Saturday, July 31, 2010

ޒުވާނަކު މަރާލައިފި - ފުރޮޒިކިޔުޓަ ޖެނެރަލް ޒިންމާނަގަންޖެހޭނެ





ރޭއިރާކޮޅު 6 މީހަކަށް ހަމަލާދީ، އެކަކު މަރާލައިފިއެވެ. އެކަމެއް ހިނގީ ޒުވާނުންގެ މަރުކަޒާ އިންވެގެން އޮންނަ ދަނޑާކައިރީގައެވެ. މިފަހަރު މިހަމަލާ ހިންގި މީހުންނަކީ މިފަދަ މާރާމާރީއެއްގެ މައްސަލާގައި ތަހުގީގުކުރެވި، އެމީހުންގެ މައްސަލަ ޕޮރޮޒިކިޔުޓަ ޖެނެރަލްގެ އޮފީހަށް ހުށައެޅިފައި ތިބި ބަޔެކެވެ. ބޮޑު މުސާރަ ނަންގަވާ އަހުމަދު މުއިއްޒު ކޮބާތޯއެވެ؟ މައްސަލަތައް ފުނިޖެހި، ސަރީއަތަށް ހުށަނޭޅި، އެއްބަޔަކު މަރުވެ، އަނެއްބަޔެއްގެ ހައްގު ގެއްލިދާއިރުވެސް،މުސާރަ ބަރާބަރަށް ނަންގަވަމުހެއްޔެވެ؟

މިއީ މިފަދަ އެއްމެ މައްސަލައެއް ނޫނެވެ. މީގެ އެތަކެއް ކަމެއް ހިނގާފިއެވެ. އަދިވެސް، ހުސެން ސަމީމާއި އަހުމަދު މުއިއްޒުމެން ތިޔަ މަސައްކަތްކުރެވޭނެ ބަޔަކަށް ފުރުސަތުދިނުމަށްޓަކައި ގެއަށް ވަޑައިގަންނަވާކަށްނުވޭހެއްޔެވެ؟ ޕީޖީ އޮފީހުގައިވެސް ވެބުސައިޓެއް ހުރެޔޯލައެވެ. އެއްވެސް މައުލޫމާތެއް އެއިން އާއްމުންނަށް ނުލިބޭ، އާއްމުންނަށް އެއްވެސް ގޮތަކުން ބޭނުމެއް ނުހިފޭ، ކޮންމެވެސް ބަޔަކަށް ލާރިގަނޑެއް ދޭން ކޮންފައި ހުރިކަމެއްކަމަށް ފެނެއެވެ. ދެތިން ޕީޑީއެފް ނޫނީ ނެތެވެ.

މިހާދިސާއާ ގުޅޭ އިތުރު ހަބަރު ހަވީރު ނޫހުން


Saturday, July 24, 2010

!އާނިޔާ އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް


ދާދިފަހުން ރައީސް ނަސީދުވަނީ ހިއުމަންރައިޓްސް ކޮމިސަނަށް ހޮވަން ފެންނަ މީހުންގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. އޭގެ ތެރޭގައި ހިމެނޭ އެކަކީ ރައީސް ނަސީދާއި އާއިލީގޮތުން ގުޅުންހުރި އައިސަތު އާނިޔާއެވެ. ދެބެންގެ ދެދަރި ކަންނޭގެއެވެ. މީނާ މިކަމަށް ކުފޫ ހަމަވަނީ އިސްލާމުދީނަށް ފުރައްސާރަކޮށް މިނިވަން ނޫހުގައި ދިވެހިބަހުން ލިޔެ، އޭގެ ފަހުންވެސް މިނިވަން ނިއުސްގައި އިގިރޭސިބަހުން ލިޔަމުން އަންނާތީތޯ ސުވާލުއުފެދެއެވެ. މީނާއަކީ މުސްލިމު އަންހެނުން ބުރުގާ އެޅުމާ ކަނޑައެޅިގެން ދެކޮޅުހަދާ، އެކަމަށް ފާޅުގައި ގޮވާލަމުން އަންނަ އިލްމާނީ ވިސްނުމުގެ އަންހެނެއްކަން އޭނާ ދަންނަ ކޮންމެ މީހަކުމެ ދަންނާނެއެވެ. އޭގެ ތެރޭގައި ރައީސް ނަސީދުވެސް ހިމެނޭނެކަން ކަށަވަރެވެ.

މިފަދަ މީހަކު އެކޮމިސަނުގައި ހިމެނުމުންވާނެ ގޮތަކީ، 1. ދިވެހި މުސްލިމު އަންހެނުންގެ ތެރެއިން ބުރުގާ އަޅައިގެން ތިބިމީހުން ބުރުގާ ބޭލުމަށްޓަކައި އިންސާނީ ހައްގުގެ ނަމުގައި ކޮމިސަން މެދުވެރިކޮށް މަސައްކަތްކުރުމާއި، 2. ބުރުގާ އެޅުމުގެ ސަބަބުން ރާއްޖޭގެ ދިވެހި އަންހެނުންގެ އިންސާނީ ހައްގު ގެއްލިފައިވާކަމަށް ކޮމިސަނުގެ ނަމުގައި ބޭރު ފަރާތްތަކަށް އަމާޒުކޮށް ރިޕޯޓުނެރެގެން، ސަރުކާރަށް ފާޑުފާޑުގެ ޕުރެސަރުކުރުވުމާއި 3. އަގީދާ ބަލިކަށިވުމުގެ ސަބަބުން މުރުތައްދުވާ މީހުންގެ ހިމާޔަތުގައި ކޮމިސަނުން ތެދުވުމާއި 4. އެމީހުންގެ މުރުތައްދުކަމުގައި ހައްދުފަހަނައަޅައިދިޔުމަށް ކޮމިސަނުގެ ނަމުގައި ހިތްވަރުދިނުމާއެކު އެކަމަކަށް މަގުފަހިކޮށްދިނުމާއި 4. ކޮމިސަނާއި ދީނީ ޖަމުއްޔާތަކާ ޖެއްސުމާއި، މިހެންގޮސް މިހާރު ނުވެހުރި ހުރިހާ ކަމެއް ކުރާނެއެވެ.

