަމަކަށް ކުރިކަމަކީ ޑޮލަރުގެ ފަހަތުން ފުލުހުން ދުއްވީއެވެ. އަތުލައި ގަނެވުނީ އަޅާލާނެ އިޔާރެއް ބިޔާރެއް ނެތް ބަންގާޅީ ސޮރެކެވެ. މަސްފަލަ އެއް ގޮދާވެސް އަތަކު ވީކަމަކަށް ނުވިއެވެ. ނުކުތް ނަތީޖާއެއް ނެތެވެ. ދެން، ކުރިކަމަކީ ބޯބޮޑު ބުއްދިއެއް ކުރީއެވެ. އެއީ ކޮންމެވެސް އެހެން ގައުމެއް ބަލައިގެން ޑޮލަރު ރޭޓު %20 އަށް ބޮޑުކުރީއެވެ. އަދި ވަރަށް އަވަހަށް ޑޮލަރުގެ ރޭޓު 10 ރުފިޔާއަށް ތިރިވާނެއޭ ގޮވަން ފެށީއެވެ. އަދި ރައީސް ނަސީދުގެ އިގުތިސޯދީ ލަޑުދަޑިތައް ހާސިލުކޮށްފިކަމަށް ރޭޑިޔޯއަށް އަރާ އިއުލާންކުރީއެވެ. ނަތީޖާއަކީ ކޮބާތޯއެވެ؟ ކަޅުބާޒާރުގައި ޑޮލަރު ކުރިން ހުރި ވަރަށް ވުރެންވެސް ބޮޑުވެގެން ދިޔައީއެވެ. ތަކެތީގެ އަގު އުފުލި، ރައްޔިތުންނަށް ވީ ވައުދު އެކޮޅުކޮޅުން ޖެހުނީއެވެ.

މައްސަލަ ހައްލުކުރެވޭނީ:

މައްސަލައަކީ ރައްޔިތުންނެއް ނޫނެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއެއްވެސް ނޫނެވެ. ސަރުކާރުގެ ދޯދިޔާ އިގުތިސޯދީ ސިޔާސަތެވެ. އިގުތިސޯދަށް އަންނަމުންއައި ބަދަލުތައް ދެނެގަންނަން ނޭގުމާއި އެޅޭ ޅައެއްޗެތި ގިނައީއެވެ. ނޭގުނު އެއްކަމަކީ ވެރިކަން ބަދަލުވުމުން އިގުތިސޯދަށް ބަދަލު އަންނާނެކަމެވެ. ދެވަނަކަމަކީ ދިވެހިންގެ މިލުކިއްޔާތެއްކަމުގައިވާ ރިސޯޓުތައް (ނުހައްގުން ލިބިފައިތިބި) ޓާކޫރުންގެ ކިބައިން ސަލާމަތްކުރަން ނޫޅުންކަމެވެ. ނުވާނެ، ނުކުރެވޭނެ ކަންތައްތަކުގެ ވާހަކަ ނުދައްކާށެވެ. ޑޮލަރު އެތެރެ ކުރެވޭނެ އިތުރު ދިމާލެއް ދެތިން މަހެއްގެ ތެރޭގައި ނުއުފެއްދޭނެއެވެ. ޒަކީމެން ތިބިހާ ހިދަކު ގަރުދިޔައެއްވެސް ރިހާކުރެއްވެސް ބޭރެއް ނުކުރެވޭނެއެވެ. މިކަން ހައްލުކުރެވޭނީ ރާއްޖެއަށް ލިބޭ ޑޮލަރު، ހާއްސަކޮށް ރިސޯޓުތަކަށް ލިބޭ ޑޮލަރު، ރާއްޖޭގެ ބޭންކުތަކަށް އެތެރެކުރެވިގެންނެވެ. މިކަމަކީ ބަޔަކު ރުހުމުގައި ކުރާނެ ކަމެއް ނޫންކަން މިދަނީ ފެންނަމުންނެވެ. ކިތަންމެ ބޮޑު ރޭޓެއް ހެދިޔަސް އެވެރިން އެތިބީ ރައްޔިތުން ލޭ ފެލާލައިގެން ނަމަވެސް ގިނަ ލާރި ހޯދޭތޯއެވެ. ރާއްޖޭގެ ރިސޯޓު އޯނަރުންނަކީ ދުނިޔޭގެ ފެންވަރުގެ މަލްޓި މިލިއަނަރުންނެވެ. އެވެރިންގެ ގެދޮރު ހުރީ ސިންގަޕޫރުގަޔާއި އޮސްޓުރޭލިޔާގަޔާއި އިގިރޭސިވިލާތު ފަދަ ތަންތަނުގައެވެ.

