Monday, December 27, 2010

އަހަރެމެން ބޭނުންވި އަނެއް ރާއްޖެއަކީ މިއީތޯއެވެ؟

ޚުދްމުޚްތާރު ވެރިކަމެއްގެ ވާހަކަ އަހަރެމެން ދެއްކީމެއެވެ. ޚިޔާނާތްތެރިކަން އަތްނުފޯރާ ފަށަށް މައްޗަށް ދިޔަވާހަވެސް އަޑުހަރުކޮށް ގޮވީމެވެ. ރައްޔަތުންގެ މުދަލުން ވަކިބަޔަކު ނުޙައްޤުން ނަގަމުންދިޔަ ފައިދާތަށް ހުއްޓުވާ "ރައްޔަތުންގެ ވެރިކަން ރައްޔަތުންނަށް" ގެނައުމަށް، މަގުމައްޗަށާއި، ފާރުފާރުމައްޗަށާއި މޭޒުމައްޗަށްވެސް އެރީމެވެ. ވަކި ޕާޓީއެއްގެ، ވަކި ކުލައެއްގެ ވަކިބަޔަކަށް ވެރިކަމުގެ ފަރާތުން ކުރެވެމުންދިޔަ ތަފާތުކުރުންތައް ނިމުމަކަށްގެނެސް ސިއްކަޖެހުމަށް "ފާހަގަ" ވެސް ޖެހީމެވެ. އަނެއް ދިވެހިރާއްޖެއަށް ދިއުމަށްޓަކައި ބޮކުސާތައް ބާރަށް ބަނދެ، ފަސްބައިން ދަރުބަނދެ ދަތުރަށްފަށައިފީމުއެވެ. ނަމަވެސް އަހަރެމެންނަށް މިދެވެނީ ކޮންތާކަށްބާވައެވެ.....!


އުދަރެހުން ރަން ރީނދޫކުލައިގެ ދަޅަތައް ފާޅުވަމުން އަނެއްދިވެހިރާއްޖެއަށް ފުރަތަމަ ދުވަހަށް އިރުއެރީ "ރަން ދައުރެއް"ގެ ހުވަފެން އަހަރެމެންނަށް ދައްކަމުންނެވެ. ރިޔާސީ ކޮމިޝަނަކުން ޚިޔާނާތްތެރިން ބޮޑުރޯނުން ބަނދެ ފަނޑިޔާރުގެތަކާއި ހަމައަށް ގެންގޮސް، ރައްޔަތުންގެ އެތައްބިލިޔަން ރުފިޔާއެއް ހޯދައިދޭނޭކަމުގެ އުންމީދެވެ. ތިންބާރު ވަކިވެ، ތިންބައިމީހުންވެސް ރައްޔަތުންގެ ޙައްޤުގައި އަޑުއުފުލާނޭކަމުގެ ވަޢްދުތަކެވެ. ދީނީކަންތައްތައް ދީނީ ޢިލްމުވެރިންނަށް ދިނުމާއި، ފަސްބައިގައި ލައްޖެހިފައި ނުވާ ސާފުސީދާ މީހުންނަށް ދައުލަތުގެ އިސް މަޤާމްތައް ދިނުމުގެ ވަޢްދެވެ. ނަމަވެސް.. ވަޢްދުތަކާއި ވަޢްދުވީ އަނގަތަކަށް ވީ ކިހިނެއްބާވައެވެ...

އަނެއް ދިވެހިރާއްޖޭގައި ޑިމޮކްރެސީގެ ބަލާވެރިކަމުން އައި "ސިޔާސީ ހަޑިމުޑުދާރު ގޭމުގެ" ހަޤީޤީ ކުލަވަރު މިހިރަގެން ފެންނަނީއެވެ. ރައްޔަތުންގެ އުންމީދުތަކާއި ގުޅުނު ރިޔާސީކޮމިޝަނަކީ ސަރުކާރާއި "ތޮޅޭ" ސިޔާސީ ދުޝްމިނުންގެ "ގިލިގިލި" ކޮށްޓާ ކޮމިޝަނަކަށް ވެއްޖެއެވެ. ކޮމިޝަންގެ ހަޤީޤީ މަޤްޞަދަކީ ރައްޔަތުންގެ ޙައްޤުތައް ހޯދައިދިނުމެއް ނޫނެވެ. ސަރުކާރުން ޖަހާހައި ބެރަކަށް ނުނަށާ ސިޔާސީ މީހުންނަށް ބިރުދައްކާ "ބަސްއެހުވުމެވެ." 30 އަހަރުގެ ޣަނީމާކައިގެންތިބި އިދިކޮޅު ޚިޔާލުގެ މީހުންނަށް ރީނދޫވުމަށް މަޖުބޫރުކުރުވުމެވެ. ބުނާކަހަލައެވެ. "އެހެންޏާ އޮތީ އަހަރެމެން ކާނެވަރަކަށް ކާން ދޫކޮށްފައި މިގައުމު ދޫކޮށް ދިއުމެވެ. ނުވަތަ އަހަރެމެންނާއި އެކުގައި އަލުން ކެއުމަށްޓަކައި ރީނދޫ ފެނުން ފެންވެރުމެވެ. ކަރަޕްޝަނެއް ރައްޔިތުންނެއް އެއީ އެހެން ވާހަކައެކެވެ."

