Wednesday, January 5, 2011

މެމްބަރުންގެ އަދަދު 42 އަކަށް ކުޑަކުރާކަށް ނުވޭތަ؟

ކުރިން މަޖިލީހުގައި ތިބެނީ 50 މެމްބަރުންނެވެ. އެއީ ރައީސްގެ 8 މެމްބަރުންނާ ލައިގެންނެވެ. ކޮންމެ އަތޮޅަކަށް ދެމެމްބަރުންނެވެ. މިހާރު ތިބެނީ 77 މެމްބަރުންނެވެ. އެއީ އާބާދީގެ ނިސްބަތަށް ބަހާލައިގެންނެވެ. މަޖިލީހުގެ އަދަދު އިތުރުކުރެވުނީ ކުރިޔާ ހިލާފަށް އާބާދީގެ ނިސްބަތުން މެމްބަރުންގެ އަދަދު ކަނޑައެޅުމަށާއި ރައްޔިތުން ވީހާވެސް ބޮޑަކަށް ތަމްސީލު ކުރުމަށެވެ. މިކަމުން ލިބުނު ފައިދާއެއް މިހާރު ފެންނާކަށް ނެތެވެ. މިއަދު ފެންނަނީ އަމިއްލަ އެދުމުން ފުރިފައިވާ ބަޔަކު ދައުލަތުގެ ހަޒާނާ ހުސްކުރަން އުޅޭތަނެވެ. ރައްޔިތުން އުޅޭ ނިކަމެތި ހާލެއް ބެލުމެއްނެތެވެ.

މެމްބަރުންގެ ހަރަދު:

މެމްބަރުންގެ މުސާރަ އާއި އެލަވަންސްތަކާއި އިންޝުއަރެންސަށް ދުވާލަކު 3 ލައްކަ 97 ހާސް 233 ރުފިޔާ 67 ލާރި ހަރަދުކޮށް، މެމްބަރުންނާއި މަޖިލީހުގެ އެހެނިހެން މުއައްޒަފުންގެ ސައިފޮދަށް މަހެއްގެ މައްޗަށް 1 ލައްކަ 89 ހާސް ރުފިޔާ ހަރަދުކުރާއިރު، އެމީހުންގެ ފަރާތުން ރައްޔިތުންނަށް ލިބޭ އެއްޗެއް ނެތެވެ. ފެންނަނީ ބޭވަފާތެރިކަމާއި އަމިއްލަ އެދުމެވެ. ގެއްލި އެދަނީ ރާއްޖޭގައި ތަރައްގީގެ މަސްރޫއުތައް ހިންގާނެހާ ފައިސާއެވެ. ނިކަމެތީންނަށް އެހީވާން ހުރި ފައިސާކޮޅެވެ.

މެމްބަރުންގެ މަސައްކަތުގެ އަހުލާގު:

ގައުމަށް، ރައްޔިތުންނަށް ބޭނުންވާ ގާނޫނުތަކެއް ހަދާތަނެއް ނުފެނެވެ. މަޖިލީހުގައި ކުރާ ކަމަކުން ސަރުކާރު ޒިންމާދާރެއް ނުކުރެވެއެވެ. ގައުމުގައި އަދުލު އިންސާފެއް ގާއިމެއް ނުކޮށްދެވެއެވެ. އެމީހުންގެ ޒިންމާއަކީ އެއީ ނޫންހެއްޔެވެ؟ އެއީ ވަގުތު ނަގާލުމާއި ޒުވާބުކުރުމުގައި ލާމަސީލު ބަޔެކެވެ. މިއަހަރުގެ ތިން ވަނަ ދައުރުގެ މިހާތަނަށް ބޭއްވުނު 20 ޖަލްސާއަށް ބަލާއިރު 20 ޖަލްސާއަށް ބަރާބަރަށް ހާޒިރުވެވަޑައިގެންފައިވަނީ 16 މެމްބަރުންނެވެ. ބާކީ ތިއްބެވި 61 މެމްބަރުންނަކީ ފުރިހަމައަށް ޖަލްސާތަކަށް ހާޒިރުވެވަޑައިގެންފައިވާ ބޭފުޅުންނެއްނޫނެވެ. ދެން އަދަދު ގިނަކޮށްގެން ތިބުމުގެ ބޭނުމެއް ވަކި އެބައޮތް ހެއްޔެވެ؟

މެމްބަރުން އަދަދަކަށް ވާންވީ..

