Thursday, January 22, 2009

ހެޔޮވެރިކަމެއް ކުރުމަށް ކުރާ ކަންތައްތަކަކީ މިއީތޯ؟!

1. މަސައްކަތުގެ ތަޖުރިބާއެއް، ލިބިފައިހުރި ތައުލީމެއް ނުވަތަ ފެންވަރެއް ބެލުމެއްނެތި ދައުލަތުގެ ބޮޑެތި މަގާމުތައް ތިމާ ހިތްރުހޭ ފަރާތްތަކަށް ހަދިޔާކޮށް، މަތިމައްޗަށް ބޭކާރު މަގާމުތައް އުފައްދައި ސަރުކާރުގެ ބަރުހިލަކަން ބޮޑުކުރުން. މ. މެމްބަރު ޝަފީގުމެން ކަހަލަ. (ސަރުކާރުގެ ހިންގުން ހަރުދަނާކުރެވޭނީ ކަމަށް އެމީހާގެ ސިޔާސީ ފިކުރަށް ބެލުމުގެ ބަދަލުގައި ކަމަށް އެކަށޭނަ ގާބިލުމީހުން ލައިގެން ކަމަށް ރައީސް ނަޝީދު ކުރިން ވިދާޅުނުވަމުތޯއެވެ؟)

2. ގައުމަށް ހިޔާނާތްތެރިވެ، ތިމާއަށް ލިބިދާނެ ކުޑަކުޑަ ފައިދާއަކަށް ބޭރު ބަޔަކަށް ތިމާގެ ގައުމު ވިއްކާލުމަށް މަސައްކަތްކޮށް އެކަން ޝަރުއީކޯޓުތަކަށް ސާބިތުވެ މަރުގެ ހުކުމްކޮށްފައިވާ ފަރާތްތަކަށް ދައުލަތުގެ ހައިބަތު ބޮޑެތި މަގާމުތައް ދިނުން. ސްޓޭޓު މިނިސްޓަރު އަބްދުއްﷲ ޝާހިދުމެން ކަހަލަ. (އެއް ފުޅައްމަތިން ފުއްމާލި ބަކަރި އަނެއް ފުޅައްމަތިން ނުފުއްމާލާނެކަމުގެ ޔަގީންކަމެއް އެބައޮތްތޯއެވެ. މައާފުކުރުމަކީ ވަކިކަމެކެވެ. ސަރުކާރުން ވަޒީފާއެއް ދިނުމަކީވެސް ވަކިކަމެކެވެ. ނަމަވެސް، އެފަދަ މީހަކު ރައްޔިތުންގެ ރުހުމާ ދެކޮޅަށް ވަޒީރުންގެ މަގާމުގައި ގެންގުޅުމަކީ ހުދުމުހުތާރުގޮތެއްކަމާމެދު ޝައްކެތްނެތެވެ.)

3. ތިމާގެ އިންތިހާބަށް ފައިސާ ހަރަދުކުރުމަށް އެއްބަސްކުރުވައި ވަޒީރުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި ރާއްޖޭގެ ބޮޑު މަހުޖަނަކު ތިމާގެ ގޭކުދިންކޮޅު ލައިގެން ހަދައިގެން އުޅޭ ލަވަ ޕާޓީއަކަށް ވިއްކާލުން. އެމްޑީޕީ އާއި ޖުމުހުރީ ޕާޓީން ހެދި އެއްބަސް ކަހަލަ. (ކޮން މީހަކު ކުރިއަށް ކަރަޕްސަންވާނީ ކޮރަޕްސަނަށެވެ. ތިމާއަށް ލިބިފައިހުރި މަގާމެއްގެ ބޭނުންކޮށް ފައިސާކޮޅަކަށް ދައުލަތުގެ މަގާމުތަކެއް ވިއްކާލުމަކީ ކަރަޕްސަންނޫންތޯއެވެ)

