Tuesday, February 24, 2009

ކުރިއްސުރެ ހެޔޮވެރިކަމެއް ކޮށްދިނުމުގެ ނިޔަތެއްނެތްް

އަބްދުﷲ މުއާޒު، ހާމަ ނޫސް

ސުބްޙާނަﷲއެވެ. ދިވެހި ރާއްޖެ މިދެކެނީ ކޮންފަދަ ކުށެއްގެ ޢުޤޫބާތެއްބާވައެވެ. ހަމަޖެހުމުގެ ނޭވާއެއްލައިގެން ހިތްހަމަޖެހޭ ދިރިއުޅުމެއް ޢާއްމު ދިވެހިންނަށް ނުލިބިގެން މިއުޅެނީ ކީއްވެގެންބާވައެވެ. އެއްކަމަކުން ސަލާމަތްވެ ހިންދަމާނުލެވި އަނެއްކަމެއްގައި ފިތި އުޑިކިބާދަށުވި ބިންފުކަށްވާވަރުވެސް ނުވެގެން މިއުޅެނީ ކީއްވެގެންބާވައެވެ. މައުމޫނާއި އަންނީގެ ގަދަހިފުމުގައި ހަފުސްވަމުން މިދަނީ ޢާއްމު ރައްޔިތުންނެވެ. ނަމޫނާ ދިމިޤްރާތީން ވަޠަންއެދޭގޮތަށް ހެޔޮވެރިކަމެއްކުރުމަށް އަނެއް ދިވެރާއްޖެއަށް އައިމާވެސް ވާކަމެއް ހަރާމުން ހަރާމެވެ.

ތިރީސްއަހަރު ވެރިކަންކުރުމަށް ވަގުތު ދިނީމާ މައުމޫނުވެސް ކީ އިތުރު ވަގުތުދޭށެވެ. ހެޔޮވެރިކަމެއް ކުރުމަށް އަންނިވެސް ބޭނުންވެގެން އުޅެނީ ވަގުތެވެ. މިވެރިން ހަދާނެއެއްޗެއް ހަދަން ވަގުތުދީގެން އަބަދުމެ ރައްޔިތުންނަށް މިޖެހެނީ ބަލަންތިބޭށެވެ. އެންމެފަހުން ވާވަރަކީ މުޅި ގައުމު ދަރާވިކި ހަސްނެތުމެވެ. ހެޔޮވެރިކަމުގައި އަނގަޔާ އަތްދިމާނުވުމެވެ. މައުމޫނުގެ ހަންފެތުރުމުގައި މުޅިޤައުމު ފަސާދަވެ، އިތުބާރުކެނޑި، އިނދަޖެހިގެންދިޔަދިޔުން ނައްތާލުމަށް އަތުކުރި އޮޅާލައިގެން ނިކުމެ ހެޔޮވެރިކަމެއްކޮށްދޭން އުޅޭގޮތުން ޢަމަލުގައި އިޚްލާޞްތެރިކަމެއް ނެތްކަން ކަށަވަރުވެއެވެ. ލިބިއޮތް އިޚްތިޔާރާއި ބާރުގެބޭނުން ކުރެވެމުންދާގޮތް މިކަމުގެ ހެއްކަކަށް ފުދެއެވެ.

ތިންހަތަރު އަހަރުކުރީން ވެރިކަމަށް ތައްޔާރުވެ ލާފުރާފުރިހަމަވެގެން ހުރެ ވެރިކަމާ ޙަވާލުވާމީހާގެ ކިބައިން ފެންނަންޖެހޭނީ ހެޔޮވެރިކަމުގެ އަސަރެވެ. އިހުއޮތް ވެރިކަމުގައިހުރި އުނިސިފަތައް ފާހަގަކޮށް ރައްޔިތުންގެ ސަމާލުކަމަށް އެކަންކަންގެނެސް ހެދުމަށްފަހު، އިހުގައި ކަންކުރިގޮތަށް ކަންކަން ކުރަމުން ދިޔުމަކީ ހެޔޮވެރިކަމެއް ކުރުމުގެ ނިޔަތް ކުރިއްސުރެ ނެތްކަމުގެ ދިރިހުރި މިސާލެކެވެ. އިހުއޮތްވެރިކަމުން ފާހަގަކުރި އުނިކަންކަމަކީ ވެރިކަންހޯދުމަށް ދެއްކި ބަހަނާތަކަކަށްވެގެން ދިޔުމުން އެއީ ސިޔާސީ ސްޓަންޓެކޭ ބުނެ ހަމަޖައްސައެއް ނުލެވޭނެެއެވެ. ބާކީބައި ވިދާޅުވުމަށް