ރ. އަތޮޅުމެމްބަރުކަން ކުރައްވާފައިވާ އިބްރާހިމް ޝަހީދު ޒަކީގެ ނަޒަރުގައި މެމްބަރުންގެ އަދަދު އޮންނަންވީ ވޯޓުލުމުގެ ޙައްޤުލިބިފައިވާ ކޮންމެ 5،000 މީހަކަށް މެމްބަރެކެވެ. އެއީ ގާތްގަޑަކަށް 42 މެމްބަރުންނެވެ. މިކަމަށް ވަކާލާތުކޮށް ހާއްސަ މަޖިލީހަށް އެބޭފުޅާ ހުށައެޅި ހުށައެޅުންވަނީ ފޭލިވެފައެވެ. މެމްބަރުން ގިނަ ކުރުމަށް ވަކާލާތުކުރި މާރިޔާދީދީމެން ކަހަލަ ރޯނުއެދުރުންގެ ބަހަށް އެހެންމީހުން ހެއްލުމުގެ ސަބަބުންނެވެ. ބޮޒްނިޔާ ހެރްޒަގޮވެނާ ގައި ވޯޓުލުމުގެ ޙައްޤުލިބިފައިވާ 3.5 މިލިޔަނަށްވުރެ ގިނަމީހުން ތަމްސީލްކުރަން، އެ ޤައުމުގެ ޕާލަމެންޓްގައި ތިބެނީވެސް 42 މެމްބަރުން ކަމަށް ޝަހީދު ޒަކީ ވިދާޅުވެއެވެ.

މައުލޫމާތު ނެގީ:

ހ. ރައްޔިތުންގެ މަޖިލިސް މިހާމެމްބަރުން ގިނަކޮށް ކަޑައެޅުމަކީ ވަރަށް ޒިންމާދާރުކަންކުޑަކޮށް ކުރެވިފައިވާކަމެއް

ށ. ދައުލަތުގެ އެންމެ ބޮޑު އާމްދަނީއެއް ހިނގާ އެއް މުއައްސަސާ

ނ. Proportional representation in the new Maldives Parliament

Monday, January 3, 2011

ދިވެހިފޯސްޓު ހިންގަނީ ޔާމީނުބާ؟

ކުރިން އެއީ އަބުދުއްލޯ ޔާމީނެވެ. މިހާރު ޔާމީން އަބުދުލް ގައްޔޫމެވެ. މައުމޫނަކީ ގިނަ ރައްޔިތުން ލޯބިވާ ސަހުސިއްޔަތަކަށްވެފައި، މައުމޫނުގެ ނަމާ އެއްގޮތް ކޮށްލުމުގެ ގޮތުންނެވެ. މައުމޫނުގެ ވެރިކަމުގައި ރެދުލާން ފެށި އެއް ސަބަބަކީ އެއްބަފާ ކޮއްކޮ ޔާމީނާއި ޅިޔަނު އިލިޔާހުގެ ކޯޅުމެވެ. ދެމީހުންވެސް ވެރިކަން ބޭނުމެވެ. މައުމޫނަށް ފަހުގައެވެ. ނުވަތަ މައުމޫނު ބޭރުކޮށްފައެވެ. މިލިޔުމުގެ މައުލޫއަކީ އެދެ ހަތުރުންގެ ވާހަކަ ދެއްކުމެއް ނޫނެވެ. އޭގެ ބަދަލުގައި ދިވެހިޕޯސްޓޭ ކިޔައިގެން ހިންގާ ސައިޓު ހިންގަނީ ކޮންބަޔެއްތޯ، ކޮން ވިސްނުމެއްގެ ބަޔެއްކަން މިމައުލޫއުގައި ދެތިން އެއްޗެއް ބުނެލުމެވެ.

