Showing posts with label ޖަމީލު، ދިވެހި، ޓެކްނޮލޮޖީ. Show all posts
Showing posts with label ޖަމީލު، ދިވެހި، ޓެކްނޮލޮޖީ. Show all posts

Friday, November 21, 2008

ސަރުކާރުގެ ރޭވުންތަކާއި ސިޔާސަތު ރައްޔިތުންނާ ހިއްސާކުރުން

ދާދިފަހުން މިނިސްޓަރ އޮފް ސިވިލްއެވިއޭސަން އެންޑު ކޮމިޔުނިކޭސަންގެ މަގާމަށް އިސްކުރެވުނު ޑރ. ޖަމީލު ފާހަގަކުރެވިފައިވަނީ މީޑިޔާ އާއި ރައްޓެހި، ކަންކަން ކުރުމުގެ ކުރިން އެބޭފުޅާ ގެންގުޅުއްވާ ރޭވުންތައް މީޑިޔާއަށް ހާމަކުރުމަށް އަވަސްވެ ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ. ކޮންމެ މީހަކީވެސް ތަފާތު މީހެއްކަމާއި އެކަން އަހަރެމެން ބަލައިގަންނަންވާނެއެވެ. މިގޮތަށް އަމަލުކުރުމުން އެކަމަކާމެދު ރައްޔިތުން ވިސްނާ ހިޔާލުހުށައެޅުމުގެ ފުރުސަތު މީޑިޔާގެ ޒަރިއްޔާއިންނާއި އެނޫން ގޮތްގޮތުން ލިބުމަކީ އަހަރެމެން ރައްޔިތުންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތުތަކެކެވެ. އެހެންކަމުން މިކަމަށް ޝުކުރުވެރިވެ މަރުހަބާކިޔަމެވެ.

އެންމެފަހުން އަޑުއިވިގެން މިދިޔައީ މާލޭ ވައިގެ ބަދަރު ޒަމާނީކުރައްވާނެ ވާހަކަ އާއި އައި.ޓީ.ސީ (އިންފަމޯޝަން، ޓެކްނޮލޮޖީ އެންޑް ކޮމިޔުކޭޝަން) އާއި ބެހޭ ގާނޫނުތަކެއް އެކުލައްވާލައްވާނެ ވާހަކަތަކެކެވެ. ވަރަށް ރަނގަޅު ވާހަކަފުޅުތަކެކެވެ. ނަމަވެސް އުފެދޭ ސުވާލަކީ ކަންތައްތައް ރަނގަޅު ނުވެގެން މިއުޅެނީ ގާނޫނުތަކެއް ނެތީމަ އެކަނިތޯއެވެ؟ ގާނޫނުތަކެއްވެސް ހެދީމަ ހެދިދާނެއެވެ. އެކަމަކު ދެން އެދާއިރާގައި ކުރަންހުރީ ކޮން ކަންތައްތަކެއްތޯ ބަލަންއެބަޖެހެއެވެ. ގާނޫނުތަކަކުން ހުރިހާ ކަންކަމެއް ހާސިލެއްނުކުރެވޭނެ ކަން ދަންނަންޖެހެއެވެ. އެހެންނަމަ ގާޒީންނާއި ވަކީލުން ކޯޓުފަޓުލޫނު ލުމުން ކޯޓުތަކުގެ ހައިބަތު އުފުލުނީހެވެ! އޭގެ ބަދަލުގައި މީހުންގެ ވިސްނުމާއި ކަންކުރަމުން އަންނަ އުސޫލުތައް (ކަލްޗަރ) ހެޔޮބަދަލަކަށް ބަދަލުވާންޖެހެއެވެ.

މިގޮތުން އަހަރެމެންގެ ޅަދަރިން އިންޓަނެޓުގެ ނޭދެވޭ އަސަރުތަކުން ރައްކާކުރެވޭނެ ގޮތްތަކެއް ހޯދަންމިއޮތީޖެހިފައެވެ. އަދި ކޮމްޕިޔުޓަ ޓެކުނޮލޮޖީ ފަދަ ވަސީލަތްތަކަކީ ހަމައެކަނި ކުޅިވަރާ މަޖަލަށް ބޭނުންކުރާ އެއްޗެއްގެ ބަދަލުގައި ފައިދާކުރަނިވި ބޭނުންތެރި ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމުގެ މައްޗަށް އަދުގެ ދަރިން ހޭލުންތެރިކުރުވަންޖެހެއެވެ. އެކަމަށް ހިތްވަރު ދޭންޖެހެއެވެ. އުގެނުމާއި ކިޔަވައިދިނުގެ ވަސީލަތެއްގެ ގޮތުގައި ޓެކްނޮލޮޖީ ބޭނުންކުރެވޭނެ މަގުތައް ފަހިކޮށްދީ، ދައްކައިދެންޖެހެއެވެ. ދިވެހިބަހަކީ އަމިއްލަވަންތަ ބަހަކަށްވީއިރު އެބަހުން އުފައްދާ އުގެނުމާބެހޭ ވަސީލަތްތައް އިތުރުކުރެވޭތޯ ބަލަންޖެހެއެވެ. މިކަމުގައި އާއްމުންގެ އެއްބާރުން ހޯދައި، ވަކިވަކި ފަރުދުންނާއި ޖަމާއަތްތަކުން މިދާއިރާގައި ކުރާ މަސައްކަތްތައް ފާހަގަކޮށް ހިތްވަރުދޭންޖެހެއެވެ.

 
Web Statistics