ސަހަރޯއެވެ. އަނެއް ދިވެހިރާއްޖޭގެ އާ ސަރުކާރުގެ އަތްފޯރާ ވެރިކަމުގައި ވަގުންނާއި، ޚިޔާނާތްތެރިންނާއި، މަކަރުވެރިންނާއި، އަނިޔާވެރިންނާއި، ބަޣާވާތްތެރިންނާއި، ދޮގުވެރިންނަށްވެސް "ފުއްސެވުން" އަތްފޯރާފަށަށް އަތުވެއްޖެއެވެ. އިންޑިޔާގެ ހިންދޫން ޤަބޫލުކުރާ ގޮތުގައި ޖަމްނާ ކޯރަށް އެރުމުން އެމީހަކު ކޮށްފައިވާ ހުރިހާ ފާފައެއް ދޮވެވިގެންދާ ގޮތަށެވެ. އަދި ދުނިޔޭގެ ނަޞާރާއިން ފައްޅީގެ ފާދިރީ ކައިރިއަށް ޒިޔާރާތްކޮށްލުމުން ހުރިހާ ކުށެއް ފުހެލަދީ މުޅިން ސާފުކޮށްލަދޭ ފަދައިންނެވެ. ރީނދޫ ނަސްލުގެ މީހުންގެ ޚިޔާނާތާއި މަކަރަކީ އަމުދުން ގުނޭއެއްޗެއްނޫނެވެ. ޤައުމުގައި އުފެދުނު އެންމެ ބޮޑަތި ޚިޔާނާތްތެރިންނާއި ވަގުންވެސް ރީނދޫ ވެރިކަމުގައި ރީނދޫ ފެނުން ފެންވަރާލުމުން ހުރިހާކަމެއް ފުހެވުނީއެވެ. ބަޣާވާތްކުރި ޚާއިނުންނާއި، މިލިޔަން މިލިޔަނުން ޑޮލަރު "ހިއްޕެވި" ބޭފުޅުންނާއި، ރައްޔަތުންނަށް އަނިޔާކޮށް ލޭއޮހޮރުވި އަނިޔާވެރިނަށްވެސް އޮތީ ދެންވާ ސަލާމަތް ނުވާނޭހެން ހީވުމުން ހަމަ ރީނދޫފެނުން ގައި ދޮވެލުމެވެ. ހުރިހާކަމެއް ފުހެވުނީއެވެ.

ފެންކުންފުންޏެއް އަޅިކެނޑިއެއް މިއަދުނޫހެއް ކިޔާނެކަމެއްނެތެވެ. ކޫއްޑޫއެއް ވަގުނޫޓެއް ލޮލީއެއް މިހާރަކު ނެތެވެ. ޖަނާޒާ ކުޑޭއަކަސް މުސްޓޮފަރ އަކަސް މައްސަލައެއްނެތެވެ. ބޭންކް އޮފް މޯލްޑިވްސްއެއް ފަގީރުކަން ނައްތާލާ ޕާޓީއެއް ރަތްވޭވެއް އެއީ މިހާރު ކިޔާ ނަންނަމެއްނޫނެވެ. މުނިސިޕަލްޓީގެ ކޮޅުވެއްޓިއެއް، ކ. އަތޮޅުގެ (އިއްޒަތްތެރި) މެމްބަރެއް ވާކަމެއް ނެތެވެ. ނޮވެމްބަރު ތިނެއް، ލުތުފީއެއް، ސަގަރުނާސިރެއް ޢަބްދުﷲ ޝާހިދެއް ތަފާތެއް ނެތެވެ. ދުނިޔޭގައި ހުރިނަމަ އަނދިރި އަނދިރިންނާއި، ވިޔަޒޯރާއި، ނުވަވަނަ ޙަސަން ރަސްގެފާނުވެސް މިހާރު ރީނދޫފެނުން ފުއްސެވިގެން މި ދިވެހި ބިންމަތީގައި ނަޞާރާދީނާއި މޯކުޅި ފެތުރުމަށްޓަކައި މިނިވަންކަމާއިއެކު އުޅޭނެއެވެ. އާނ! ފަހެ ޑީއޯއާއި ހީލަތުމެން ރީނދޫ ކުލައިގެ ހިޔަލުގައި އެކުރަނީ ދެވަނަ މަސައްކަތެއްނޫނެވެ.