ކޮއިމަލާ ސައިޓު:

ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ކޮޅުގައި ކޮއިމަލާ ކިޔާ ސައިޓެއް ވުޖޫދަށް އައެވެ. ކޮއިމަލާ ޑޮޓް ކޮމްގެ ގޮތުގައެވެ. މިހާރު އެސައިޓު ފެންނާކަށް ނެތެވެ.

ފާޑުކިޔާ ފަރާތްތައް: އެމްޑީޕީ، ޅިޔަނު އިލިޔާސް އިބްރާހީމް އަދި ދެބައިމީހުންގެ އެކުވެރިންނާއި އެހީތެރިން އަދި ޑރ ހަސަން ސައީދުމެންގެ ގުރޫޕް

ހުޝާމަތުކުރާ ފަރާތްތައް: އަބްދުއްލޯ ޔާމީނާއި އޭނާގެ އެކުވެރިން.

ފާހަގަކުރެވުނު ކަންތައްތައް:

ހ. މައުމޫނަށް ހެޔޮއެދެނީ އިލިޔާސަށްވުރެ ޔަމީންކަމަށް ލިޔުމެއްގައި އޮތުން

ށ. މައުމޫނަށް އަސްލު ހެޔޮއެދެނީ ޔާމީނުކަމަށް މައުމޫނުގެ ދަރިންނަށް ބުނެދީ، އިންޒާރުކޮށް ލިޔުމެއް ލިޔުން.

ނ. ޔާމީނުގެ މޮޅު ވާހަކަ ދޭތެރެ ދޭތެރެއިން ލިޔުން

ރ. މީހުން ނުދޭ އިންޓަވިޔުތައް ދިނޭ ކިޔައިގެން ލިޔަމުން ގެންދިޔުން. މިސާލަކަށް، ޑރ ޝިހާމް، އެބޭފުޅާ ކޮއިމަލާއަށް އިންޓަވިޔެއް ނުދެއްވާކަމަށް ނޫސް މަޖައްލާތަކަށް ވިދާޅުވެދެއްވީ އެވާހަކަ ކޮއިމަލާގައި ޖެހުމުންނެވެ.

ބ. އެދުވަސްކޮޅު ޔާމީނަށްވުރެ ޑރ ހަސަނުމެން މައުމޫނު އިތުބާރުކުރާ މީހުންގެ ގޮތުގައި ތިބުމާއި އެމީހުންގެ ނުފޫޒު ޑީއާރުޕީ ތެރޭގައި ބޮޑުވުން

ރާއްޖެމިއަދު:

ރާއްޖެމިއަދަކީ މިހާރުވެސް ހިނގަމުން ގެންދާ ސައިޓެކެވެ. އެޑުރެހަކީ ރާއްޖެމިއަދު ޑޮޓް ކޮމް އެވެ.

ފާޑުކިޔާ ފަރާތްތައް: މިހާރުގެ ސަރުކާރަކާއި ޑީއާރުޕީގެ ލީޑަރު ތަސްމީނަށާއި އަބްދުއްލޯ ޝާހިދު

ހުޝާމަތުކުރާ ފަރާތްތައް: ޔާމީނުގެ ލީޑަޝިޕަށާއި ޕީއޭގެ "މޮޅު" ސިޔާސަތުތަކަށް

ފާހަގަ ކުރެވޭ ކަންތައްތައް:

ހ. ޔާމީނުމެން ކުރާ ވިޔާ ނުދާކަންތައްތައް ނުލިޔުން. މިސާލަކަށް ރައްޔިތުން ފެލާލައިގެން ތިމާމެންގެ މުސާރަ ބޮޑުކުރަން ޔާމީނާއި އޭނާގެ ބައިވެރިން ވޯޓުލީ ވާހަކަ

ށ. ޔާމީނާއި އޭނާގެ ބައިވެރިން މަޖިލީހަށް ބިލެއް ނުވަތަ އެހެން އެފަދަ ކަމެއް ކޮށްފިޔާމު އަވަހަށް އެހަބަރު ޖެހުން

