Saturday, July 31, 2010

ޒުވާނަކު މަރާލައިފި - ފުރޮޒިކިޔުޓަ ޖެނެރަލް ޒިންމާނަގަންޖެހޭނެ





ރޭއިރާކޮޅު 6 މީހަކަށް ހަމަލާދީ، އެކަކު މަރާލައިފިއެވެ. އެކަމެއް ހިނގީ ޒުވާނުންގެ މަރުކަޒާ އިންވެގެން އޮންނަ ދަނޑާކައިރީގައެވެ. މިފަހަރު މިހަމަލާ ހިންގި މީހުންނަކީ މިފަދަ މާރާމާރީއެއްގެ މައްސަލާގައި ތަހުގީގުކުރެވި، އެމީހުންގެ މައްސަލަ ޕޮރޮޒިކިޔުޓަ ޖެނެރަލްގެ އޮފީހަށް ހުށައެޅިފައި ތިބި ބަޔެކެވެ. ބޮޑު މުސާރަ ނަންގަވާ އަހުމަދު މުއިއްޒު ކޮބާތޯއެވެ؟ މައްސަލަތައް ފުނިޖެހި، ސަރީއަތަށް ހުށަނޭޅި، އެއްބަޔަކު މަރުވެ، އަނެއްބަޔެއްގެ ހައްގު ގެއްލިދާއިރުވެސް،މުސާރަ ބަރާބަރަށް ނަންގަވަމުހެއްޔެވެ؟

މިއީ މިފަދަ އެއްމެ މައްސަލައެއް ނޫނެވެ. މީގެ އެތަކެއް ކަމެއް ހިނގާފިއެވެ. އަދިވެސް، ހުސެން ސަމީމާއި އަހުމަދު މުއިއްޒުމެން ތިޔަ މަސައްކަތްކުރެވޭނެ ބަޔަކަށް ފުރުސަތުދިނުމަށްޓަކައި ގެއަށް ވަޑައިގަންނަވާކަށްނުވޭހެއްޔެވެ؟ ޕީޖީ އޮފީހުގައިވެސް ވެބުސައިޓެއް ހުރެޔޯލައެވެ. އެއްވެސް މައުލޫމާތެއް އެއިން އާއްމުންނަށް ނުލިބޭ، އާއްމުންނަށް އެއްވެސް ގޮތަކުން ބޭނުމެއް ނުހިފޭ، ކޮންމެވެސް ބަޔަކަށް ލާރިގަނޑެއް ދޭން ކޮންފައި ހުރިކަމެއްކަމަށް ފެނެއެވެ. ދެތިން ޕީޑީއެފް ނޫނީ ނެތެވެ.

މިހާދިސާއާ ގުޅޭ އިތުރު ހަބަރު ހަވީރު ނޫހުން


Saturday, July 24, 2010

!އާނިޔާ އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް


ދާދިފަހުން ރައީސް ނަސީދުވަނީ ހިއުމަންރައިޓްސް ކޮމިސަނަށް ހޮވަން ފެންނަ މީހުންގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. އޭގެ ތެރޭގައި ހިމެނޭ އެކަކީ ރައީސް ނަސީދާއި އާއިލީގޮތުން ގުޅުންހުރި އައިސަތު އާނިޔާއެވެ. ދެބެންގެ ދެދަރި ކަންނޭގެއެވެ. މީނާ މިކަމަށް ކުފޫ ހަމަވަނީ އިސްލާމުދީނަށް ފުރައްސާރަކޮށް މިނިވަން ނޫހުގައި ދިވެހިބަހުން ލިޔެ، އޭގެ ފަހުންވެސް މިނިވަން ނިއުސްގައި އިގިރޭސިބަހުން ލިޔަމުން އަންނާތީތޯ ސުވާލުއުފެދެއެވެ. މީނާއަކީ މުސްލިމު އަންހެނުން ބުރުގާ އެޅުމާ ކަނޑައެޅިގެން ދެކޮޅުހަދާ، އެކަމަށް ފާޅުގައި ގޮވާލަމުން އަންނަ އިލްމާނީ ވިސްނުމުގެ އަންހެނެއްކަން އޭނާ ދަންނަ ކޮންމެ މީހަކުމެ ދަންނާނެއެވެ. އޭގެ ތެރޭގައި ރައީސް ނަސީދުވެސް ހިމެނޭނެކަން ކަށަވަރެވެ.