އޭގެ ސާފު ހެއްކަކީ މިހާރުވެސް މީނާއަކީ ފޭސްބުކުގެ އިތުރުން ބުލޮގެއްގައި "ރެހެންދި" ގުރޫޕެއް ހަދައިގެން، ތިމާ އަމިއްލައަށް ފޮރުވިގެން، އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ނަމުގައި ދީނަށް ފުރައްސާރަކުރަމުން އުޅޭ އަންހެނެކެވެ. ރެހެންދި ގުރޫޕުގެ މޭސްތިރިންނަކީ މީނާގެ އިތުރުން ވެލެޒިނީ އާއި ސޫސަން އިބުރާހިމް ފުޅެވެ. ރެހެންދީ ގުރޫޕުގެ ވާގިވެރިންނަކީ ބުރުގާ ދެކެ ނަފުރަތުކުރާ އަންހެނުންނާއި، އެއް ޖިންސުގެ ގުޅުމަށް އިއްވަރުދޭ ފިރިހެނުންނާއި، ދީނުންބޭރުވެފައި ތިބި ފާސިގުންނެވެ.

ރެހެންދި ގުރޫޕުގެ ތައާރަފުގައި ތިމަންމެންނަކީ ގުރުއާނާއި ސުންނަތާ ދެކޮޅުވެރިބަޔެއް ނޫނޭ ލިޔެގެން އުޅެނީ ދިވެހި މުސްލިމުން މިމީހުންގެ ތެރެއަށް ގެނެސްގެން އެމީހުންވެސް މަގުފުރެއްދޭތޯއެވެ. އެމީހުންގެ ބުލޮގު ބަލާލުމުން ބުރުގާއާ ދެކޮޅު ވަރަށް ގިނަ ލިޔުންތައް ފެންނާނެއެވެ. އަދި ބުރުގާއަކީ ކޮންމެހެން އަޅަންޖެހޭ އެއްޗެއްނޫނޭ ބުނެ މީހުންނަށް ވިސްނައިދިނުމަށް، ތިމާމެންނަކީ ދީންވެރި އަންހެނުންނޭ ބުނެ އެހެން މީހުން މަގުފުރައްދަން ލިޔެފައި ހުންނަ ލިޔުންތައް ހުންނާނެއެވެ. އެމީހުންނަށް ނޭގޭ ކަމަކީ ދީންވެރި އަންހެނުން ތިބޭނީ ރަސޫލާގެ އަބިކަބަލުންނާއި ދަރިކަބަލުން ފަދައިން ބުރުގާއިން ބޮލާއި ކަރުވަޅުތައް ނިވާކޮށްގެންކަމެވެ. ނަސާރާދީނުގައި އަޅުވެރި އަންހެނުން (ނަނުން) ތިބެނީވެސް އެހެންނޫންހެއްޔެވެ؟ އިސްލާމުދީނުގައި ހިލާފު އުފެދޭ މައްސަލައަކީ މޫނު ބުރުގަލެވެ. ނޫނީ ނިގާބެވެ. ބުރުގާ އެޅުމަކީ ގުރުއާނާއި ސުންނަތުގެ ނަސްލުން ވަރަށް ސާފު މައްސަލައެކެވެ.

Sunday, July 18, 2010

ޔާމީނު ބަތަލަކަށް ހަދަން ރައީސް ނަސީދު މަސައްކަތްކުރުން: އެއްވަނަ ބައި



ޔާމީނަކީ ކުރިން އަބުދުއްލާ ޔާމީނެވެ. ފަހުން، ރައީސްކަމަށް ފައިނަގަންވެގެން، ތިމާގެ ނަން އަމިއްލައަށް ބަދަލުކުރީ ޔާމީން އަބްދުލްގައްޔޫމަށެވެ. ކުރީގެ ރައީސް މައުމޫނުގެ ނަމާ އެއްގޮތްކޮށް، ރައްޔިތުންގެ ރުހުން ލިބޭތޯއެވެ. ނޫނީ މައުމޫނު ފަދަ ސަހުސިއްޔަތަކަށްވެވޭތޯއެވެ. އިއްލަބޭ ވެރިކަމަށް އަންނަންވެގެން ސިހުރުހެދި ހިސާބުންފެށިގެން، މައުމޫނު އެންމެ ބޮޑަށް އިތުބާރުކުރާ މީހަކަށް ޔާމީނުވިއެވެ. އޭގެ ކުރިން ޔާމީނަކީ މީހަކު ދަންނަމީހެއްނޫނެވެ. އިއްލަބޭ އެހެލާފައި ހުރި ދުވަސްވަރުގައި ޔާމީނަށް ވަޒީރުކަމާއި ސަރުކާރުގެ އެތަކެއް ކުންފުނީގެ ޗެއާމަންކަން ދިނެވެ. އޭގެ ތެރޭގައި އެސްޓީއޯ، ސުޓެލްކޯ، މިފްކޯ ހިމެނެއެވެ. ޓުރޭޑް ނުވަތަ ވިޔާފާރީގެ މިނިސްޓަރުކަން ކޮއްފައިވެއެވެ. އެއްވެސް ތަނެއް، ތަރައްގީވެ، ކުރިއަރާފައެއް ނުވެއެވެ.

ވީހާވެސްކަމަކީ ތިމާއާ ގާތް ރައްޓެހި ރަހުމަތްތެރިން މުއްސަދިވީއެވެ. އޭގެ ތެރޭގައި ސަންޓުރެވަލް ސިޔާމު، ލޮލީ ޖާބިރު، ޖައުސާ ޖައުފަރު، ޖަންގިޔާ ނާޒިމުފަދަ މީހުން ހިމެނެއެވެ.