Sunday, February 8, 2009

އަނެއްކާވެސް 3 ނޮވެމްބަރުގެ ބާގީއަކަށް ދައުލަތުގެ މިނިސްޓަރުކަން

މަތި ދެކުނު ޕްރޮވިންސް (ގއ. އަދި ގދ) ގެ ދައުލަތުގެ މިނިސްޓަރުކަމަށް މިއަދު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އައްޔަންކުރެއްވި އުމަރު ޖަމާލު މއ ތިނަދޫގެ އަކީ 3 ނޮވެމްބަރުގެ ހާދިސާއާ ގުޅުންހުރި ބާގީއެކެވެ. މީނާ އަކީ 3 ނޮވެމްބަރުގެ ހަމަލާ ރޭވުމުގައި އިސް ދައުރެއް އަދާކޮށް، ޓައިގަރުންނަށް އެދުވަހު އަމަލީގޮތުން އެހީތެރިވެދިން މީހެކެވެ. މިކަން ވަނީ ޝަރީއަތަށް ސާބިތުވެފައެވެ. މީގެ އިތުރުން، މިލިޔުންތެރިއަކީ އެ ބިރުވެރި ދުވަހު އޭނާގެ ހަރަކާތްތައް ވަރަށް ގާތުން ދެކުނު އަވަށްޓެރިއަކީމެވެ. ސަގަރު ލުތުފީމެންގެ އެދުމުގެ މަތިން އެދުވަހު ޖަނަރޭޓަރެއް ކުއްޔަން ދޫކުރާ ތަނަކުން ހޯދުމަށް މަސައްކަތްކޮށްފައިވެސް ވެއެވެ. އަދި މާ އިނަސެންޓު މީހަކަށް ހެދިގެން މީހުންގެ ބޮލަށް ވަދެގެން ފާޑުފާޑުގެ ވާހަކަދައްކާވެސް އުޅުނެވެ. ދައުލަތުގެ މިނިސްޓަރުކަން ދޭން ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވަނީ މިފަދަ މީހުންތޯ އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކު ސުވާލުކުރަމެވެ.

ދައުލަތުގެ މިނިސްޓަރުންނަކީ މަހަކު 32،000 ރުފިޔާ ލިބޭބަޔެކެވެ. އަދި އިތުރު އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ދެވެއެވެ. އަތޮޅުތަކާ ބެހޭ މިނިސްޓްރީ އުވާލުމަށްފަހު އޭގެ ބަދަލުގައި މިހާތަނަށް 8 ސްޓޭޓު މިނިސްޓަރުން އަތޮޅުތައް ހިންގުމަށްޓަކައި އައްޔަންކުރައްވައިފިއެވެ. މިބޭފުޅުންގެ އަރިހުން ރައީސް ނަޝީދު އެދިވަޑައިގަންނަވަނީ ރައްޔިތުންނަށް ހެޔޮގޮތުގައި ވެރިކަން ކޮށްދިނުމަށާއި ރައްޔިތުންނާ ވީހާވެސް ގާތުން ކަންކަން ނިންމަވަމުން ގެންދެވޭ އުސޫލަކުން ރާއްޖޭގެ ވެރިކަން ކުރެއްވުމަށްކަމަށް ހަވީރު ނޫހުގައި ލިޔެފައިވެއެވެ. މިމީހުންނާއި އަތޮޅު ކައުންސިލަރުންނާއި ރަށްރަށުގެ ކައުންސިލަރުންގެ ޒިންމާތަކާ މަސްއޫލިއްޔަތު ފުށޫނާރާ ބާވައޭ ސުވާލުކުރެވެއެވެ. މިއިން ކޮންމެ މީހަކީވެސް ސަރުކާރުން އައްޔަންކުރައްވާ ބަޔަކަށްވީއިރު ރައްޔިތުންގެ ޝުއޫރު މިބައިމީހުންނަށް އެގިދާނެކަމާމެދު ސުވާލުކުރެވެއެވެ. ކުރީގެ ވެރިކަމާމެދު ރައްޔިތުން އެންމެ ބޮޑަށް ހިތްހަމަ ނުޖެހިގެން އުޅުނު ސަބަބަކީވެސް މިއީއެވެ.

ގުޅޭ ހަބަރު: އިތުރު ހަތަރު ސްޓޭޓް މިނިސްޓަރަކަށް ހަތަރު ޕްރޮވިންސެއް ހަވާލުކުރައްވައިފި (ހަވީރު ނޫސް)

Sunday, February 1, 2009

ރައީސް ނަޝީދުގެ ކިބައި އަހަރެމެން އެދެނީ ނަމޫނާ ރައީސަކަށް ވުމަށް

1. ވޭތުވެދިޔަ 30 އަހަރު ތެރޭގައި ބޭއްވުނު އިންތިހާބުތަކަށް ކުރީގެ ރައީސް މައުމޫނު ނުފޫޒު ފޯރުވިކަމަށް އެއްމެ އަޑަށް ބާރުލައި ވާހަކަދެއްކި މީހަކަށް ރައީސް ނަޝީދު ވާތީވެ، އެފަދަ ކަންތައްތަކާ ދުރުގައި ހުންނެވުމަކީ އަދި އެފަދަ ކަމަކާގުޅޭ ވާހަކައެއް މަނިކުފާނާ މެދު ދައްކާނެ ފުރުސަތެއް ނުދިނުމަކީ އަޅުގަނޑުމެންގެ އެދުމެކެވެ. ސަބަބަކީ މަނިކުފާނު ތިޔަ މަގާމަށް ރައްޔިތުން އިންތިހާބުކުރީ އެފަދަ ކަންތަކާމެދު ރައްޔިތުން ނުރުހޭތީވެއެވެ.

