Wednesday, May 20, 2009


މާރިޔާގެ އެހެން ކޮއްކޮއަކަށް އަނެއްކާވެސް ބޮޑު މަގާމެއް

މިއަދުގެ ވަގުތެއްގައި މާރިޔާގެ އެހެން ކޮއްކޮއެއް ކަމަށްވާ މިފްޒާލް އަހުމަދަށް އެޑްވައިޒަރ އޮން އިންވެސްޓުމަންޓުގެ (ނުވަތަ އިންވެސްޓުމަންޓުތަކާބެހޭ މުސްތަޝާރުގެ) މަގާމު ރައީސް ނަޝީދު ދެއްވައިފިއެވެ. މިމަގާމަކީ ބެލެވޭ ގޮތުގައި މިނިސްޓަރުންގެ ނައިބު ފެންވަރުގެ މަގާމެކެވެ. ކުރިން ވެސް ވަނީ މިނިސްޓަރުންގެ ނައިބުގެ މަގާމާއި އެފެންވަރުގެ މަގާމެއް މާރިޔާދީދީގެ އެއްބަޑު އެއްބަފާ ދެކޮއްކޮއަކަށް ދީފައެވެ. އެތަނުން އެކަކަކީ ހައުލާ އަހުމަދު ދީދީއެވެ. މަގާމަކީ ހާރިޖީ މިނިސްޓްރީގެ ނައިބެވެ. ދެން އަނެއް ކޮއްކޮއަށް މަގާމެއް އުފެއްދީ ރައީސް އޮފީހުގައި ނައިބު މިނިސްޓަރުންގެ ފެންވަރުގައެވެ.

މިފަހަރު މިފްޒާލަށް އުފައްދާދިން މަގާމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްޓުމަންޓުގައި އަލަށް އުފެއްދި ސިޔާސީ މަގާމެކެވެ. އެ މިނިސްޓަރީގައި ވަރުވަރުގެ ޑިރެކްޓަރުންނާއި މިނިސްޓަރުގެ ދަށުން ސްޓޭޓު މިނިސްޓަރަކު (އާދިލް ސަލީމް) ހުންނަވަނިކޮށް އަނެއްކާވެސް ދައުލަތުގެ ބަޖެޓަށް ބާރުބޮޑުވާނެ ފަދަގޮތަކަށް އަލަށް ސިޔާސީ މަގާމެއް އުފެއްދީތީ ސުވާލު އުފެދެއެވެ. މިއީ ކޮންމެހެންވެސް ބޭނުންވެގެން އުފެއްދި މަގާމެއްތޯ ނޫނީ ޒައީމު މައުމޫނު ހައްދަވާހެން ކޮންމެވެސް މީހަކަށް ބޮޑު މުސާރަޔާއި އިނާޔަތްތަކެއް ދިނުމުގެ ބޭނުމުގައި އުފެއްދި މަގާމެއްތޯ އަހާލަން މިއޮތީ ޖެހިފައެވެ.

މައުމޫނުގެ ސަރުކާރު ގޯސްވެގެން އުޅުނުއިރު، ދައުލަތުގެ ބޮޑެތި މަގާމުތައް އާއިލީ މީހުންނަށް ހަދިޔާގެ ގޮތުގައި ދޭތީވެ އެކަމާ ނުރުހިގެން މާރިޔާމެން ރައީސް ނަޝީދުމެން ދުވާލު ދެއިރަށް މުޒާހަރާކޮށް އުޅުނު ހަދާންވޭތޯއެވެ؟ ހަމަޔާ އުސޫލު ގަބޫލުކުރާ އެމްޑީޕީގެ މެމްބަރުން ސަރުކާރާ މެދު ހިތްހަމަ ނުޖެހެނީ މިފަދަ ކަންތައްތަކާހުރެއެވެ. ދާދިފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ނިސްބަތްވާ އެތައް ބަޔަކު އިންތިހާބުގައި ވޯޓުނުލައި ދުރުގައި ކުޅިބަލަންތިބީ މިފަދަ ސަބަބުތަކާހުރެއެވެ. އެވަރުންވެސް ރައީސް ނަޝީދަށް ފިލާވަޅެއް ލިބުނު ހެންނެއް ހިޔެއްނުވެއެވެ.


Monday, May 4, 2009

ކޮއިމަލާ ވެބްސައިޓަށް ދިންކަމަށް ބުނާ އިންޓަވިޔޫ ޑރ. ޝިހާމު ދޮގުކުރައްވައިފި!

ދާދިފަހުން ކޮއިމަލާ ވެބްސައިޓުގައި ވަނީ އެސައިޓުގެ ފަރާތުން އެމް.އެމް.އޭ (ރާއްޖޭގެ މަރުކަޒީ ބޭންކު) ގެ އިސްލާމީ އިގްތިސާދީ އެޑްވައިޒަރު ޑރ ޝިހާމު އިންޓަވިޔުއެއް (ބަސްދީގަތުމެއް) ދިންކަމަށް ބުނެ ވަރަށް ދިގު އިންޓަވިޔުއެއް ޖަހާފައެވެ. ނަމަވެސް، މިއަދުގެ ވަގުތެއްގައި އެކަމާ ބެހޭ ގޮތުން މިއަދު ނޫހުގެ ރިޕޯޓަރަކު ކުރި ސުވާލަކަށް ޑރ. ޝިހާމު ވިދާޅުވަނީ އެފަދަ އިންޓަވިޔުއެއް އެވެބުސައިޓަށް ދެއްވާފައި ނުވާނެކަމަށެވެ. ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި ވިދާޅުވިކަމަށް ވަނީ އެބޭފުޅާއަށް ނިސްބަތްކޮށް ދޭދޭ މީހުންގެ މެދުގައި ފިތުނަ އުފެދޭ ޒާތުގެ ވާހަކަ ނުފެތުރުމަށާއި އެކަމަށް ފަހުން ރައްދު ދެއްވާނެކަމަށެވެ. މިހެން އެވިދާޅުވީ އެއިންޓަވިޔުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދުއާ ދާމެދު މީހުންގެ މެދުގައި ރުޅިވެރިކަމާ ނަފުރަތު އުފެއްދުމަށް ލިޔެފައިވާތީވެއެވެ.