ދެންފަހެ، ދެންތިބި ޤައުމީފެންވަރުގެ ބޮޑަތި ބޮޑަތި ޚިޔާނާތްތެރިންނާއި، އަތޮޅު ކައުންސިލަރުންނާއި ރަށުކައުންސިލަރުންގެ ޚިޔާނާތްތަކާއި، ޕްރަވަޓައިޒޭޝަނާއި ޔުޓިލިޓީ ކުންފުނިތަކުގެ ޚިޔާނާތް މިލިސްޓްގައި ހިމަނައިފިނަމަ ރީނދޫ ފެނުން ފޮހެވިފައިވާ މީހުންގެ ޢަދަދު ކޮޅުންނުލާނެއެވެ. އަހަރެމެން ރައްޔަތު މީހުންނަށްވެސް އޮތީ އެހެންޏާ ރީނދޫ ފެނުން ފުއްސެވުމެވެ. ނުވަތަ ސިވިލްސާވިސްގެ ވަޒީފާއާއި،ޔުޓިލިޓީއާއި، ރައްޔިތުކަމުގެ ޙައްޤާއި، ޤައުމިއްޔަތުންވެސް ފެއްސިގެން ދިއުމެވެ. ޑިމޮކްރަސީގެ އަނެއް ދިވެހިރާއްޖޭގައި މިއަދު އޮތީ އެމީހަކާއި އެމީހަކު ވަޅިއާއި ކަޓަރާއި މަރުތޭލަހިފައިގެން މަގުމައްޗަށް ނުކުތުމެވެ. "ފީ ސަބީލިއްލާހި" އައުމުން އޮންނާނީ އެމީހަކާއި އެމީހެކެވެ. މިދިޔަ ތިރީސްއަހަރެކޭ މިހާރެކޭ، މިތާކު ނެތްކަމެއް ނެތެވެ. ނުބައިކަމެއް ވިއްޔާ ވީ އިތުރެވެ. ސޯމާލިޔާގައި ކަނޑުފޭރެނީއެވެ. މާލޭމަގުމަތީގައި މަގުފޭރެނީއެވެ. އަންހެންވެރިންވެސް ރޮށިދަމާ ފިލާގަނޑު އައްޑަނައަކަށް، ދޭފަތް ކަނޑިއަކަށް ހަދައިގެންނޫނީ މަގުމައްޗަށް ނިކުމެވޭކަށް ނެތެވެ. ނުވިތާކަށް އަންހެނުންވެސް މިހާރު މީހުންމަރަނީއެވެ. ރޭވެފައި އަލިވިލޭ ކޮންމެ ދުވަހަކަށް ދެސޮރަކު ތިންސޮރަކު ބަކަރި ކަތިލާހެން ކަތިލާލަނީއެވެ. އެކަމަކު މިއީ އިސްލާމީ ގައުމެކޯލައެވެ.

ކަލޭނޭ ހޭއަރާށެވެ. ޖާސިމެއް ޓާމީނެއް މާޒިނެއް ކިޔާޏެކަމެއް ނެތެވެ. ދުނިޔޭގައި ހެއްދެވި ހުރިހާ ދަޢްވާއެއް، ފެހިޖެހި ޤާނޫންއަސާސީގެ ދަށުންކޮށް، ހިލިހިލާޖަހާ އަތްފައި ބުރިކޮށް ޞަލީބަށް އެރުވުމަށް ޙުކުމްކުރިއަކަސް ފަރުވާލެއް ނެތެވެ. އެފެނުން ފެންވަރާލަނިކޮށް މިހާރުވެސް ހުރިހާ ދަޢްވާއެއް ބަންޑާރަ ފޮށީގެ ބަތާނައަށް ލައި ފޮރުވަދޭނެއެވެ. ބައިސްކަލްގައި އުޅުނު އައްޑޫ "އިއްޒަތްތެރި މެންބަރު" ޕްރައިވެޓް ޖެޓް ގަތީކީ ކޮރަޕްޓްވެގެންނެއް ނޫނެވެ. ރަސްގެފާނުގެ ރީނދޫ ފެންފޮދުގެ ބަރަކާތުންނެވެ. ޝެލިއުޓް ނުނަގަން ވަޒީފާދޫކޮށްލި ތިލަދުއްމަތީ "ޢިއްޒަތްތެރިޔާ"ވެސް "ޖީބަށް ބަރުކޮށްލުމަށް" ރީނދޫފެނުން ފެންވަރައިފިއެވެ. މަވެސް މިދަނީ އަތުވިގޮތަކުން ތަނެއް ފަޅައި، ރިޝްވަތު ދީ، ބަކަރި ކަތިލައި މަސް ވިއްކައިގެންވެސް ދޮޅަހަކަށް މިލިޔަން ޑޮލަރު ހޯދާލައިގެން ރީނދޫ ފެންގަނޑަށް އެރިލަންވެގެންނެވެ. ކަލޭމެންވެސް ނުފެއްސި ދިރިތިބެލަން ބޭނުމިއްޔާ އަހަރެންފަހަތުން އަންނާށެވެ. ރީނދޫ ރަސްގެފާނު އެހުންނެވީ ފުއްސަވަން ތައްޔާރަށެވެ. ދެންއޮތް ދުނިޔެއަކީ އެރަސްގެފާނު ގަބޫލުކުރާ ދުވަހެއްނޫނެވެ. މާދަމާ އަދި އަހަރެންވެސް ކައުންސެލަރުކަމަށް ކުރިމަތިލާން ޖެހެއެވެ. ރައްކާވެ ތިބިއްޔާ ދަތުރެކެވެ.


