Sunday, December 21, 2008

އެމެރިކާނުންގެ މަގުސަދަކީ ކޮބައިބާ؟

ބާރާއި ނުފޫޒުގެ ގޮތުން ބޮޑެތި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުން ތިއްބަވަނީ އަވައްޓެރި ސިލޯނުގައެވެ. މީގެ ތެރޭގައި ދުނިޔޭގެ ރަސް ގައުމުކަމަށް ދައުވާކުރާ އެމެރިކާ ހިމެނެއެވެ. ދާދި ފަހުން އެމެރިކާގެ ސަފީރެއް ރާއްޖޭގައި ހުންނަވާ ގޮތަށް ނުވަތަ އެންބަސީއެއް ހުޅުވާގޮތަށް ހަމަޖެހެމުންދާ ވާހަކަ މީޑިއާއިން އެބައިވެއެވެ. މިއީ ކޮން މަގުސަދެއްގައި ކީއްކުރަން ކުރާ ކަމެއްތޯ ސުވާލުކުރެވެއެވެ. މިހެން ސުވާލުކޮށްލަން މިޖެހުނީ އެމެރިކާއަކީ އެތައް ގައުމަކަށް މިލިއަން މިލިއަން ޑޮލަރުން އެހީދޭ ގައުމަކަށްވީއިރު އެފަދަ އެހީއެއް މިވީހާތަނަށް ރާއްޖެއަށް ދީފައިނުވާތީވެއެވެ. ދިވެހި ގައުމު އާރާސްތުކުރުމަށް އެހީދޭ ބޭރުގެ ގައުމުތަކަށް ބަލާއިރު އެމެރިކާ އޮތީ އެލިސްޓުން އެންމެ ފުލުގައި ކަމުގައި ބުނެވިދާނެއެވެ.

ދުނިޔެއަށް ޑިމޮކުރަސީ ގެނައުމަށް މަސައްކަތްކުރާކަމަށް އެމެރިކާ ގޮވަމުންދިޔައިރު، ރާއްޖެއަށް އިސްލާހީ ބަދަލުތަކެއް ނެގެވޭތޯ އަމަލީގޮތުން މަސައްކަތްކޮށްފައިވަނީ އީޔޫއިންނާއި އިގިރޭސިންނެވެ. ހާއްސަކޮށް ލަންކާގައި ހުންނަވާ އިގިރޭސި ސަފީރެވެ. ބުނެވޭގޮތުގައި ޑިމޮކުރަސީއަށްޓަކައި އެމްޑީޕީއިން ލަންކާގައި ކުރަމުން ދިޔަ މަސައްކަތްތަކަށް އެންމެ ފުރަތަމަ އިޖާބަދިނީވެސް އިގިރޭސިންނެވެ. އިންޑިޔާ އޮތީ ކުޅިވަރު ބަލާށެވެ. އެމެރިކާ މިކަމުގެ ތެރެއަށް ފުއްމާލީ ވަރަށް ފަހުންނެވެ. މާޒީއަށް ޖެހިލާއިރު އެމެރިކާނުންނަކީ ޓެރިޒަމާއި ޑިމޮކުރަސީ އާއި އިންސާނީ ހައްގުތައް ފަދަ ނަންނަމުގައި ގައުމުތަކުގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ނުފޫޒުފޯރުވުމަށް މަސައްކަތްކުރާ ބަޔެކެވެ. އެހެންކަމުން އެމެރިކާނުންގެ ފަރާތުން ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ މައްޗަށް ފޯރުވާނީ ކޮންކަހަލަ ނުފޫޒެއްތޯ ސުވާލުކޮށްލެވެއެވެ.

އެންމެ އަޅައިގަންނަ ކަމަކަށް ފާހަގަކުރެވުނީ އެހެން އެއްވެސް ބަޔަކު ކަންބޮޑުވެގެން ނޫޅޭއިރު ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީނޭ އޮވެގެން އެމެރިކާގެ ސަފީރު ފިކުރު ބޮޑުވެގެން މައުމޫނުގެ ސަރުކާރަށް ދަންނަވައި، އަދި އޭގެ ފަހުން ދިވެހިބަހުން ލިޔެފައިވާ އެހެން ދީންތަކަށް ގޮވާލާ ވެބްސައިޓުތައް މިހާރުގެ ސަރުކާރުން ދޫކޮށްލުމާގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މިސަރުކާރަށް މަރުހަބާ ކިޔިކިޔުމެވެ. މީގެ މާނައަކީ ކޮބާބާވައެވެ؟ މިއޮތްހާ ދުވަހު ސިޔާސީ ވެބްސައިޓުތައް ރާއްޖޭގައި މަނާކޮށްފައި އޮތްއިރު އަދި ސިޔާސީ ކުށްވެރިންނަށް ނުހައްގުން އަދަބު ދެވެމުން ދިޔައިރު، އަދި 30 އަހަރުގެ ހުދުމުހުތާރު ވެރިކަމެއްކުރި ރާއްޖޭގައި ޑިމޮކުރަސީ ނެތިގެން އެމެރިކާނުން ކަންބޮޑުވެގެންނެއް ނޫޅެއެވެ.

1 comments:

Anonymous said...

i think it is a good step forward. i hope the govt could secure some scholarships and funding for the development of the basic infrastructure of the islands through them. anyway, questioning their motives is also a good thing since we need to be prepared to deal with anything which could compromise our values.

 
Web Statistics