ރާއްޖެއަށް ލިބޭ ޑޮލަރު ރާއްޖެއަށް ވައްދާނީ ކިހިނެއް؟

މިދޭތެރެއަކުން ދީލަތި ސަރުކާރުގެ ސިޔާސީވެރިޔަކު ވިދާޅުވީ "ޓޫރިސްޓުން ޕެކޭޖު ގަންނަނީ ބޭރުގެ ޓުއައޮޕެރޭޓަރުންގެ އަތުންނޯ. އެހެންވީމާ، އެލާރި ޖަމާވާނީ ބޭރުގެ އެކައުންޓަކަށް ނޫންހޯ". އެއީ ތެދެކެވެ. އެހެން ވަނީ ރިސޯޓު މަކަރާއި ހީލަތުން އޮޅުވާލައިގެން (އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލައިގެން އުޅޭ ޒަކީގެ ބަހުންނަމަ، ބިޑުކޮށްގެން) ރިސޯޓުތައް ވެރިކޮށްގެން ތިބި ޓާކޫރުމެން އެތިބީ ފަރަންގީންނަށް ރިސޯޓުތައް ހިންގަން ދޫކޮށްލައިގެން ތަންމަތީގައި އޮވެގެން ލާރި ނުގާށެވެ. ދެން ފަރަންޖީ މީހުން ލާރި ޖަމާކޮށްދެނީ ޓާކޫރުމެންގެ ބޭރުގައި ހުންނަ ކޮންމެވެސް ބޭންކަކަށެވެ. އެހެންކަމުން މިކުރާ ވިޔަފާރިއަކީ އަބްދުއްލޯ ހަމީދުމެން އަތޮޅު ފިހާރަ ކުއްޔަށް ދީގެން ކުރި ވިޔަފާރި ކަހަލަ ވިޔަފާރިއެއް ނޫންހެއްޔެވެ؟ ކުޑަ އަގުގައި ނަގައިގެން ބޮޑުއަގުގައި އެހެން ބަޔަކަށް ދީގެން ނަފާނަގަނީއެވެ. އެހެންކަމުން ފުރަތަމަ ކަމަކީ ސެކަންޑު ޕާޓީ، ތާޑު ޕާޓީ ރިސޯޓު މެނޭޖްމަންޓުތައް އުވާލުމެވެ. ރިސޯޓުތައް ސަބްލީސް ކުރުން ހުއްޓުވުމެވެ. ދިވެހި ރައްޔިތުންގެ މިލުކަކުން ވަކިބަޔަކު މުއްސަދިވާން ދިނުމަކީ އިންސާފުތޯއެވެ؟

ދެވަނަ ކަމަކީ، ރާއްޖޭގެ ރިސޯޓުތައް ވިއްކާ ފަރާތްތަކުން ރާއްޖޭގައި ކުންފުނި ރަޖިސްޓަރީކުރުމާއި ބޭންކު އެކައުންޓު ހުޅުވުމަށް މަޖުބޫރުކުރުމެވެ. އޮންލައިން ޓުރާންސެކުސަންތަކާއި އޮފުލަން ޓުރާންސެކުސަންތައް ރާއްޖޭގެ ބޭންކުތަކުގެ ތެރެއިން ނޫނީ ނުކުރެވޭގޮތް ހަދަން ޖެހިއްޖެއެވެ. ރުހުމުގައެއް ނުކުރާނެއެވެ. އަދި ލިބޭ ފައިސާ އެއް ފަހަރާ ގައުމުން ބޭރު ނުކުރެވޭނެ ގޮތެއް ހެދުމެވެ. މިސާލަކަށް، ކުލަބް މެޑް ރާއްޖެ ބުރާންޗުން އެކަނި ރާއްޖޭގެ ރިސޯޓުތައް ވިއްކޭގޮތަށް ހެދުން. މިކަމަކީ ފަހަރުގައި ފުރީ މާކެޓު ޕޮލިސީ އާއި ނުސިޔާރު ކަމަކަށް ވެދާނެއެވެ. ނަމަވެސް، އެބަޔެއްގެ އިގުތިސޯދު ސަލާމަތްކުރަން އެބަޔަކު ޖެހެއެވެ. ވަގުތީ ގޮތުން ނަމަވެސް މިފަދަ ފިޔަވަޅު މިހާރު އަޅަން މަޖުބޫރުވެއްޖެއެވެ. 1998 ގައި މެލޭސިޔާގެ ބޮޑުވަޒީރު މަހާތީރު އައި.އެމް.އެފްގެ ލަފަޔާއި ދެކޮޅަށް އެޅި ފިޔަވަޅުތަކުން އިގުތިސޯދީ ބަލިމަޑުކަމަކުން މެލޭސިޔާ ސަލާމަތްކުރި ގޮތުން އިބުރަތް ލިބިގަންނަން ޖެހެއެވެ. މަހާތީރު އެޅި ފިޔަވަޅުތަކުން ބޭރުގެ އިންވެސްޓުމަންޓުތައް ގެއްލޭނެކަމަށް ބަޔަކު ބުންޏެވެ. ނަމަވެސް، އެހެންނެއް ނުވެއެވެ. މިފަދަ ކަމަކުން ކުލަބު މެޑެއް ރާއްޖެ ދޫކޮށްފައެއް ނުދާނެއެވެ. އެއާ ހިލާފަށް ރާއްޖޭގެ އޮފަރޭޓަރުންގެ ވިޔަފާރި ފުޅާވާނެއެވެ. މިކަން މިނިސްޓަރު އިނާޒަށް ވާނެ ހެއްޔެވެ؟ ނުވެއްޖެނަމަ، ޑޮލަރު 20 ރުފިޔާއަށް ވެސް އަރާނެއެވެ! މިހާރު ތިޔަ އޮތީ ގެރި ލޮނުމެދު ކައިގެންނެވެ. ކޮންމެގޮތެއް ހަދައިގެން ނަމަވެސް މައިތިރި ކުރަންޖެހިފައެވެ.
އަންނި ހޮޕް. ހޮޕް.

0 comments:

 
Web Statistics