ނ. ތަސްމީނަށާއި އޭނާގެ އެކުވެރިންނަށް ފާޑުކިޔުމާއި އުމަރު ނަސީރަށް ތާއީދުކުރުން

ރ. ޒައީމު މައުމޫނުގެ އުފަންދުވަހު ތަހުނިޔާ ފޮނުވުމާއި މައުމޫނަށް ތައުރީފުކުރުން

ދިވެހިޕޯސްޓު:

ދިވެހިޕޯސްޓަކީ މިހާރުވެސް ހިނގަމުން ގެންދާ ސައިޓެކެވެ. އެޑުރެހަކީ ދިވެހިޕޯސްޓު ޑޮޓް ކޮމް އެވެ.

ފާޑުކިޔާ ފަރާތްތައް: މިހާރުގެ ސަރުކާރަކާއި ޑީއާރުޕީގެ ލީޑަރު ތަސްމީނަށާއި އަބްދުއްލޯ ޝާހިދު

ހުޝާމަތުކުރާ ފަރާތްތައް: ޔާމީނު، ޕީއޭގެ "މޮޅު" އިގުތިސާދީ ވިސްނުން، އުމަރު ނަސީރުގެ އެކުވެރިން، ޒައީމް މައުމޫނު

ފާހަގަ ކުރެވޭ ކަންތައްތައް:

ހ. ސިޔާސަތަށް ބެލުމުގެ ބަދަލުގައި މީހާއަށް ބަލައިގެން ފާޑުކިޔުން. މިސާލަކަށް ސަރުކާރުން ކުރާ ހުރިހާ ކަމަކާ ދެކޮޅު ހެދުމާއި ފާޑުކިޔުން. އެއް މިސާލަކީ ފެރީގެ ނިޒާމު ހުއްޓާލުމަށް ގޮވާލުން.

ށ. އެމްޑީޕީގެ މެމްބަރުން ކުރާ ހުރިހާ ކަމަކީ ގޯސްކަމަކަށް ވާއިރު، ޑީއާރުޕީގެ މެމްބަރުން ކުރާ ގޯސް ކަމެއްގެ ވާހަކަ ނުލިޔުން.

ނ. ސަރުކާރުގެ ރަގަޅު އެއްމެ ސިޔާސަތެއްވެސް ނެތުން

ރ. ތަސްމީނުގެ ރާވައިގެން މަޖިލީސް ދޮށު މުޒާހަރާކުރި ވާހަކަ ލިޔުނުއިރު، ޔާމީނު ޕާޓީގެ ހުރިހާ މެމްބަރުން ރައްޔިތުން ފެލާލުމަށް ވޯޓުލީ ވާހަކަ ނުލިޔުން.

ބ. ރައްޔިތުން ފެލާލުމަށް ޔާމީނު ވޯޓުދީފައިވާއިރު، އަހަރުގެ ސަހުސިއްޔަތަށް ހޮވުން. (އަހަރުމެން ދެކޭގޮތުގައި އަހަރުގެ އިދިކޮޅު ޝަހުސިއްޔަތަކީ އުމަރު ނަސީރެވެ. ޑީއާރުޕީގެ ނައިބު ލީޑަރުގެ މަގާމު އިންތިހާބުން ކާމިޔާބުކޮށްފިއެވެ. އެކި ނަންނަމުގައި ކެޑިނޭޅި ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި މުޒާހަރާކުރުމާއި އަޑު އުފުލާފައިވެއެވެ. ޔާމީނާ ހިލާފަށް އުމަރުގެ ސަޕޯޓަރުން ގިނައެވެ. ބައިވެރިވީ އިދިކޮޅު ހަރަކާތްތައްވެސް ގިނައެވެ. ޔާމީނު މުޒާހަރާތަކަށް އައިސް ވާހަކަދައްކަނީ އުމަރު އެކަންތައް އިންތިޒާމުކުރުމުންނެވެ.)