މިކަން ވެފައިވާ ގޮތެއް ހޯދުމަށް ބެލިބެލުމުގައި އަހަރެމެންނަށް އެނގުނީ (ހ) ކޮންމެވެސް ވަރެއްގެ ހަގީގީތެއް އެބަސްދީގަތުމުގައި ހުރިޔަސް އެފަދަ އިންޓަވިޔުއެއް ޑރ ޝިހާމު ކޮއިމަލާއަށް ނުވަތަ އެހެންވެސް ސައިޓަކަށް މިފާއިތުވީ ދެމަހެއްހައި ދުވަހު ދެއްވާފައިނުވާކަމާއި (ށ) ވަރަށް ބޮޑަށް ވާހަކަ ވިއްސައި ނުވަތަ އަމިއްލައަށް ވާހަކަ ހަދައިގެން ލިޔުނުމީހެއްގެ މަގުސަދު ހާސިލުކުރުމަށް މަސައްކަތްކޮށްފައިވާކަމާއި، (ނ) އަމިއްލައަށް ހަދަހަދައިގެން ކުރިންވެސް އެފަދަ އިންޓަވިޔުތައް އެކި މަޝްހޫރު މީހުންގެ ނަމުގައި އެސައިޓުގައި ލިޔެފައިވާކަމާއި، (ރ) އެސައިޓަކީ ޔާމީން އަބްދުއްގައްޔޫމާއި އޭނާގެ ޕާޓީ ޕީ.އޭގެ މަސްލަހަތަށް ލިޔާބަޔަކުކަމަށްވެފައި ބުރުމާ ގާސިމު ދެކެ އަންނަ ރުޅީގައި ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ގާސިމަށް އަދާލަތުން ބައިއަތު ހިފުމުން އޭގެ ހަސަދަ އަދާލަތުގެ ބޮޑުންނަށް ބާލަން ބޭނުންވާކަމާއި (ބ) އަންނިގެ ސަރުކާރުގެ ތާއީދު ރައްޔިތުންގެ މެދުގައި ގެއްލެމުން ދިޔުމާއި އަދާލަތުން އަންނިގެ އަތުގައި ހިފައިގެން ތިބުމުގެ ސަބަބުން ދީނީ އިލުމުވެރިންނަށްވެސް އެނަފުރަތުން ބަޔެއް އަޅަމުންދާތީވެ ކޮއިމަލާ ސައިޓުގެ ކިޔުންތެރިން އިތުރުކޮށްލުމަށް ޖެހި ކެހިވެރި މަޅިއެއްކަމެވެ.

މިހިނދުގައި އަހަރެމެން އަދާލަތަށް ގޮވާލަނީ ތާކުންތާކު ނުޖެހޭ ކޮސް ލިޔުންތައް ލިޔެފައި އެމީހުންގެ ވެބުސައިޓުގައި ނުޖެހުމަށާއި، އެފަދައިން ކަންތައް ކުރުމަކީ ދީނަށް ނަފުރަތުކުރާ މީހުންނަށް ލިބޭ އިތުރު ހިތްވަރެއްކަމާއި، އަންނިގެ ސަރުކާރުގެ ހިންގުން ދޯހަޅިވެ ފާޑުކިޔުން އިތުރުވަމުންދާއިރު ދީނީ އިލުމުވެރިންގެ އަގުވައްޓާލުމަށް އިސްލާމްދީންދެކެ ނަފުރަތުކުރާ ބަޔަކު މަސައްކަތް ފަށާފައިވާއިރު އެފުރުސަތު އެގިތިބެ އެވެރިންނަށް ނުދިނުމަށެވެ. ހަމައެއާ އެކު ޝަހީމަށް ބުނެލަންއޮތީ ނަމުގެ ކުރިޔަށްލައިގެން ތިޔަ އުޅޭ "ފަޟީލަތުއް އުސްތާޒުލް ޝައިހު" ފަދަ ތިމާގެ ހައިބަތު އެހެން މީހުންގެ ކުރިމަތީގައި މަތިވެރިވާފަދަ ނަންނަމުން ދުރުހެލިވުމަށާއި ކުރީގެ ދިރިއުޅުމުގެ މަތިން ހަދާންކޮށް އަމަލުތައް ސީދާކުރުމަށެވެ. ރައްޔިތުންނަށް އޭގެ ފައިދާ ކުރާކަމަށްވަންޏާމު އައްނިގެ ސަރުކާރުގެ މިނިސްޓްރީއެއް ބެލެހެއްޓުމުގައި ގޯހެއްނެތެވެ. ނަމަވެސް، ފިގުހު އެކަޑެމީ ވީހާ އަވަހަކަށް ގާނޫނަކުން މިނިވަންކޮށް މިނިސްޓްރީއިން ބޭރުކޮށް ހަރުދަނާ ގަވާއިދެއްގެ މަތިން ހިންގޭތޯ ބަލާށެވެ.

ގުޅޭ ލިޔުން:

ކޮއިމަލާ ސައިޓަށް ޑރ. ޝިހާމު ދެއްވިކަމަށް ބުނާ އިންޓަވިޔު

މިއަދު ނޫހުގައި ކޮއިމަލާގެ އިންޓަވިޔު ދޮގުކުރިކަމަށް ބުނާ ހަބަރު

Saturday, May 2, 2009

ދ. މީދޫ ދާއިރާއަށް ސަންޓުރެވަލް ޝިޔާމު؟!