ސިޔާސީ އޮއިވަރުގެ ތެރޭގައި ލޮލީ ޖާބިރުއަކީ ތޮށި ބަދަލުކުރަމުން ދުވާ ފިނިހަކައެކެވެ. ފުރަތަމަ، ޔާމީނާއެކު ޑިއާރުޕީ އުފައްދައި ހިންގީއެވެ. ދެން، މައުމޫނު ބިޔާދޫ ރިސޯޓު ޖާބިރަށް ނުދީދާނެހެން ހީވީމާ، ޑީއާރުޕީ ދޫކޮށް، ޔާމީނާއެކު ޕީޕަލް އެލަޔަންސް ޕާޓީހެދީއެވެ. އެއަށްފަހު، ބުރުމާ ގާސިމު ވެރިކަމަށް ފައިނަގައި، ރައްޔިތުންނަށްވީ އިހުސާސްތެރިކަމުގެ ލޯބީގައި ވެރިކަމަށް ހޮވައިދާނެހެން ހީވީމާ، ބުރުމާ ގާސިމުގެ ޕާޓީ ޖުމުހުރީ ޕާޓީއާ ގުޅުނީއެވެ. ދެން، އަންނި ވެރިކަމަށް އައިސް، ރައްޔިތުންގެ ޓޫރިޒަމް ކުންފުންޏާ މައްސަލަޖެހި އޭގެން ސަލާމަތް ނުވެވުނީމާ، އެމްޑީޕީއަށްވަދެ ސަރުކާރުގެ ތެރެއިން އެމައްސަލައަށް ހައްލެއް ހޯދީއެވެ. އަދި މިފްކޯ ތިޖޫރިން ހޯދި ވަގު ޑޮލަރު މައްސަލައަށް ފަސްއެޅީއެވެ.

މައުމޫނުގެ ވެރިކަން ނިމި، ޔާމީނަށް ވެރިކަމަށް އާދެވިދާނެކަމަށް ހީނުވާތީވެ، ސަންޓުރެވަލް ސިޔާމު ބެލީ ޑިއާރުޕީގެ ނައިބު ޒައީމުކަމުން އިސްތިއުފާދީ، އެއްވެސް ޕާޓީއަކަށް ނުވަދެ، ކޮޅުމަތި ބަލަން ހުންނާށެވެ. ގާނޫނު އަސާސީ އިސްލާހުކުރި ދުވަސްވަރު، މަޖިލީހުގެ ހާޒިރީއިން ފަހަތުން އެއްވަނައަށް ހޮވިފައިވަނީ މިސިޔާމެވެ. މެމްބަރަކަށްވެހުރެ، މަޖިލީހުގެ ޖަލުސާތަކަށް ނުގޮސް، އަމިއްލަ ވިޔަފާރިއާއި އުފަލާ އަރާމު ދަތުރުތަކުގައި ރާއްޖޭން ބޭރުގައި އުދުހި، ރައްޔިތުންގެ ހައްގަށް ހަރާންކޯރުވެފައިވެއެވެ. ނަމަވެސް، އަނެއްކާވެސް ތިމާގެ ލަދުހަޔާތުގެ ކަންފުޅެއް ނުހުންނަކަމުން، އަނެއްކާވެސް ދާލު އަތޮޅަށް ކުރިމަތިލީއެވެ. ދާލު އަތޮޅުގައި މީނާގެ ރިސޯޓެއް އޮންނަކަމުން، މާއްދިއްޔަތުގެ ދަޅަ އެއަތޮޅު ރައްޔިތުންނަށް ދައްކުވައި ދާލު އަތޮޅުގެ ގޮނޑިއަށް އަނެއްކާވެސް ސަވާރުވީއެވެ. ރިސޯޓު އޮންނަ އަތޮޅުތަކުގެ ރައްޔިތުންނަކީ އެރިސޯޓުތަކުގެ ވެރިންގެ އަޅުންފަދަ ބަޔެކެވެ. މިކަމަކީ ލާމަރުކާޒީ ބިލު ހަދަމުންދާ ދުވަސްވަރު ވިސްނަންޖެހޭ ވަރަށް ނާޒުކު މައްސަލައެކެވެ. މަޖީލިހު މެމްބަރަކަށްވާން ސިޔާމު ބޭނުންވަނީ މަޖީލީހު މެމްބަރުންނަށް ލިބޭ އިނާޔާތްތަކާއި އިމްތިޔާޒާއި އިއްޒަތުގެ ބޭނުމުގައެވެ.

މިހާރު ޔާމީނުގެ ވާގިވެރިންނަކީ ޖައުސާ ޖައުފަރާއި ޖަންގިޔާ ނާޒިމެވެ. ޖައުސާ ޖައުފަރު މަޖިލީހުގެ ގޮނޑިއަށްކުރިމަތިލައި، ރައްޔިތުން އެއްލާލުމުން، ސިޔާސީ މައިދާނާ ދުރުގައި ކުޅިބަލަން މަޑުކޮށްލީއެވެ. ނާޒިމަކީ މީމު އަތޮޅު ރައްޔިތުން އަޅުވެތިކޮށްގެން އުޅޭ، ކަރަޕްސަނުން ފެންވަރައިގެން މުއްސަދިވެފައިހުރި މަހުޖަނެކެވެ. ނާޒިމުގެ އެހީތެރިކަމާއެކު ކުރިން މީމު އަތޮޅު ގޮޑިއަށް ނަސްރީނާއަށްވުރެންބޮޑަށް މައުމޫނު ދެކެ ލޯބިވާ އަނީސާ އަހުމަދު މަޖިލީހުގެ ގޮނޑިއަށް ހޮވާދީފައިވެއެވެ. މިފަހަރު، މައުމޫނުގެ ވެރިކަން ނިމުމާއެކު ޔާމީނު ނޫނު އަތޮޅު ގޮނޑިއަށް ނުހޮވާނެކަން ޔަގީންވުމުން، ނާޒިމުގެ އެހީތެރިކަމާއެކު މުލަކު ދާއީރާގެ ގޮނޑިއަށް ޔާމީނު ސަވާރުވީއެވެ. ނާޒިމު ބުނެފިނަމަ، ބުޅަލެއްވެސް އެގޮނޑީގައި މުލަކު ރައްޔިތުން ބައިންދާނެ ބީދައިންނެވެ. ނޫނު އަތޮޅަކީ ޔާމީނު މަންމަ އުފަންރަށް ވެލިދޫ ހިމެނޭ އަތޮޅެވެ. ނަމަވެސް، މުލަކު އަތޮޅާ ޔާމީނާ ވާކަމެއްނެތެވެ.