މިފަދަ މީހަކު އެކޮމިސަނުގައި ހިމެނުމުންވާނެ ގޮތަކީ، 1. ދިވެހި މުސްލިމު އަންހެނުންގެ ތެރެއިން ބުރުގާ އަޅައިގެން ތިބިމީހުން ބުރުގާ ބޭލުމަށްޓަކައި އިންސާނީ ހައްގުގެ ނަމުގައި ކޮމިސަން މެދުވެރިކޮށް މަސައްކަތްކުރުމާއި، 2. ބުރުގާ އެޅުމުގެ ސަބަބުން ރާއްޖޭގެ ދިވެހި އަންހެނުންގެ އިންސާނީ ހައްގު ގެއްލިފައިވާކަމަށް ކޮމިސަނުގެ ނަމުގައި ބޭރު ފަރާތްތަކަށް އަމާޒުކޮށް ރިޕޯޓުނެރެގެން، ސަރުކާރަށް ފާޑުފާޑުގެ ޕުރެސަރުކުރުވުމާއި 3. އަގީދާ ބަލިކަށިވުމުގެ ސަބަބުން މުރުތައްދުވާ މީހުންގެ ހިމާޔަތުގައި ކޮމިސަނުން ތެދުވުމާއި 4. އެމީހުންގެ މުރުތައްދުކަމުގައި ހައްދުފަހަނައަޅައިދިޔުމަށް ކޮމިސަނުގެ ނަމުގައި ހިތްވަރުދިނުމާއެކު އެކަމަކަށް މަގުފަހިކޮށްދިނުމާއި 4. ކޮމިސަނާއި ދީނީ ޖަމުއްޔާތަކާ ޖެއްސުމާއި، މިހެންގޮސް މިހާރު ނުވެހުރި ހުރިހާ ކަމެއް ކުރާނެއެވެ.

އޭގެ ސާފު ހެއްކަކީ މިހާރުވެސް މީނާއަކީ ފޭސްބުކުގެ އިތުރުން ބުލޮގެއްގައި "ރެހެންދި" ގުރޫޕެއް ހަދައިގެން، ތިމާ އަމިއްލައަށް ފޮރުވިގެން، އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ނަމުގައި ދީނަށް ފުރައްސާރަކުރަމުން އުޅޭ އަންހެނެކެވެ. ރެހެންދި ގުރޫޕުގެ މޭސްތިރިންނަކީ މީނާގެ އިތުރުން ވެލެޒިނީ އާއި ސޫސަން އިބުރާހިމް ފުޅެވެ. ރެހެންދީ ގުރޫޕުގެ ވާގިވެރިންނަކީ ބުރުގާ ދެކެ ނަފުރަތުކުރާ އަންހެނުންނާއި، އެއް ޖިންސުގެ ގުޅުމަށް އިއްވަރުދޭ ފިރިހެނުންނާއި، ދީނުންބޭރުވެފައި ތިބި ފާސިގުންނެވެ.