ނޯޓް: މިލިޔުން އެވަނީ އެގޭ އަސްލު ނުގެއްލޭގޮތަށް ކުރުކުރެވިފައެވެ. އަސްލު ލިޔުން ކިޔުއްވުމަށް މިލިންކަށް ވަޑައިގަންނަވާށެވެ. މިއީ ލަންދޫއިންފޯއިން ނަގާފައިވާ ލިޔުމެއްކަމަށް ބުނެވެއެވެ.

އަރަބިއްޔާއަށް ސަރުކާރުން ހަދަން ބޭނުންވަނީ ކޮންގޮތެއް؟

މިއަދު އެންމެ ބޮޑުވެފައިވާ އެއް މައްސަލައަކީ އަރަބިއްޔާގެ މައްސަލައެވެ. އަރަބިއްޔާ ގެ އިމާރާތް ބާވެ ބިމަށް ތިރިވިއިރު، އެކަމާމެދު ސަރުކާރުން އަޅާނުލުމެވެ. (އަޅާލުމަކީ ތާޖުއްދީން އިސްކޫލު ފަދައިން އައު އިމާރާތެއް އަޅައިދިނުމެވެ. ނުވަތަ ދަރިވަރުންގެ ކިޔެވުމަށް ދަތިނުވާނޭ ގޮތަކަށް ކަންތައްތައް އިންތިޒާމުކޮށް، އައު އިމާރާތުގެ ކުރެހުންތައް ތައްޔާރުކޮށް، އިމާރާތްކުރުމުގެ މަސައްކަތް ހަލުވިކުރުމެވެ.) އެއާ ހިލާފަށް، ސަރުކާރުން މަސައްކަތްކުރަނީ އިސްކޫލަށް ވަދެވޭނެ އަދަދު ކޮންޓުރޯލުކުރުމާއި ޖާގައިގެ ގޮތުން ކުޑަ ތަނަކަށް އިސްކޫލު ބަދަލުކުރާށެވެ. މިކަމުގެ ބޭނުމަކީ ކޮބާބާވައެވެ؟ ނުވަތަ ސަރުކާރުގެ ނިޔަތަކީ ކޮބާބާވައެވެ؟

މިއަދުގެ ސަރުކާރުން އަރަބި ތައުލީމަށް ނަފުރަތުކުރާކަން ވަރަށް ގިނަ ގޮތްގޮތުން ހާމަވާން އެބައޮތެވެ. އޭގެ ހެއްކަކީ، ވެރިކަމަށް އައުމުގެ ކުރިން ކެނެރީގޭ ނަޝީދާއި މާރިޔާމެން ފަދަ މީހުން އަރަބި ތައުލީމަށް ޖޯކުޖެހުމާއި އަރަބި ތައުލީމު އެއްކޮށް ހުއްޓުވާލެވެން އަންނަނީ ހުޅަގުގެ އެއްބާރުލުން ލިބިގެން ކަމަށް މިސަރުކާރުން އެމެރިކާއަށް ކަޑައަޅާފައިވާ ސަފީރު ބުނި ކަމަށް އިންޓަނެޓުގައި ލީކުވެފައިވާ އެމެރިކާ ސަރުކާރުގެ ސިއްރު ލިޔުންތަކެވެ. އަރަބިއްޔާ މައްސަލާގައި ސަރުކާރުގެ ނިޔަތާމެދު ސުވާލުކުރެވެނީ މިހެންވެގެންނެވެ. އަނެއް ސަބަބަކީ އެހެން ބިމަކަށް އަރަބިއްޔާ ބަދަލު ކުރަންޖެހޭ ސަބަބާއި އަރަބިއްޔާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެއިސްކޫލުގެ ބެލެނިވެރިންނާ ސަރުކާރުން ވާހަކަ ނުދައްކާތީވެއެވެ.

މިކަންކަމަށް ވިސްނާއިރު، އަހަރެމެންނަށް ބުނެވޭނީ ސަރުކާރުގެ ވިސްނުމަކީ މަޑުމަޑުން ގެންގޮސް އަރަބިއްޔާ އުވާލުމެވެ. ނުވަތަ އަރަބި ތައުލީމު ރާއްޖެއިން ނެތިކޮށްލުމެވެ. މިހާރު އެކުރާ ކަންތައްތަކަކީ އޭގެ ކޮޅުމައްޗެވެ.

