Wednesday, February 23, 2011

ގިނައިން ޑޮލަރު އެތެރެވާކަން އަންނިއަށް ރޭކާލައިފި!

ޓޫރިޒަމުން ލިބޭ ޓެކްސްގެ ގޮތުގައި 6 ބިލިއަން ޑޮލަރު ސަރުކާރަށް ލިބޭނެކަމަށް އިންލެންޑް ރެވެނިޔު ކޮމިސަނުން ބުނުމާއެކު ރާއްޖެއަށް ބޭނުންވެ އިތުރުވާ ވަރަށްވުރެން ގިނައިން ވެސް މިކުޑަކުޑަ ރާއްޖެއަށް ޑޮލަރު ވަންނަކަން މިރާއްޖޭގެ ރައްޔިތުން އިންތިހާބު ކޮށްފައި ހުރި ރައީސް ނަސީދަށް އިއްޔެ ވިސްނިވަޑައިގެންފިއެވެ. ސަބަބަކީ އެބުނާ ޓެކުހަކީ ޓޫރިޒަމުން ރާއްޖެއަށް ވަންނަ އާއްމުދަނީގެ 3.5 އިން ސައްތަ ކަމަށްވެފައި، އެ އަދަދުން ބަލައިގެން ހިސާބު ހަދާނަމަ، އަހަރަކު 171 ބިލިއަން ޑޮރަލަށް ވުރެ ގިނަ ބޭރު ފައިސާ ރާއްޖޭގެ އިގުތިސާދަށް ވަންނަކަން ފަޅާއެރުމެވެ.

މިއޮތްހާ ދުވަހު ސަރުކާރުން ބުނަމުން އައީ ޑޮލަރުގެ ދާށިކަން އުޅެނީ ސަރުކާރުންގެ މުވައްޒަފުންގެ މުސާރަ ބޮޑުވެ، ބާޒާރުގައި ދިވެހި ރުފިޔާ ގިނަވެ، ޑޮލަރު މަދުވީމަކަށެވެ. އަދިވެސް، އެމް.އެމް.އޭ އިން ދައްކާ ބަހަނާއަކީ މިއީ އެވެ. މިއީ ޓެކްސް ފޮތްތަކުގައި ހުންނަ އިންޑިޔާ ފަދަ ބޮޑެތި އިގުތިސާދުތަކުގައި ކަން ހިގާގޮތެވެ. ރާއްޖޭގެ ހާލަތު އެތައް ގޮތަކުން ތަފާތުކަމަށާއި ޑޮލަރުގެ މައްސަލައިގެ އަސްލު ވަރަށް ތަފާތުކަމަށް އަހަރެމެން އެންމެ ފުރަތަމަ ދުވަހުވެސް ސަރުކާރުގެ އިސްވެރިންގެ ސަމާލުކަމަށް ގެނައިމެވެ. އަދި އިންޑިޔާއިން ނުވަތަ ކޮންމެވެސް އެހެން ބަޔަކު ދޭ 100 މިލިއަން ޑޮލަރަކުން މިމައްސަލަ ހައްލުނުވާނެކަމަށް ވެސް ސަރުކާރުގެ އެކިވަރުވަރު މީހުންގާތު ބުނީމެވެ. އެވެރިން ހަމަ އަޑު ނޭހީއެވެ. މިއޮތީ އެކަމުގެ ހަގީގަތް މިއަދު ފެންމަތިވެފައެވެ.

އެހެންކަމުން، އަނެއްކާވެސް ތަކުރާރު ކޮށްލުމުގެ ގޮތުން ޑޮލަރަށް ދިމާވެފައި އޮތް މައްސަލައިގެ އަސްލާއި އޭގެ ހައްލު ހުށައަޅާލަދޭނަމެވެ.

މައްސަލައިގެ އަސްލު:
މިމައްސަލައިގެ އަސްލަކީ ރާއްޖޭއަށް ލިބޭ ޑޮލަރު ރާއްޖޭގެ އިގުތިސޯދުގައި ދައުރު ނުކުރުމެވެ. ޑޮލަރު ލިބެނީ ޓޫރިޒަމް ވިޔަފާރިކުރާ މީހުންނަށާއި ތަކެތި ބޭރަށް އެކުސްޕޯޓުކުރާ މީހުންނަށެވެ. އޭގެ ތެރެއިން ރާއްޖޭގެ ބޭންކުތަކަށް ވަންނަނީ ވަރަށް މަދު ފައިސާއެކެވެ. ގިނަ ފައިސާ ޖަމާކުރެވެނީ ރާއްޖެއިން ބޭރު އެކައުންޓުތަކުގައެވެ. ނޫނީ ގޭ ތިޖޫރީގައެވެ. ވެރިކަން ބަދަލުވުމާއެކު އުފެދުނު ހާސްކަމުގައި ކުރީގެ ވެރިކަމާ ގުޅިފައި ހުރި ފަރާތްތަކުން ރާއްޖޭގެ ބޭންކުތަކުގައި ފައިސާ ޖަމާކުރުމުގެ ބަދަލުގައި ބޭރު ފައިސާ ބޭރު އެކައުންޓުތަކުގައި ބަހައްޓަންފެށީއެވެ. އޭގެ ސަބަބުން ރާއްޖޭގެ ބޭންކުތަކަށް ތާށިވެ ޑޮލަރު ނެތްކަމުގެ އިހުސާސުތައް ރައްޔިތުންނަށް ފޯރަންފެށީއެވެ. މިހާރު، ތިޖޫރިތަކުގައި ހުރި ފައިސާއިންނާއި ޓޫރިޒަމުން ނުވަތަ ތަކެތި ބޭރުކޮށްގެން ލިބޭ ޑޮލަރު ދައުރުކުރަނީ ކަޅު ބާޒާރުގައެވެ. އެއީ ޑޮލަރަށް ރަގަޅު އަގުލިބިފައި، އެކަން ކޮންޓުރޯލުކުރާނެ ބަޔަކު ނެތީމައެވެ. ރާއްޖޭއަށް ބޭނުންވާ ވަރަށްވުރެންވެސް ގިނައިން ކަޅު ބާޒާރުގައި ޑޮލަރު ލިބެން އެބަހުރި ހުއްޓެވެ. ޑޮލަރު ނުލިބޭ ހަމައެކަނި ބަޔަކީ ރާއްޖޭގެ ބޭންކުތަކެވެ. ބޭންކުތަކަށް ޑޮލަރު ވަންނާނެ މަގެއް ނެތީއެވެ.