ރެހެންދި ގުރޫޕުގެ ތައާރަފުގައި ތިމަންމެންނަކީ ގުރުއާނާއި ސުންނަތާ ދެކޮޅުވެރިބަޔެއް ނޫނޭ ލިޔެގެން އުޅެނީ ދިވެހި މުސްލިމުން މިމީހުންގެ ތެރެއަށް ގެނެސްގެން އެމީހުންވެސް މަގުފުރެއްދޭތޯއެވެ. އެމީހުންގެ ބުލޮގު ބަލާލުމުން ބުރުގާއާ ދެކޮޅު ވަރަށް ގިނަ ލިޔުންތައް ފެންނާނެއެވެ. އަދި ބުރުގާއަކީ ކޮންމެހެން އަޅަންޖެހޭ އެއްޗެއްނޫނޭ ބުނެ މީހުންނަށް ވިސްނައިދިނުމަށް، ތިމާމެންނަކީ ދީންވެރި އަންހެނުންނޭ ބުނެ އެހެން މީހުން މަގުފުރައްދަން ލިޔެފައި ހުންނަ ލިޔުންތައް ހުންނާނެއެވެ. އެމީހުންނަށް ނޭގޭ ކަމަކީ ދީންވެރި އަންހެނުން ތިބޭނީ ރަސޫލާގެ އަބިކަބަލުންނާއި ދަރިކަބަލުން ފަދައިން ބުރުގާއިން ބޮލާއި ކަރުވަޅުތައް ނިވާކޮށްގެންކަމެވެ. ނަސާރާދީނުގައި އަޅުވެރި އަންހެނުން (ނަނުން) ތިބެނީވެސް އެހެންނޫންހެއްޔެވެ؟ އިސްލާމުދީނުގައި ހިލާފު އުފެދޭ މައްސަލައަކީ މޫނު ބުރުގަލެވެ. ނޫނީ ނިގާބެވެ. ބުރުގާ އެޅުމަކީ ގުރުއާނާއި ސުންނަތުގެ ނަސްލުން ވަރަށް ސާފު މައްސަލައެކެވެ.

Sunday, July 18, 2010

ޔާމީނު ބަތަލަކަށް ހަދަން ރައީސް ނަސީދު މަސައްކަތްކުރުން: އެއްވަނަ ބައި



ޔާމީނަކީ ކުރިން އަބުދުއްލާ ޔާމީނެވެ. ފަހުން، ރައީސްކަމަށް ފައިނަގަންވެގެން، ތިމާގެ ނަން އަމިއްލައަށް ބަދަލުކުރީ ޔާމީން އަބްދުލްގައްޔޫމަށެވެ. ކުރީގެ ރައީސް މައުމޫނުގެ ނަމާ އެއްގޮތްކޮށް، ރައްޔިތުންގެ ރުހުން ލިބޭތޯއެވެ. ނޫނީ މައުމޫނު ފަދަ ސަހުސިއްޔަތަކަށްވެވޭތޯއެވެ. އިއްލަބޭ ވެރިކަމަށް އަންނަންވެގެން ސިހުރުހެދި ހިސާބުންފެށިގެން، މައުމޫނު އެންމެ ބޮޑަށް އިތުބާރުކުރާ މީހަކަށް ޔާމީނުވިއެވެ. އޭގެ ކުރިން ޔާމީނަކީ މީހަކު ދަންނަމީހެއްނޫނެވެ. އިއްލަބޭ އެހެލާފައި ހުރި ދުވަސްވަރުގައި ޔާމީނަށް ވަޒީރުކަމާއި ސަރުކާރުގެ އެތަކެއް ކުންފުނީގެ ޗެއާމަންކަން ދިނެވެ. އޭގެ ތެރޭގައި އެސްޓީއޯ، ސުޓެލްކޯ، މިފްކޯ ހިމެނެއެވެ. ޓުރޭޑް ނުވަތަ ވިޔާފާރީގެ މިނިސްޓަރުކަން ކޮއްފައިވެއެވެ. އެއްވެސް ތަނެއް، ތަރައްގީވެ، ކުރިއަރާފައެއް ނުވެއެވެ.