ސަރުކާރުގެ ހަގީގީ ނިޔަތް އެގިއްޖެޔާމު އާއްމުން ރުޅި އަންނާނެ ވަރު ސަރުކާރަށް އެގެއެވެ. އެމްޑީޕީގެ ތާއީދު އާއްމުންގެ މެދުގައި ގެއްލޭނެކަން އެގެއެވެ. ކޮންމެއަކަށް މިހާރު މިއޮތީ ބުޅާ ގޯނިން ދޫވެފައެވެ. ދެންވެސް، މާލޭގައި ރާ ވިއްކަން އުޅުނުހެން، ސަރުކާރުން ދޫނުކޮށް ހިފަހައްޓައިގެން އުޅެނީ ކީއްވެގެންތޯ ސުވާލު ކުރެވޭނޫން ހެއްޔެވެ؟ އޭގެ ސަބަބަކީ ސަރުކާރުގެ ސިޔާސަތުގެ މައްޗަށް ރައީސް އޮފީހުގައި އުޅޭ ލާދީނީ މީހުންގެ ނުފޫޒާއި ބާރެވެ. އެމްޑީޕީގެ ތާއީދު ރައްޔިތުންގެ މެދުގައި ގެއްލުމަކީ އެމީހުން ބަލަން ބޭނުންވާ ކަމެއް ނޫނެވެ. އެމީހުންގެ މަގުސަދަކީ އެމީހުންގެ ލާދީނީ ފިކުރު ފެތުރުމެވެ.

އެމްޑީޕީއާއި ޕާޓީގެ އާއްމު މެމްބަރުންނަކީ އެމީހުން ދެކޭގޮތުގައި އެމީހުންގެ ފީކުދާނެވެ. އަންޑަނަ އެކެވެ. މެމްބަރުން ކޮޅު ގުބޯ ހައްދައިގެންނެވެ. އޭއް! އެމްޑީޕީގެ ދީނަށް ލޯބިކުރާ ދަރިންނޭވެ! ނިދިން ހޭލާށެވެ. ތިމާމެންގެ ނަމުގައި އިސްލާމީ އަރަބި ތައުލީމު ނެތިކޮށްލިޔަނުދޭށެވެ. ކީރިތި ގުރުއާން ބާއްވާލެއްވުނީ އަރަބި ބަހުންނެވެ. (އޭގެ ސަބަބު ގުރުއާނުގައި ބަޔާންވެފައި ވެއެވެ.) އަހަރެމެންގެ ދަރިން އަރަބި ބަސް ދަސްކޮށް އެގުރުއާނުގައި ބުނާ އެއްޗެއް އެގެން ޖެހެއެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމަށް ޓަކައެވެ. ނަމަވެސް، ދީނެއް މިއްލަތެއް ގަބޫލު ނުކުރާ މީހުން ބޭނުންވަނީ އަހަރެމެން ހައްލާލައިގެން ގުރުއާނާ ދުރަށް ގެންދާށެވެ.

މިފަދަ ލާދީނީ ކަންތައްތައް ހުއްޓުވޭނީ އެމްޑީޕީގެ އާއްމު މެމްބަރުންގެ ތާއީދު ރައީސް އޮފީހުގައި އުޅޭ ލާދީނީ ބައިގަޑަށް ނެތް ކަން ހާމަކޮށް ދީގެންނެވެ. ނޫނީ ޕާޓީގެ ގޮފިތަކުގެ ނަމުގައި ސަރުކާރަށް އިލުތިމާސްކޮށްގެންނެވެ. އަދި އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނާ އިސްލާމުދީން ދިފާއުކުރާނެކަމަށް ބުނާ ބުނުން ޕާޓީގެ މެމްބަރުންގެ ދުލާއި އަމަލުން ބުނެދީގެންނެވެ. މޯލްޑިވްސް ކަލްޗަ ވެބްސައިޓުގައި ދިވެހިންނަށް ނަސާރާދީން ބުނެދެން އުޅުނު ފަރީސާ، ދީނަކީ އިންސާނާ ދުނިޔެއަށް އައިސްގެން އަމިއްލައަށް އުފެއްދި ފިކުރިއްޔާތެކޭ ބުނާ ބޮދު ނަސީރުމެން ކަހަލަ މީހުން ރައީސް އޮފީހުން ބޭރުކުރުމަށް އެމްޑީޕީގެ އާއްމު މެމްބަރުން ގޮވާލައިގެންނެވެ.

Saturday, December 25, 2010

އައްޔަންކުރި ކައުންސިލަރުން ވާނުވާ ނެގިފައި

އައްޔަންކުރި ކައުންސިލަރުންގެ މަގާމުތައް އުވުނީކަމަށް ކުއްލިގޮތަކަށް ރައީސް އޮފީހުން އިއްޔެ އިއުލާންކޮށްފިއެވެ. މިކަމުގެ އެއްވެސް މައުލޫމާތެއް ކުރިޔަކުން ކައުންސިލަރުންނަށް އަންގާފައެއް ނުވެއެވެ. އެހެންކަމުން އެވެރިން އަދިވެސް ތިބީ މާދަމާ ވަޒީފާއަށް ނުކުންނަގޮތަށޯލައެވެ. މިގޮތުގައި ހުރި އެކަކީ ނ.މާޅެންދޫ ކައުންސިލަރ ޢަދުނާން އިބްރާހިމަށް ލަންދޫއިންފޯ ޑޮޓް ކޮމް އިން ހަބަރުދެއެވެ. އޭނާގެ ވާހަކައަކީ ޕުރެސް ސެކެރެޓަރީ ޒުހޭރު އެވިދާޅުވަނީ ކައުންސިލަރުންގެ މަގާމުތައް އުވާލަން ބޭނުންވާ ވާހަކަކަމަށެވެ. އުވާލީއަކީ ނޫނެވެ. އެހެންތާއޭ ވާނީ ޒުހޭރުވެސް ބުނަން އުޅޭ އެއްޗެއް ހުދު އޭނައަށް ވެސް ނޭގެއެވެ. އެކެއްޗެއް ކިޔަން އުޅެގެން ދެފަހަރު ކިޔެނީ ދެގޮތަށެވެ.