ލިޔަން ގަސްދުކުޅަ ހަމައަށް ލިޔެ ނިމުނީއެވެ. ދެން، ސުރުހީގައިވާ ސުވާލަށް އިންސާފުކުރުން ކިޔުންތެރިންނަށް ދޫކޮށްލަމެވެ.



Sunday, January 2, 2011

ބަތަލުންނާއި މުނާފިގުން ދެނެގަންނީ ކިހިނެއް؟

ތަކެތީގެ އަގު ބޮޑުވެ، ގައުމު ބަޑަށް ޖެހުމާ ގާތްވެ، ރައްޔިތުން ހާލުގައި އުޅެމުންދާއިރު، ތިމާމެންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުން ހޮވާފައިވާ 62 މެމްބަރުންވަނީ ވޯޓުލާފައެވެ. އެ ރައްޔިތުންގެ ނިކަމެތި ހާލު އެގި، އެކަމާ ދެކޮޅު ހަދާފައިވަނީ އޭގެ ތެރެއިން އެންމެ 4 މެމްބަރުންނެވެ. އެއީ އެމްޑީޕީއަށް ނިސްބަތްވާ 4 މެމްބަރުންނެވެ. އެއީ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ދާންދޫ ދާއިރާގެ މެމްބަރު މުހައްމަދު ރިޔާޒާއި އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އަދި ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދެވެ. އެމެމްބަރުންނަށް ހިތުގެ ފުންމިނުން ޝުކުރާއި އައްސަރިބަސް ރައްދުކުރަމެވެ.

އަދި ބުނަން ހެއްޔެވެ؟ ރައްޔިތުންނަށް ހިޔާނާތްތެރިވާން ނުކެރި އެކަމަކު މުސާރަ ބޮޑުކުރަނިކޮށް، އެ ހާއިނުން (ރައްޔިތުން ފެލާލުމަށް ވޯޓުދިން މެމްބަރުން) ނާއެކު އެއްބައިވެ، އެންމެ ފުރަތަމަ އެލަވަންސް ކޮޅު ބަލާދާން އުޅޭ ބަޔަކުވެސް އެބައުޅެއެވެ. އެއީ ވަކި ކޮޅަކަށް ވޯޓު ނުލާ ގުރޫޕޯލައެވެ. ބަޔަކު ވައްކަން ކުރާއިރު، އެކަން ދެނެހުރިކަމަށް ނަހަދައި، އެކަމާ ދެކޮޅު ނެހެދުމަކީ އެކަމާ ބައިވެރިވުންކަމަށް ނޫނީ ނުވާނެއެވެ. އެހެން ކަމުން އަހަރެމެން ބުނާނީ އެއީ ފާޅުވެގެންވާ މުނާފިގުންނެވެ. އެމުނާފިގުންނަކީ

ގަލޮޅު އުތުރު ދާއިރާގެ މެމެބަރު އީވާ އަބްދުﷲ (އެމްޑީޕީ)

ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އެމްޑީޕީ)

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް (އެމްޑީޕީ)

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް (އެމްޑީޕީ)

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ (އެމްޑީޕީ)

މަހިބަދޫ ދާއިރާގެ މެމްބަރު ރުގިއްޔާ މުހައްމަދު (އެމްޑީޕީ)

އަލިފުށި ދާއިރާގެ ޔޫސުފް ނައީމް (ޑީއާރުޕީ)

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު (އަމިއްލަ މެމްބަރު)

ފަރެސްމާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބް (ޖުމުހުރީ ޕާޓީ)