ވީހާވެސްކަމަކީ ތިމާއާ ގާތް ރައްޓެހި ރަހުމަތްތެރިން މުއްސަދިވީއެވެ. އޭގެ ތެރޭގައި ސަންޓުރެވަލް ސިޔާމު، ލޮލީ ޖާބިރު، ޖައުސާ ޖައުފަރު، ޖަންގިޔާ ނާޒިމުފަދަ މީހުން ހިމެނެއެވެ.

ސިޔާސީ އޮއިވަރުގެ ތެރޭގައި ލޮލީ ޖާބިރުއަކީ ތޮށި ބަދަލުކުރަމުން ދުވާ ފިނިހަކައެކެވެ. ފުރަތަމަ، ޔާމީނާއެކު ޑިއާރުޕީ އުފައްދައި ހިންގީއެވެ. ދެން، މައުމޫނު ބިޔާދޫ ރިސޯޓު ޖާބިރަށް ނުދީދާނެހެން ހީވީމާ، ޑީއާރުޕީ ދޫކޮށް، ޔާމީނާއެކު ޕީޕަލް އެލަޔަންސް ޕާޓީހެދީއެވެ. އެއަށްފަހު، ބުރުމާ ގާސިމު ވެރިކަމަށް ފައިނަގައި، ރައްޔިތުންނަށްވީ އިހުސާސްތެރިކަމުގެ ލޯބީގައި ވެރިކަމަށް ހޮވައިދާނެހެން ހީވީމާ، ބުރުމާ ގާސިމުގެ ޕާޓީ ޖުމުހުރީ ޕާޓީއާ ގުޅުނީއެވެ. ދެން، އަންނި ވެރިކަމަށް އައިސް، ރައްޔިތުންގެ ޓޫރިޒަމް ކުންފުންޏާ މައްސަލަޖެހި އޭގެން ސަލާމަތް ނުވެވުނީމާ، އެމްޑީޕީއަށްވަދެ ސަރުކާރުގެ ތެރެއިން އެމައްސަލައަށް ހައްލެއް ހޯދީއެވެ. އަދި މިފްކޯ ތިޖޫރިން ހޯދި ވަގު ޑޮލަރު މައްސަލައަށް ފަސްއެޅީއެވެ.

މައުމޫނުގެ ވެރިކަން ނިމި، ޔާމީނަށް ވެރިކަމަށް އާދެވިދާނެކަމަށް ހީނުވާތީވެ، ސަންޓުރެވަލް ސިޔާމު ބެލީ ޑިއާރުޕީގެ ނައިބު ޒައީމުކަމުން އިސްތިއުފާދީ، އެއްވެސް ޕާޓީއަކަށް ނުވަދެ، ކޮޅުމަތި ބަލަން ހުންނާށެވެ. ގާނޫނު އަސާސީ އިސްލާހުކުރި ދުވަސްވަރު، މަޖިލީހުގެ ހާޒިރީއިން ފަހަތުން އެއްވަނައަށް ހޮވިފައިވަނީ މިސިޔާމެވެ. މެމްބަރަކަށްވެހުރެ، މަޖިލީހުގެ ޖަލުސާތަކަށް ނުގޮސް، އަމިއްލަ ވިޔަފާރިއާއި އުފަލާ އަރާމު ދަތުރުތަކުގައި ރާއްޖޭން ބޭރުގައި އުދުހި، ރައްޔިތުންގެ ހައްގަށް ހަރާންކޯރުވެފައިވެއެވެ. ނަމަވެސް، އަނެއްކާވެސް ތިމާގެ ލަދުހަޔާތުގެ ކަންފުޅެއް ނުހުންނަކަމުން، އަނެއްކާވެސް ދާލު އަތޮޅަށް ކުރިމަތިލީއެވެ. ދާލު އަތޮޅުގައި މީނާގެ ރިސޯޓެއް އޮންނަކަމުން، މާއްދިއްޔަތުގެ ދަޅަ އެއަތޮޅު ރައްޔިތުންނަށް ދައްކުވައި ދާލު އަތޮޅުގެ ގޮނޑިއަށް އަނެއްކާވެސް ސަވާރުވީއެވެ. ރިސޯޓު އޮންނަ އަތޮޅުތަކުގެ ރައްޔިތުންނަކީ އެރިސޯޓުތަކުގެ ވެރިންގެ އަޅުންފަދަ ބަޔެކެވެ. މިކަމަކީ ލާމަރުކާޒީ ބިލު ހަދަމުންދާ ދުވަސްވަރު ވިސްނަންޖެހޭ ވަރަށް ނާޒުކު މައްސަލައެކެވެ. މަޖީލިހު މެމްބަރަކަށްވާން ސިޔާމު ބޭނުންވަނީ މަޖީލީހު މެމްބަރުންނަށް ލިބޭ އިނާޔާތްތަކާއި އިމްތިޔާޒާއި އިއްޒަތުގެ ބޭނުމުގައެވެ.