މިސަރުކާރުގެ ހިންގުންތެރިކަން ހުރި މިންވަރަކީ މިއީއެވެ. އެއްވެސް ވަރެއްގެ ރޭވުންތެރިކަމެއް ނެތެވެ. މައުލޫމާތު ފެތުރުމުގައި ގުޅުންތައް ގާއިމުކުރެވި ވިލަރެސް ކުރެވިފައެއް ނެތެވެ. މިފަދަ ބަޔަކަށް ހެޔޮވެރިކަމެއް ކުރެވޭނީ ކިހިނެއްބާއެވެ؟ ހުރިހާ ލަދަކާ ކެއްސެއް އެކައުންސިލަރުންނަށް ނޫންތޯއެވެ؟ އެއްމެ ފަހު ވަގުތާ ޖެހެންދެކަށް ރައީސް އޮފީހުން ބުނަމުން އައީ (ލޯކަލް އިންތިހާބުގެ ގާނޫނާ ހިލާފަށް ނަމަވެސް) ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ. މިހާރު މިވީގޮތުން ރަށުގެ ހުރިހާ މީހުން ރޭޑިޔޯ ޓީވީތަކުން ހަބަރު އަޑުއަހައިގެން ގޮސް މަލާމާތްކުރާނީ އެމީހުންނަށް ވިއްޔާއެވެ. ދުރާލައި އެފަދަ އިޝާރާތެއް ކޮށްފައި އޮތްނަމަ، އެހެން ގޮތްތަކެއް ބަލާފައި ބޭއްވުނިސް ތާއެވެ. އެހެން ގައުމުތަކުގައި ކަންކުރަނީ އެއުސޫލުންނެވެ.

އެމްޑީޕީ މެމްބަރުން ކައުންސިލުތަކަށް ހޮވައިގެން ވާނެ ވަކި މޮޅެއް ލިބޭނެ ހެއްޔެވެ؟ މިހާރުވެސް ރަށު އޮފީސްތަކާއި ރައީސް އޮޕީހަކާ ގުޅުމެއް ނެތެވެ. އޭގެ ހެއްކަކީ މިއީއެވެ. ކޮންމެ ޕާޓީއެއްގެ ބަޔަކު އެކައުންސިލުތަކުގައި ތިއްބަސްވާނީ އެވަރެވެ. ތަފާތެއް ހަމައެކަނި ފެންނާނީ ކަމަށް ގާބިލު ހިންގުންތެރި ބަޔަކު ކައުންސިލުތަކަށް ހޮވައިގެންނެވެ. ރައްޓެހިންނާއި، ތިމާގެ މީހުންނާއި، ޕާޓީގެ މީހުންނަށް ވޯޓުލުމުގެ ބަދަލުގައެވެ. އެންމެންނަށް ލާބަލިބޭ ހެޔޮވެރިކަމެއް ކުރެވޭނީ އޭރުންނެވެ. ރަށުގެ ފެންވަރުގައި ކަންތައްތަކަށް ހައްލުހޯދޭނީވެސް އޭރުންނެވެ. ލޯކަލް އިންތިހާބެއްގެ ހަގީގީ ބޭނުމަކީ އެއީއެވެ.

އެމް.ޑީ.ޕީ އެވަނީ ރަހީނު ކުރެވިފައެވެ.

އެމް.ޑީ.ޕީއަކީ ދިވެހިރައްޔިތުންގެ ޑިމޮކުރަޓިކު ޕާޓީއެވެ. 30 އަހަރަށް ދިގުލައިގެން ދިޔަ މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނެސް، ރާއްޖޭއަށް ޑިމޮކުރަސީ ގެނައުމަށް އުފެއްދުނު ފުރަތަމަ ސިޔާސީ ޕާޓީއެވެ. އެހެންކަމުން އެމް.ޑީ.ޕީ ބެލެވިފައިވަނީ އިސްލާހީ މަސައްކަތުގެ ޒަމްރެއްކަމުގައެވެ. ބުރޭންޑުކަމުގައެވެ. ނަމަވެސް، މިބުރޭންޑު މިއަދު މިއަންނަނީ އަވަސް ސުޕީޑެއްގައި ފަޑުވެ، މީހުން ނަފުރަތު ކުރާ އެއްޗަކަށް ވަމުންނެވެ. ސަބަބަކީ، އެމް.ޑީ.ޕީ އެވަނީ ހައިޖެކު ކުރެވިފައެވެ. ޑިމޮކުރަސީގެ އުސޫލުތައް ނައްތާލާފައެވެ.