2. ދައުލަތުގެ މަގާމުތަކަށް ރައްޓެހިންނާ ޕާޓީގެ މީހުން އައްޔަންކުރުމަކީ ކަމަށް ގާބިލު ކަންކުރެވޭ މީހުންނަށް ފުރަގަސްދިނުންކަން ހަދުމަކުރާށެވެ. ޕާޓީ މީހުންނަށާއި ރައްޓެހިންނަށް މަގާމުދިނުމާ ތިމާގެ މީހުން މަގާމުތަކަށް އައްޔަންކުރުމަކީ ހަމަ އެއްވަރުގެ ދެކަންތަކެވެ. ދައުލަތުގެ މަގާމުތަކަށް ބޭނުންވަނީ ކަމަށް އެކަށޭނަ ގާބިލު ކަންކުރެވޭ މީހުންނެވެ. އެމީހަކު ނިސްބަތްވާ ޕާޓީއެއް، އެމީހެއްގެ ސިޔާސީ ފިކުރެއް، އެމީހަކު ހުންނަ ގޮތެއް އެއީ އެކަމަށް އެޅޭ ހުރަހަކަށް ނަހަދާށެވެ.

3. ކުރީގެ ރައީސް މައުމޫނު ގެންގުޅުއްވާ ސިޔާސަތުތަކަށާއި އަމަލުފުޅު ބަހައްޓަވާ ގޮތްތަކަށް މަލާމާތްކޮށް ޖޯކުޖެހި ކަންތައްތައް ކުރާ މީހެއްކަމުގައި ނުވެވޭތޯ މަނިކުފާނު ބަލާށެވެ. ޖެބޯގެރި ދުއްވުމާއި، ވައުދު ނުފުއްދުމާ، ބުނާ ބަހާ އަމަލާ ދިމާނުވުމާ، ނޭކަށޭނަ މީހުން ބޮޑެތި މަގާމުތަކަށް އައްޔަންކުރުމާ، ރައީސް އޮފީސް ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމާ، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕޭނުކުރުން ފަދަ ކަންތައްތަކަކީ އަދިވެސް ރައްޔިތުން ނުރުހޭ ކަންތައްތައްކަން ހަދުމަކުރާށެވެ.

4. މަނިކުފާނަށް ވޯޓުލީ މީހުންގެ ބޭނުމާ މަގުސަދުގެ މަތިން ހަދުމަނެތި ނުކުރާށެވެ. ބޭނުންވަނީ އުފާވެރި ފާގަތި ދިވެހިރާއްޖެއެކެވެ. ބަދަލުވެފައިވާ މައްސަލަތައް މަދު އެކުވެރި ގައުމެވެ. މިކަންތައްތައް ފުރިހަމަކޮށް ނުދެވޭނަމަ އިތުރު ބަހަނާއެއް ނުދައްކާ އަމިއްލައަށް އިސްތިއުފާދީ އެކަން ކުރެވޭނެ އެހެން މީހަކަށް ފުރުސަތުދޭށެވެ. އާޑަކިޔުމާ ފާޑުކިޔުމަކީ ވަރަށް ފަސޭހަކަމެކެވެ. ކަންކަން ހައްލުކުރުމާ، އިސްލާހުކުރުމާ، ބަދަލު ގެނައުމަކީ އެހާ ފަސޭހަކަމެއް ނޫންކަން މިހާރު ހުންނާނީ ފަހުމުވެފައެވެ.