މިހާރު ޔާމީނުގެ ވާގިވެރިންނަކީ ޖައުސާ ޖައުފަރާއި ޖަންގިޔާ ނާޒިމެވެ. ޖައުސާ ޖައުފަރު މަޖިލީހުގެ ގޮނޑިއަށްކުރިމަތިލައި، ރައްޔިތުން އެއްލާލުމުން، ސިޔާސީ މައިދާނާ ދުރުގައި ކުޅިބަލަން މަޑުކޮށްލީއެވެ. ނާޒިމަކީ މީމު އަތޮޅު ރައްޔިތުން އަޅުވެތިކޮށްގެން އުޅޭ، ކަރަޕްސަނުން ފެންވަރައިގެން މުއްސަދިވެފައިހުރި މަހުޖަނެކެވެ. ނާޒިމުގެ އެހީތެރިކަމާއެކު ކުރިން މީމު އަތޮޅު ގޮޑިއަށް ނަސްރީނާއަށްވުރެންބޮޑަށް މައުމޫނު ދެކެ ލޯބިވާ އަނީސާ އަހުމަދު މަޖިލީހުގެ ގޮނޑިއަށް ހޮވާދީފައިވެއެވެ. މިފަހަރު، މައުމޫނުގެ ވެރިކަން ނިމުމާއެކު ޔާމީނު ނޫނު އަތޮޅު ގޮނޑިއަށް ނުހޮވާނެކަން ޔަގީންވުމުން، ނާޒިމުގެ އެހީތެރިކަމާއެކު މުލަކު ދާއީރާގެ ގޮނޑިއަށް ޔާމީނު ސަވާރުވީއެވެ. ނާޒިމު ބުނެފިނަމަ، ބުޅަލެއްވެސް އެގޮނޑީގައި މުލަކު ރައްޔިތުން ބައިންދާނެ ބީދައިންނެވެ. ނޫނު އަތޮޅަކީ ޔާމީނު މަންމަ އުފަންރަށް ވެލިދޫ ހިމެނޭ އަތޮޅެވެ. ނަމަވެސް، މުލަކު އަތޮޅާ ޔާމީނާ ވާކަމެއްނެތެވެ.


Tuesday, July 6, 2010

ޑރ. މުސްތަފާ ލުތުފީގެ ނާގާބިލުކަން އަނެއްކާވެސް ފަޅާއަރައިފި!