އާއެކެވެ. އެމް.ޑީ.ޕީ އެވަނީ ރަގަޅަށްވެސް ބަޔަކު މީހުން އެމީހުންގެ ބޭނުމަށް ޓަކައި ރަހީނުކޮށްފައެވެ. އަމިއްލަ މަންފާތަކަކާއި މަސްލަހަތުތަކެއް ހިމާޔަތްކުރުމަށެވެ. ޑިމޮކުރަސީގެ އުސޫލުތައް ނައްތާލައި، ޕާޓީގެ އަސާސީ ގަވާއިދާއި އަމަލުކުރަމުން އައި އުސޫލުތަކާ ހިލާފަށެވެ. ބޭނުމަކީ ތިމާމެންގެ އަމިއްލަ މަސްލަހަތު ރައްކާތެރިކޮށްދޭ ވަސީލަތެއްގެ ގޮތުގައި ޕާޓީ ބޭއްވުމެވެ. މިކަން ވަރަށް ހާމަކަން ބޮޑު ގޮތަކަށް ފެންނަން އެބައޮތެވެ.

ޕާޓީގައި ވަގުތީ ރައީސެއް ހުންނަތާ އަހަރުތަކެއް ފާއިތުވެގެން ދަނީއެވެ. ޕާޓީގެ ތެރޭގެ އިންތިހާބުތައް ނުބާއްވާ ދިގު ދަންމަނީއެވެ. ޕާޓީގެ ގުނަވަންތަކުގެ ބާރު ކަޑުވާލުމުގެ ގޮތުންނެވެ. ކެނެރީގޭ ނަޝީދާއި މާރިޔާ ދީދީ އާއި އޮންނަ ގުޅުމަކީ އަޑި ނޭގޭ ގުޅުމެކެވެ. ޗެއާޕާސަންކަމަށް ދެން ފަހަރަކުން ކުރިމަތި ނުލާނެކަމަށް ބުނުމާއެކު ޕާޓީގެ މުހިއްމު މަގާމުތަކުގެ އިންތިހާބު ފަސްކުރެވިއްޖެއެވެ. ބޭނުމަކީ ޗެއާޕާސަންކަމުގައި މާރިޔާ ބަހެއްޓުމެވެ. މާރިޔާއަކީ ނަޝީދު މާ ރުހޭ މީހެކޯލައެވެ.

ވެލާނާގެއިން ކަރުދާންތަކެއް ނެގި މައްސަލާގައި ކެނެރީގޭ ނަޝީދަކީ ވަގެކޭ ކިޔައިގެން ކޯޓަށް މައްސަލަ ހުށައެޅީ މިމާރިޔާއެވެ. ބީބީސީ އަށް އަރައިގެން ދިވެހިރާއްޖެ ޑިމޮކުރަސީއަކަށް ފައްކަލެއް ނޫނޭ އެތިވަރު ކިޔައީވެސް ހަމަ އެމާރިޔާއެވެ. ދެން އެމާރިޔާ ނަޝީދަށް މާކަމުދާ މީހަކަށް ވީގޮތަކީ އަރަތެކެވެ. ތިމާގެ ކިބައިގައި ހިންގުންތެރިކަމެއް ހުރިޔަކީ ނޫނެވެ. އެމްޑީޕީގެ އެތެރޭގެ ޑިމޮކުރަސީ ހަރުދަނާކޮށް ޕާޓީގެ ހިންގުން ހަރުދަނާކުރަން ކުރެވުނު ކަމެއް ނެތެވެ. މަރިޔާގެ މޭސްތިރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީވަނީ ނާކާމިޔާބާ ކުރިމަތިލާފައެވެ.

މިއަދު ސަރުކާރުގެ ސިޔާސަތަކީ އިސްލާމުދީނުގެ ނޫރު ފޮހެލުމެވެ. އެމްޑީޕީގެ އަސާސީ ގަވާއިދުގައި އިސްލާމުދީން ހިމާޔަތްކުރާނެ ވާހަކަ ބުނެފައި ވަނިކޮށެވެ. މިކަމުގެ މޭސްތިރިންނަކީ ރައީސް އޮފީހުގައި ތިބި ލާދީނީ ބައިގަޑެވެ. މީގެ ގިނަމީހުންނަކީ ވަރަށް ފަހުން ޕާޓީއަށް ވަން މީހުންނެވެ. އެމްޑީޕީ އުފެއްދި އަސްލު މަގުސަދުކަމަށްވާ ގައުމު އިސްލާހުކުރުމުގެ މަސައްކަތްކުރާ ތަނެއް ނުފެނެއެވެ. ޑިމޮކުރަސީ ގައުމުގައި ހަރުދަނާކުރުމަށް ކުރިކަމެއްނެތެވެ. އަބަދުވެސް ކޮންމެވެސް އަމިއްލަ ކަންތައް ގަޑެކެވެ. ޕާޓީގެ ހިޔަލުގައެވެ. ޕާޓީގެ މެމްބަރުންނަށް ކަމުގެ ހަގީގީ މަގުސަދުތައް އޮޅުވާލާގެންނެވެ.