ރައްޔިތުންގެ މަޖިލީހުގައި އެންމެ ފަރުވާކުޑަ މެމްބަރަކީ ދ. މެމްބަރު (ސަންޓުރެވަލް) އަހުމަދު ޝިޔާމު

މިހާރު މުއްދަތު ހަމަވަން ކައިރިވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހާޒިރީ ދައްކާގޮތުން މަޖިލީހުގެ މަސައްކަތަށް އެންމެ ފަރުވާކުޑަ މެމްބަރަކީ ދ. އަތޮޅުގެ މެމްބަރު (ސަންޓުރެވަލް) އަހުމަދު ޝިޔާމެވެ. އެންމެ 28 ޖަލްސާއަށް ހާޒިރުވެ، ހާޒރިއިން %32 ހޯދައި މެމްބަރުންގެ ހާޒރީއިން ފަހަތުން އެއް ވަނަ ހޯދާފައިވެއެވެ. ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި 86 ޖަލްސާ ބޭއްވުނުއިރު، އޭގެތެރެއިން 58 ޖަލްސާ ހިގަމުން ދިޔައިރު ޝިޔާމު އުޅުނީ ރައްޔިތުންގެ މަޖިލީހުން ދޫކޮށްފައިވާ ރަތް ޕާސްޕޯޓުގައި އަމިއްލަ ވިޔަފާރި ދަތުރުތަކުގައި ނޫނީ އަބިދަރިންނާ އެކު މަޖާކޮށްލުމަށް ރާއްޖޭއިން ބޭރުގައެވެ. (ތަފުސީލު ބައްލަވާލެއްވުމަށް މިލިންކަށް ކުލިކުކޮށްލަވާށެވެ.) އަނެއްކާވެސް މީނާ (އަހުމަދު ޝިޔާމު މުހައްމަދު، ގ. ސަންސެޓް، މާލެ) މިވަނީ އަމިއްލަ މެމްބަރެއްގެ ގޮތުގައި ދ. އަތޮޅުގެ މީދޫ ދާއިރާއަށް ކުރިމަތިލާފައެވެ.

މީނާއަކީ ދެރިސޯޓެއްގެ ވެރިޔަކަށްވީއިރުވެސް، އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަމުގައި ވޯޓުދީގެން ނުވާނެކަމަށް ހުދާއި ކަޅުން ލިޔެފައި އޮއްވާމެ، ތިމާގެ އަމިއްލަ ރިސޯޓުތަކުގެ މުއްދަތު އިތުރުކުރުމަށްޓަކައި (ރައްޔިތުންގެ މަސްލަތު ހަދާން ނައްތާލައި) މަދުފަހަރު ނޫނީ މަޖިލީހުގެ ޖަލުސާއަށް ނާންނަ މިކަލޭގެ ވަނީ ވޯޓުދީފައެވެ. މީގެ އިތުރުން، ސުނާމީގެ ދުވަސްވަރު ޑީއާރުޕީގެ ނައިބު ޒައީމަކަށްވެހުރެ ރާއްޖޭގެ އިގުތިސާދު އަލުން އާރާސްތުކުރުމަށް ބޭރުގެ ފަރާތްތަކުން ދިން ލޯނު އެހީތަކުގެ ބޮޑު ބަޔެއްވަނީ ތިމާގެ އަމިއްލަ ރިސޯޓުތައް މަރާމާތުކުރުމަށް މަގާމާއި ބާރާއި ނުފޫޒުގެ ބޭނުންކޮށް މައުމޫނުގެ ސަރުކާރު މެދުވެރިކޮށް ހޯދާފައެވެ. ދ. އަތޮޅު މީހުންނަށް ލާރީގެ ދަޅަ ދައްކައިގެން މިފަދަ ޖާހިލު ވިޔަފާރިވެރިން ކުރާ ކަމަކީ މިއީއެވެ.

ކުރީގެ ރައީސް މައުމޫނުގެ ކޮއްކޮ ޔާމީނުގެ އެހީތެރިކަމުން މުއްސަދިވީ މީހުންގެ ތެރޭގައި ހިމެނޭ ނ. ކުޑަފަރީ އަށް އުފަން ޝިޔާމުވަނީ ޔާމީނާއެކު އެންމެ ކުރީކޮޅުގައި ޑީއާރުޕީއަށް ވަދެފައެވެ. އެއަށްފަހު، ޔާމީނުގެ އާރާއިބާރު ކެޑުމުން ޖާބިރެކޭ އެއްފަދައިން ޔާމީނާ ދުރަށްޖެހި، އެންމެފަހުން މައުމޫނުގެ ވެރިކަން ވެއްޓުމުން އެވަނީ ބާރާއި ނުފޫޒުގެ ބޭނުމުގައި ފައިސާ އޮއްސަމުން ދިޔަ ޑީއާރުޕީއިންވެސް ވަކިވެފައެވެ. އެމްޑީޕީއަށް މާދަމާ ނުވަންނާނެކަމެއްވެސް ނޭގެއެވެ. މީނާ ފައިސާ ހަރަދުކޮށްގެން ހިންގާ ސަން ރޭޑިޔޯއާއި އިރުއޮބުޒޯވަރަކީ ހަމައެކަނި ސިޔާސީ ޖާހާ މަގާމަށްޓަކައި ކުރާ ކަންތައްތަކެކެވެ. މިފަދަ ސިޔާސީ ހިޔަޅުންގެ ކިބައިން ދާލު އަތޮޅުގެ ރައްޔިތުން ސަލާމަތްވެ ތިބުމަށް ވަސިއްޔަތްކުރަމެވެ. އަހަރެމެން މިފަހަރު ރައްޔިތުންގެ މަޖިލީހަށް ހޮވަންވީ ސަންޓްރެވަލު ޝިޔާމުމެން ކަހަލަ ރާބޮއި މަސްތުވެ، ދޮން އަންހެންކުދިންނާއެކު ގައިގޯޅިކޮށް އުޅެފައިވާ ފޮޓޯތަކެއް އިންޓަނެޓަށް ލީކުވެފާވާ ގޮތެއްނެތް މީހުންނެއް ނޫނެވެ.

