Thursday, March 5, 2009

ނަޝީދުގެ ސަރުކާރުން 700 މިލިއަން ރުފިޔާ ޗާޕްކޮށްފިކަން ފަޅާއަރައިފި

ނަޝީދުގެ ސަރުކާރުން ފުރަތަމަ ތިންމަހުގެ ތެރޭގައި 700 މިލިއަން ރުފިޔާ ޗާޕްކުރިކަން ފަޅާއަރައިފިއެވެ. މިކަމެއް ހިނގީ ކުރީގެ ސަރުކާރުން ފައިސާ ޗާޕްކުރިކަމަށް ތަކުރާރުކޮށް ރައީސް ނަޝީދުގެ ރިޔާސީ ބަޔާނުގައި އިހަކަށް ދުވަހު ވިދާޅުވެފައި ވަނިކޮށް، ރިޔާސީ ބަޔާނަށް މަޖިލީހުން ޖަވާބުދިނުމުގެ މަރުހަލާގައެވެ. މަޖިލީހުގެ ތަޅަމުގައި މިވާހަކަ މަވޯޓާ ޝަރީފު ގޮވުމުން ރައީސްގެ މެމްބަރު އަހުމަދު އާދިލްވަނީ އެކަމަކީ ހިގާފައިވާ ކަމެއްކަން ޔަގީންކޮށްދީފައެވެ. އަދި އެކަމުގެ ޒިންމާ ކުރީގެ ސަރުކާރުގެ ވެރިންގެ ބޮލުގައި އަޅުވާފައެވެ. އާދިލް ވިދާޅުވީ 700 މިލިއަން ރުފިޔާ ޗާޕްކުރަންޖެހުނީ ކުރީގެ ސަރުކާރުން ދައްކަންޖެހޭ 300 މިލިއަން ރުފިޔާގެ ދަރަންޏެއް އޮވެގެން ކަމަށެވެ.

ވެރިކަމާ ހަވާލުވާއިރު ދައުލަތުގެ ހަޒާނާގައި އެންމެ ލާރިއެއް ނެތަސް ފައިސާ ހޯދައިގެން ގައުމުގެ ކަންތައްތައް ރަނގަޅުކޮށްދޭނެ ކަމަށް ވައުދުވި ރައީސް ނަޝީދު އިތުރު 400 މިލިއަން ރުފިޔާ ޗާފުކުރީ ކީއްވެގެންބާވައެވެ؟ މިކަހަލަ ބޮޑެތި ކަންތައްތައް ރައްޔިތުންނަށް ހާމަނުކޮށް ފޮރުވައިގެންތިބެ އެހެން މީހުންގެ ވާހަކަ ދެއްކުމުގެ ބޭނުމަކީ ތިމާމެންގެ ނުކުޅެދުންތެރިކަން ވަންހަނާކުރުންނޫންތޯއެވެ؟ މިއީ މަސައްކަތް ރަނގަޅަށް ނުކުރެވޭމީހާ އޭނާ މަސައްކަތްކުރަން ގެންގުޅޭ ސާމާނު ގޮސްކުރުމާ އެއްފަދަ ކަމެކެވެ. ވެރިކަމުގެ ފުރަތަމަ 3 މަހުގެ ތެރޭގައި 700 މިލިއަން ރުފިޔާ ޗާޕުކުރުމަކީ ރާއްޖޭގެ ތަކެތީގެ އަގުތައް އުފުލި ޑޮލަރު ތާށިވަން ޖެހުނު އެއް ސަބަބެވެ. ނަމަވެސް، އަދި އަދަށްވެސް އިގުތިސާދީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް މިސަރުކާރުން ނާޅާތަނުގައި އުޅެނީ ހޭވައްޓާލައިގެން މަޖިލީހުގެ ގޮޑިކޮޅު ލިބޭތޯއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ޒިންމާދާރު ކުރުމަށްޓަކައި ކަމަށް އެކަށޭނަ، ތައުލީމީ ގާބިލު އާމޫނުތަކެއް މަޖިލީހަށް ހޮވަންޖެހެނީ މިސަބަބުތަކާހުރެއެވެ. ޕާޓީއަށްވުރެ މަޖިލީހުގެ ޒިންމާ އުފެލޭނެ ފަރާތްތަކަށް ބަލައިގެން ވޯޓުދެއްވާށެވެ. ދިވެހިރާއްޖޭގައި މިއަދު މިއޮތް ރިޔާސީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ބޭނުމަކީ ސަރުކާރު ޖަވާބުދާރީކުރުވުމެވެ. އެހެންކަމުން މިސަރުކާރުގެ ބޮޑުންނާއި ޕާޓީމީހުން ލައިގެން ޖެހޭނީ ކުރިންވެސް މައުމޫނުގެ ވެރިކަމުގައި ޖެހުނުތަނުގައި ކަން ހަދުމަކުރާށެވެ. ރިޔާސީ ނިޒާމުގައި ވައުދު ފުއްދުމަށް މަޖިލީހެއް ބޭނުމެއްނުވާނެވެ. އެއީ ބަރުލަމާނީ ނިޒާމުގެ ސިފައެކެވެ. މަޖީލީސް ބޭނުންވެގެން އުޅެނީ ސަރުކާރަށް ފާޑުކިޔާ ފަރާތްތައް ހަނުހިމޭންކުރުވައި، ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ނޫން އެހެންކަމަކު ނޫނެވެ. ރައްޔިތުން މިކަމަށް ހޭލުންތެރިވާށެވެ. ދެވަނަ ފަހަރަށް އެއްތަނެއްގައި "ބޮޑު ކުޅަދުރު" ކަށިޖެހިޔަނުދޭށެވެ.

