Showing posts with label ރިސޯޓު ، ކުލި، ޓެކުސް. Show all posts
Showing posts with label ރިސޯޓު ، ކުލި، ޓެކުސް. Show all posts

Thursday, November 27, 2008

މިހާރު ރިސޯޓު ގެންގުޅޭ ފަރާތްތައް ރުއްސުމަށްޓަކައި ކުލީގެ މުއްދަތު އިތުރުކުރަނީ

ރިސޯޓުތަކުގެ ކުލި ބޮޑުކުރުމަކާނުލައި މިހާރު ރިސޯޓު ގެންގުޅޭ ފަރާތްތަކަށް އިތުރު 15 އަހަރަށް ކުލީގެ މުއްދަތު އިތުރުކޮށްދިނުމަށް މުހައްމަދު ނަޝީދުގެ ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅައިފިއެވެ. މިއީ ކަނޑައެޅިގެން ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފަށް އަދި ދިވެހި ދައުލަތުގެ ލާބަ އާއި މަންފާއަށްވުރެ ބޮޑަށް މިހާރު ރިސޯޓު ގެންގުޅޭ ފަރާތްތައް ރުއްސުމުގެ ނިޔަތުގައި ކުރާކަމެކެވެ. ސަބަބަކީ މިހެން ހެދުމުން ދިވެހި ދައުލަތަށް ލިބެންޖެހޭ އެތަކެއް ބައިވަރު ފައިސާއެއް ލިބުމުގެ މަގު ބަންދުވާނެއެވެ. އެހެނީ މިހާރު ރިސޯޓުތައް ކުއްޔަން ދެވިފައިވަނީ 35 އަހަރަށް ކަމަށްވެފައި ފައިތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ރިސޯޓުތަކުގެ މާކެޓު ރޭޓުވަނީ އެތައް ގުނައަކަށް މައްޗަށްޖެހިފައި ކަމުންނާއި މައުމޫނުގެ ސަރުކާރުން ބައެއް ފަރާތްތަކަށް ރިސޯޓުތައް ކުއްޔަށް ދީފައިވަނީ ވަރަށް ކުޑައަގެއްގައި ކަމުންނެވެ.

އާއްމު އުސޫލަކީ އަދި ދިވެހިރާއްޖޭގެ ޓޫރިޓަމާބެހޭ ގާނޫނުގައި ބުނާ ގޮތަކީ ކުލީގެ މުއްދަތު ހަމަވުމުން އަނެއްކާވެސް އެރިސޯޓުތައް އާއްމުކޮށް އިއުލާންކޮށް ބިޑަށްލައި އެއިރެއްގައި މާކެޓު ރޭޓުތައް ހުރިގޮތެއްގެ މަތިން ރިސޯޓުތައް އަނެއްކާވެސް ކުއްޔަންދިނުމެވެ. މިހާރު ރިސޯޓުތައް ކުއްޔަށް ދެވިފައިވާ ފަރާތްތަކުން ސަރުކާރަށް ދައްކަމުން އަންނަ ކުއްޔަށްވުރެ ބޮޑުއަގު ސަރުކާރަށް ދެއްކުމަށް ތައްޔާރަށް އެތައް ބަޔަކު ތިބިއިރު ރިސޯޓުތަކުގެ ކުލި މާކެޓު ރޭޓާ އެއްވަރަށް ބޮޑުނުކޮށް މުއްދަތު އިތުރުކުރުމަކީ ދިވެހިރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެކެވެ. ރިސޯޓުތަކުން ކޯޕަރޭޓު ޓެކުހެއް ނެގުމަށް ކަނޑައެޅިފައިވާތީ ކުރާކަމެކޭ ބުންޏަސް މިކަމަކީ ގަބޫލުކުރެވޭނެ ކަމަކަށް ނުވާ ސަބަބަކީ އެރިސޯޓުތައް އަލުން ބިޑަށް ލައިގެން ލިބޭ ފަރާތްތަކުންވެސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ޓެކުހެއް ނެގުމަށް ދެކޮޅުނަހަދާނެތީވެއެވެ. ދެކޮޅުހެދިޔަސް، ގާނޫނާ އެއްގޮތްވާގޮތުގެ މަތިން ޓެކުސް ސަރުކާރަށް ނެގޭނެކަމަށްވާތީވެއެވެ.

މުހައްމަދު ނަޝީދުގެ ސަރުކާރުން މިފަދަ ދެކޮޅުނުޖެހޭ ވިސްނުމެއް ގެންގުޅެނީ ކީއްވެތޯ ބަލާލާއިރު، ވިސްނުންގޮސް ހުއްޓެނީ މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހިމެނޭ ރިސޯޓު ގެންގުޅޭ ވިޔަފާރިވެރިންގެ ނުފޫޒާއެވެ. މިމީހުންނަކީ ކުރީގެ ރައީސް މައުމޫނު ވެރިކަމުގައި ބެހެއްޓުމަށް އެތައް ހޭދައެއްކުރުމަށްފަހު، ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި މުހައްމަދު ނަޝީދަށް ބައިއަތު ހިފާފައިވާ ބަޔެކެވެ. ރައްޔިތުންގެ މަޖިލީހުގައި މިބައިމީހުންގެ ނުފޫޒު ބޮޑުކަމުގެ ސަބަބުން ރިސޯޓުތަކުން ނަގާނެކަމަށް ބުނާ ކޯޕަރޭޓް ޓެކުހެއްވެސް ހަގީގަތުގައި ނަގަންޖެހޭ މިންވަރަށް ނެގިދާނެކަމާމެދު ޝައްކެވެ. މިކަމުގެ ދަލީލަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ނިންމި ހިސާބާޖެހެންދެން ވެސް ރިސޯޓުތަކުން ކޯޕަރޭޓު ޓެކުހެއް ނެގުމަށް ބުރުމާ ގާސިމް ދެކޮޅު ހައްދަވާފައިވާކަމަށް އަމިއްލަ އިއުތިރާފުން ނޫސްވެރިންގެ ކުރިމަތީގައި އިއުތިރާފުވެފައިވުމެވެ.

 
Web Statistics