ރައްޔިތުންގެ ކަންތައްތައް ހެޔޮމަގަށް އަޅުވައި، ހެޔޮވެރިކަމެއް މިދިވެހި ފަސްގަނޑުގައި ގާއިމުކުރެވޭނީ ފައިސާ އޮތީތީވެ ވޯޓުގަނެވޭނެކަމަށް ގަބޫލުކުރާ ސަންޓްރެވަލް ޝިޔާމުމެން، ޖާބިރުމެން، ގައްދޫ ޒާހިރުމެން، ތަސްނީމުމެން، ޖަންގިޔާ ނާޒިމުމެން، އޭޑީކޭ ނާޝިދުމެން، ހަމްޒާމެން އަދި އެނޫނަސް އެފަދަ ފާސިގު ވިޔަފާރިވެރިންގެ ކިބައިން ރައްޔިތުންގެ މަޖިލީސް ސަލާމަތްކުރެވިގެންނެވެ. މިމީހުންގެ ހަމައެކަނި ބޭނުމަކީ ރަތްޕާސްޕޯޓާއި، މެމްބަރުކަމުގެ ހައިބަތާއި ތިމާގެ އަމިއްލަ ވިޔަފާރިކުރިއެރުމަށްޓަކައި ސިޔާސީ ބާރާއި ނުފޫޒެވެ.


Tuesday, April 21, 2009

މޮބައިލު ފޯނުން ދިވެހި ވެބްސައިޓުތައް ބަލާނެ ގޮތް

އިންޓަނެޓަށް ވަނުމަށްޓަކައި ގިނަބަޔަކު މޮބައިލުފޯނު ބޭނުންކުރެއެވެ. އިންޓަނެޓަށް ފޯނުގެ ޒަރިއްޔާއިން ވަނުމަށްޓަކައި ބޭނުންކުރާ އެންމެ މަޝްހޫރު ބުރައުޒަރަކީ އޮޕެރާ ކުންފުނީގެ (miniopera) މިނީއޮޕެރާއެވެ. މިނީއޮޕެރާ ބޭނުންކޮށްގެން ދިވެހިން ލިޔެފައި ހުންނަ ވެބްސައިޓުތައް ބެލުމަށްޓަކައި

1. ޔޫއާރުއެސް ނުވަތަ ސައިޓުގެ އެޑްރެސްލިޔާތަނުގައި "config:" ލިޔެލުމަށްފަހު، ސުކުރީނުގެ ވާތް ފަރާތުގައިވާgo to އަށް ކުލިކުކޮށްލާށެވެ.

2. use bitmap fonts for complex އާ ދިމާލުގައިވާ no އަށް ކުލިކުކޮށްލާށެވެ. އެއަށް ފަހު އެތަން yes އަށް ބަދަލުކޮށްލާށެވެ.

3. ސަފުހާގެ އެންމެ ތިރިއަށް ގޮސް "save" އަށް ކުލިކުކޮށްލައި، ސެޓިން ފޯނުގައި ރައްކާކުރާށެވެ. މިހާރު ކުރިން ފެންނަ ގޮޅިތަކުގެ ބަދަލުގައި ތާނަ އަކުރު ފެންނާނެއެވެ. މިކަމާގުޅޭ ވީޑިޔޯ ބައްލަވާށެވެ.



..

4. މިހާރު ފޮންޓު ރީތިކޮށް ފެންނާނެއެވެ. ނަމަވެސް، އެއް ސަފުހާއިން އަނެއް ސަފުހާއަށް ދިޔުމުގެ ތެރޭގައި އަކުރުތަކުގައި މައްސަލަޖެހިދާނެއެވެ. މިސާލަކަށް، ލަފުޒުތަކުގެ ދޭތެރެ މާބޮޑަށް ދުރުވުން ނުވަތަ އަކުރުތަކާ ފިލިތައް މަސްހުނިވުމެވެ. މިހެން ވެއްޖެނަމަ، ސެޓިންސްއަށް ގޮސް ފޮންޓުގެ ސައިޒު އެހެން ކޮންމެވެސް ސައިޒަކަށް ބަދަލުކޮށްލުމުން ރަނގަޅުވެދާނެއެވެ. މިކަމާގުޅޭ ވީޑިޔޯ ބައްލަވާށެވެ.



..

ސުވާލާއި ޖަވާބު

(ހ) ތިޔަގޮތަށް ސެޓިންސް ހަދައިގެން ވެސް ހަވީރު ނޫހާއި މިއަދު ނޫހުގައި ލިޔެފައިހުންނަ ލިޔުންތަކުން ތާނައަކުރެއް ނުފެނޭ.

ޖަވާބު: އެވެބުސައިޓުތަކުގައި ބޭނުންކުރަނީ ވިންޑޯސް 98 ގެ ފޮންޓުތައް. މިގޮތަށް ހަދައިގެން ފެންނާނީ ހަމައެކަނި ވިންޑޯސް އެކްސްޕީގެ ފޮންޓުތައް ނުވަތަ ޔުނިކޯޑު ފޮންޓުތަކުން ލިޔެފައި ހުންނަ ސައިޓުތައް. އެހެންނަމަވެސް، ފޯނަށް އެފޮންޓުތައް އަޅައިގެން އޮޕެރާ ކުންފުނީގެ އޮޕެރާ މޮބައިލު ބުރައުޒަރުން ނުވަތަ އިންޓަނެޓު އެކްޕުލޯރާ މޮބައިލު ބުރައުޒަރުން އެސައިޓުތައް ރީތިކޮށް ފެނިދާނެ.