4. ގައުމުގައި ތިބި މަދު ވިޔަފާރިވެރިން ކޮޅެއްގެ ހިތްރުއްސާލުމަށްޓަކައި އެމީހުން ހިތްރުހޭ ގޮތްގޮތަށް ގާނޫނުތައް ފާސްކުރުމަށް ބާރުއަޅައި ރައްޔިތުންގެ އިހުސާސްތަކުގައި ކޮޅުފައި ޖެހުން. ކުލިބޮޑުކުރުމަކާނުލައި ރިސޯޓުތަކުގެ މުއްދަތު އިތުރުކުރުމަށް މަސައްކަތްކުރުން ފަދަ ކަންތައްތައް. (ވަޒީރުން ލައްވައި ފާޑުފާޑުގެ ލަވަކިޔުއްވިއަށް މިކަމަކީ ރައްޔިތުންގެ މަންފާއަކަށް ކުރާކަމެއްނޫންކަން މަގުމަތިންދާ ބުޅަލަށްވެސް އެގޭނެއެވެ)

5. ތިމާ ނުރުހޭ ކަންތައްތައްކުރާ، އަދި ތިމާގެ ސިޔާސަތާ ދެކޮޅު ސިޔާސީ ޕާޓީތައް ނައްތާލުމަށް ހުށައެޅުން. އައިޑީޕީ އާއި ޑީއާރުޕީ އުވާލުމަށް ގޮވާލުން ފަދަ ކަންތައްތައް (ބަލަ، ޕުލޫރަލިސްޓިކް ޑިމޮކުރަސީ މިހާރުކޮބާ؟)

ރަށު ކައުންސިލަރުނާ ކަތީބުން، އަތޮޅުވެރިންނާ އަތޮޅު ކައުންސިލަރުން: ތަފާތަކީ ކޮބާ؟

ރަށު ކައުންސިލަރުންނާ އަތޮޅު ކައުންސިލަރުން އައު ސަރުކާރުން އައްޔަން ކުރައްވަމުން ގެންދަވާ ވާހަކަ މިދުވަސްކޮޅު މީޑިޔާއިން އެބައިވެއެވެ. ނަމަވެސް، މިއީ ކޮންކަމެއްކުރާ ބަޔެއްކަމެއް އެގެނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންނަށްތޯއެވެ. ކުރިންވެސް ތިއްބެވި ކަތީބުން ބައިތިއްބަވައި، އެކަތީބުންގެ މައްޗަށް ރަށު ކައުންސިލުން އައްޔަންކޮށް، އަތޮޅުވެރިން އައްޔަންކުރުން ހުއްޓުވާލައި، އޭގެ ބަދަލުގައި އަތޮޅު ކައުންސިލަރުން އައްޔަން ކުރަމުންދާއިރު އެދެބައި މީހުންގެ މަސައްކަތުގެ ދާއިރާ އާއި މަސްއޫލިއްޔަތުގެ ތަފާތަކީ ކޮބައިތޯއެވެ؟ އަދި އޭގެ މައްޗަށް ސުޓޭޓު މިނިސްޓަރުންގެ ނަމުގައި އެތަކެއް ކުދިކުދި އަތޮޅުތަކާ ބެހޭ ވަޒީރުން އައްޔަންކުރުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟

ސަރުކާރުން ދެކޭގޮތުގައި މިއީ އަތޮޅުތައް ތަރައްގީކޮށް ހަރުދަނާކުރުމުގެ ބޭނުމުގައި ގެންނަމުން ދާ އިސްލާހީ ބަދަލުތަކެކެވެ. ކަތީބުންނަކީ މާޒީގައި ހިގާފައިހުރި ބަޔެއް ކަންކަމާހުރެ، ވަކިން ހާއްސަކޮށް އަމިއްލަ އެދުމުން ފުރިފައިތިބި މަދު ކަތީބުންތަކަކާހުރެ، ނަން ހުތުރުވެ ރައްޔިތުންގެ މެދުގައި ގަދަރާއި އިހުތިރާމު ގެއްލިފައިވާ ބަޔެކެވެ. އެހެންކަމުން އެހެން ނަންތަކެއް ތައާރަފުކުރީ ކަމަށް ބެލެވެއެވެ. ކަތީބުންނާއި ރަށު ކައުންސިލަރުންނަކީ މަސައްކަތުގެ ދާއިރާ އާއި މަސްއޫލިއްޔަތުގައި އެއްވެސް ތަފާތެއް ހުރި ބަޔެއް ނޫނެވެ. ކުރީ ސަރުކާރުން ކަތީބުންނާއި އަތޮޅުވެރިން އައްޔަންކުރި ފަދައިން މިސަރުކާރުންވެސް ސަރުކާރުގެ ބޮޑުން ހިތް ރުހޭ ބަޔަކު ރަށު ކައުންސިލަރުންގެ މަގާމަށާއި އަތޮޅު ކައުންސިލަރުންގެ މަގާމަށް އައްޔަންކުރަނީއެވެ.