5. ތިމާ ތިޔަ މަގާމަށް ގެނައުމަށް ވިޔަފާރިވެރިން ހަރަދުކުރިޔަސް އެމީހުންގެ އުފަލަށްޓަކައި ރައްޔިތުންގެ ހައްގު ނިގުޅައި ނުގަންނަވާށެވެ. ތިބާ ތިހުރީ ބޮޑު ހުވަޔެއް ކޮށްގެންކަން ހަދާންކުރާށެވެ. އޭގައި ބުނަނީ މަދު ބަޔެއްގެ ހައްގު ރައްކާތެރިކޮށްދިނުމަކަށް ނޫނެވެ. މުޅި ގައުމުގެ ހުރިހާ ރައްޔިތުންގެ ހައްގު މަނިކުފާނުގެ ބޮލުގައި އެޅިފައިވޭމެއެވެ. ކޮންމެ ހުވަޔަކީ އެއާމެދު ސުވާލުވެވޭނެ އެއްޗެއްކަމުގައި ހަދުމަކުރާށެވެ. އިންސާނާ ހެއްދިވިގެންވަނީ ވެލިންނެވެ. އެބުރި ދާހުށީވެސް ވެއްޔަށެވެ. ކޮންމެ އެއްޗަކަށް ނިމުމެއްވާ ފަދައިން ދުނިޔެއަށް ނިމުމެއްވާކަމީ ޔަގީންކަމެކެވެ. ހިސާބު ކިތާބު ބެލެވޭނެކަން އެއީ މުޖައްރިބެކެވެ.

4.8 ބިލިއަން ލިބެން އޮއްވާ މިނިސްޓަރު ސަވާދު ބޭނުންވަނީ އެންމެ 1.6 ބިލިއަން؟!

މިހާރު ރިސޯޓުތައް ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކުގެ ކުލީގެ މުއްދަތު ހަމަވުމުން، ރިސޯޓުތައް ކުރިން ދޫކޮށްފައި އޮތް ކުޑަ ކުލިތަކުގައި ބާއްވައިގެން، ކުލީގެ މުއްދަތު އިތުރުކުރުމަށް މިހާރުގެ ސަރުކާރުންނާއި މަޖިލީހުގައި ހިމެނޭ ރިސޯޓު ވިޔަފާރިވެރިން ގެންދަނީ މަސައްކަތްކުރަމުންނެވެ. މިސަރުކާރުގެ ބޭނުމަކީ މުހައްމަދު ނަޝީދު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރި ރިސޯޓު އޯނަރުން ހިތްހަމަ ޖައްސާލަދިނުމެވެ. މަޖިލީހުގައި ހިމެނޭ ވިޔަފާރިވެރިންގެ ބޭނުމަކީ ތިމާމެންނަށް ކުޑަކުޑަ ކުއްޔަކަށް ލިބިފައިވާ ރިސޯޓުތައް އަތުންބީވެގެން ދިޔަނުދީ ހިފެހެއްޓުމެވެ. މިހާރު ޓޫރިޒަމް ގެ ގާނޫނު ބުނާގޮތަށް މުއްދަތު ހަމަވުމުން އެރިސޯޓުތައް އަލުން ބިޑުކުރުމާ ރިސޯޓުތައް ކުއްޔަށް ހިފައިގެން އުޅޭ މީހުން ދެކޮޅުހަދާ ސަބަބަކީ އެރިސޯޓުތައް އެހެން ބަޔަކަށް ލިބިދާނެތީވެ ނޫނީ މިހާރު ދައްކަން ޖެހޭ އަހަރު ކުލީގެ އަދަދަށް ވުރެ ބޮޑު އަދަދެއް ދިވެހި ދައުލަތަށް ދައްކަންޖެހިދޭނެތީވެއެވެ.

ތިމާގެ އަމިއްލަ މަސްލަހަތު އޮންނަ ކަންކަމުގައި ވޯޓުލައިގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ސާފުބަހުން ލިޔެވިފައި އޮއްވައި، ގއ. އަތޮޅު މެމްބަރު އަބްދުއްﷲ ޖާބިރުމެން، ގދ. މެމްބަރު ގައްދޫ ޒާހިރުމެން، ފ. އަތޮޅު މެމްބަރު ހަމްޒާމެން އެވަނީ ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ވޯޓުދީފައެވެ. ރައްޔިތުންގެ މަސްލަހަތު ހަދުމަނެތިކޮށް، ތިމާމެންގެ ވިޔަފާރިކުރިޔަށް ނެރޭ މިފަދަ މީހުން ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް އަނެއްކާވެސް އިންތިހާބު ކުރާނަން ހެއްޔެވެ؟ ލިބިފައިވާ ރިސޯޓުތައް ގެއްލިދާނެކަމުގެ ބިރަށް، މަޖިލީހުގެ ގަވާއިދާ ދެކޮޅަށް އަމިއްލަ އެދުމުން ފުރިފައިވާ ބަޔަކުމީހުން ވޯޓުލީއިރު މަޖިލީހުގެ ރައީސް އެވޯޓު ބާތިލުކުރުމުގެ ބަދަލުގައި އެވަނީ އެބައިމީހުންނާ އެއްކޮޅަށް ވޯޓުދީފައެވެ. ގައިމު އެވެރިން އޭނައަށް ވެސް "ހަދިޔާއެއް" ދޭންއޮތީ ކަންނޭނގެއެވެ. ހުރި މުޑުދާރުކަން ނިކަން ދެކެބަލާށެވެ.