Wednesday, March 4, 2009

ގާނޫނެއްނެތި ލާމަރުކަޒީ އުސޫލުން ގައުމު ހިންގަން އުޅުމަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފުކަމެއް!

މަރުކަޒީ އުސޫލުން ވެރިކަން ކުރުން ފޭލިވެއްޖެކަން ކުރީގެ ވެރިކަމުގެ 30 އަހަރަށް ބަލާލުމުން ފުދެއެވެ. އަދި ރާއްޖޭގެ ރަށްތައް ތަރައްގީކޮށް، އަސާސީ ހިދުމަތްތައް ފޯރުކޮށްދެވޭނީ ލާމަރުކަޒީ އުސޫލުން ގައުމު ހިންގައިގެން ކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ސަބަބަކީ ލާމަރުކަޒީ އުސޫލުން ގައުމު ހިންގަން ފެށުމުން ރަށްރަށުގައި އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވި، ވިޔަފާރިތައް އިތުރުވެ، އާއްމު ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެއެވެ. ނަމަވެސް، އޭގެ ކުރިން ފުރިހަމަ ކުރަންޖެހޭ ދެކަމެއް އެބައޮތެވެ. އެއީ ދޭދޭ ދެރަށުގެ ދެމެދުގައި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުވުމާއި އާބާދީ އެއްފަސްކުރުމުގެ މައްޗަށް ސަރުކާރުގެ ސިޔާސަތުތައް ފުރޮޅާލައި އެކަމަށް ބާރުއެޅުމެވެ. ފަލްސަފާއަކަށް ވުރެން ބޮޑަށް އަމަލީގޮތުންނެވެ. މިހެން ބުނާއިރުވެސް މިފަދަ ކަމެއް ހަގީގަތަކަށް ހަދަންބަލާއިރު ގިނަގުނަ ގޮންޖެހުންތަކެއް ހުރިކަން ގަބޫލުކުރަންޖެހެއެވެ. އޭގެ ތެރޭގައި ފައިސާގެ ތާށިކަމާއި މީހުންގެ ވިސްނުމާއި ކަމުގެ ތަޖުރިބާނެތުން ހިމެނެއެވެ.