(ށ) މިނީއޮޕެރާ ޑައިންލޯޑުކުރާނީ ކިހިނެއް؟ މިއަށް ފައިސާ ދައްކަންޖެހޭތަ؟

ޖަވާބު: މިއީ އެއްވެސް އަގަކާނުލައި މިނީއޮޕެރާގެ ވެބްސައިޓުން ހިލޭ ޑައުންލޯޑުކުރެވޭ ފޯނުގައި ބޭނުންކުރާ ބަރައުޒަރެއް. މިނީއޮފެރާ ބުރައުޒަރާއި އޮޕެރާ މޮބައިލު ބުރައުޒަރަކީ ތަފާތު ދޭތި. އޮޕެރާ މޮބައިލު ބުރައުޒަރު ޖެހޭނީ ގަނެގެން ފޯނަށް އަޅަން.

(ނ) މިގޮތަށް ތާނައިން ލިޔެފައި ހުންނަ ސައިޓުތައް ކިޔުމުން ބިލުބޮޑުވާނެތަ؟

ޖަވާބު: އާނ. އިގިރޭސި އަކުރުން ލޔެފައި ހުންނަ ސައިޓެއްގައި ހުންނަ އެވަރުގެ ލިޔުންކޮޅަކަށް ވުރެން މިހެން ހުންނަ ތާނައަކުރުގެ ލިޔުންކޮޅެއް ފޯނުން ބަލާލުމަށް ކުޑަކޮށް ހަރަދުބޮޑުވާނެ. ސަބަބަކީ މިސެޓިންސް އިން ހަގީގަތުގައި ކުރާކަމަކީ ފޮންޓުތައް ތަސްވީރުތަކަކަށް ބަދަލުކޮށްލަނީ. ލިޔުން ޑައުންލޯޑުކުރުމަށްވުރެ ތަސްވީރު ޑައުންލޯޑުކުރުމަށް ގިނަ ބައިޓުސް ޑައުންލޯޑުކުރަންޖެހޭ.

Thursday, April 16, 2009

ވިލާތު މީހުންނަށް ސަލާންޖަހައިގެން 5 ވައުދު ފުއްދައިދެވިދާނެބާ؟

ނަޝީދު ވެރިކަމާ ހަވާލުވުމަށްފަހު ރާއްޖޭން ބޭރަށް ގިނަގިނައިން ދަތުރުތައް ކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާތަން ފެނެއެވެ. ބޭނުމެއްކަމެއް ބޮޑަށް ބެލެވެނީ އެވިދާޅުވާ 5 ވައުދު ފުއްދުމަށް ބޭނުންވާ ފައިސާ ނުވަތަ އިންވެސްޓުމަންޓުތައް ލިބޭނެ ގޮތެއް ފެނޭތޯ ބެލުމެވެ. ރާއްޖޭގެ ބައިތުލްމާލުގައި ފައިސާނެތް އިރުވެސް، މިދަތުރުތަކުގެ ހަރަދުބަރަދު ހަމަޖައްސަނީ ދަރަންޏަށް އެމްއެމްއޭ އިން ފައިސާ ނަގައިގެން ނުވަތަ ފައިސާ ޗާޕުކޮށްގެންނެވެ. ނަމަވެސް، ހަގީގަތަކީ މިހާތަނަށް ކުރެއްވި ދަތުރުތަކުން މާބޮޑު ކާމިޔާބެއް ލިބިފައި ނެތް ކަމަށެވެ. އަދި އެމްއެމްއީ އިން ފައިސާ ނެތުމުގެ ސަބަބުންނާއި ފައިސާ ޗާޕުކުރުމުގެ ނަތީޖާއެއްގެ ގޮތުން ނޭދެވޭ އަސަރު ރާއްޖޭގެ އިގުތިސާދަށްކުރުމެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ބަލިމަޑުމަކުގެ މައްޗަށް އިތުރު ވޭނެއް ދިވެހިރައްޔިތުން އުފުލަންޖެހުމެވެ.

އިޓަލީވިލާތުގެ ދަތުރުގައި އިޓަލީވިލާތުގެ ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅަކާ ބައްދަލުކުރެވިފައެއް ނުވެއެވެ. ބޮޑު ވަޒީރު ނުވަތަ ބޮޑު ވަޒީރުގެ ނައިބު ނުވަތަ މިނިސްޓަރު ފެންވަރުގެ ބޭފުޅަކާވެސް ބައްދަލުކުރަން އުޅެ އެކަމެއް ނުވިއެވެ. އެންމެ މަތީ ފެންވަރުގެ މީހަކަށް ވެސް ބައްދަލުވެވުނީ ރަށެއްގެ މޭޔަރަކާއެވެ. އެއީ ރާއްޖޭގައި ނަމަ ރަށު ބޮޑުކަތީބެވެ. ބިލިއަނުން އިންވެސްޓުމަންޓު ލިބޭނެކަމަށް ބުނިއިރު ވެސް، މިއީ ހަގީގަތަކަށް ވުރެ ބޮޑަށް ކުރެވޭ ހަމައެކަނި ފޮނި އުއްމީދެކެވެ. މިހެން މިބުނީ، އިޓަލީވިލާތު ދަތުރަށްފަހު ނަޝީދުގެ ސަރުކާރުން އިޓަލީވިލާތުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓުކުރާނެ ދާއިރާތަކާއި އޭގެ އެއްވެސް ތަފުސީލެއް ދޭން ނޭގުނީތީވެއެވެ. އަދި އެދަތުރުތަކުގައި އެއްވެސް އެގުރިމެންޓެއްގައި ސޮއި ކުރެވިފައިނުވާތީވެއެވެ. އާއެކެވެ. އެދަތުރުގައި އެމްއޯޔޫތަކެއްގައި ސޮއިކުރިއެވެ. ނަމަވެސް އެޔަކީ އަމަލީސިފަ ނެގުމަށް ގާނޫނީގޮތުން ބާރުއަޅާ އެއްބަސްވުންތަކެއް ނޫންކަން ފާހަގަކުރަމެވެ.