ބަޔަކަށް އޮޅިފައި އޮތަސް ހަގީގަތުގައި ޕާޓީގެ ބާނީއަކީ ގޯގޯލަތީފެވެ. ޕާޓީ އުފެދިގެން އައީ އޭނާގެ ހިކުމަތްތެރި ބުރަ މަސައްކަތުންނެވެ. އަންނި ނުވަތަ ކެނެރީގޭ ނަޝީދަކީ އޭނަ ކުރި ބުރަ މަސައްކަތުގެ މޫނެވެ. މާ ގަޓުސް ހުރި މީހަކަށް ވެގެން މީހުންގެ ކުރިމައްޗަށް ނުކުމެގެން އުޅެން ހަދައިގެން މީހުންނަށް އޭނާ ފާހަގަކުރެވުނީއެވެ. ހަގީގަތުގައި އަންނިއަކީ ޑިމޮކުރަސީގެ ވިސްނުމުގެ މީހެއް ނޫނެވެ. ތިމާއަށް ފެންނަގޮތަކީ އެންމެ ރަނގަޅުގޮތް ކަމަށް އަބަދުވެސް ދެކޭ މީހެކެވެ. އެމް.ޑީ.ޕީގެ ޅަފަތުގައި ލީޑަޝިޕްގެ މައްސަލަތައް ދިމާވީ މަސްވަރާގެ އުސޫލު އަންނި ބޭނުންނުވާތީވެއެވެ.

ވެރިކަން ކުރަން ޔާމީނު ވަރަށް ބޭނުން



މައުމޫނުގެ ވެރިކަމުގައި ފަސާދައިގެ ތުހުމަތު އެންމެ ބޮޑަށް ކުރެވުނު އެކަކީ އަބުދުއްލޯ ޔާމީނެވެ. މައުމޫނުގެ ވެރިކަން ގެއްލި ދިޔައީވެސް މިކަލޭގެޔާ ހުރެއެވެ. މައުމޫނު މުސްކުޅިވެ، ގައިބާރު ނިކަމެތިވީ ދުވަހު މިކަލޭގެ ބަލަނީ އެއްގޮތަކުން ނުވަތަ އަނެއް ގޮތަކުން ނަމަވެސް ރާއްޖޭގެ ވެރިކަމަށް އާދޭތޯއެވެ. ޔާމީނު ވެރިކަމައިގެން އުޅޭ ވާހަކަ ކުރިން ނޫސްވެރިން ދައްކަންފެށީގައި އެއީ ދޮގެކޭ ކިޔާ ނޫސް މަޖައްލާތަކަށް އިންޓަވިއުދީ އުޅުނެވެ. ނަމަވެސް، މިހާރު ފާޅުގައި އެހުރީ ނިކުމެވެ. ތިމާގެ ބުރުސޫރަ ރީތިކުރުމަށް ރާއްޖެމިއަދު ޑޮޓް ކޮމް ސައިޓެއް މިހާރު ހިންގައެވެ.

މިއަދު މިވަނީ ޑީއާރުޕީ ތެރޭގައި ގަޑުބަޑު އުފެދިފައެވެ. މިކަންތަކުގެ ތެރޭގައި ޔާމީނު ބުނަނީ "އިދިކޮޅު ކޯލިސަނެއްގެ ލީޑަރެއްގެ ގޮތުގައި ނުކުންނަށް ތިމަން މިހުރީ ތައްޔާރަށޭ" އެވެ. ނޫނީ ތިމަންނައަށް އެފުރުސަތު ދޭށޯލައެވެ. އަޖައިބެއް އަޅެ ނުވާނެހެއްޔެވެ؟ މިކަލޭގެއަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ މިގައުމު އިތުރަށް ހަލާކުކޮށް، ގައުމުގެ ހަޒާނާ ހުސްކުރުން ނޫން ކަމެއް ނުވާނެއެވެ. އޭނަގެ މާޒީއަކީ އެއީއެވެ. "އިކޮނޮމީ" އޭ ގޮވަމުން ދުވާއިރު އިކޮނޮމީ ދެއަތް މައްޗަށްލައިގެން މައުމޫނުގެ ދައުރުގައި ވީކަމެއް ނެތެވެ.

މީނައަށްވުރެ، ހުރިހާ ގޮތަކުން ބެލިޔަސް ސަރުކާރުން ދާދިފަހުން އިސްތިއުފާދިން ޝަހީމު ފަދަ ކަރަޕްސަނާމެދު ތުހުމަތެއް ކުރެވިފައި ނުވާ އައު މީހަކުވެސް މާ ރަގަޅުވާނެއެވެ. ގައިމު ރައްޔިތުންގެ ލޯއްބާއި ތާއީދު އޮންނާނެއެވެ. ހުޅުވާނެ ކަޅު މާޒީއެއް ނޯންނާނެއެވެ. ޔާމީނުގެ ގައިގައި ހުންނަ ފަދަ ބޮޑާކަމާއި ކިބުރުވެރިކަމެއް ގައިމު ނުހުއްނާނެ ވިއްޔާއެވެ.

 
Web Statistics