ކަމަކީ ކިތަންމެ ރަނގަޅުކަމެއްކަމުގައި ވިޔަސް ކޮންމެ ކަމެއްވެސް ކުރަންވާނީ އެކަމަކަށް ރަނގަޅަށް ތައްޔާރުވެވި ހަރުދަނާ އުސޫލުތަކެއްގެ މަތިންނެވެ. ގާނޫނަކަށް ބޭނުންވާ ސަބަބަކީ މިއެވެ. އެހެން ނޫނީ ވެރިން ބަދަލުވާ ކޮންމެ ފަހަރަކު ނުވަތަ ވެރިންނަށް ފެންނަ ކޮންމެ ފަހަރަކު ވަކިގޮތަކަށް ކަންތައްތައް ބަދަލުކުރަން އުޅުމަކީ ގައުމުގެ ބަޖެޓަށް ބާރުބޮޑުވެ، އެތަކެއް ބޭކާރު ހަރަދެއް ކުރެވޭނެ ކަމެކެވެ. ވެރިމީހާ ބަދަލުވުމާއެކު ނުވަތަ އައު ދައުރަކަށް އިންތިހާބުވާ ކޮންމެ ފަހަރަކު އައު ސިޔާސީ މަގާމުތައް އުފައްދައި، އައު މުއައްސަސާތައް އުފައްދަންޖެހުމަކީ މީގެ ހެއްކެކެވެ. ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމުކަމުގައިވާ ރިޔާސީ ނިޒާމު ހިންގާ އެމެރިކާއަށް ބަލާލާއިރު ސިޔާސީ މަގާމުތަކާއި މުއައްސަސާތައް އެއީ މަޖިލީހުން ފާސްކުރެވި ކަނޑައެޅިފައި ހުންނަ ކަންތައްތަކެވެ. ވެރިކަން ބަދަލުވުމާއެކު އަންނާނެ ހަމައެކަނި ބަދަލަކީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ބަދަލުވުމެވެ. މިއީ ރައްޔިތުންގެ މަޖިލީހުން ވިސްނާލުން ރަނގަޅުކަމެކެވެ.

ޝިހާބު އިސްތިއުފާދިނުން މާބޮޑަށް ވެސް ލަސްވެއްޖެ!

ގައުމުގެ އާރައީސް ފުރަތަމަ ރިޔާސީ ބަޔާނެއް އިއްވަން ޖެހުނީވެސް އެއްވެސް ގާނޫނީ ހައިސިއްޔަތެއްނެތް މަޖިލީހަކާއެވެ. ޑރ ހަސަނު ބުނިހެން މިމަޖިލީހެކޭ ބޭރުން ގެނެސްފައިތިބި މަޖޫރީނެއްނެކޭ ގާނޫނީ ހައިސިއްޔަތުން ބަލާއިރު މާބޮޑު ތަފާތެއް ނެތެވެ. މިއީ ރައްޔިތުންގެ ކުރިމަތީގައި ރައްޔިތުންގެ މަޖިލީހުގެ ގަދަރުކުޑަވެ، ރައީސުލްޖުމްހޫރިއްޔާގެ އަގު އާއްމުންގެ ކުރިމަތީގައި ވެއްޓިގެން ދިޔަ ކަމެކެވެ. މިހެން ވާން ދިމާވީ އިންތިގާލީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ ދޯދިޔާކަމުންނެވެ. ގާނޫނު އަސާސީގައި ސާފުބަހުން ކަނޑައެޅިގެން ބުނެފައިވާ އެމަޖިލީހުގެ (އިންތިގާލީ މަރުހަލާގެ ރައްޔިތުންގެ މަޖިލީހުގެ) ޒިންމާތައް ރަނގަޅަށް ނޫފުއްލެވުމުން ވެގެން އުޅޭ ގޯސްތަކެކެވެ.

