Wednesday, February 23, 2011

ގިނައިން ޑޮލަރު އެތެރެވާކަން އަންނިއަށް ރޭކާލައިފި!

ޓޫރިޒަމުން ލިބޭ ޓެކްސްގެ ގޮތުގައި 6 ބިލިއަން ޑޮލަރު ސަރުކާރަށް ލިބޭނެކަމަށް އިންލެންޑް ރެވެނިޔު ކޮމިސަނުން ބުނުމާއެކު ރާއްޖެއަށް ބޭނުންވެ އިތުރުވާ ވަރަށްވުރެން ގިނައިން ވެސް މިކުޑަކުޑަ ރާއްޖެއަށް ޑޮލަރު ވަންނަކަން މިރާއްޖޭގެ ރައްޔިތުން އިންތިހާބު ކޮށްފައި ހުރި ރައީސް ނަސީދަށް އިއްޔެ ވިސްނިވަޑައިގެންފިއެވެ. ސަބަބަކީ އެބުނާ ޓެކުހަކީ ޓޫރިޒަމުން ރާއްޖެއަށް ވަންނަ އާއްމުދަނީގެ 3.5 އިން ސައްތަ ކަމަށްވެފައި، އެ އަދަދުން ބަލައިގެން ހިސާބު ހަދާނަމަ، އަހަރަކު 171 ބިލިއަން ޑޮރަލަށް ވުރެ ގިނަ ބޭރު ފައިސާ ރާއްޖޭގެ އިގުތިސާދަށް ވަންނަކަން ފަޅާއެރުމެވެ.

މިއޮތްހާ ދުވަހު ސަރުކާރުން ބުނަމުން އައީ ޑޮލަރުގެ ދާށިކަން އުޅެނީ ސަރުކާރުންގެ މުވައްޒަފުންގެ މުސާރަ ބޮޑުވެ، ބާޒާރުގައި ދިވެހި ރުފިޔާ ގިނަވެ، ޑޮލަރު މަދުވީމަކަށެވެ. އަދިވެސް، އެމް.އެމް.އޭ އިން ދައްކާ ބަހަނާއަކީ މިއީ އެވެ. މިއީ ޓެކްސް ފޮތްތަކުގައި ހުންނަ އިންޑިޔާ ފަދަ ބޮޑެތި އިގުތިސާދުތަކުގައި ކަން ހިގާގޮތެވެ. ރާއްޖޭގެ ހާލަތު އެތައް ގޮތަކުން ތަފާތުކަމަށާއި ޑޮލަރުގެ މައްސަލައިގެ އަސްލު ވަރަށް ތަފާތުކަމަށް އަހަރެމެން އެންމެ ފުރަތަމަ ދުވަހުވެސް ސަރުކާރުގެ އިސްވެރިންގެ ސަމާލުކަމަށް ގެނައިމެވެ. އަދި އިންޑިޔާއިން ނުވަތަ ކޮންމެވެސް އެހެން ބަޔަކު ދޭ 100 މިލިއަން ޑޮލަރަކުން މިމައްސަލަ ހައްލުނުވާނެކަމަށް ވެސް ސަރުކާރުގެ އެކިވަރުވަރު މީހުންގާތު ބުނީމެވެ. އެވެރިން ހަމަ އަޑު ނޭހީއެވެ. މިއޮތީ އެކަމުގެ ހަގީގަތް މިއަދު ފެންމަތިވެފައެވެ.

އެހެންކަމުން، އަނެއްކާވެސް ތަކުރާރު ކޮށްލުމުގެ ގޮތުން ޑޮލަރަށް ދިމާވެފައި އޮތް މައްސަލައިގެ އަސްލާއި އޭގެ ހައްލު ހުށައަޅާލަދޭނަމެވެ.