މިމީހުންގެ ނަމުގެ ކުރިޔަށް "އިއްޒަތްތެރި މުނާފިގު" ކިޔުން މާ އައުލާކަން ބޮޑުވެގެންވެއެވެ. މިސާލަކަށް، އިއްޒަތްތެރި މުނާފިގު އީވާ އަބްދުﷲ އެވެ. އިއްޒަތްތެރި މުނާފިގު އިބްރާހިމް މުއްތަލިބެވެ. ރައްޔިތުމީހާއަށް މަހަކު 5،000 ރުފިޔާ ދައުލަތުން ދޭއިރު ރައްޔިތުންގެ ނަމުގައި ހަމައެކަނި ނިޒާމީ ނުކުތާ ނަގާބަޔެއްގެ މުސާރަ 20،000 ރުފިޔާއަށް އިތުރުކުރަން އުޅުނުއިރު ދެކޮޅު ނެހެދިންވީ ސަބަބެއް ބުނެދީބަލާށެވެ؟ ރައްޔިތުމީހާ ފެލާލާއިރުވެސް، ކުޅިބަލަން ތިބީ ކީއްވެގެން ހެއްޔެވެ؟ ހަމަ، އެކަމަށް ތާއީދު ކުރެވޭތީ ދެއްތޯއެވެ؟

Saturday, January 1, 2011

ރައްޔިތުން އިތުރަށް ފެލާލަން މަސައްކަތްކުރީ ކޮންބަޔެއް؟

ރައްޔިތުން އުޅޭ ހާލެއް ބެލުމެއްނެތި، ރައްޔިތުމީހާގެ ފައިސާކޮޅު (ގައުމުގެ ހަޒާނާ) މަދުވެފައި ހުރިއިރު، ރައްޔިތުމީހާއަށް ނޭގި ތިމާމެންގެ މުސާރަ ބޮޑުކުރަން ވޯޓުލީ 62 (ފަސް ދޮޅަސް ދޭއް) މެމްބަރުންނެވެ. އެއްވެސް ނިޒާމީ ނުކުތާއެއް ނެއްގެވުމަކާ ނުލައެވެ.

އެމްޑީޕީ:

ރައްޔިތުންގެ ހަޒާނާއިން އިތުރަށް ލާރި ނެގުމަށް އެމްޑީޕީގެ 24 މެމްބަރުން ވޯޓުލާފައިވެއެވެ. އޭގެ ތެރޭގައި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ (ޕާޓީގެ ޗެއާޕާސަން) އާއި

ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު (ޕާލަމެންޓު ގުރޫޕުގެ ރައީސް) ހިމެނެއެވެ. ރީކޯމެން، މާރިޔާމެން، ރައްޔިތުންގެ ހައްގޭ ގޮވަން ލަދު ނުގަނޭ ހެއްޔެވެ؟ ލަދުގެ ކަންފުޅެއް ހުރިއްޔާމު، ވީހާ އަވަހަކަށް މެމްބަރުކަން ދޫކޮށްލައި ގެއަށް ވަޑައިގަތުމަށް އަދަބުވެރިކަމާއެކު ދަންނަވަމެވެ.

ޑީއާރުޕީގެ ފަރާތުން:

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (އެމްޑީޕީގެ ކާނަލް ނަޝީދު) ތިމާމެންގެ މުސާރަ ބޮޑުކުރަން ހުށައެޅި ބިލަށް ތާއިދުކޮށް ކެންދޫ ދާއިރާގެ މެމްބަރު އަހުމަދު ތަސްމީން އަލީ (ޑީއާރުޕީގެ ލީޑަރު) އާއި (ލީޑަރުގެ އަބިކަބަލުން) މަޑުއްވަރީ ދާއިރާގެ މެމްބަރު ވިސާމް އަލީ އާއި ޕާޓީގެ ނައިބު ލީޑަރުން ކަމަށްވާ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު އާއި ގެމަނަފުށި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވަނީ ވޯޓުލާފައެވެ. އިދިކޮޅު ލީޑަރުންނަށް ރައްޔިތުން އުޅެމުންދާ ދަތިގޮތް އިހުސާސް ނުވަނީ ހެއްޔެވެ؟ ސަރުކާރު ޖަވާބުދާރީކުރުމަކީ މިއީ ހެއްޔެވެ؟ ސަރުކާރުން ކުރާ ހުރިހާ ގޯސްކަމެއްގައި ކަލޭމެން ބައިވެރިވެއެވެ. ރައްޔިތުންނަށް ކަމެއް ކޮށްދެންޖެހޭ ދަޑިވަޅުގައި ނިޒާމީ ނުކުތާ ނަގަމެވެ. ތިޔަ ބޭފުޅުންވެސް ގެއަށް ވަޑައިގަންނަވާށެވެ. ރައްޔިތުންގެ އިހުސާސްތައް އެގިގެން ސަރުކާރު ޖަވާބުދާރީ ކުރެވޭނެ އެހެން ބަޔަކަށް ފުރުސަތު ދޭށެވެ.