އިންތިގާލީ މަރުހަލާގެ ރައްޔިތުންގެ މަޖިލީހުގެ އެންމެ ބޮޑު ޒިންމާއަކީ އިންތިގާލީ މަރުހަލާގައި ހަދަންޖެހޭ ގާނޫނުތައް ހަދައި އައު ގާނޫނު އަސާސީގެ ދަށުން ދިވެހިރާއްޖޭގެ އާބާދީ ހަމަހަމަ ގޮތެއްގައި ރަމްޒުކޮށްދޭ، ސިޔާސީ ނުފޫޒުން ސަލާމަތްވެފައިވާ ރައްޔިތުންގެ މަޖިލީހެއް އިންތިހާބުކުރުމެވެ. ނަމަވެސް، ބަޔަކު މީހުން މަޖިލީހުގައި ރައްޔިތުންގެ ލާރިން މުސާރަނަގައިގެން ހުސްއަނގަތަޅައި، ޗުއްޓީނަގައި މަޖާކުރަނީ ގާނޫނު އަސާސީއާ ހިލާފުވުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ރައްޔިތުންނަށް ދެއްކުމަށް ނޫން ކޮންކަމަކުބާވައެވެ؟ ވެރިކަން ބަދަލުވެގެން ދިޔައިރު، ވަރަށް މުހިއްމު ގާނޫނުތަކެއް އޮތީ ހަދަންޖެހިފައެވެ. އޭގެ ތެރޭގައި މިހާރާއި ކުރީގެ ރައީސުންގެ އިނާޔަތްތަކާއި އިމްތިޔާޒުތައް ކަނޑައެޅުން ހިމެނެއެވެ. މިފަދަ ގާނޫނެއް މަޖިލީހުގެ މެމްބަރުންގެ ފަރުވާކުޑަކަމުން ނުހެދިއޮތީތީވެ އޭގެ ހުރިހާ ދެރައެއް ލިބެމުން އެދަނީ ރައްޔިތުންނަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރުހުމެއް ބެލުމެއްނެތި، މަޖިލީހުން ތަނެއް ދެއްކުމުގެ ކުރިން މިހާރުގެ ރައީސް ނަޝީދު އެއޮތީ އަމިއްލައަށް ރިޔާސީ ގަނޑުވަރެއް ހަދާފައެވެ. ކުރީގެ ރައީސް އެގެންދަވަނީ އެބޭފުޅާއަށް ފެންނަގޮތަށް "ކުރީގެ ރައީސްގެ ގަނޑުވަރާއި އޮފީސް" ހިންގަވަމުންނެވެ. ކުރީގެ ރައީސްގެ އޮފީހޭ ބުނަންޖެހުނީ ދައުލަތުގެ ފައިސާއިން މުވައްޒަފުންނަށް މުސާރަދީ، ދައުލަތުގެ ހައިބަތާއި ގަދަރު ރަމްޒުކޮށްދޭ ދައުލަތުގެ ނިޝާންފަދަ ތަކެތި ބޭނުންކުރާތީވެއެވެ. ދެން، ރައްޔިތުންގެ މަޖިލީހުން އެބައިމީހުންގެ ވާޖިބު އަދާކުރެވުނީ ކިހާވަރަކަށްތޯ ވިސްނާލައްވާށެވެ. މަޖިލީހުގެ ރައީސް އިންނެވީ އަވަހާރަފުޅު ލެއްޕިފައިތޯއެވެ؟ މިހާރު ހަދާނަށް އަންނަނީ 10 އަހަރު ވަންދެން ގިނަ ދުވަސްތަކެއްވީ ނަމަވެސް ކުރިއެރުމެއްލިބިފައި ނެތް ޕޯސްޓު އޮފީހުގެ ހުންގާނުގައި ޝިހާބު ހުންނެވި ދުވަސްތަކުގެ ހަދާންތަކެވެ.