މައްސަލައިގެ އަސްލު:
މިމައްސަލައިގެ އަސްލަކީ ރާއްޖޭއަށް ލިބޭ ޑޮލަރު ރާއްޖޭގެ އިގުތިސޯދުގައި ދައުރު ނުކުރުމެވެ. ޑޮލަރު ލިބެނީ ޓޫރިޒަމް ވިޔަފާރިކުރާ މީހުންނަށާއި ތަކެތި ބޭރަށް އެކުސްޕޯޓުކުރާ މީހުންނަށެވެ. އޭގެ ތެރެއިން ރާއްޖޭގެ ބޭންކުތަކަށް ވަންނަނީ ވަރަށް މަދު ފައިސާއެކެވެ. ގިނަ ފައިސާ ޖަމާކުރެވެނީ ރާއްޖެއިން ބޭރު އެކައުންޓުތަކުގައެވެ. ނޫނީ ގޭ ތިޖޫރީގައެވެ. ވެރިކަން ބަދަލުވުމާއެކު އުފެދުނު ހާސްކަމުގައި ކުރީގެ ވެރިކަމާ ގުޅިފައި ހުރި ފަރާތްތަކުން ރާއްޖޭގެ ބޭންކުތަކުގައި ފައިސާ ޖަމާކުރުމުގެ ބަދަލުގައި ބޭރު ފައިސާ ބޭރު އެކައުންޓުތަކުގައި ބަހައްޓަންފެށީއެވެ. އޭގެ ސަބަބުން ރާއްޖޭގެ ބޭންކުތަކަށް ތާށިވެ ޑޮލަރު ނެތްކަމުގެ އިހުސާސުތައް ރައްޔިތުންނަށް ފޯރަންފެށީއެވެ. މިހާރު، ތިޖޫރިތަކުގައި ހުރި ފައިސާއިންނާއި ޓޫރިޒަމުން ނުވަތަ ތަކެތި ބޭރުކޮށްގެން ލިބޭ ޑޮލަރު ދައުރުކުރަނީ ކަޅު ބާޒާރުގައެވެ. އެއީ ޑޮލަރަށް ރަގަޅު އަގުލިބިފައި، އެކަން ކޮންޓުރޯލުކުރާނެ ބަޔަކު ނެތީމައެވެ. ރާއްޖޭއަށް ބޭނުންވާ ވަރަށްވުރެންވެސް ގިނައިން ކަޅު ބާޒާރުގައި ޑޮލަރު ލިބެން އެބަހުރި ހުއްޓެވެ. ޑޮލަރު ނުލިބޭ ހަމައެކަނި ބަޔަކީ ރާއްޖޭގެ ބޭންކުތަކެވެ. ބޭންކުތަކަށް ޑޮލަރު ވަންނާނެ މަގެއް ނެތީއެވެ.

މިމައްސަލައިގެ ހައްލުތައް:
1.     ރިސޯޓުތަކުގައި މުއާމަލާތްކުރާ ފައިސާއަކީ ދިވެހި ރުފިޔާ ކަމަށް ހަދައި، ފައިސާ ގަނެވިއްކާ ހަމައެކަނި ފަރާތްތަކަކީ ރާއްޖޭގެ ބޭންކުތައް ކަމަށް ކަޑައަޅައި، ބޭންކުތަކުގެ މަނީ އެކުސްޗޭންޖުތައް ރިސޯޓުތަކުގައި ހުޅުވުމަށް ބާރު އެޅުން.
2.     ރިސޯޓުތަކާއި އެހެނިހެން ރާއްޖޭގައި ކުރެވޭ ވިޔަފާރިތަކަށް ލިބޭ ފައިސާ ޖަމާކުރެވޭ ފުރަތަމަ ތަނަކީ ރާއްޖޭގެ ބޭންކުތައް ކަމަށް ކަނޑައަޅައި، އެފައިސާ އެއް ފަހަރާ ނަގައިގެން ބޭރަށް ނުގެންދެވޭނެ ގޮތަށް ސިޔާސަތު ރޭވުން.
3.     މިއާއި ވިދިގެން، ކަޅު ބާޒާރުގައި ޑޮލަރު ގަނެވިއްކާ ފަރާތްތަކާމެދު އަޅާނެ ހަރުހަށި ފިޔަވަޅުތައް އިއުލާނުކޮށް، ވަކި ބަޔަކު، ވަކި މީހަކު ތަފާތުކުރުމެއް ނެތި ތަންފީޒުކުރުން.
ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނެ ގޮތް ޖުމުލަގޮތެއްގައި މަތީގައި އެބުނެވުނީއެވެ. ނަމަވެސް، ވިސްނަންޖެހޭ އެހެން ނުކުތާތަކެއްވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ގިނަ ރިސޯޓުތަކުގައި ކުރެޑިޓު ކާޑު ބޭނުންކުރުމުން ފައިސާ ބޭރު އެހެން ބޭންކެއްގައި ޖަމާކުރެވެމުންދާ ދިޔުމަށް ބަދަލު ގެންނަން ޖެހެއެވެ. ދިވެހި ރުފިޔާއިން ރިސޯޓުތަކުގައި މުއާމަލާތްކުރަން ފަށާއިރުވެސް ޓޫރިސްޓުންނަށް ދަތިނުވާނެ ގޮތަކަށް އެކަން ރާވަންޖެހެއެވެ. މަނީ އެކުސްޗޭންޖުތައް ގިނަކުރެވޭނެގޮތް ތަކެއް ބަލައި ބޭންކުތަކަށް އެކަމުގައި ސަރުކާރުން ނުވަތަ ސެންޓުރަލް ބޭންކުން އެހީވެދޭންޖެހެއެވެ. އަދި އެކަމަށް ރިސޯޓުތަކުން އަޅާނެ ހުރަހަކުން ސަލާމަތްކޮށްދޭންޖެހެއެވެ. ސަބަބަކީ މިހާރު އެއޮންނަ ޑޮލަރު ގެން ގުޅުމުގެ ސިޔާސަތު ބަދަލުވުމަކީ ރިސޯޓުތަކުގެ ވެރިން މާ ރުހޭނެކަމަކަށް ނުވާނެތީވެއެވެ.