އަނެއްކޮޅުން ރައްޔިތުން ވާވެއްދުމަށްޓަކައި މިނިސްޓަރު ސަވާދު (ބުރުމާ ގާސިމުގެ ބޯއީ) މިބުނަނީ ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުން 1.6 ބިލިއަން ދައުލަތަށް ލިބޭނެކަމަށެވެ. ބަލަ، ރިސޯޓުތައް މުއްދަތު ހަމަވުމުން މިހާރު ޓޫރިޒަމްގެ ގާނޫނު ބުނާގޮތަށް އަނެއްކާ އެރިސޯޓުތައް ބިޑަށްލުމުން އޭގެ ތިން ގުނަ ނުލިބިއެއް ނުދާނެއެވެ. ސަބަބަކީ 1. މިހާރު ރިސޯޓުތައް ކުއްޔަން ދޫކޮށްފައިވާ ކުލީގެ އަގަށްވުރެ ބޮޑު ކުއްޔެއް އަލުން އެރިސޯޓުތައް ބިޑަށްލުމުން ލިބޭނެއެވެ. 2. އަހަރީ ކުލި އޮތްތާގައި ބާއްވާފައި ބިޑު ޑޮކިޔުމަންޓު ވިއްކައިގެންވެސް ބޮޑު އަދަދެއް ދައުލަތަށް ލިބޭނެއެވެ. 3. ރިސޯޓުތައް ބިޑަށް ހުޅުވާލައިގެން އައު ބަޔަކަށް ރިސޯޓުތައް ލިބުމުން ކޯޕަރޭޓިވްސް ޓެކުހާ އެހެން ޓެކުސްތައް ނަގަންވެސް މާ ފަސޭހަވާނެއެވެ. ޖާބިރުމެން، ގައްދޫ ޒާހިރުމެން، ހަމްޒާމެން، ބުރުމާބެމެން ހަމަހޭ ގައި ތިބެގެން ބޭނުން އަދަދަކުން ކޯޕަރޭޓިވް ޓެކުހެއް ނެގުމަކީ މިސަރުކާރަށް ވާނެކަމެއްނޫނެވެ.

މެމްބަރުންނާ ބެހޭ މައުލޫމާތު

Thursday, January 22, 2009

ހެޔޮވެރިކަމެއް ކުރުމަށް ކުރާ ކަންތައްތަކަކީ މިއީތޯ؟!

1. މަސައްކަތުގެ ތަޖުރިބާއެއް، ލިބިފައިހުރި ތައުލީމެއް ނުވަތަ ފެންވަރެއް ބެލުމެއްނެތި ދައުލަތުގެ ބޮޑެތި މަގާމުތައް ތިމާ ހިތްރުހޭ ފަރާތްތަކަށް ހަދިޔާކޮށް، މަތިމައްޗަށް ބޭކާރު މަގާމުތައް އުފައްދައި ސަރުކާރުގެ ބަރުހިލަކަން ބޮޑުކުރުން. މ. މެމްބަރު ޝަފީގުމެން ކަހަލަ. (ސަރުކާރުގެ ހިންގުން ހަރުދަނާކުރެވޭނީ ކަމަށް އެމީހާގެ ސިޔާސީ ފިކުރަށް ބެލުމުގެ ބަދަލުގައި ކަމަށް އެކަށޭނަ ގާބިލުމީހުން ލައިގެން ކަމަށް ރައީސް ނަޝީދު ކުރިން ވިދާޅުނުވަމުތޯއެވެ؟)

2. ގައުމަށް ހިޔާނާތްތެރިވެ، ތިމާއަށް ލިބިދާނެ ކުޑަކުޑަ ފައިދާއަކަށް ބޭރު ބަޔަކަށް ތިމާގެ ގައުމު ވިއްކާލުމަށް މަސައްކަތްކޮށް އެކަން ޝަރުއީކޯޓުތަކަށް ސާބިތުވެ މަރުގެ ހުކުމްކޮށްފައިވާ ފަރާތްތަކަށް ދައުލަތުގެ ހައިބަތު ބޮޑެތި މަގާމުތައް ދިނުން. ސްޓޭޓު މިނިސްޓަރު އަބްދުއްﷲ ޝާހިދުމެން ކަހަލަ. (އެއް ފުޅައްމަތިން ފުއްމާލި ބަކަރި އަނެއް ފުޅައްމަތިން ނުފުއްމާލާނެކަމުގެ ޔަގީންކަމެއް އެބައޮތްތޯއެވެ. މައާފުކުރުމަކީ ވަކިކަމެކެވެ. ސަރުކާރުން ވަޒީފާއެއް ދިނުމަކީވެސް ވަކިކަމެކެވެ. ނަމަވެސް، އެފަދަ މީހަކު ރައްޔިތުންގެ ރުހުމާ ދެކޮޅަށް ވަޒީރުންގެ މަގާމުގައި ގެންގުޅުމަކީ ހުދުމުހުތާރުގޮތެއްކަމާމެދު ޝައްކެތްނެތެވެ.)