Tuesday, March 3, 2009

ނަޝީދުގެ ސަރުކާރު ޒިންމާދާރުކުރުވަންޖެހިފައި

މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވީ ލައްކަގިނަ ވައުދުތަކެއް ރައްޔިތުންގެ ކުރިމަތީގައިވެފައެވެ. އޭގެ ތެރޭގައި ތަކެތީގެ އަގުތިރިކޮށްދޭނެކަމަށާއި، މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކޮށްދޭނެކަމަށާއި، ކަންމަތީ ފިހާރަތަކުގެ ދަރަނި ކަނޑައިލަދޭނެކަމަށާއި، ސަރުކާރުގެ ހަރަދު ކުޑަކޮށް ބާކީކުރެވޭ އެއްޗަކުން ގައުމުގެ ދަރަނި ކުޑަކޮށްދީ ރައްޔިތުން ފުއްދުންތެރިކޮށްދޭނެކަމަށާއި، ކުޑަ ހަރަދަކުން ބޯހިޔާވަހިކަން ހޯދޭނެ މަގުކޮށައިދޭނެކަމަށާއި، ހެޔޮވެރިކަމެއް ރާއްޖޭގައި ގާއިމުކޮށްދޭނެކަމަށާއި، ހެޔޮއަގުގައި ބޭސްފަރުވާގެ ހިދުމަތް ހޯދައިދޭނެކަމަށާއި، މިގޮތަށް ގޮސް ދުލުގެ ކުރިން ކިޔޭނެހައި ހުރިހާ ރަނގަޅުކަމެއް ވެރިކަން ލިބިއްޖެނަމަ ކޮށްދޭނެކަމަށް ގޮވާހެދިއެވެ. ނަމަވެސް، މިހާރު އޭގެ ތެރެއިން ބަޔެއް ކަންތައްތައް ހަދާންނެތި އަނެއްބައި ކަންތައްތައް ފަލްސަފާއަކަށް އެކަނިވެ ނިމިއްޖެއެވެ.

ކުޑަކުއްޖެއްގާތު މިވަނި އެއްޗެއް ގަނެދޭނަމޭ ބުނެ ނުގަނެދީފިޔާމު އެވެސް ވާނީ ދޮގަކަށޭ ބުނެއުޅެއެވެ. ނަމަވެސް، ވެރިކަމަށް ކެމްޕޭނުކުރި ދުވަސްވަރު "ތިމަން ވެރިކަމެއް ބޭނުމެއްނޫނޭ.. ބޭނުންވަނީ ވެރިކަން ބަދަލުކުރާށޭ.. ވެރިކަން ލިބުނަސް ދައުރުގެ މެދުތެރެއިން ރިޔާސީ އިންތިހާބެއް ބާއްވާނަމޭ.. މިއީ މިނިވަން އިންތިހާބެއް ނޫނޭ.." ގޮވާއުޅުނު ހަދާނެއް މިހާރުނެތެވެ. އެވީ ފަލްސަފާ އަކަށެވެ. ފަލްސަފާވެރިންނަށް ވެސް ނޭގޭ ޒާތުގެ ފަލްސަފާއަކަށެވެ. ފަލްސަފާއަކީ އަނެއްކާ ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލުމަށް ކިޔާ އެހެން ނަމެއްބާވައެވެ؟ ރައީސް ނަޝީދުގެ "ބޮޑު ފަލްސަފާ" ބާއްވާފައި ދެންހުރި ވައުދުތަކަށް ބަލާލާއިރު މިފާއިތުވެދިޔަ 3 މަސްދުވަހުގެ ތެރޭގައި އެއިން ވައުދެއް ފުއްދޭތޯ މަސައްކަތްކުރާތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި ތިމާގެ އަމަލުތައް ހުރީ އެވައުދުތަކާ ދިމާއިދިކޮޅަށެވެ.

މިހާރު ސަރުކާރު މިސްރާބު ހުރިގޮތުން ދާން އަޒުމު ކަނޑައަޅައިގެން ތިބި "އަނެއްރާއްޖެ" ފެންނާނެ ކަމާމެދު ޝައްކުވެފައިތިބި ހިނދު، ކަންތައްތައް ހެޔޮމަގަށް އެޅުވެން އޮތީ އަނެއްކާވެސް ސަރުކާރު ޒިންމާދާރުކުރުވަން ރައްޔިތުން ތެދުވެގެންނެވެ. ރައީސް ނަޝީދު ވެފައިވާ ވައުދުތަކުގެ މަތިން ހަދާންކޮށްދީ، ސަރުކާރުން ކުރާ ބޭކާރު ހަރަދުތަކާއި ތާކުންތާކު ނުޖެހޭ ކަންތައްތަކުގެ ވާހަކަތަކާމެދު ވަޒީރުންނާ ސުވާލުކޮށް ސަރުކާރު ޖަވާބުދާރީކުރުވައިގެންނެވެ. އެމްއެމްއޭ އިން ދަރަންޏަށް ލާރި ނަގައިގެން ކަމާނުބެހޭ އެތައްބަޔަކު ގޮވައިގެން، ދިވެހިން ދަރަނިވެރިކޮށްފައި، ދުނިޔެވަށާ ބުރުޖަހާއިރު ކަންތައްތައް ރަނގަޅުކުރަން އިތުރު ވަގުތުބޭނުމޭ ބުނުމަކީ ރައްޔިތުން ވާވެއްދުމެވެ. 3 މަހުން ފަށައިނުގަނެވުނު ބަދަލެއް 5 އަހަރުން ވެސް ގެނެވިދާނެބާވައެވެ؟ އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވާއިރު ވިސްނަންވީ ސަރުކާރު ޒިންމާދާރުކުރެވޭނެ ފަދަ ބަޔަކު އިންތިހާބުކުރުމަށެވެ.