ޕީއޭގެ ހުރިހާ މެމްބަރުން، އެޕާޓީގެ ލީޑަރު މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީންގެ ފަހަތުން ރައްޔިތުންގެ ހަޒާނާގައި ބާކީ ހުރިހުރިހާ ފައިކޮޅެއް ނަގާ ހުސްކޮށްލަން ވޯޓުދިނެވެ. އެކަމުގެ އެއް މޭސްތިރިއަކީ އެޕާޓީގެ ނައިބު ލީޑަރު ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް (ޖަންގިޔާ) އެވެ. އިގުތިސޯދޭ، ރައްޔިތުން އުޅޭ ނިކަމެތި ހާލޭ، ތިމަންމެން ރައްޔިތުންގެ ހައްގުގައި އިހުލާސްތެރިވެގެންނޭ ކިޔާނެކަމެއް ނެތެވެ. "މިއީ އަދުގެ ކުޑަ ޒައީމު" ހެދިގެން ރާއްޖެމިއަދު ސައިޓު ހިންގަން ގޭގަ ހުންނާށެވެ. ބަޅެއްގެ ނަގޫ ސަންފާ އޮނަކަށް ލިޔަސް ތެދެއް ނުވާނެއޭ ބުނާބުނުމަކީ ހަމަ ތެދެކެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (ކުއްޓި ނަޝީދު) އަކީ ވެސް އަހަރެމެން ހީކުރި ވަރުގެ މީހެއް ނޫންތާއެވެ. އަދިވެސް "I need more cash" ދެއްތޯއެވެ؟ ތިމަންނައަކީ އަމިއްލަ މެމްބަރެކޭ، އިސްކުރަނީ ރައްޔިތުންގެ ހައްގޭ ކިޔާނެކަމެއް ނެތެވެ. އިތުރަށް ލާރި ބޭނުމިއްޔާ ދާއިރާގެ ރައްޔިތުން ކައިރީ ބުނެގެން ފަންޑު ފޮއްޓެއް ގޭގައި ބަހައްޓަންވީ ނޫންހެއްޔެވެ؟ އޭރުންވެސް ލާރި ލިބޭނީ ރައްޔިތުންގެ އަތުން ވިއްޔާއެވެ.

ރާއްޖޭގެ ނެތްވަރުގެ މަހުޖަނުން ކަމަށްވާ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ޓުރެވަލް ސިޔާމު) އާއި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް (ބުރުމާ ގާސިމު) ވެސް ރައްޔިތުން ފެލާލަން ވޯޓުދިނެވެ. ލިބޭ އެއްޗަކުން ހަމަ ދެކޮޅު ނުޖެހެނީ ދެއްތޯއެވެ؟ ނާޖާއިރުގޮތުގައި ވެރިކޮށްލައިގެން އުޅޭ ރިސޯޓުތައް އަލުން ބިޑަށް ހުށައަޅަން ގެންނާށެވެ. އޭގެން ލިބޭ ފައިސާއިން ދެވެރިންނަށް މަހަކު 82،000 (އައްޑިހަ ދެހާސް) ރުފިޔާގެ މުސާރައެއް ދެވިދާނެއެވެ. މިހާރު ތިޔާގެ ދެވެރިންނަށް ރިސޯޓުތައް ދީގެން ރައްޔިތުންގެ ހަޒާނާއަށް ލިބެންވާ ވަރާ ގާތަށްވެސް ޑޮލަރެއް ނުލިބެއެވެ.

މައުލޫމާތު ނެގީ: ދިވެހިޕޯސްޓް އިންނާއި ރައްޔިތުންގެ މަޖިލީހުގެ ސައިޓުން

 
Web Statistics