Tuesday, July 6, 2010

ޑރ. މުސްތަފާ ލުތުފީގެ ނާގާބިލުކަން އަނެއްކާވެސް ފަޅާއަރައިފި!

ދިވެހިރާއްޖޭގެ އިންސާނީ ހައްގުތަކާބެހޭ ކަމިސަނުން ތުރުކީގެ މެނޭޖުމަންޓުން ހިންގާ ލާލޭ އިންޓަނޭސަނަލް ސުކޫލުން ދަރިވަރުންނާމެދު ނޭއްގާނީ އަމަލުތައް ހިންގާކަމަށް ބުނެ ދާދި ފަހުން ރިޕޯޓެއް ނެރެފިއެވެ. އޭގައި ފާހަގަކޮށްފައިވާ އެއް މައްސަލައަކީ ސުކޫލުތައް ޕުރައިވަޓައިޒުކުރަނީއޭ ގޮވަމުން ޑރ. މުސްތަފާ ލުތުފީ ގޮވަމުންދިޔައިރު، އެކަމާބެހޭ އެއްވެސް ގަވާއިދެއް އުސޫލެއް އެޑިޔުކޭސަނުން އެކުލަވާލައިފައިނުވާކަމެކެވެ. ޑރ. މުސްތަފާ ކަހަލަ ނާގާބިލު މީހުން މިނިސްޓަރުންނަށްލީމައި އޭގެ ހުރިހާ ދެރައެއް ދިވެހި ކިޔަވާކުދިންނަށެވެ. ދިވެހި ކިޔަވާކުދިން ބެލުޓުން ތަޅާމަރާއިރުވެސް، އެކަން އެޑިޔުކޭސަނުން ބެލިފައެއްނެތެވެ. ބޭރުބަޔަކާ ސުކޫލު ހަވާލުކޮށްގެން ހެވިފައި އެތިބީނުންހެއްޔެވެ. މިއޮއްހައި ދުވަހު ލާލޭ ސުކޫލުން ސުކޫލު ބޯޑު ނަހަދައި އުޅޭއިރުވެސް އެޑިޔުކޭސަނަށް އެގޭކަމަކަށް ނުވެއެވެ.

އޭބަލަ ލުތުފީބޭއެވެ. އެހެންމީހުން ސުކޫލުތައް ޕުރަވަޓައިޒުކުރުމުގެ ކުރިން އެވެރިން އެތަންތަން ހިންގަންވާނެގޮތުގެ އުސޫލުތަކާ ގަވާއިދުތައް ހަދާނެއެވެ. އަދި އެކަންކަން އެޑިޔުކޭސަނުން ބެލޭނެ ނިޒާމު ހަމަޖައްސައެވެ. އަދި އެޑިޔުކޭސަނުން ހަދާ ގަވާއިދުތަކާ އެއްގޮތަށްތޯ ސުކޫލު ހިންގަނީ ބަލާ ފިޔަވަޅުވެސް އަޅާނެއެވެ. މިބެޔަށް މިނިސްޓަރުކަންދޭން ހެޔޮވާނެހެއްޔެވެ؟

އޭބަލަ ލުތުފީބޭއެވެ. މަތީ ސާނަވީގައި ދިވެހި އިސްލާމަށް ޖެހިގެން އުޅޭ މައްސަލަ އެގޭހެއްޔެވެ؟ އެދެމާއްދާގެ މުގައްރަރު ވަޅޯފެންކަމުން ކުދިން ކިޔަވާ ހިތްނުވަނީއެވެ. ކުދިން ކިޔަވާ ހިތްނުވާތީއޭ ކިޔާފައި އެދެމާއްދާ ދޫކޮށްލުމުގެ ފުރުސަތު ހުޅުވާލަންވީއެއްނޫނެވެ. އެދެމާއްދާގެ މުގައްރަރު އިސްލާހުކޮށް ދަރިވަރުން ސައުގުވެރިވާނެގޮތަކަށް ހަދަންވީއެވެ. ދިވެހި ޑިގުރީގެ ބައިތަކެއް ސާނަވީ ދިވެހި މާއްދާގައި ހިމެނިދާނެއެވެ. އަދި ކޮންޕުރޭޓިވު ރިލިޖަން އިސްލާމު މާއްދާގެ ބައެއްގެ ގޮތުގައި ހިމެނިދާނެއެވެ. އެއިރުން ދަރިވަރުން ސައުގުވެރިނުވެއެއް ނުދާނެއެވެ. ނޫނޭވާ ލުތުފީބޭ ނަގައިގެން ތިޔައުޅޭ ފީއެޗްޑީއަށް އަވަރިންގެ ސަލާން.

Tuesday, May 18, 2010

ގުއަޓަނާމާބޭގެ ކުއްވެރިންނާއި ރައީސް ނަޝީދުގެ ހާސަރު

ދާދި ފަހުން ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ގުއަޓަނާމާބެއިން ރާއްޖޭ ގެންނަ ކުއްވެރިންނާމެދު ސުވާލުނުކުރުމަށް ރައީސް ނަޝީދު ނޫސްވެރިންގެ ގާތުން އެދިވަޑައިގަތުމާއި އެކަމަކު އެމީހުން ގެންނާނެކަމަށް ތަކުރާރުކޮށް ވިދާޅުވުން.

ރައްދު: އޭބަލަ، ބޯހަމަ ނުޖެހޭ ސޭކާއެވެ. ދިވެހި ފަސްގަޑުގައި ދިވެހިންގެ ބަޔަކު ނޫންބަޔަކު ވަޒަންވެރިކޮށް، ސިއްރިޔާތުގައި ކަންތައްތަކެއް ހިންގަން އުޅެއްޏާމު ދިވެހިންނަށް އެކަންކަން އެގެން ބޭނުންވާނެއެވެ. އެގެންޖެހޭނެ ވެސް މެއެވެ. މިބިމަކީ ކަލޯގެ ތަރިކަ މުދަލެއްނޫނެވެ. ތިޔަކަމެއް ހުއްޓާލާފައި، ތިޔަ ވާހަކަ ނުދައްކާށޭ ބުނަނިކޮށް ހިމޭނުން ތިބެދާނަމެވެ. އެކަމަކު، ކަލޯއަކީ ނުލާހިކު ގޮތް ދޫނނުކުރާ ޖާހިލު ސޮރެއްކަން އަހަރެމެން ދެނެތިބޫމޫއެވެ.