Sunday, March 1, 2009

ވަޢުދު ފުއްދަން މަޖްލިސް ބޭނުންވުން ފުރަތަމަ ވަޢުދާ ޚިލާފުވުން

ލިޔުނީ :އަހުމަދު ފައިސަލް، މަނަދޫ ލައިވް

އިއްޔެ ދުވަހު ވެރިކަމުގަ ތިބި ބަޔަކު ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ހިފައިގެން ކެމްޕޭންކުރާތީ އެކަމާ ދެކޮޅަށް އަޑުއުފުލީ ޚުދު އަޅުގަނޑުމެންނެވެ. އެހެނަސް އޮޅުމަކުން ބަންޑާރަ މަގަށް ނިކުމެ އުޅެނިކޮން ދޮންވެގެން ގަހުންވެއްޓުނު ބަނބުކޭލެއްގެ މިސާލުގަ އަޅުގަނޑުމެންގެ އަތައް ވެރިކަން ލިބުނު ހަމައިން މީގެ ކުރިން ދެއްކި ހުރިހާ ވާހަކައެއް ނުހަނު ފަސޭހައިން ހަނދާން ނެތިގެން ހިނގައްޖެއެވެ. މިކަމުގެ ސާފު ހެކިތައް އިއްޔެ ދުވަހު ނ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން އެހެރީ ފެންނާށެވެ. އެހެނެއްކަމަކު ފެންނަލޮލަށް ފެންނަކަމަށް ޤަބޫލުކުރެވޭނީ އިންސާފު ޤަބޫލުކުރުމުގެ ހިތްވަރު ހުރި ފަރާތްތަކަށް އެކަންޏެވެ. ހަމައެކަނި އެންމެ ނުކުތާ އަކަށް އިންސާފުކޮށްލަށްވާށެވެ.

ހެޔޮވެރިކަމުގެ ނިޒާމު ޤާއިމު ކޮށްދިނުމަކީ މިއަދުގެ ސަރުކާރުން ވެފައިވާ އެއްވަޢުދެވެ. ވެރިކަމަށް އައިތާ މެއްސެއްގެ އުމުރު ހަމަނުވަނީސް މި ވަޢުދުގެ މަތިން ހަނދާންނެތިފައިވާ މިންވަރު އެނަލިސިސްގެ މަތީގައި ތިބާއިންނާއި ހަމަޔަށް ގެނެސްދިނުމަށް އަހުރެން މަސައްކަތް ކުރާނަމެވެ.

ދުނިގެ ބަލައިގަނެފައިވާ ގޫޑް ގަވަނަންސް ނުވަތަ ހެޔޮ ވެރިކަމުގެ ނިޒާމްގަ ހިމެނެނީ މައިގަނޑު 5 އަސާސެކެވެ. މި އަސާސްތަކުގެމަތިން ބަލާއިރު މިއަދުގެ ސަރުކާރުން ހެޔޮވެރިކަމުގެ ނިޒާމެއް ޤާއިމުކޮށްދިނުމަށް ވެވިފައިވާ ވަޢުދު ފުއްދުމަށްއެދި ކުރެވިފައިވަނީ ކިހާ މިންވަރެއްގެ މަސައްކަތެއްތޯ ސުވާލު ކުރަށްވާށެވެ. ބާކީބައި ވިދާޅުވުމަށް

Thursday, February 26, 2009

What happened to the Himeyn Ingilaab?