ދިވެހިރާއްޖޭގެ އިންސާނީ ހައްގުތަކާބެހޭ ކަމިސަނުން ތުރުކީގެ މެނޭޖުމަންޓުން ހިންގާ ލާލޭ އިންޓަނޭސަނަލް ސުކޫލުން ދަރިވަރުންނާމެދު ނޭއްގާނީ އަމަލުތައް ހިންގާކަމަށް ބުނެ ދާދި ފަހުން ރިޕޯޓެއް ނެރެފިއެވެ. އޭގައި ފާހަގަކޮށްފައިވާ އެއް މައްސަލައަކީ ސުކޫލުތައް ޕުރައިވަޓައިޒުކުރަނީއޭ ގޮވަމުން ޑރ. މުސްތަފާ ލުތުފީ ގޮވަމުންދިޔައިރު، އެކަމާބެހޭ އެއްވެސް ގަވާއިދެއް އުސޫލެއް އެޑިޔުކޭސަނުން އެކުލަވާލައިފައިނުވާކަމެކެވެ. ޑރ. މުސްތަފާ ކަހަލަ ނާގާބިލު މީހުން މިނިސްޓަރުންނަށްލީމައި އޭގެ ހުރިހާ ދެރައެއް ދިވެހި ކިޔަވާކުދިންނަށެވެ. ދިވެހި ކިޔަވާކުދިން ބެލުޓުން ތަޅާމަރާއިރުވެސް، އެކަން އެޑިޔުކޭސަނުން ބެލިފައެއްނެތެވެ. ބޭރުބަޔަކާ ސުކޫލު ހަވާލުކޮށްގެން ހެވިފައި އެތިބީނުންހެއްޔެވެ. މިއޮއްހައި ދުވަހު ލާލޭ ސުކޫލުން ސުކޫލު ބޯޑު ނަހަދައި އުޅޭއިރުވެސް އެޑިޔުކޭސަނަށް އެގޭކަމަކަށް ނުވެއެވެ.

އޭބަލަ ލުތުފީބޭއެވެ. އެހެންމީހުން ސުކޫލުތައް ޕުރަވަޓައިޒުކުރުމުގެ ކުރިން އެވެރިން އެތަންތަން ހިންގަންވާނެގޮތުގެ އުސޫލުތަކާ ގަވާއިދުތައް ހަދާނެއެވެ. އަދި އެކަންކަން އެޑިޔުކޭސަނުން ބެލޭނެ ނިޒާމު ހަމަޖައްސައެވެ. އަދި އެޑިޔުކޭސަނުން ހަދާ ގަވާއިދުތަކާ އެއްގޮތަށްތޯ ސުކޫލު ހިންގަނީ ބަލާ ފިޔަވަޅުވެސް އަޅާނެއެވެ. މިބެޔަށް މިނިސްޓަރުކަންދޭން ހެޔޮވާނެހެއްޔެވެ؟

އޭބަލަ ލުތުފީބޭއެވެ. މަތީ ސާނަވީގައި ދިވެހި އިސްލާމަށް ޖެހިގެން އުޅޭ މައްސަލަ އެގޭހެއްޔެވެ؟ އެދެމާއްދާގެ މުގައްރަރު ވަޅޯފެންކަމުން ކުދިން ކިޔަވާ ހިތްނުވަނީއެވެ. ކުދިން ކިޔަވާ ހިތްނުވާތީއޭ ކިޔާފައި އެދެމާއްދާ ދޫކޮށްލުމުގެ ފުރުސަތު ހުޅުވާލަންވީއެއްނޫނެވެ. އެދެމާއްދާގެ މުގައްރަރު އިސްލާހުކޮށް ދަރިވަރުން ސައުގުވެރިވާނެގޮތަކަށް ހަދަންވީއެވެ. ދިވެހި ޑިގުރީގެ ބައިތަކެއް ސާނަވީ ދިވެހި މާއްދާގައި ހިމެނިދާނެއެވެ. އަދި ކޮންޕުރޭޓިވު ރިލިޖަން އިސްލާމު މާއްދާގެ ބައެއްގެ ގޮތުގައި ހިމެނިދާނެއެވެ. އެއިރުން ދަރިވަރުން ސައުގުވެރިނުވެއެއް ނުދާނެއެވެ. ނޫނޭވާ ލުތުފީބޭ ނަގައިގެން ތިޔައުޅޭ ފީއެޗްޑީއަށް އަވަރިންގެ ސަލާން.

 
Web Statistics