2. އެމީހުން ގެންނާނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވުން.

ރައްދު: ޕާސްޕޯޓުފަދަ ދަތުރުފަތުރުކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ހުންނަންވާނެކަމަށް ދިވެހިރާއްޖޭގެ އިމިގުރޭސަން ގާނޫނު ބުނާއިރު، އެފަދަ ލިޔުންތައް ނެތްބަޔަކު ގާނޫނާ ހިލާފުނުވާނެގޮތަކަށް ރާއްޖޭ އެތެރެވާނެ ގޮތެއް ކެނެރީގޭ ނަޝީދަށް ބުނެދެވިދާނެބާވައެވެ؟ ހެލިކޮޕްތަރެއްގައި އައިސް ޖުމުހުރީ މައިދާނަށް އެވެރިން ބާލަނިކޮށްވެދާނެއެވެ. ނަމަވެސް، އެވާނީ ބަޔަކު މީހުން ސުމަގުލުކުރިކަމަށެވެ. އެކަމާ އަހުރެމެން ކަލޯގެ މައްޗަށް ދައުވާ އުފުލާނޫއެވެ. ޓެރަރިސްޓު ޖަމާއަތަކާ ގުޅުން ހުރި ކަމަށް ބެލެވޭ މީހުން (މިސާލަކަށް، އެކަމާ ތުހުމަތުކުރެވި ޖަލެއްގައި ބަންދުކޮށް ގަހުގީގުކޮށް، ތުހުމަތުން ބަރީއަ ނުވެވިވާ ބަޔަކުމީހުން) ރާއްޖެ އެތެރެ ނުވެވޭނެ ދިވެހިރާއްޖޭގެ ގާނޫނުތައް ބުނާއިރު، އެވެރިން ގެންނަން ތިޔައުޅެނީ ކޮން ގާނޫނެއްގެ ދަށުންތޯއެވެ؟ ގައުމުގެ ރައްކާތެރިކަމާ ސަލާމަތަށް ބިރެއްކަމަށް ބެލެވޭ ބަޔަކު ރާއްޖެ ނާދެވޭނެ ކަމަށް ދިވެހިރާއްޖޭގެ ގާނޫނުތައް ބުނާއިރު، އެހެން އެކަން އެހެން ނުވާނެކަމުގެ ޔަގީންކަން ކެނެރީގޭ ނަޝީދަށް ޝަރީއަތުގެ މަޖިލީހެއްގައި ދެވިދާނެތޯއެވެ؟ އެވެރިން އެމެރިކާގައި ވަޒަންވެރިކުރުމަށް އޮބާމާ ބޭނުންނުވާ ސަބަބު ބުނެދެވިދާނެތޯއެވެ.

3. ރާއްޖެއަކީ 100 ޕަސެންޓު މުސްލިމު ގައުމެއްކަމާއި އެވެރިން ގެނައުމާ ދެކޮޅު ހެދުމުން، ބައިނަލް އަގުވާމީ ދުނިޔެއަށާއި ފޮތުގެ އަހުލުވެރިންނަށް ދެއްކޭ މިސާލާމެދު ސުވާލު އުފެދޭކަމަށް ރައީސް ނަޝީދު ވިދާޅުވުން.

ރައްދު: މިއީ ދިވެހި މުސްލިމުންނަށް ކެނެރީގޭ ނަޝީދުކުރާ މަލާމާތެކެވެ. ރާއްޖެއަކީ 100 ޕަސެންޓު މުސްލިމު ގައުމެއްކަން ހަދާންވަނީ ތިމާ ކަމެއް ކުރަން ބޭނުންވެ، އެކަމާ ބަޔަކު ދެކޮޅު ހެދުމުން އެކަނި ހެއްޔެވެ؟ ބަލަ، ދިވެހި ފަސްގަޑުގައި ރާބޯމީހުން ގިނަކޮށް، ކިޔަވައިދޭ މުގައްރަރުން އިސްލާމު މާއްދާ ވަކި ކުރަން އުޅޭއިރު އެކަމެއް ހަދާނެއް ނުހުރެއެވެ. ރިޔާސީ ހިތާބުދޭއިރު، އިސްލާމުދީނޭ ބުނެ އެންމެ ލަފުޒެއްވެސް ބުނެނުލާކަމުން، އެކަމެއް އޭރަކު ހަދާނެއް ނުހުރެއެވެ. އިސްލާމުދީނުގެ އަސާސުތަކާ ދެކޮޅަށް ވާހަކަދައްކާ ހަދާއިރު ތިމާމީހާ މިއީ އެ 100 ޕަސެންޓު އިސްލާމު ގައުމުގެ ވެރިޔާގެ މަގާމުގައި ހުރި މީހާކަމު ހަދާނެއް ނުހުރެއެވެ. ބަލަ އަންނީއޭވެ. މީހުން ހިނި އަންނަ ޒާތު ކުޅޭކުޅޭ ވާހަކަ ނުދައްކާށެވެ. އަހަރެމެން ކަހަލަ ކުޑަ ގައުމަކުން ދެއްކޭނީ ކޮން މިސާލެއް ހެއްޔެވެ؟ ކުރާނީ މަލާމާތެއް ނޫންހެއްޔެވެ؟ ބަލަ، އެމެރިކާނުން ފޮތުގެ އަހުލުވެރިންނަށް ވެގެން އެފަދަ މިސާލެއް އަހަރެމެންނަށް ދައްކައިދިނުމަށް އޮބާމާގާތު ބުނަންވީނޫންހެއްޔެވެ؟ ދީނަށް ފުރައްސާރަކުރި އާނިޔާކިޔާ ވިޔާނުދާ އަންހެނާ އަނެއްކާވެސް އަންނި ބުނެގެން އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލްގެ މަގާމަށް ގެނައިކަން ސާފުކޮށްލަދީބަލާށެވެ؟

4. އެވެރިންނަކީ ޓެރެރިސްޓުން ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވުން.