ދެންއޮތީ އިގިރޭސިވިލާތުގެ ދަތުރުތަކެވެ. އެންމެ ފަހުން ނަޝީދު ކުރެއްވި ދަތުރަކީ ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅަކު ކުރެއްވި ދެވަނަ ދަތުރެވެ. ކުރިން ނައިބު ރައީސް ޑރ ވަހީދުވަނީ އެމްއެމްއޭ އިން ދަރަންޏަށް ލާރިނަގައިގެން އިގިރޭސިވިލާތަށް ދަތުރެއް ކުރައްވާފައެވެ. މިއިން ކޮންމެ ދަތުރެއްގައި ވެސް "ގުޅުން ރަނގަޅުކުރުމާބެހޭ" ހުސް ހޮޅި ވާހަކަތަކެއް ދެއްކުން ނޫންކަމެއް ނުކުރެވުނެވެ. އެއްވެސް ތަނަކުން ނުވަތަ އެއްވެސް ބަޔަކު ރާއްޖޭގެ އުމުރާނީ ތަރައްގީގެ މަސްރޫއުތަކުގައި އެއްބާރުލައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ވާހަކައެއް ނީވެއެވެ. ނޫނީ ލޯނެއް ނުވަތަ އިންޓަރެސްޓު ކުޑަ ލޯނެއް ދޭނެ ވާހަކައެއްވެސް ނުބުނެއެވެ. ވީހާވެސް ވަރަކީ އަމަލީ ސިފަގެނައުމަށް އެއްވެސް ވަރަކަށް ބާރުނާޅާ އެމްއޯޔޫތަކެއްގައި ސޮއިކުރިއެވެ. އެމްއޯޔޫ ނުވަތަ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އަކީ ހަގީގަތުގައި ތިމަންމެން ތިޔަކަން ކުރުމަށް ޝައުގު އެބައޮތުމޭ ބުނުމުގެ ގޮތުން ސޮއިކުރާ ލިޔުމެކެވެ.

ދިވެހިރާއްޖޭގެ އުމުރާނީ ތަރައްގީގެ މާޒީއަށް ބަލާއިރު ވިލާތުތަކުން މާބޮޑު އެހީތެރިކަމެއް ވެފައި ނުވާކަން އެނގެއެވެ. އީޔޫއިން އެމީހުން ބޭނުންވާ ކޮންމެވެސް ކަންތައްތަކެއް ފުރިހަމަކުރުމަށް އެއްޗެއް ނުދޭ ވާހަކައެއް ނޫނެވެ. ހަގީގަތުގައި، އުމުރާނީގޮތުން ރާއްޖެ ތަރައްގީކުރުމަށް ބޭނުންވާ ފައިސާ ހޯދަންވެއްޖެޔާމު ދާންވީ ޖަޕާނަށެވެ. ނުވަތަ ނަޝީދުގެ ސަރުކާރުގެ ބޮޑުން ހަޖޫޖައްސަވާ އަރަބި ވެރިންގެ ގާތަށެވެ. މެޑެއްޔާއި ލަގަބުދޭން ހުށައަޅަންވީ އެވެރިންނަށް ނޫންހެއްޔެވެ؟

ދެން އޮތްގޮތަކީ، އެހެން ގައުމުތަކުގައި ވެސް ކަންކުރާ ފަދައިން، ވިޔަފާރިތަކުން ޓެކްސްނަގައިގެން ލިބޭ ފައިސާއިން ގައުމު ތަރައްގީކުރަންވީއެވެ. ލިބޭ އާއްމުދަނީއިން ޓެކްސް ނަގަންވީއެވެ. ދެމެހެއްޓެނިވި ގޮތެއްގައި މިކަންކުރެވޭނެ ގޮތަކީ މިއީއެވެ. ރާއްޖޭގެ ގުދުރަތީ މުއްސަދިކަމުގެ ބޭނުންކޮށްގެން ވިޔަފާރިކޮށް، މިލިއަނުން، ބިލިޔަނުން އާއްމުދަނީ ލިބޭ ވިޔަފާރިވެރިން ރާއްޖޭގެ ޓޫރިޒަމް ވިޔަފާރީގައި މަދެއް ނޫނެވެ. ރާއްޖޭންބޭރުގައި އެވެރިންގެ އަބިދަރިން އުޅޭ ފެންވަރުން މިކަން އެގޭނެއެވެ. އެންމެ ތިން ލައްކަ މީހުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދައި ނުދެވެންވީ ސަބަބެއް ނެތެމެވެ. ދިވެހި ވިޔަފާރިވެރިން ހިތުން ރުހުމުން ތިޔަވިދާޅުވާ ތަރައްގީގެ މަސްރޫއުތައް ވިޔަފާރި އުސޫލުން ރައްޔިތުންނަށް ހެޔޮއެދިގެން ކުރަން ބޭނުންނަމަ، އެވެރިން މިއަދު ތިބީހީ ޓޫރިޒަމްގެ ގާނޫނު ބުނާގޮތަށް ރިސޯޓުތަކުގެ ހިއްސާ ދިވެހިރައްޔިތުންނަށް ވިއްކައިގެން ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްގެންނެވެ. ނަމަވެސް، އެކަން އެގޮތަށް ވީތޯއެވެ؟ ހަގީގަތް ގަބޫލުކުރައްވާށެވެ!