މިއަދު ކުރެވޭ ސުވާލަކީ އެމްޑީޕީއިން ކުރިން ބުނަމުންއައި އިންތިހާބުކުރާ އަތޮޅުވެރިންނާއި އިންތިހާބުކުރާ ކަތީބުން މިހާރު ކޮބައިތޯއެވެ؟ އަތޮޅު ކައުންސިލަރުން އައްޔަންކުރުމުގެ ބަދަލުގައި އިންތިހާބު ކުރުމުގެ ވިސްނުން ދޫކޮށްލީ ކީއްވެތޯއެވެ؟ އެމްޑީޕީ ނަމޫނާ ވެރިކަމެއްގެ ނިޒާމެއްކަމުގައި ބަލަމުން އަންނަ އިގިރޭސިވިލާތުގެ ރަށްރަށުގަޔާއި ސަރަހައްދުތަކުގެ ކައުންސިލަރުންނަކީ ރައްޔިތުންގެ ވޯޓުން އިންތިހާބުކުރެވޭ ބަޔެއްކަން ހަމަ ނޭގެނީތޯއެވެ؟ ވެރިކަން ތިމާމެންނަށް ލިބުމުން ބަހާ އަމަލާ ދިމާކުރުމަކީ އެހާ މުހިއްމު ކަމަކަށް ނުވަނީ ތޯއެވެ؟

Thursday, January 1, 2009

މައުމޫނު ޖެއްސި ގޭމު އަންނި ވެސް ޖައްސަނީ؟!

ރައްޔިތުންގެ މަޖިލީހުން ނިންމަންޖެހޭ ބިލުތަކެއް ނުނިމި ހުއްޓާ މަޖިލީހުގެ މެމްބަރުން އަމިއްލައަށް (އަނެއްކާ ވެސް ތިމާމެންގެ މަސްއޫލިއްޔަތު ހަދާންނައްތާލައި) ޗުއްޓީއެއް ނަގައިފިއެވެ. މިހާރު އަމަލުކުރެވެމުންދާ ގާނޫނު އަސާސީ ބުނާގޮތުން މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތަކީ އިންތިގާލީ ބާބުގެ ކަންތައްތައް ހަމަޖައްސައި، ބޭނުންވާ ގާނޫނުތައް ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމެވެ. ދެން މިކަމާ އާއްމުން ހިތްހަމަ ނުޖެހުމުން އެކަމުގެ ޒިންމާ އެއްބަޔަކު އަނެއްބަޔެއްގެ ބޮލުގައި އަޅުވަނީއެވެ. ޑީއާރުޕީއިން އެމްޑީޕީ އާއި ޖުމުހުރީ ޕާޓީގެ ބޮލުގައެވެ. އެމްޑީޕީއިން މަޖިލީހުގެ ރައީސް ޝިހާބުގެ ބޮލުގައެވެ. ޖުމުހުރީ ޕާޓީއިން މަޖިލީހުގެ ޖަލްސާއަށް ހާޒިރުނުވި ޑީއާރުޕީ މެމްބަރުންގެ ބޮލުގައެވެ. އަނެއްކާ ރައީސް ނަޝީދު ހާއްސަ ޖަލްސާއެއް ބާއްވައިދިނުމަށްއެދި މަޖިލީހުގެ ރައީސަށް ސިޓީފުޅެއް ފޮނުވި ވާހަކަ ކެނޑިނޭޅި މީޑިއާއިން ގޮވަނީއެވެ. ކޮންމެ ބަޔަކުވެސް އުޅޭގޮތުން ހީވަނީ ތިމަން މިކަމުގައި ކުރާނެ ކަމެއްނެތޭ، މިހެން މިވީ އެހެން މީހުންނާ ހުރެކަމަށްކަމަށެވެ.