ރައްދު: ބަލަ، އެވެރިންނަކީ ޓެރަރިސްޓުން ނޫންކަމަށް އެމެރިކާނުން ބުނާކަން އަހަރެމެން ދިވެހިންނަށް ލިޔުމުން ދައްކައިދިބަލާށެވެ. އެއަކީ ލާހިކު ވާނެކަމެއް ނޫނެވެ. އެންމެ ރަގަޅެވެ. ޓެރެރިސްޓުން ނޫންނަމަ، އެވެރިން އެމެރިކާގައި ވަޒަންވެރިވުމަށް އޮބާމާ ދެކޮޅުހަދަނީ ކީއްވެހެއްޔެވެ؟ ގައިމު، މިތަނަށްވުރެ، ބިންބޮޑުވެފައި ތަނަވަސްވާނެއެވެ. އެވެރިން މާ އުފާވެސްވާނެތާއެވެ. ނޫނީ، އަބުރާ އެވެރިންގެ ގައުމަށް ފޮނުވާލުމަށް އެމެރިކާނުން ދެކޮޅު ހަދަނީ ކީއްވެކަން ބުނެދީބަލާށެވެ؟ އެވެރިން ރާއްޖޭގައި ތިބޭއިރު، އެވެރިންގެ ހަރަކާތްތައް އެމެރިކާނުން ގާތުންބަލައި އެވެރިންގެ ހަރަދު ބަރަދު ބަލާނެކަމަށް ބުނަނީ ކީއްވެހެއްޔެވެ؟

5. އެވެރިން ރާއްޖެ ގެނައުމަށް ރައީސް ނަޝީދު ބޭނުންވަނީ ކީއްވެ؟ މިހާރު އެކަން އޮތީ ކޮން ހިސާބެއްގައި؟

ޖަވާބު: ބޭނުންވަނީ އެމެރީކާނުން އަތުން ޑޮލަރުކޮޅެއް. އެމެރިކާނުންނަކީ ރާއްޖެއަށް މަދުފަހަރަކު ނޫނީ އެއްޗެއް ދިއްކޮށްލާބަޔެއްނޫން. އަބަދުވެސް، ކޮންމެ ކަމެއްގެ ފަހަތުގައި އަމިއްލަ އެދުން ގަނޑެއް. ފުރަތަމަ އަންނި އުޅުނީ ޗައިނާ މީހުން ގެންނަން. އެހެން ގައުމެއްގައި އެމެރިކާނުންގެ ބެލުމުގެ ދަށުން ޗައިނާ ބަޔަކު ވަޒަންވެރިކުރުވަން އުޅޭކަން ޗައިނާ ސަރުކާރަށް އެގުމުން، އެކަން އޮތީ މައްސަލައަކަށްވެފައި. އެހެންކަމުން ޝަހީދު މިހާރު އުޅެނީ ކޮންމެވެސް އެހެން ދެ މުސްލިމަކު ނޫނީ އެބުނާ ފޮތުގެ އަހުލުވެރިޔަކު ލިބޭތޯ. މިހާރު ލިބިފައި ވަނީ ފަލަސްތީނު މީހެއް. އެނާ އަތުގައި ޕާސްޕޯޓެއް ހިސާބުވެސް ނެތިގެން އެކަމާ ފަލަސްތީނުގެ ސަރުކާރާ ގުޅަމުން ގެންދަނީ.

Sunday, February 28, 2010

ސަރުކާރުގެ ނިންމުމަށް މަރުހަބާކިޔުން

މިހާރު އާއްމުކޮށްފައިވާ ބަގުރަލާބެހޭ ގަވާއިދު އަބުރައިގެނެސް، ރައްޔިތުން ބޭނުންވާހެން (މީހުން އުޅޭ ރަށްރަށުގައި ބަގުރަލާއި އޫރުމަސް ނުވިއްކާގޮތަށް) އެގަވާއިދު އިސްލާހުކުރަން މިސަރުކާރުން ނިންމުމުން، އެކަމަށް އަހަރެމެން މަރުހަބާކިޔަމުއެވެ. އަދި، ބަޔަކުމީހަކު ކިޔާފާނެ އެއްޗަކަށް ނުވަތަ މަލާމާތަކަށް ނުބަލައި، ރައްޔިތުންގެ ވިންދާއެއްގޮތަށް އެންމެ ފަހުވަގުތުގައި ނަމަވެސް ނިންމުން ބަދަލުކުރީތީވެ އައްސަރިބަހާއި ސާބަސްދެމެވެ.

ހަމަ މިހިދުގައި ސަރުކާރަށް އިލުތިމާސްކުރާ ހިތްއޮތީ، ކޮންމެ ކޮންމެ ކަމެއްގައި ރައްޔިތުން ރޮއި ހޭރިގަތަނުދޭށެވެ. އެއަށްވުރެ ކުރިން އެމީހުންގެ ވިސްނުމާއި ފިކުރު ހުރިގޮތް ދެނެގަނެ އެގޮތަކަށް ކަންކުރެވޭތޯބަލާށެވެ. ރައްޔިތުންގެ ވިންދު އެގޭ ސަރުކާރަކަށް ވެވޭނީ އެއިރުންނެވެ. ކޮންމެ ފަހަރަކު ރޮއިގަންނަންޖެހެންޔާމު، ރައްޔިތުންގެ ބޭނުންތަކާއި ވިންދު ސަރުކާރަށް ފަހުމު ނުވަނީއެވެ. މިބީދައިން ކަންކުރެވޭނީ، އެޑުވައިޒަރުންގޮތުގައި ތިޔަ ތިބޭ ތިމާގެ ބޮޑިވަރު ބޮޑުކުރަމުން ހިގާ މާރިދުންނާއި ޖާހިލުން އެއްފަރާތްކޮށްގެންނެވެ.