އޭއް ނަޝީދެވެ. ލިބުނު ވަގުތުގެ ބޭނުން ހެޔޮގޮތުގައި ކުރައްވާށެވެ. ވައުދު ފުއްދައިދިން ވެރިއަކަށް ވެލައްވާށެވެ. މަޖިލީހުގެ އަގުލަބިއްޔަތު ލިބޭކަށް ނެތެވެ. އަދި ދެން އިތުރު ދައުރަކަށް ހޮވޭކަށް ވެސް ނެތެވެ.

Sunday, April 12, 2009

ޢިއްޒަތްތެރި ރައީސެވެ! ބަސްމަގަށް ސަމާލުކަން ދެއްވާށެވެ.

(އެޑިޓަރުންގެ ނޯޓު: މިލިޔުމަކީ ކުރީގެ އިންފޮމޭޝަން މިނިސްޓަރު (ކުއްޓި) ނަޝީދު އޭނާގެ ކެމްޕޭނު ސައިޓުގައި ޖަހާފައިވާ ލިޔުމެކެވެ. މިތަނުގައި އެލިޔުން ނަކަލުކުރުމަށް ގަސްދުކުރީ އެވާހަކަތަކަކީ އަހަރެމެންވެސް ރައީސް ނަޝީދަށް ދަންނަވަންވެފައި އޮތް ވާހަކަތަކަކަށް ވެފައި، އަދި އެއް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ބަޔަކަށްވާތީވެ ރައީސް ނަޝީދަށް ހަދާންކޮށްދިނުމަކީ އަހަރެމެންގެ މައްޗަށް މާއައުލާކަންބޮޑު ކަމަކަށްވާތީވެއެވެ. އަދި މިހިނދު ދިވެހިދައުލަތުގެ ރައީސުލްޖުމްހޫރިއްޔާއަކީ މިދިވެހިދައުލަތުގެ ހައިބަތުކަމާއި އެހައިބަތު ނަގާނުލުމަށް އަދަބުވެރިކަމާއެކު ވަސިއްޔަތްކުރަމެވެ.)

ޢިއްޒަތްތެރި ރައީސެވެ. ރައްޔިތުންގެ މަޖިލީހަށްޓަކައި އެމް.ޑީ.ޕީން ކުރައްވާ ކެމްޕޭން ފެށްޓެވުމުގެ އިފްތިތާޙީ ޖަލްސާގައި، މިދިޔަ ހޮނިހިރުދުވަހުގެ ރޭ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ބޭނުންކުރެއްވި ބައެއް ބަސްބަހާއި ބައެއް ޢިބާރާތް އަޅުގަނޑު އަޑުއެހީ، ހިތްދަތިކަމާއި ހިތްނުތަނަވަސްކަމާއެކުގައެވެ. ދިވެހި މި ޤައުމަށް އުފަން ދިވެހި ދަރިއެއްގެ ހައިސިއްޔަތުން، ނުހަނު ހިތާމަކުރަމުންނެވެ.

މިގޮތަށް، މި ލިޔުން، ޤައުމެއްގެ ރައީސަށް މުޚާޠަބުކުރުމަކީ، އަޅުގަނޑަށް ވަރަށް ދަތިކަމެކެވެ. އަދި އެ ރައީސަކީ، އަޅުގަނޑުވެސް ގާތުންދަންނަ ރަޙްމަތްތެރިއަކަށް ވާކަމީ، މި ލިޔުން ލިޔުމަށް، އިތުރު ހިތްދަތިކަން ލިބުނު ކަމެކެވެ.

މިފަދަ ލިޔުންތައް ލިޔުމަށް އަޅުގަނޑަށް ލިބުނު ގިނަ ފުރުޞަތުތަކެއްގައި، ދިވެހި ޤައުމުގެ ރައްޔިތުންނާ މުޚާޠަބުކުރައްވާއިރު، މަނިކުފާނު މިއަދު ހުންނެވި މަތިވެރި މަގާމުގެ ހައިބަތާއި ޤަދަރާ އެއްފަދައިން، އޯގާތެރިކަމާއި، މަޑުމައިތިރިކަމާއި، އަދަބުވެރިކަމާއި، ރިވެތި ސުލޫކާއި ރިވެތި ބަސްމަގު އިޚްތިޔާރުކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަޅުގަނޑު ވާނީ، ލިޔުންތަކެއް ލިޔެފައެވެ. ބާކީބައި ވިދާޅުވުމަށް