މަތީގައި ބުނެވުނު ހައްލު ހޯދޭދީ ސެންޓުރަލް ބޭންކާއި ސަރުކާރުން އެއް ވިސްނުމެއްގައި މަސައްކަތްކޮށް ގާނޫނާއި ސިޔާސަތުތައް ބައްޓަންކޮށްގެންނެވެ. އައު ގާނޫނުތަކެއް ބޭނުންވެއެވެ. އަދި މިހާރު ހުރި ސިޔާސަތުތަކާއި އާދަތައް ބަދަލުވާންޖެހެއެވެ. ބަޔަކު މީހުން ރުޅިއަޔަސް މުޅި ގައުމުގެ ލާބައަށެވެ. މުޅި ގައުމުގެ ރައްޔިތުންގެ ހައްގުގައެވެ.

Saturday, February 19, 2011

ޔާމީނު ސަރުކާރަށް ގޮން ޖަހައިފި!

މިދާކަށް ދުވަހު އިންޑިޔާގެ ނޫހެއްގައި މިވަނީ ޔާމީނު އެސްޓީއޯ ސިންގަޕޫރު އޮފީސް މެދުވެރިކޮށް ސިއްރިޔާތުގައި ބަރުމާއަށް ތެޔޮ ވިއްކައިގެން އަމިއްލަ ފައިދާތަކެއް ނެގި ވާހަކަ ފެންމަތިވެފައެވެ. 800 މިލިއަން ޑޮލަރުގެ ފައިދާއެއް ނެގިކަމުގެ ތުހުމަތު ކޮށްފައިވެއެވެ. އެފައިސާ އެސްޓީޔޯއަށް ނުވަންނަ ކަމަށާއި އެވިޔަފާރިކުރީ ސިއްރިޔާތުގައި ޖޮއިންޓު ވެންޗަރު ކުންފުންޏެއް ހަދައިގެން ކަމަށް ވެއެވެ. މިކަމާގުޅިގެން ޔާމީނާ ސުވާލުކުރުމުން ވިދާޅުވީ އެފަދަ ޖޮއިންޓު ވެންޗަރު ކުންފުންޏެއް އޭރު އޮތް ކަމަށާއި ނަމަވެސް އެއިން ލިބުނު ފައިސާއަށް ވީގޮތެއް ނޭގޭކަމަށެވެ. އަދި އިތުރަށް ވިދާޅުވީ ތިމަންނަގެ ކޮރަޕްސަނުގެ އަމަލެއް ނޯންނާނެކަމަށާއި މިސަރުކާރަކަށް އެފަދަ ކަމެއް ނުހޯދޭނެކަމަށެވެ.
ޔާމީނަކީ މިދިޔަ ސަރުކާރުގައި އެތަކެއް ވަޒީރު މަގާމުތަކެއްގެ އިތުރުން ސަރުކާރުގެ އެތަކެއް ބޮޑެތި ކުންފުނިތަކެއް ހިންގެވި ވެރިއެކެވެ. އަދި ކޮރަޕްސަނާ ގުޅުވައިގެން އެންމެ ގަދަޔަށް ވާހަކަ ދައްކަވާ އެއް ބޭފުޅާއެވެ. ނަމަވެސް، އަންނިގެ ސަރުކާރުން ނުވަތަ އެމްޑީޕީ މީހުން ކުރިން ކިޔަމުން އައި ލަވަ ފަރިއްސަށް ބަދަލުވެ، ޔާމީނާ ގުޅުވައިގެން ދެކެވުނު ކަރަޕްސަނުގެ އެއްވެސް އަމަލެއް މިހާ ދުވަސްވީއިރުވެސް ސާބިތު ނުކުރެވުނީ ކީއްވެތޯ މިއަދު ބަޔަކު މީހުން ސުވާލުކޮށްފާނެއެވެ. މިކަމުގެ ހަގީގަތް ހޯދުމަށް ކޮނުނު ވަރަކަށް ސާބިތުވަނީ ދެކަމެކެވެ. އެއްކަމަކީ މިސަރުކާރު ނާގާބިލުކަމެކެވެ. ދެވަނަ ކަމަކީ، އެފަދަ ކޮރަޕްސަންތަކާއި މިސަރުކާރުގެ ވެރިންނާ ގުޅިފައިވާ ވަރުގަދަ ގުޅުމެވެ.