އެއްވެސް ޝައްކެއްނެތް ގޮތުގައި، މިކަމާމެދު ފާޑުކިޔާނެ ބަޔަކު ތިބޭނެއެވެ. އެއީ ބަގުރަލުގެ އިންތިޒާރުގައި ތިބިމީހުންނާއި، އެވިޔަފާރިން މަންފާލިބޭނެކަމަށް ބެލެވޭމީހުންނާއި، ރާއްޖޭގެ ސަގާފަތާއި ދީން ނެތިކޮށްލަންބޭނުންވެފައިތިބި މީހުންނެވެ. ހުރިހާ އެއްޗެއް އެގޭކަމަށް ހެދިގެން އުޅޭ ރޯނުއެދުރު ދަންނަކަލޭގެފާނު ހާމަނޫހުގައި ލިޔާ މާޅޮހު ނަސީރަށް ބުނެލަންއޮތީ ހޭދެބައިވެގެން ނޫޅޭށެވެ. ހޮލިޑޭއިންގައި ބާ (ރާބޯތަނެއް) ނެހެދިއެއްކަމަކު ރާއްޖޭގެ ޓޫރިޒަމް އިދައެއްނުޖެހޭނެއެވެ. އަދި ރާފޮދެއް ނުލިބެއޭ ކިޔާފައި ސިޓީ ހޮޓާތައް ނުހިގައެއް ނުހުންނާނެއެވެ. މީހުން އުޅޭ ރަށްރަށުގައި ރާވިއްކުން މަނާކޮށްފައި ބާއްވަންޖެހޭ ސަބަބުތަކަކީ

1. އަހަރެމެންގެ (ކުރިޔާއި މިހާރުގެ) ސަރުކާރުތަކަށް އެއުޅެނީ އެއްވެސް ގަވާއިދެއް ހަމަ މަގުން ނުހިންގިގެންނެވެ. ގަވާއިދު ހެދެނީ ކަންތައްތައް ހަމަމަގުން ގެންގޮސް، ގޯހުންވާ ކަންތައްތައް ރަގަޅުކުރަންކަމަށްވާއިރު، ނަތީޖާނެރެވޭ ކިތައް ގަވާއިދު މިރާއްޖޭގައި އެބައޮތްހެއްޔެވެ؟ ކަންއޮތީ އެހެންކަމަށްވާއިރު، ވަކިން މިގަވާއިދު ރަގަޅަށް ހިންގިދާނެހެއްޔެވެ؟

2. މިހާރު އެގަވާއިދުގައި 100 ކޮޓަރިއޭ އޮތެއްކަމަކު، އެއަދަދު 20 ކޮޓަރިއަށް ބަދަލުކޮށް ސުޓޭޓު މިނިސްޓަރު އާދިލް ސަލީމުގެ މާބުލު ހޮޓަލުގައި ބާ ނަހަދާ ހުރެދާނެހެއްޔެވެ؟ އެއިރުން، އެކަމަށް ދައްކާނެ ހުއްޖަތް މާގިނަވާނެއެވެ. އެއިރުން ހޮލިޑޭއިން ހަމައެކަނި ރާ ވިއްކޭތީވެ، ވިޔަފާރީގައި ހަމަހަމަ ފުރުސަތު ދިނުމުގެ ގޮތުން އެހެން ތަންތަނަށްވެސް އެފުރުސަތު ދޭންޖެހިދާނެއެވެ.

3. މީހުން އުޅޭ ރަށްރަށުގައި ރާނުވިއްކާ ޓޫރިޒަމް ވިޔަފާރީގައި 40 އަހަރު ހޭދަކޮށްފީމެވެ. ބޯންބޭނުން މީހަކު ރިސޯޓުގައި ބޮއިގެން، މޫދުގައި އޮވެދާނެ ނޫންހެއްޔެވެ؟ އަހަރެމެންގެ ޅަދަރިންނާއި އަބިން އެވެރިން ރަލުގެ މަސްތުގައި ތިބެގެން އުޅޭ މޮޔަ ވައްތަރު ބަލާކަށް ނުޖެހޭނެތާއެވެ. އަދި ބިރަކުން އުޅޭކަށް ނުމެޖެހޭނެތާއެވެ. އަދި ނުވީތާކަށް، ބޮގެން މާލޭގެ މަގުތަކަށް ހޮޑުލައި، ކާލިކެޑި ނުވަތަ އެއްކޮޅުން އެއްޗެތި ދުއްވާ މަގުތަކުން ދެކޮޅަކަށް ނުމެދުއްވާނެތާއެވެ. ޔަގީނުންވެސް ބުނަންޖެހޭނީ، އެގޮތަށް އެގަވާއިދު އިސްލާހުކޮށްފިނަމަ އަހަރެމެންގެ ތެރޭގައި އުޅޭ ރާނުބޯ ބިދޭސީންވެސް ރާބޯންފަށާނެއެވެ. އަދި އެއަދަދު އިތުރުވެ، ބޯމިންވަރު ގިނަވެގެންދާނެއެވެ. އެއިރުން މިހާރަށްވުރެ ހާލަތު ގޯސްވާނެއެވެ.

ގިނަބަޔަކީ ކަންތައްތައް ގޯހުންދާތީ ހަމައެކަނި ފާޑުކިޔައި، ރަނގަޅަށް ކަމެއްވާ ފަހަރެއްގައި ނަމަ ތިބޭނީ ހަމަ ހިމޭނުންނެވެ. ނަމަވެސް، އެއަކީ އަހަރެމެން ގަބޫލުކުރާ ފަލުސަފާއެއްނޫނެވެ.