Tuesday, April 7, 2009

ކުށްވެރިންނަށް ވޯޓުލެވުމަކީ މިނިވަނުންނަށް ކުރެވޭ މަލާމާތެއް

ލިޔުނީ އިބްރާހީމް ނައީމް

ޖަލުގެ ބޭނުމަކީ ކުށްވެރިންނަށް އަދަބެއް ދިނުމެވެ. އެއަދަބަކީ މިނިވަނަށް ލިބިފައިވާ އަސާސީ ހައްގުތަކުގެ ތެރެއިން ބަޔެއް އެމީހުންގެ ކިބައިން މަރުހޫމު ކުރުމެވެ. ނުވަތަ ވަގުތީގޮތުން ހިފެހެއްޓުމެވެ. ޖަލުން މިނިވަންވެ އެމީހަކަށް ދެވިފައިވާ މުއްދަތެއް ހަމަވަންދެކަށެވެ. އެކަން ޖަލަށް ލެވޭ މީހުން ގަބޫލުކުރަން ޖެހޭނެއެވެ. މިނިވަނެކޭ އެއް ފަދައިން ހުރިހާ އަސާސީ ހައްގުތަކެއް ލިބި، އާދައިގެ މީހަކަށްވުރެ އަރާމާއި އުފަލުގައި އުޅެވޭ ތަނަކަށް ޖަލުވާނަމަ ޖަލަށް މީހުން ލުމުގެ އެއްވެސް މާނައެއް ނެތެވެ. މިމޭރުމުން، ޕޯލް ސެލޫސީ، އެމެރިކާގެ މަޗަސުސެޓްގެ ކުރީގެ ގަވަނަރު ވިދާޅުވަނީ "އެމީހުން (ޖަލުގައި ތިބޭ ކުށްވެރިން) ޖަލުގައި މުއްދަތު ހަމަކުރަމުން ދާއިރު ވޯޓުލެވިގެން ނުވާނެއެވެ. އެއީ އެކަމާ ބަޔަކު ބަހުސެއް ކުރުމުގެ ބޭނުމެއް އޮތްކަމެއް ނޫނެވެ. ޖަލަކީ އަދަބެއް ލިބުމަށް ދާތަނެކެވެ. ޖަލުގައި ހުންނަ ހުރުމުގައި ވޯޓުލުމުގެ ހައްގު ވަގުތީގޮތުން ހިފެހެއްޓުމަކީ އެއަދަބުގެ ބައެކެވެ."

ކަންމިހެން އޮތްއިރު، ދިވެހިރާއްޖޭގައި ދޭތެރެ ދޭތެރެއިން ޖަލުގައި ރޯކޮށް، މާރާމާރީ ހިންގައި، މަސްތުވާތަކެތި ފާޅުގައި ބޭނުންކޮށް، އެއްޖިންސުން ގުޅުން ހިންގައި، ޖަލު ބަހައްޓަން ތިބިމީހުންނަށް ޖަލު ނުބެލެހެއްޓިގެން އުޅޭއިރު އަހަރެމެން މިއުޅެނީ އެމެރިކާގަޔާއި ހުޅަގުގެ އެހެން ގައުމުތަކުގައި ވެސް އަދިވެސް ބަހުސްކުރެވެމުންދާ މައްސަލައެއް ކަމަށްވާ 'ޖަލުގެ ކުށްވެރިންނަށް ވޯޓުލެވެންޖެހޭތޯ ނުވަތަ ނޫންތޯ' އަށް ގޮތެއް ނިންމާފައެވެ. އަހަރެމެންގެ މޮޔަކަން ނިކަންދެކެބަލާށެވެ. އިންސާނީ ހައްގުގެ ނަމުގައި މިނިވަނުންނަށް ވުރެ ގިނަ ހައްގުތަކެއް ޖަލުގެ ކުށްވެރިންނަށް މިއަދު މިވަނީ ދެވިފައެވެ. އެވެރިން ޖަލުގެ ތެރޭގައި މިނިވަންކަމާއެކު އެކީ އެކިކަހަލަ މަޖާނަގައި، ޓީވީ ބަލައި، ކޮމްޕިޔުޓަރު ކުޅެ، މޫދުން މަސްހިފައި ކައިބޮއިހަދާ، ރައްޓެހި ތިމާގެ މީހުންނާ މޮބައިލު ފޯނުން ވާހަކަދައްކާލައި ހުސްވަގުތުތައް ފުރަމުން، މާފުށީ ރަށުގެ ގިނަ އާއިލާތަކަށް ވެސް ނުލިބޭ ފެންވަރުގެ ނާސްތާ ކާލައިގެން، މިނަރަލް ފެންބޮއިގެން އެއިން ފެންވަރައިގެން އުޅުމަކީ އަދަބަކަށް ވުރެން އިއްޒަތްތެރިންނަށް ދެވޭ ފެންވަރުގެ މެހެމާންދާރީއެކޭ އަހަރެމެން ބުނުން މާރަނގަޅުވާނެއެވެ.

އޭއް އިލެކްސަން ކޮމިސަނުގެ މެމްބަރުންނޭވެ. ކުށްވެރިންނަށް އެމީހުންގެ ޖަލުގެ މުއްދަތު ފުރަމުން ދާ ދިޔުމުގައި ވޯޓުލެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި އެބައޮތް ހެއްޔެވެ؟ ނުވަތަ އެހެން ބުނެ ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށްފައި އެބައޮތްހެއްޔެވެ؟ ނިކަން ދައްކަބަލާށެވެ؟ ގާނޫނަކުން ލިބިދީފައި ނުވާ ބާރެއްގެ ބޭނުންކޮށް، ގާނޫނާ ހިލާފު ކަންތައްތައް ކުރަން ނޫޅޭށެވެ. ޖަލުގެ ކުށްވެރިންނަށް ވޯޓުލާން ފުރުސަތު ދިނުމުގެ ކުރިން އެކަމާގުޅޭ ގާނޫނެއް މަޖިލީހުން ފާސްކުރުވާށެވެ. މީހުން މަރައި، އެތަކެއް ބަޔެއްގެ ހައްގު ފޭރިގަނެ، އުމުރަށް ޖަލަށް ލެވިފައިތިބި ބަޔަކު ގައުމުގެ މުސްތަގުބަލާމެދު ވިސްނައި، އަންނަން އޮތް ޖީލުތަކަށް ނުވަތަ މިނިވަނުންނަށް ލާބަހުރި ގޮތަކަށް ޒިންމާދާރުކަމާއެކީ ވޯޓުލާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ ބަލަ ހަމަހޭގައި ތިބެ، ބުއްދި ފިލާދިޔައީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ، ޖަލުގެ ކުށްވެރިންނަށް ވޯޓުލާން ދިނުމަށްވުރެ ގުރައިދޫގައި ތިބިމީހުންނަށާއި މިގައުމުގެ ކުޑަބޮޑު އެންމެންނަށް ވޯޓުލުމުގެ ހައްގުދިނުން މާއައުލާކަންބޮޑެވެ.

 
Web Statistics