އެސްޓީއޯ ސިންގަޕޫރުގެ ކޮރަޕްސަން:
އެސްޓީއޯ ސިންގަޕޫރު އޮފީހުން ހިންގާފައި ހުރި ކޮރަޕްސަންގެ ބައްޕައަކީ އެއޮފީހުގެ މެނޭޖިން ޑިރެކްޓަރު މުނީޒުއެވެ. އޭރުވެސް މިހާރުވެސް އެސްޓީއޯ ސިންގަޕޫރު އޮފީސް ހިންގަން އެހުރީ މުނީޒެވެ. އެސްޓީޔޯގެ ޑިރެކްޓަރުންގެ ބޯޑުން ފާސްނުކޮށް އުފައްދާފައިވާ އެބުނާ ޖޮއިންޓު ވެންޗާ ކުންފުނީގެ ހިއްސާދާރަކީވެސް އަދި މެނޭޖިން ޑިރެކްޓަރަކީ ވެސް މުނީޒެވެ. ދެން އޭރު އެމްޑީ މަނިކާއި ޔާމީނުގެ ފަރާތުން އެސްޓީޔޯގެ މަތީމަގާމެއްގައި ތިބި ދެއަންހެން މުވައްޒަފުންނެވެ. އެދެވެރިންނަށް ބައި އަޅާގޮތަށް ނަމެއްގައި ތިބި ބަޔެއްގެ ގޮތުގައެވެ.

މުނީޒަކީ ޔާމީނުގެ އެއް އަތެވެ. ޔާމީނުގެ ހުރިހާ ކޮރަޕްސަނެއް އޭނާ ފަސްއަޅައިދެއެވެ. ޔާމީނު ސިންގަރޫޕަށް ގޮސްފިއްޔާމު މެހެމާންދާރީ އަދާކުރުމުގައި އެވަރެއް ނެތެވެ. މުނީޒު ވަޒީފާއިން ވަކި ކުރާނެހާ ހިތްވަރެއް އަންނި ސަރުކާރަކު ނެތެވެ. މުނީޒަކީ އެސްޓީޔޯގެ ޗެއާމަން ސޯރޭ މާ އިތުބާރު ކުރާ މިހެކޯލައެވެ. ބުނާއިރަކު ވަގުތުން މެލޭސިޔާގައި ހުންނަ ސޯރޭގެ އަބިގޮއްޔެ ބޭނުން ވަރަކަށް ފައިސާ ފޮނުވާލަދެޔޯލައެވެ. ސިންގަޕޫރު ސޮޓޮކް އެކުސްޗޭންޖުގައި ސޯރޭ ގަނެގެން އުޅޭ ޝެއާތައްވެސް ބަލަހައްޓަނީ މިކަލޭގެއެވެ. މިހާރު މިއީ ސޯރޭގެވެސް ބޯއީ އެކެވެ. ނުކިޔަވާ ތިބޭކަމަކުން މިފަދަ މީހުންގެ ބޭނުން ޖެހެނީ މާބޮޑަށެވެ. މުނީޒުމެން އެއްފަރާތް ކުރެވެން ހަމަ ނެތީއެވެ. މިހާރު އަނެއްކާ މިމުނީޒަކީ ސީދާ މުލިއާގޭގެ އޯޑަރަށް ތަކެތި ސިންގަޕޫރުން ފޮނުވައިދޭ މީހެކޯލައެވެ. އެންމެ ފަހުން، އެސްޓީއޯ ސިންގަޕޫރު އޮފީހުން ސޯރޭ ވަކިކޮށް މިހާރު އެތަން ހަވާލުކޮށްފައި މިހާރު ހުރީ ކެބިނެޓު ސެކެރަޓަރީ ކޮށީގޭ އަބްދުއްލޯ ސައީދުއާއެވެ. ސައީދުގެ ޖީބު ތަނަވަސްކޮށްލަދިނީއެވެ.