Friday, February 26, 2010

އަދާލަތު ޕާޓީ ސަރުކާރުން ވަކިވާކަށް އަދި ނުޖެހޭ

ނޫ ހުންޖެހިފައި ތިބި މީހުން، މައުމޫނު ވެރިކަމުން ބޭލިކަމުގެ ރުޅީގައި އަދާލަތަށް ނަފުރަތުކުރެއެވެ. ސަރުކާރުން އިސްތިއުފާދިނުމަށްފަހު، ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމަށް ގޮވާލައެވެ. އިސްތިއުފާދިނަސް އެވެރިން ތިޔަބައިމީހުންގެ ފަހަތަކުން ނާންނާނެއެވެ. ރީދޫ ހުންޖެހިފައި ތިބި މީހުންކުރެ ދީނެއް މިއްލަތެއް ގަބޫލުނުކުރާ މީހުން އަދާލަތުދެކެ ނަފުރަތުކުރަނީ އިސްލާމުދީން ކުރިއަރުވައި، ދީނީ ހޭލުންތެރިކަން ދިވެހިންގެ މެދުގައި އުފައްދާތީވެއެވެ. އެބައިމީހުންވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް އިސްލާމިކް މިނިސްޓުރީ އުވާލައި އެވެރިންގެ ދީން (އެތީޒަމް) ކުރިއެރުވުމަށް ހުރި މަގުތައް ތަނަވަސްކުރުމެވެ. މިދެބައިމީހުންނަކީ އެއްވެސް ގޮތަކަށް އަދާލަތަށް ހެޔޮއެދޭނޭ ބަޔެއްނޫނެވެ. އޭއަދާލަތާއެވެ. ކަނުލައި އަޑުއަހާށެވެ. ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމެއްކަމަކު ވެރިކަން ކުރަނީ ރައްޔިތުން ވޯޓުދީގެން ހޮވި ކޮލިސަންގެ ސަރުކާރަކުންނެވެ. އޭގެ ތެރޭގައި ތިބައިމީހުންވެސް ވެއެވެ. އެހެންކަމުން، ސަރުކާރުގެ އެހެން ބައިވެރިން ކުރާ ނޭދެވޭކަންތައްތަކަށް ފާޑުކިޔޭނެއެވެ. ކިޔަންވެސް ޖެހޭނެއެވެ. އެކަމާ ނުރުހެންޔާމު، ވެރިމީހާ އިސްތިއުފާދީ، އެވެރިޔާ އިތުރަށް ބަހައްޓަން ފެނޭތޯ ރައްޔިތުންގެ ވޯޓަކަށް ދިޔުމަށް ފުރުސަތުދޭށެވެ. ޑިމޮކުރަސީގެ އުސޫލަކީ އެއީއެވެ.

މިހިދަށް އިސްތިއުފާ ނުދޭށޭ ބުނަންޖެހެނީ ދީނެއް މިއްލަތެއް ގަބޫލުނުކުރާ މީހުންގެ މަގުސަދު ހާސިލުވިޔަ ނުދިނުމަށެވެ. އަދި ސަރުކާރަށް ބޮޑަށް ޕުރެސަރުކުރެވޭނީ ތިޔަގޮތުގައި އޮވެގެންނެވެ. ރައީސް ނަޝީދު މަގާމުން ވަކިނުކުރަނިސް އަމިއްލައަށް އިސްތިއުފާނުދޭތިއެވެ. ބަގުރަލަށް ހުއްދަދީފިތަ، ސަރުކާރުގެ ތެރެއިން ފިޔަވަޅުއަޅާށެވެ. ރައީސް ނަޝީދު ތިޔަވެރިން މަގާމުން ވަކިކޮށްފިނަމަ، އެޕާޓީގައި ތިބި ދީނަށް ލޯބިކުރާމީހުން ތިޔަބައިމީހުންނާމެދު ހަމްދަރުދީވާނެއެވެ. އަދި ނަޝީދުގެ ސަރުކާރާ ދެކޮޅުވެ، ސަރުކާރު ވައްޓާލަން މަސައްކަތް ފަށާނެއެވެ. އެމްޑީޕީގެ އެތެރެއިން، ދާއިރާތަކުގެ ނަމުގަޔާއި ގޮފިތަކުގެ ނަމުގައި ނޫސްބަޔާންތައް ނެރެންފަށާނެއެވެ. އެކަމުގެ ކޮޅުމަތި މިހާރުވެސް އަހަރެމެންނަށް އެބަ ފެނެއެވެ. އެމްޑީޕީއަށް މަރުދަންދޭ ބަޔެއްމީހުން މިހާރުވެސް ނަޝީދާ ދެކޮޅަށް ލިޔަންފަށައިފިއެވެ. މިމައްސަލައާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށައެޅުމާމެދު ވާހަކަ އެބަދެކެވެއެވެ.

ސަރުކާރުގައި ތިބެގެން ސަރުކާރު ތެރެއިން ފިޔަވަޅު އަޅާނީ ކިހިނެއް؟

1. ފިގުހު ކޮމެޓީއަށް އެމައްސަލަ ހުށައަޅައި އާއްމުވެގެންވާ ފަތުވާއެއް ނެރުން

2. އެގަވާއިދު ގާނޫނު އަސާސީގެ 10 ވަނަ މާއްދާއާއި ހިލާފުވާތީވެ ބާތިލުކޮށްދިނުމަށް ސުޕުރީމު ކޯޓަށް ހުށައެޅުން

3. ރައީސް ނަޝީދު ސޫލާސިރާޖީ ބެއްލެވިކަމަށް ބުނާ މައްސަލަ ތަގުގީގުކުރުމަށް މިނިސްޓުރީގެ ނަމުގައި ފުލުހުންނަށް ހުށައެޅުން

4. ރިޔާސީ ކޮމިސަން މެދުވެރިކޮށް ހޮލިޑޭއިންގެ މަސްލަހަތަށްޓަކައި އެތަކެއް ރައްޔިތުންގެ އާދޭހާ ދެކޮޅަށް ގަވާއިދެއް ހަދަންޖެހުނު ސަބަބު ބަލާނެކަން އިއުލާންކުރުން

5. ހޮލިޑޭއިންގެ މަސްލަހަތަށްޓަކައި އެތަކެއް ރައްޔިތުންގެ އާދޭހާ ދެކޮޅަށް ޓުރޭޑުން ގަވާއިދެއް ހެދި މައްސަލަ ތަހުގީގުކުރުމަށް އެންޓިކަރަޕްޝަނަށް މިނިސްޓުރީގެ ނަމުގައި ހުށައަޅައި އެކަން އިއުލާނުކުރުން.

މަތީގައި ބުނެފައިވާ ކަމެއް ކޮށްގެން މަގާމުން ވަކިކޮށްފިއްޔާމު ރައީސް ނަޝީދުގެ އަގު އާއްމުންގެ ކުރިމަތީގައި ވަރަށް ބޮޑަށް ވެއްޓޭނެކަން ހަދާންކުރާށެވެ.

 
Web Statistics