Many of us have been asking what happened to the famous website Himeyn Ingilaab, which played a considerable role in brining down the 30 year old authoritarian rule. It is not easy to answer to that question as our investigations are still underway. However, we wish to share with the readers as to some observations and theories we have of today.

1. Himeyn Ingilaab disappeared just a few weeks after Bushry, a self-claimed advisor to Anni, labled it as Silent Conspiracy. Henceforth, there appeared a barrage of criticisms of the website Himeyn Ingilaabu on the net by hard core mdp activists. It is also likely that the account detail of the website hosted at wordpress.com had been compromised by a hardcore mdp hacker.

2. Its editorial board has been linked to some Maldivian intellectuals based in the UK. Some denied while others remained silent. Perhaps, their true identities have been compromised to the extent that they decided take a break for a while. However, our intelligence points that it would re-emerge in one form or another before the upcoming parliament election.

Wednesday, February 25, 2009

ނައިބްރައީސްގެ ދަތުރުފުޅަށް އެމްއެމްއޭއިން އެއްލައްކަ ޑޮލަރު ނަގާފައިވާކަމަށް ތުހުމަތުކޮށް، އެކަމުގެ ތަފްސީލު ހޯދުމަށް އެދިއްޖެ

އިބްރާހިމް ވަހީދް (އަސްވާޑް)، ހާމަ ނޫސް

ނާއިބުރައީސް ޑރ.މުޙަންމަދު ވަޙީދު ޙަސަން މަނިކު، އިނގިރޭސިވިލާތަށާއި، ޖެނީވާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ކޮބައިކަމާއި، އެދަތުރުފުޅުގައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ފަރާތްތަކާއި، އެފަރާތްތަކާ ބައްދަލުކުރައްވާ ބޭނުން ހޯދުމަށް ދިވެހި ޤައުމީ ޕާޓީން ރައީސް ނަޝީދަށް ސިޓީއެއް ފޮނުވައިފިއެވެ. ގައުމީ ޕާޓީން ރައީސް ނަޝީދަށް ފޮނުވި ސިޓީގައި ސޮއިކުރައްވާފައިވަނީ އެޕާޓީގެ އަމީން އާއްމު އަބްދުއަމީނެވެ.

އެސިޓީގައި، ނާއިބު ރައީސްގެ ދަތުރުފުޅުގެ ޚަރަދެއްގެގޮތުގައި އެއްލައްކަ ޑޮލަރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނަންގަވާފައިވާކަމަށް އެޕާޓީއަށް މައުލޫމާތު ލިބިފައިވާތީ، ދައުލަތުގެ ބަޖެޓުން ޚަރަދުކުރެއްވުމަށް ހަމަޖައްސަވާފައިވާ ފައިސާގެ ތަފްޞީލަށް އެދިފަވެއެވެ.

އަދި އިނގިރޭސިވިލާތުގައި ހުންނަ ހައިކޮމިޝަނަކީ ދިވެހި ސަރުކާރުގެ (ނާއިބް ރައީސް ފެންވަރުގެ) އިސްވެރިން ތިއްބެވުމަށް އެކަށީގެންވާ ތަނަކަށްވެފައި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައިވެސް އެކަމަޑޭޝަންގެގޮތުގައި ހައިކޮމިޝަން ބޭނުންކުރައްވާފައިވާއިރު، ނާއިބު ރައީސް އެތަނުގައި މަޑުނުކުރައްވާ އިނގިރޭސިވިލާތްފަދަ ގައުމެއްގެ އަގުބޮޑު ހޮޓަލެއްގައި މަޑުކުރެއްވުމުގެ ބޭނުންފުޅަކީ ކޮބައިތޯވެސް މިސިޓީގައި އޮޅުންފިލުވުމަށް އެދިފައިވެއެވެ. ބާކީބައި ވިދާޅުވުމަށް

 
Web Statistics