3. ތިމާގެ އިންތިހާބަށް ފައިސާ ހަރަދުކުރުމަށް އެއްބަސްކުރުވައި ވަޒީރުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި ރާއްޖޭގެ ބޮޑު މަހުޖަނަކު ތިމާގެ ގޭކުދިންކޮޅު ލައިގެން ހަދައިގެން އުޅޭ ލަވަ ޕާޓީއަކަށް ވިއްކާލުން. އެމްޑީޕީ އާއި ޖުމުހުރީ ޕާޓީން ހެދި އެއްބަސް ކަހަލަ. (ކޮން މީހަކު ކުރިއަށް ކަރަޕްސަންވާނީ ކޮރަޕްސަނަށެވެ. ތިމާއަށް ލިބިފައިހުރި މަގާމެއްގެ ބޭނުންކޮށް ފައިސާކޮޅަކަށް ދައުލަތުގެ މަގާމުތަކެއް ވިއްކާލުމަކީ ކަރަޕްސަންނޫންތޯއެވެ)

4. ގައުމުގައި ތިބި މަދު ވިޔަފާރިވެރިން ކޮޅެއްގެ ހިތްރުއްސާލުމަށްޓަކައި އެމީހުން ހިތްރުހޭ ގޮތްގޮތަށް ގާނޫނުތައް ފާސްކުރުމަށް ބާރުއަޅައި ރައްޔިތުންގެ އިހުސާސްތަކުގައި ކޮޅުފައި ޖެހުން. ކުލިބޮޑުކުރުމަކާނުލައި ރިސޯޓުތަކުގެ މުއްދަތު އިތުރުކުރުމަށް މަސައްކަތްކުރުން ފަދަ ކަންތައްތައް. (ވަޒީރުން ލައްވައި ފާޑުފާޑުގެ ލަވަކިޔުއްވިއަށް މިކަމަކީ ރައްޔިތުންގެ މަންފާއަކަށް ކުރާކަމެއްނޫންކަން މަގުމަތިންދާ ބުޅަލަށްވެސް އެގޭނެއެވެ)

5. ތިމާ ނުރުހޭ ކަންތައްތައްކުރާ، އަދި ތިމާގެ ސިޔާސަތާ ދެކޮޅު ސިޔާސީ ޕާޓީތައް ނައްތާލުމަށް ހުށައެޅުން. އައިޑީޕީ އާއި ޑީއާރުޕީ އުވާލުމަށް ގޮވާލުން ފަދަ ކަންތައްތައް (ބަލަ، ޕުލޫރަލިސްޓިކް ޑިމޮކުރަސީ މިހާރުކޮބާ؟)

ރަށު ކައުންސިލަރުނާ ކަތީބުން، އަތޮޅުވެރިންނާ އަތޮޅު ކައުންސިލަރުން: ތަފާތަކީ ކޮބާ؟

ރަށު ކައުންސިލަރުންނާ އަތޮޅު ކައުންސިލަރުން އައު ސަރުކާރުން އައްޔަން ކުރައްވަމުން ގެންދަވާ ވާހަކަ މިދުވަސްކޮޅު މީޑިޔާއިން އެބައިވެއެވެ. ނަމަވެސް، މިއީ ކޮންކަމެއްކުރާ ބަޔެއްކަމެއް އެގެނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންނަށްތޯއެވެ. ކުރިންވެސް ތިއްބެވި ކަތީބުން ބައިތިއްބަވައި، އެކަތީބުންގެ މައްޗަށް ރަށު ކައުންސިލުން އައްޔަންކޮށް، އަތޮޅުވެރިން އައްޔަންކުރުން ހުއްޓުވާލައި، އޭގެ ބަދަލުގައި އަތޮޅު ކައުންސިލަރުން އައްޔަން ކުރަމުންދާއިރު އެދެބައި މީހުންގެ މަސައްކަތުގެ ދާއިރާ އާއި މަސްއޫލިއްޔަތުގެ ތަފާތަކީ ކޮބައިތޯއެވެ؟ އަދި އޭގެ މައްޗަށް ސުޓޭޓު މިނިސްޓަރުންގެ ނަމުގައި އެތަކެއް ކުދިކުދި އަތޮޅުތަކާ ބެހޭ ވަޒީރުން އައްޔަންކުރުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟

ސަރުކާރުން ދެކޭގޮތުގައި މިއީ އަތޮޅުތައް ތަރައްގީކޮށް ހަރުދަނާކުރުމުގެ ބޭނުމުގައި ގެންނަމުން ދާ އިސްލާހީ ބަދަލުތަކެކެވެ. ކަތީބުންނަކީ މާޒީގައި ހިގާފައިހުރި ބަޔެއް ކަންކަމާހުރެ، ވަކިން ހާއްސަކޮށް އަމިއްލަ އެދުމުން ފުރިފައިތިބި މަދު ކަތީބުންތަކަކާހުރެ، ނަން ހުތުރުވެ ރައްޔިތުންގެ މެދުގައި ގަދަރާއި އިހުތިރާމު ގެއްލިފައިވާ ބަޔެކެވެ. އެހެންކަމުން އެހެން ނަންތަކެއް ތައާރަފުކުރީ ކަމަށް ބެލެވެއެވެ. ކަތީބުންނާއި ރަށު ކައުންސިލަރުންނަކީ މަސައްކަތުގެ ދާއިރާ އާއި މަސްއޫލިއްޔަތުގައި އެއްވެސް ތަފާތެއް ހުރި ބަޔެއް ނޫނެވެ. ކުރީ ސަރުކާރުން ކަތީބުންނާއި އަތޮޅުވެރިން އައްޔަންކުރި ފަދައިން މިސަރުކާރުންވެސް ސަރުކާރުގެ ބޮޑުން ހިތް ރުހޭ ބަޔަކު ރަށު ކައުންސިލަރުންގެ މަގާމަށާއި އަތޮޅު ކައުންސިލަރުންގެ މަގާމަށް އައްޔަންކުރަނީއެވެ.

މިއަދު ކުރެވޭ ސުވާލަކީ އެމްޑީޕީއިން ކުރިން ބުނަމުންއައި އިންތިހާބުކުރާ އަތޮޅުވެރިންނާއި އިންތިހާބުކުރާ ކަތީބުން މިހާރު ކޮބައިތޯއެވެ؟ އަތޮޅު ކައުންސިލަރުން އައްޔަންކުރުމުގެ ބަދަލުގައި އިންތިހާބު ކުރުމުގެ ވިސްނުން ދޫކޮށްލީ ކީއްވެތޯއެވެ؟ އެމްޑީޕީ ނަމޫނާ ވެރިކަމެއްގެ ނިޒާމެއްކަމުގައި ބަލަމުން އަންނަ އިގިރޭސިވިލާތުގެ ރަށްރަށުގަޔާއި ސަރަހައްދުތަކުގެ ކައުންސިލަރުންނަކީ ރައްޔިތުންގެ ވޯޓުން އިންތިހާބުކުރެވޭ ބަޔެއްކަން ހަމަ ނޭގެނީތޯއެވެ؟ ވެރިކަން ތިމާމެންނަށް ލިބުމުން ބަހާ އަމަލާ ދިމާކުރުމަކީ އެހާ މުހިއްމު ކަމަކަށް ނުވަނީ ތޯއެވެ؟

Thursday, January 1, 2009

މައުމޫނު ޖެއްސި ގޭމު އަންނި ވެސް ޖައްސަނީ؟!

ރައްޔިތުންގެ މަޖިލީހުން ނިންމަންޖެހޭ ބިލުތަކެއް ނުނިމި ހުއްޓާ މަޖިލީހުގެ މެމްބަރުން އަމިއްލައަށް (އަނެއްކާ ވެސް ތިމާމެންގެ މަސްއޫލިއްޔަތު ހަދާންނައްތާލައި) ޗުއްޓީއެއް ނަގައިފިއެވެ. މިހާރު އަމަލުކުރެވެމުންދާ ގާނޫނު އަސާސީ ބުނާގޮތުން މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތަކީ އިންތިގާލީ ބާބުގެ ކަންތައްތައް ހަމަޖައްސައި، ބޭނުންވާ ގާނޫނުތައް ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމެވެ. ދެން މިކަމާ އާއްމުން ހިތްހަމަ ނުޖެހުމުން އެކަމުގެ ޒިންމާ އެއްބަޔަކު އަނެއްބަޔެއްގެ ބޮލުގައި އަޅުވަނީއެވެ. ޑީއާރުޕީއިން އެމްޑީޕީ އާއި ޖުމުހުރީ ޕާޓީގެ ބޮލުގައެވެ. އެމްޑީޕީއިން މަޖިލީހުގެ ރައީސް ޝިހާބުގެ ބޮލުގައެވެ. ޖުމުހުރީ ޕާޓީއިން މަޖިލީހުގެ ޖަލްސާއަށް ހާޒިރުނުވި ޑީއާރުޕީ މެމްބަރުންގެ ބޮލުގައެވެ. އަނެއްކާ ރައީސް ނަޝީދު ހާއްސަ ޖަލްސާއެއް ބާއްވައިދިނުމަށްއެދި މަޖިލީހުގެ ރައީސަށް ސިޓީފުޅެއް ފޮނުވި ވާހަކަ ކެނޑިނޭޅި މީޑިއާއިން ގޮވަނީއެވެ. ކޮންމެ ބަޔަކުވެސް އުޅޭގޮތުން ހީވަނީ ތިމަން މިކަމުގައި ކުރާނެ ކަމެއްނެތޭ، މިހެން މިވީ އެހެން މީހުންނާ ހުރެކަމަށްކަމަށެވެ.