ގާނޫނު އަސާސީ އަވަސްކޮށްދިނުމަށް އެދި އޭރުގެ ރައީސް މައުމޫނު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިލްތިމާސްކޮށް މީޑިޔާއަށް ހާމަކުރާއިރު އެމަނިކުފާނުގެ ޕާޓީގެ މެމްބަރުންނާއި އެމަނިކުފާނު ތަމްސީލުކުރާ މަޖިލީހުގެ މެމްބަރުންގެ އަމަލުތަކުގައި ހުރީ ގާނޫނު އަސާސީ ލަސްކުރުމުގެ ރޫހެވެ. އަދި އެމަނިކުފާނު ތަމްސީލުކުރާ މަޖިލީހުގެ މެމްބަރުންގެ އަމަލުތައް އެފަދަ ގޮތަކަށް ހުރިއިރު އެމީހުންނާމެދު އެއްވެސް ފިޔަވަޅެއް ނާޅުއްވައެވެ. ރައީސް ނަޝީދުވެސް ހަމަ އެފަދައެވެ. ރައްޔިތުންގެ މަޖިލީހުން ނިންމަންޖެހޭ ބިލުތަކެއް ނުނިމި ހުއްޓާ މަޖިލީހުގެ މެމްބަރުން ވޯޓުލީއިރު ރައީސް ނަޝީދުގެ މެމްބަރުން ރައީސް ނަޝީދުގެ ވިސްނުމާ ދެކޮޅަށް އަދި ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި މެމްބަރުން ޗުއްޓީ ނެގުމަށް ވޯޓުދިންއިރުވެސް އެމެމްބަރުންނާމެދު މިހާތަނަށް ފިޔަވަޅެއް ނާޅުއްވައެވެ. ނުވީތާކަށް، އެމްޑީޕީގެ މަޖިލީހުގެ މެމްބަރުން އެހެއްދެވީ ރަނގަޅަކަށް ނޫނޭ، ތިމަން މަނިކުފާނު އެކަމާ ހިތާމަކުރަމޭވެސް ވިދާޅުވާކަށް ރައީސް ނަޝީދަކަށް ނުކެރުނެވެ.

މިހުރިހާ ކަމަކަށް ވުރެންވެސް ބޮޑީ ރިޔާސީ ނިޒާމުގެ ދެބާރު ނުއަތުބުރުޖަހާއިރު ދެން އޮތްބާރަށް ކަނޑެއް ފަޅެއް ނޭގޭތީއެވެ. މެމްބަރުން ޗުއްޓީނެގި މައްސަލަ ހައިކޯޓަށް ހުށައެޅުމުން އެކަން ކުރަންވާނީ މަދަނީކޯޓުންނޭ ބުނެ ބޭރުކޮށްލީއެވެ. ރާއްޖެފަދަ ކަންސިޓިޔުޝަނަލް ކޯޓު ނުވަތަ ދުސްތޫރީ ކޯޓު ނެތް ގައުމުތަކުގައި މިބާވަތުގެ މައްސަލަތަކަކީ ހައިކޯޓުންނާއި ސްޕުރީމު ކޯޓުން ނިންމާ މައްސަލަތަކެއްކަން އެފަޑިޔާރުންނަކަށް ނޭގުނެވެ. ހިތާމައިގެ ކޮޅެއްނެތެވެ. ހައިކޯޓަކީ މަދަނީ ކޯޓަށްވުރެ ވެސް ޝަރީއަތްކުރުމުގެ ނިޒާމު ދޯހަޅިކަމަށް މަޝްހޫރުތަނެކެވެ. ތަޖުރިބާއާއި ފެންވަރު ނެތްބަޔަކު އިސްފަޑިޔާރުންނަށް އިސްކުރުމުން ވާނެގޮތްމިވަނީއެވެ. މިކަމަށް ހައްލެއް އަންނާނީ ކޮންދުވަހުން ބާވައެވެ؟ އިހަކަށް ދުވަހުވެސް އިސް ފަޑިޔާރު މަގާމު ހަވާލުކުރި ފަޑިޔާރަކީ މާލެން ދިރިއުޅޭނެ ތަނެއްގެ ބޭނުމުގައި ފުރަތަމަ ޑިގުރީއެއް ހިފައިގެން މީގެ ހަތަރު ވަރަކަށް އަހަރު ކުރިން މަދަނީ ކޯޓަށްވަން އާރޯތާނާ ޒުވާނެކެވެ. އެހެން ގައުމުތަކުގައި މިފަދަ މަގާމަކަށް އާދެވެނީ ހާދަ މަސައްކަތެއްކޮށް، ހާދަ ތަޖުރިބާއެއް ލިބިގެންނެވެ.

 
Web Statistics