މިމައްސަލައިގެ ހައްލުތައް:
1.     ރިސޯޓުތަކުގައި މުއާމަލާތްކުރާ ފައިސާއަކީ ދިވެހި ރުފިޔާ ކަމަށް ހަދައި، ފައިސާ ގަނެވިއްކާ ހަމައެކަނި ފަރާތްތަކަކީ ރާއްޖޭގެ ބޭންކުތައް ކަމަށް ކަޑައަޅައި، ބޭންކުތަކުގެ މަނީ އެކުސްޗޭންޖުތައް ރިސޯޓުތަކުގައި ހުޅުވުމަށް ބާރު އެޅުން.
2.     ރިސޯޓުތަކާއި އެހެނިހެން ރާއްޖޭގައި ކުރެވޭ ވިޔަފާރިތަކަށް ލިބޭ ފައިސާ ޖަމާކުރެވޭ ފުރަތަމަ ތަނަކީ ރާއްޖޭގެ ބޭންކުތައް ކަމަށް ކަނޑައަޅައި، އެފައިސާ އެއް ފަހަރާ ނަގައިގެން ބޭރަށް ނުގެންދެވޭނެ ގޮތަށް ސިޔާސަތު ރޭވުން.
3.     މިއާއި ވިދިގެން، ކަޅު ބާޒާރުގައި ޑޮލަރު ގަނެވިއްކާ ފަރާތްތަކާމެދު އަޅާނެ ހަރުހަށި ފިޔަވަޅުތައް އިއުލާނުކޮށް، ވަކި ބަޔަކު، ވަކި މީހަކު ތަފާތުކުރުމެއް ނެތި ތަންފީޒުކުރުން.
ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނެ ގޮތް ޖުމުލަގޮތެއްގައި މަތީގައި އެބުނެވުނީއެވެ. ނަމަވެސް، ވިސްނަންޖެހޭ އެހެން ނުކުތާތަކެއްވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ގިނަ ރިސޯޓުތަކުގައި ކުރެޑިޓު ކާޑު ބޭނުންކުރުމުން ފައިސާ ބޭރު އެހެން ބޭންކެއްގައި ޖަމާކުރެވެމުންދާ ދިޔުމަށް ބަދަލު ގެންނަން ޖެހެއެވެ. ދިވެހި ރުފިޔާއިން ރިސޯޓުތަކުގައި މުއާމަލާތްކުރަން ފަށާއިރުވެސް ޓޫރިސްޓުންނަށް ދަތިނުވާނެ ގޮތަކަށް އެކަން ރާވަންޖެހެއެވެ. މަނީ އެކުސްޗޭންޖުތައް ގިނަކުރެވޭނެގޮތް ތަކެއް ބަލައި ބޭންކުތަކަށް އެކަމުގައި ސަރުކާރުން ނުވަތަ ސެންޓުރަލް ބޭންކުން އެހީވެދޭންޖެހެއެވެ. އަދި އެކަމަށް ރިސޯޓުތަކުން އަޅާނެ ހުރަހަކުން ސަލާމަތްކޮށްދޭންޖެހެއެވެ. ސަބަބަކީ މިހާރު އެއޮންނަ ޑޮލަރު ގެން ގުޅުމުގެ ސިޔާސަތު ބަދަލުވުމަކީ ރިސޯޓުތަކުގެ ވެރިން މާ ރުހޭނެކަމަކަށް ނުވާނެތީވެއެވެ.

މަތީގައި ބުނެވުނު ހައްލު ހޯދޭދީ ސެންޓުރަލް ބޭންކާއި ސަރުކާރުން އެއް ވިސްނުމެއްގައި މަސައްކަތްކޮށް ގާނޫނާއި ސިޔާސަތުތައް ބައްޓަންކޮށްގެންނެވެ. އައު ގާނޫނުތަކެއް ބޭނުންވެއެވެ. އަދި މިހާރު ހުރި ސިޔާސަތުތަކާއި އާދަތައް ބަދަލުވާންޖެހެއެވެ. ބަޔަކު މީހުން ރުޅިއަޔަސް މުޅި ގައުމުގެ ލާބައަށެވެ. މުޅި ގައުމުގެ ރައްޔިތުންގެ ހައްގުގައެވެ.

1 comments:

Anonymous said...

ކޮން އިރަކުތަ އަންނި ތިޔަހެން ބުނީ؟

 
Web Statistics