ގާނޫނު އަސާސީ އަވަސްކޮށްދިނުމަށް އެދި އޭރުގެ ރައީސް މައުމޫނު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިލްތިމާސްކޮށް މީޑިޔާއަށް ހާމަކުރާއިރު އެމަނިކުފާނުގެ ޕާޓީގެ މެމްބަރުންނާއި އެމަނިކުފާނު ތަމްސީލުކުރާ މަޖިލީހުގެ މެމްބަރުންގެ އަމަލުތަކުގައި ހުރީ ގާނޫނު އަސާސީ ލަސްކުރުމުގެ ރޫހެވެ. އަދި އެމަނިކުފާނު ތަމްސީލުކުރާ މަޖިލީހުގެ މެމްބަރުންގެ އަމަލުތައް އެފަދަ ގޮތަކަށް ހުރިއިރު އެމީހުންނާމެދު އެއްވެސް ފިޔަވަޅެއް ނާޅުއްވައެވެ. ރައީސް ނަޝީދުވެސް ހަމަ އެފަދައެވެ. ރައްޔިތުންގެ މަޖިލީހުން ނިންމަންޖެހޭ ބިލުތަކެއް ނުނިމި ހުއްޓާ މަޖިލީހުގެ މެމްބަރުން ވޯޓުލީއިރު ރައީސް ނަޝީދުގެ މެމްބަރުން ރައީސް ނަޝީދުގެ ވިސްނުމާ ދެކޮޅަށް އަދި ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި މެމްބަރުން ޗުއްޓީ ނެގުމަށް ވޯޓުދިންއިރުވެސް އެމެމްބަރުންނާމެދު މިހާތަނަށް ފިޔަވަޅެއް ނާޅުއްވައެވެ. ނުވީތާކަށް، އެމްޑީޕީގެ މަޖިލީހުގެ މެމްބަރުން އެހެއްދެވީ ރަނގަޅަކަށް ނޫނޭ، ތިމަން މަނިކުފާނު އެކަމާ ހިތާމަކުރަމޭވެސް ވިދާޅުވާކަށް ރައީސް ނަޝީދަކަށް ނުކެރުނެވެ.

މިހުރިހާ ކަމަކަށް ވުރެންވެސް ބޮޑީ ރިޔާސީ ނިޒާމުގެ ދެބާރު ނުއަތުބުރުޖަހާއިރު ދެން އޮތްބާރަށް ކަނޑެއް ފަޅެއް ނޭގޭތީއެވެ. މެމްބަރުން ޗުއްޓީނެގި މައްސަލަ ހައިކޯޓަށް ހުށައެޅުމުން އެކަން ކުރަންވާނީ މަދަނީކޯޓުންނޭ ބުނެ ބޭރުކޮށްލީއެވެ. ރާއްޖެފަދަ ކަންސިޓިޔުޝަނަލް ކޯޓު ނުވަތަ ދުސްތޫރީ ކޯޓު ނެތް ގައުމުތަކުގައި މިބާވަތުގެ މައްސަލަތަކަކީ ހައިކޯޓުންނާއި ސްޕުރީމު ކޯޓުން ނިންމާ މައްސަލަތަކެއްކަން އެފަޑިޔާރުންނަކަށް ނޭގުނެވެ. ހިތާމައިގެ ކޮޅެއްނެތެވެ. ހައިކޯޓަކީ މަދަނީ ކޯޓަށްވުރެ ވެސް ޝަރީއަތްކުރުމުގެ ނިޒާމު ދޯހަޅިކަމަށް މަޝްހޫރުތަނެކެވެ. ތަޖުރިބާއާއި ފެންވަރު ނެތްބަޔަކު އިސްފަޑިޔާރުންނަށް އިސްކުރުމުން ވާނެގޮތްމިވަނީއެވެ. މިކަމަށް ހައްލެއް އަންނާނީ ކޮންދުވަހުން ބާވައެވެ؟ އިހަކަށް ދުވަހުވެސް އިސް ފަޑިޔާރު މަގާމު ހަވާލުކުރި ފަޑިޔާރަކީ މާލެން ދިރިއުޅޭނެ ތަނެއްގެ ބޭނުމުގައި ފުރަތަމަ ޑިގުރީއެއް ހިފައިގެން މީގެ ހަތަރު ވަރަކަށް އަހަރު ކުރިން މަދަނީ ކޯޓަށްވަން އާރޯތާނާ ޒުވާނެކެވެ. އެހެން ގައުމުތަކުގައި މިފަދަ މަގާމަކަށް އާދެވެނީ ހާދަ މަސައްކަތެއްކޮށް، ހާދަ ތަޖުރިބާއެއް ލިބިގެންނެވެ.

 
Web Statistics