ބޭރުގެ އިންވެސްޓުމަންޓުތަކުން ކަޓުނެގުން:
ރާއްޖޭގައި އިންވެސްޓުކުރަން އަންނަ ބޭރުގެ މަހުޖަނުން އަތުން ޔާމީނު ޓުރޭޑުގައި ހުރެގެން ކަޓުނަގާ ވާހަކައަކީ އަންނިމެން އޭރު ދައްކާ އުޅުނު ބޮޑު ވާހަކައެކެވެ. އޭރު އެތަނުން ކުރި ވައްކަންތަކުގެ ވާހަކަ މިހާރު ދެއްކެން ނެތީ ކެރަފާ ނަސީމުގެ ސަބަބުންނެވެ. ކެރަފާ ނަސީމަކީ އެތަނުން ޔާމީނަށް ކަޓު ނަގައިދޭން ހުންނަ ބޮޑުމީހާއެވެ. ޔާމީނު ކުއްވެރިކުރަން ވެއްޖެނަމަ ފަލީހަތްވާނީ ނަސީމެވެ. ޔާމީނު ކަންތައް ކޮށްފައި ހުރީ ނަސީމު ނިވާފަތް ގަނޑަކަށް ހަދައިގެންނެވެ. މިއަދު ނަސީމަކީ މިސަރުކާރުގެ ބޮޑެއްކަމުން މިކޮރަޕްސަނުގެ ވާހަކަ ދެއްކޭކަށް އަންނި އަކަށް ނެތެވެ. އެކަން ބަލަން ވެއްޖެޔާމު މާރިޔާދީދީމެންގޭ ކުދިން ބޭރު ބަޔަކު ވާވައްދައިގެން މެގަމޯލުޑިވުސް އުފެއްދިގޮތްވެސް އޮތީ ބަލަންޖެހިފައެވެ. އަންނީގެ އަނގާގައި އޮތީ މަލަން އެޅިފައެވެ. މާރިޔާއަށް ޓަކައި ކޮންމެ ފަދަ ކަމެއްވެސް އަންނި ކޮށްފާނެކަން ނޭގޭ މީހަކު މިހާރު އެމްޑީޕީގައި މަދުވާނެއެވެ.

މިގޮތަށް ގޮސް ކިޔާނެކަމެއް ނެތެވެ. ޔާމީނުގެ ކޮރަޕްސަންގެ ވާހަކަތަކާއި މިސަރުކާރުގެ ބޮޑުންނާ ގުޅިފައި ހުރީ މާވަރަކަށެވެ. އެއް އަތަށް ޖެހިލާއިރު އަންނީގެ އެކުވެރި ކޮއްޓި ސައީދެވެ. ނޫނީ ތިމާގެ ނަސީމެވެ. ނޫނީ އެންޑީޕީއަށް މެމްބަރުން ގަނެދޭ ޖާބިރެވެ. ކުރީގެ އެމްޑީ މަނިކަކީވެސް މިސާރުކާރުގެ ބޮޑެކެވެ. ޕެންސަން ސުކީމު ބަލަހައްޓަނީ މީނާއެވެ. ޔާމީނު މަތިހަށި ނަގައިގެން މިސަރުކާރާ ދިމާއަށް ބޭނުން އެއްޗެއް އެބުނެލަނީ ބުނެލެވެން އޮތީމައެވެ. ކުރެވޭނެ އެއް ކަމެއްވެސް ނޯންނާނެއެވެ. ބޮޑުވަރަކަށް ވާނެކަމަކީ ދެއުޅިއެއްނުވާ ދައުވާއެއް ކޯޓުގައި ކޮށްލުމެވެ. ސާބިތުކޮށްދެވޭ ވަރަށް އާރުލާ އެއްޗެއް ބުނެލެވޭކަށް ނޯންނާނެއެވެ.

 
Web Statistics